ad_banner
ކޮލަމް ހަމަ (58): ގާނޫނާއި ގަވާއިދުތައް ފައްސިކޮށް – ޢަމަލާއި ޙަރަކާތްތައް ނައްސިކޮށް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

3 ޖޫން 2026

ހަގީގަތުގައި ވެސް އަޅުގަނޑުމެންގެ ނިޒާމަށް، ގައުމިއްޔަތަށް، ފައްސިކޮށް ގަވާއިދުތަކާއި ގާނޫނުތައް ހެދިފައި ހުންނަކަމީ އުފާކުރުން ހައްގު ކަމެކެވެ. ނަމަވެސް އެ ގަވާއިދާއި ގާނޫނުތައް ތަންފީޒުކުރާ މަރުހަލާގައި އެ ކަމަށް ސަމާލުކަން ނުދެވޭކަމީ ހިތާމަ ހުރި ކަމެކެވެ. ހަމައެކަނި ހިތާމަހުރި ކަމަކީއެއް ނޫނެވެ. އެއީ ގައުމިއްޔަތަށް ހުރި ނުރައްކަލެއް ވެސް މެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 11 ވަނަ މާއްދާގައި ކަނޑައަޅައިފައިވަނީ ދިވެހިރާއްޖޭގެ ދައުލަތުގެ ރަސްމީ ބަހަކީ ދިވެހިބަސްކަމަށެވެ. މީގެ އިތުރަށް ޤާނޫނު ނަންބަރު: 9/2011 (ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ޤާނޫނު)ގެ ދަށުން ދައުލަތުގެ ހުރިހާ މުއައްސަސާތަކެއްގެ ރަސްމީ މުޢާމަލާތްތަކާއި، ޝަރީޢަތުގެ މަޖިލިސްތައް ހިންގާންޖެހެނީ ދިވެހިބަހުންނެވެ. އަދި ޤާނޫނު ނަންބަރު: 68/2ޖ. (އޮފިޝަލްކަންތައް ޗެޕްޓަރ 2)ގެ ދަށުން ވެސް (ކޮންމެހެން ބޭރު ބަހަކުން މުޢާމަލާތުކުރާން ލާޒިމު ޙާލަތެއްގައި ނޫނީ) ރާއްޖޭގެ ރަސްމީ އެންމެހައި މުޢާމަލާތްތައް ކުރާންޖެހެނީ ދިވެހިބަހުންނެވެ.

އިސްކަންދިނުމަކީ ކޮބައިތޯއެވެ؟ [އިސްކަންދިނުން] އެއީ [ވަކި ތަނަކަށް ނުވަތަ އެއްޗަކަށް ނުވަތަ ކަމަކަށް ނުވަތަ މީހަކަށް އެންމެ މުހިންމުކަންދިނުން]ކަމަށް ދިވެހިބަހުގެ ރަދީފުގައި އޮވެއެވެ. އަދި ކޮންމެހެން ބޭރު ބަހަކުން ބޭނުންކުރުން ލާޒިމު ޙާލަތެއްގައި ނޫނީ ރަސްމީ ލިޔެކިޔުންތަކުގައި ބޭނުންކުރާންވާނީ ދިވެހިބަސްކަމަށް ގާނޫނުތަކުގައި އެބަ ހުއްޓެވެ. ނަމަވެސް ކަންކަން ތަންފީޒުކުރައްވާ ބޭފުޅުން ގައުމުގެ ކަންކަމުގައި ބަސްވިދާޅުވާ ބޭފުޅުން މި ކަންކަމަށް ސަމާލުކަންދެއްވައެކޭ ދެންނެވޭކަށް ނެތެވެ. އެއީ، އެހެން މަސައްކަތްޕުޅުތަކުގައި މާ ބޮޑަށް އަވަދިނެތިކޮށް އުޅުއްވާން ޖެހިވަޑައިގަންނަވާތީކަމަށް ވެދާނެއެވެ.

