އަބާ މުޙަންމަދު
25 މޭ 2026
"ގްލޯ ބައި އެލް އަންޑަރ 16 ފުޓްސަލް މާސްޓަރސް 2026″ [ފަރަގު] މީޑީއާއަށް ޚާއްޞަވީ ސަބަބެއް ނެތިއެއް ނޫނެވެ. މި އަހަރުގެ ޗެމްޕިއަންކަން ހޯދި ގާފަރު ފިއުޗަރ އެކަޑެމީ [ފަރަގު] މީޑިއާގެ ޓީމުކަމަށްވުމަކީ މި ފަހަރަު މި މުބާރާތް [ފަރަގު] މީޑިއާއަށް ޚާއްޞަވި އެއް ސަބަބެވެ. ގާފަރު ޓީމު މި ފަހަރު ޗެމްޕިއަންކަން ހޯދި އިރު އެ ޓީމުން ޓީމުގެ ކުޅުންތެރީންގެ ޖާޒީގެ ކުރިމަތީގައި ޖަހައިފައިވާ [ފަރަގު] ލޯގޯއިން މި ކަން ދޭހަވާނެއެވެ.
[ފަރަގު]ން ގާފަރު ފިޔުޗަރ އެކެޑަމީގެ ޓީމު ސުޕޮންސަރކުރުމަށް ފަހު، މުބާރާތް ނިމެންދެން ވެސް ވަރަށްގާތުން މުބާރާތުގެ ކަންކަން ގެންދިޔައީ މުރާގިބުކުރަމުންނެވެ. ފަރަގުގެ އިސް އޮފިޝަލުން ކޮންމެ މެޗެއް ގެންދެވީ ގާތުން ބައްލަވަމުންނެވެ.
ގާފަރު ފިޔުޗަރ އެކެޑަމީ [ފަރަގު] ޓީމު ޗެމްޕިއަންކަން ހޯދީ ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ، ވަރަށް ވާދަވެރި ކުޅުމަކަށް ފަހުގައެވެ. ނިހާއީ މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ [ފަރަގު] (ގާފަރު ފިޔުޗަރ އެކެޑަމީ) ޓީމާ ވާދަކުރި އާރްޑީއެލް ޓީމުންނެވެ. ނަމަވެސް މާ ގިނަ އިރެއް ނުވެ [ފަރަގު]ން ވަނީ ލަނޑުޖަހައި ނަތީޖާ އެއްވަރުކޮށް ފަރަގު ނައްތައިލައިފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެންނެވެ. އެހެންވެ، ޗެމްޕިއަން ޓީމެއް ކަނޑައެޅުމަށް ޓަކައި ގަވާއިދުގައިވާ ގޮތުން ޖެހުނީ ޕެނެލްޓީޖަހާށެވެ. ފުރަތަމަ ޖެހި ފަސް ޕެނަލްޓީއިން ވެސް ވީ ހަމަ އެއްވަރެވެ. ނަތީޖާ ފަރަގެއް ނުވިއެވެ. އެހެންކަމުން ފަރަގެއް ފެންނަންދެން ޖެހުނީ ޕެނަލްޓީ ޖަހަމުން ގެންދާށެވެ. މ ގޮތުގެ މަތީން ޖަހަމުން ގެންދިޔަ ޕެނަލްޓީތަކުން ފަރަގު ދައްކަމުން ގެންގޮސް ނިހައީ ނަތީޖާއަކީ 7 - 5 ލަނޑުގެ ނަތީޖާއަކުން ގާފަރު ފިޔުޗަރ އެކެޑަމީގެ [ފަރަގު] ޓީމު މޮޅުވުމެވެ.
ނިހާއީ މެޗު ނިމުމުން ޗެމްޕިއަން ޓީމަށާއި ރަނަރއަޕް ޓީމަށާޢި އަދި ވަނަތައް ހޯދި ފަރާތްތަކަށް ފައިސާގެ އިނާމާއި މެޑެއްޔާއި ތައްޓާއި އައްޑަނަ ހަވާލުކޮށްދެއްވީ ނިހާއީ މެޗުގެ ޝަރަފުވެރި މެހުމާން އެލް މޮބައިލް އަދި ގްލޯ ބައި އެލްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޢަބްދުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސްޕޯޓުސް، ފިޓްނަސް އެންޑް ރިކްރިއޭޝަން އޮނަރަބްލް އަލްފާޟިލް ޢަބްދުއްރައްޒާގު އިބްރާހީމެވެ.
އިނާމުތަކުގެ ތެރޭގައި ޗެމްޕިއަން ޓީމަށް 15000 ރުފިޔާ، ރަނަރއަޕް ޓީމަށް 8000 ރުފިޔާ އާއި ޓްރޮފީ އާއި 'އޮއިވަރު' މީޑިއާއިން ހަނދާނީ ފިލައާއި ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަކަށް 10ޖީބީ އިންޓަރނެޓް އަދި ރަނަރއަޕް ޓީމުގެ ކޮންމެ ކުޅުންތެރިއަކަށާއި އޮފިޝަލަށް 5ޖީބީ އިންޓަރނެޓް ދިރާގުން ވަނީ ދީފައެވެ. އަދި މުބާރާތުގައި ބައިވެރިވާ 12 ޓީމަށާއި މެޗު އޮފިޝަލުންނަށް ކެއަރ ޕްލަސްގެ "ފާސްޓް އެންޑް އަޕް" ބްރޭންޑުގެ އެނަރޖީ ޖެލް އާއި "ރީލޯޑް" ސްޕޯޓްސް ޑްރިންކު ވެސް ވަނީ ދީފައެވެ.
މީގެ އިތުރަށް ވެސް އެތައް މާގާމުތަކެއް ކަނޑައަޅައި ތަފާތު އިނާމުތައް ވަނީ ދެވިފައެވެ.
ކޮންމެއަކަސް ގާފަރު ފިޔުޗަރ އެކެޑަމީގެ ގާބިލު ޓީމުން ހޯދި ފަކުރުވެރި ކާމިޔާބީއަށް ޓަކައި [ފަރަގު]ން ތަހުނިޔާއަދާކުރަމެވެ. އަދި [ފަރަގު] ޓީމާ ގުޅި ވަޑައިގަތުމަކީ [ފަރަގު] ގްރޫޕަށް ލިބުނު ޝަރަފެއްކަމަށް ދެކި އެ ކަމަށް ޓަކައި ގާފަރު ފިޔުޗަރ އެކެޑަމީއަށް ޝުކުރުއަދާކުރަމެވެ. މީގެ އިތުރަށް މި މުބާރާތުގެ އެންމެ މޮޅު ކޯޗު ފަރަގު ފިޔުޗަރ އެކެޑަމީގެ އެއް މުއައްސިސް އަލްފާޟިލް ޙަނީފު ޒާހިރަށް ވަރަށް އިޚުލާޞްތެރިކަމާ އެކު ތަހުނިޔާއާއި ޝުކުރު ދަންނަވަމެވެ.