ދާދި ފަހުން ދައުލަތުގެ އޮފީހަކުން އަތޮޅުތަކުގައި ހިންގަވާ މުއައްސަސާތަކުގެ ނަންބޯޑާއި ސްޓޭމްޕު ހަދާންވެއްޖެ ވާހަކަ އަންގަވައިފިއެވެ. ސިޓީގެ މަގުސަދަށް ބަލާ އިރު، ބޮޑަށް ލަފާކުރެވެނީ އެއީ އޮފީހުގެ ތައްގަނޑު ހަދާ ވާހަކަހެންނެވެ. އެހެނީ ދިވެހިބަހުން [އިސްޓޭމްޕު] ކިޔަނީ [ޕޯސްޓުން ފޮނުވާ އެއްޗެހީގައްޔާއި ރަސްމީ ބައެއް ލިޔުންތަކުގައްޔާއި އަދިވެސް އެ ފަދަ ބައެއް އެއްޗެހީގައި ހިއްޕާން ހަދައިފައި ހުންނަ] އެއްޗަކަށެވެ. [މިއީ އެއް ފަރާތުގައި ތެރަސްލައިފައި އަނެއް ފަރާތުގައި ބައެއް ކުރެހުމާއި އަގުޖަހައިފައި ހުންނަ ޗާޕުކުރި ކަރުދާސްކޮޅަކަށް ކިޔާ ނަމެއް]ކަމަށް ވެސް އޮވެއެވެ. އެހެންވީމާ އެ އެންގެވުމުގެ މަގުސަދަކަށްވާނީ އޮފީހުގެ ތައްގަނޑުހެދުމުގެ ކަންކަން ކުރިއަށް ގެންދިޔުން އަވަސްކުރުމެވެ.

ދެން އެ އެންގެވުމުން ފާހަގަކޮށްލެވުނު އަނެއްކަމަކީ [ތިލަދުންމަތީ އުތުރުބުރި ގޮފި] [ތިލަދުންމަތީ ދެކުނުބުރި ގޮފި] [ހައްދުންމަތި ގޮފި] މި ނަންތައް ދިވެހިބަހުގެ ހަމައާ ޚިލާފަށް ހުރުމެވެ. ބަހަށް އިސްކަންދޭ ނަމަ، އެ ބަހެއްގެ ގަވާއިދުތަކާއި ހަމަތަކަށް ސަމާލުކަންދޭނެއެވެ. ނަމުގެ ފިއްޔަކަށް ބަދަލު ގެނެވިގެން ނުވާނެޔޭ ކިޔައިފައި، ބަދަލުވާ އަކުރުގެ އުޞޫލު ދޫކޮށްލުމަކީ ދިވެހިބަސް ހަލާކުކުރުމެވެ. އެހެންވީމާ [ވިލިނގިލި] [އުނގޫފާރު] [ޔޫސުފު] ފަދަ ޚާއްޞަ ނަންތަކުގެ ފަހަތަށް އަންނަ މެހޭ އަކުތަކަށް އަންނަ ބަދަލުތަކާ އެއް ގޮތަށް ޢަމަލުކުރާންޖެހޭނެއެވެ. ބަދަލުވާ އަކުރުގެ ގަވާއިދަކީ ދިވެހިބަސް ފިޔަވައި އެހެން ބައެއް ބަސްބަހުގައި ވެސް ހުންނަ ގަވާއިދެކެވެ. އެހެންވީމާ، ދިވެހިބަހުގެ ހަމައިގެ މަތީން ލިޔެކިޔައި ހަދާންވާނީ ވިލިނގިލީން ފުރައިގެން އުނގޫފާރަށް ދިޔަ ވާހަކަ ޔޫސުފަށް އަންގާށެވެ. ނުވަތަ ވިލިނގިލީގައި މަޑުކުރާންޖެހިގެން ޔޫސުފާ ހަމައަށް ނާދެވޭ ވާހަކައެވެ. މި އަންނަ ބަދަލުތަކަކީ ލަފުޒުގެ އަސްލަށް ބަދަލު ގެނައުމެއް ނޫނެވެ. މިއީ ބަހުގެ އަސްލާއި އުޞޫލުތަކާ އެއް ގޮތަށް ޢަމަލުކުރުމެވެ.

މި ގޮތުގެ މަތީން [ގޮފި] ނުވަތަ [އޮފީސް] ފަދަ ތަނެއް، ނިމޭ އަކުރުގައި އިބިފިލިޖެހޭ ނަމެއްގެ ފަހަތަށް ގެންނަ ނަމަ، ނިސްބަސްކުރުމުގެ ނުވަތަ މިލްކުވެރިކަމުގެ ގާފުގެ ބަދަލުގައި އެ ވާޖިބު އަދާކުރުމަށް ޓަކައި އެ އިބިފިލީގެ ބަދަލުގައި އީބީފިލި ޖަހާންޖެހެއެވެ. މިއަދާ ހަމައަށް ވެސް ލިޔެކިޔައި އުޅުނީ، އަދި ލިޔާންޖެހެނީ ވެސް މި އުޞޫލުންނެވެ. [މަޑުއްވަރި އޮފީސް]، [ހައްދުންމަތި އަތޮޅު ތަޢުލީމީ މަރުކަޒު] މިހެން ކިޔައެއް ނޫޅެއެވެ. ކިޔައި އުޅެނީ [މަޑުއްވަރީ އޮފީސް]، [ހައްދުންމަތީ އަތޮޅު ތަޢުލީމީ މަރުކަޒު]، [ތިލަދުންމަތީ އުތުރުބުރީ އަތޮޅު އޮފީސް] މި ގޮތްގޮތަށެވެ.

މި އުޞޫލުން ބަލާ އިރު، މި ޖޫންމަހު ފުރަތަމަ ދުވަހު، ދައުލަތުގެ ބާރުގަދަ މުއައްސަސާއަކުން ރާއްޖޭގެ އަތޮޅުތަކަށް ފޮނުއްވި ލިޔުމުގައިވާ ފަދައިން ބަހުގެ އުޞޫލުތަކާއި ގަވާއިދާ ޚިލާފަށް އުތުރުބުރި ގޮފި، ހައްދުންމަތި ގޮފި، ދެކުނުބުރި ގޮފި ލިޔެކިޔައި ހެދުމަކީ ދިވެހިބަހަށް ދެވޭ ވަރަށް ބޮޑު އަނިޔާއެކެވެ. އެއީ ބަހަށް އިސްކަންދިނުމެއް ނޫނެވެ.

އަދި އެހެންޚިޔާލެއް ވެސް ދަންނަވައިލާން އެބަ އޮތެވެ. ތިލަދުންމަތީ އުތުރުބުރި، މިލަދުންމަޑުލު ދެކުނުބުރި، މާޅޮސްމަޑުލު އުތުރުބުރި، އަރިއަތޮޅު ދެކުނުބުރި، ފަދަ ނަންތައް ކުރުކޮށް ބޭނުންކޮށްއުޅުމަކީ ރާއްޖެއަށް މި އައި ޑިމޮކްރެސީއެއް އައުމުގެ ކުރީން ވެސް ކިޔައި އުޅުނު ގޮތެކެވެ. ލިޔެކިޔައި އުޅޭން، ޚާއްޞަކޮށް ލެޓިން އަކުރުން އެ ނަންތައް ލިޔާން ފަސޭހަކުރުމަށް ޓަކައިއެވެ. މިސާލަކަށް [ތިލައުތުރު، ތިލަދެކުނު، މިލައުތުރު، މިލަދެކުން، އަރިއުތުރު، އަރިދެކުނު، ނިލަންދެއުތުރު، ނިލަންދެ ދެކުނު، ހުވަދުއުތުރު، ހުވަދުދެކުނު ފަދަ ގޮތް ގޮތަށް ނަންތައް ބޭނުންކުރުމަކީ އަލަށް ތަޢާރަފުކުރާ ކަމެއް ނޫނެވެ. އެއީ 2008ގެ ގާނޫނުއަސާސީގެ ކުރީން ވެސް އަތޮޅުތަކުން ބޭނުންކުރި، އަދި މިހާރު ވެސް އެކި ޝިޢާރުތަކަށް ޓަކައި ބޭނުންކުރާ ފަސޭހަ ގޮތްގޮތެވެ. އެއީ ނަން ބަދަލުކުރީކަމަކަށް ނުވާނެއެވެ. މި ފަދަ ޒަމާނީ (ކުރު) ބަދަލަކީ މުޖުތަމަޢު ބަލައިގަންނާނޭ މުހިންމު ބަދަލަކަށްވާނެއެވެ.

އަނެއްކޮޅުން ބަލާ އިރު، ދިވެހި ސަގާފަތުގައި ވަރަށް މުހިންމު ލަފުޒެއްކަމަށްވާ [އަތޮޅު] މި ލަފުޒު ބޭނުންނުކޮށް އުވައިލާން މަސައްކަތްކުރެވޭ ތަން ވެސް އެބަ ފެނެއެވެ. ކުރީން [އަތޮޅުގެ] ކިޔުނު ރީތި ނަން އުވައިލައި [ސްޓޭޓް ހައުސް]އެއްތޯ ނަމެއް އެބަ ކިޔައެވެ. މި ރާއްޖޭގައި އެތައް ބައިވަރު އަތޮޅުތަކެއް ހުއްޓަސް މި ރާއްޖެއަކީ އެންމެ ދައުލަތެކެވެ. މިއީ ވެސް ބަހަށް ކުރެވިފައިވާ މަލާމާތެކެވެ. ވަކި މީހަކު ދިން ނަމެކޭ ކިޔައިގެން އެ ނަން ދަމަހައްޓާކަށް ނުޖެހެއެވެ. މިހާރު ވެސް އަސްލު ނަމަށް ބަދަލުކޮށްލުމުގެ ފުރުޞަތު އެބަ އޮތެވެ. ދިވެހިބަހާއި ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ ނަމައެވެ. އަދި [ނަންބޯޑު] ހައްދަވާ އިރު، [އަތޮޅު]ގެ ރީތި ލަފުޒު ދޫކޮށްލުމުގެ ބަދަލުގައި [އަތޮޅު ގޮފި]ކީ ނަމަ، އުނިވާނީ ކޮން އެއްޗެއްތޯއެވެ؟ ފާދިއްޕޮޅު އަތޮޅު ގޮފި، ހައްދުންމަތީ އަތޮޅު ގޮފި، މި ގޮތްގޮތަށް ކިޔާން މި ފަސްޖެހެނީ ކީއްވެބާވައެވެ؟

[އަތޮޅު] މި ލަފުޒަކީ ދިވެހިބަހުން އިނގިރޭސިބަހަށް ގެންދިޔަ ފުރަތަމަ ލަފުޒެވެ. އެހެންކަމުން ދިވެހި ޤައުމިއްޔަތަށް، ދިވެހިބަހަށް، ކުލުނު ހުންނަ ކޮންމެ މީހަކު މި ލަފުޒާ މެދު ފަޚުރުވެރިވާނެއެވެ. އެހެންނަމަވެސް ހިތާމައަކީ ގާނޫނާއި ގަވާއިދުތައް ހުންނަނީ ދިވެހިބަހާއި ގައުމިއްޔަތަށް ފައްސިކޮށްކަމަށް ވިޔަސް މި ގާނޫނުތަކާއި ގަވާއިދުތައް ތަންފީޒުކުރައްވާން ތިއްބަވާ ގިނަ ބޭފުޅުންގެ ބަސްމަގާއި ޢަމަލުފުޅުތަކާއި ޙަރަކާތްތައް ނައްސިކޮށް ހުންނަކަމެވެ. ބައެއް ބޭފުޅުންގެ ބަސްމަގު ފައްސިކޮށް ހުރެއެވެ. ނަމަވެސް ޢަމަލުފުޅުތަކާއި ޙަރަކާތްތައް ހުންނަނީ ދިމާއަށް ނައްސިކޮށެވެ. މި ކަންކަން އިސްލާޙުވުން އެދި އެ ފަދަ ބޭބޭފުޅުންގެ ވިސްނުން ހެޔޮމަގަށް ބަދަލުވުން އެދި ދުއަކުރަމެވެ!

ކޮމެންޓު