ޗައިނާގައި ދިވެހި ކިޔަވައިދޭން ފުރަތަމަ ޝާއިޢުކުރި ޓެކްސްޓް ފޮތް: ދިވެހިބަސް ދެކެ ބިދޭސީން މާ ބޮޑަށް ލޯބިވަނީ ކީއްވެ؟
އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ދިވެހިބަހަކީ ރީތި، އަސަރުގަދަ، މުއްސަނދި ބަހެއްކަން ދިވެހީންނަށް ވުރެ ބޮޑަށް ބިދޭސީންނަށް އެނގެނީ ކީއްވެބާވައެވެ! ދިވެހިބަހާ މެދު މާ ކުރީން ސިކުނޑީގައި ގޮތެއް ނިންމައިފައި އޮންނާތީހެއްޔެވެ؟ ދިވެހީންގެ ގިނަ މީހުންނަށް ވިސްނެނީ އެހެން ބަހަކުންނެވެ. ތަނަކަށް އަދި ޚާއްޞަކޮށް ދައުލަތުގެ އިދާރާއަކަށް ނަމެއް ކިޔަސް ވިސްނެނީ ބޭރު ބަހަކުންނެވެ. ބޭރު ބަހަކުން ނަމެއް ކިޔުމަށް ފަހު އެ ނަން ދިވެހިބަހުން ކިޔާނީ ކިހިނެއްތޯ ބަލަނީ ފަހުންނެވެ. ދިވެހިބަހުން ނަން ކިޔައިފައި އެ ނަން ބޭރު ބަސްބަހުން ކިޔާނެ ގޮތެއް ނުނިންމައެވެ. ތަނެއްގެ ނަންބޯޑު ވެސް ދިވެހިބަހުން ހަދާންވެއްޖިއްޔާ ތިޔައީ ނަމެއް ނޫނޭ، ނިޝާނެކޭ، ލޯގޯއެކޭ ބުނެ ބަހަނާ ދައްކައިގެން ވެސް ދިވެހީން، ތާނައަކުރުން، ނަން ނުޖަހައިވޭތޯ މަސައްކަތްކުރާ އިދާރާތައް ދައުލަތުގައި އެބަ ހުއްޓެވެ. ބައިވަރެވެ. ނަމަވެސް ދިވެހިބަހާ މެދު ވިސްނައި ދިރާސާކޮށް މި ބަސް އުނގެނޭ ކޮންމެ މީހަކު މި ބަސް ދެކެ ހާދަހާ ލޯތްބެއްވެއެވެ. ބަހުގެ މޮޅުކަމާ މެދު ހާދަހާ ތަޢުރީފެއްކުރެއެވެ. ބަހުގެ ގަވާއިދުގެ ހަރުދަނާކަމާއި ޅެންވެރިކަމުގެ މުއްސަނދިކަމާމެދު ހައިރާންވެއެވެ. ދިވެހީން އެ ކަމާ މެދު ނުވިސްނަނީ ކީއްވެގެންބާވައެވެ؟ ވިސްނާނީ ކޮން ދުވަހަކުން ބާވައެވެ!
ދިވެހި ޅެންވެރިކަން، ޚާއްޞަކޮށް ރައިވަރު ދިރާސާކުރެއްވި ޕްރޮފެސަރެއްކަމަށް ވާ، އެމެރިކާގެ ޕސރ. ގެރެޓް ފީލްޑް، ދިވެހިބަސް ދަސްފުޅުކުރެއްވުމަށް ފަހު، ރައިވަރުގެ ތަފާތު ވަޒަންތަކާއި އެކިއެކި ރާގުތަކާ ބެހޭ ގޮތުން ދިރާސާކުރައްވައި ހެއްދެވުމަށް ފަހު، ހުންނެވީ ދިވެހި ޅެންވެރިކަމުގެ މުއްސަނދިކަމާ މެދު އަޖާއިބުފުޅުވެފައެވެ.
މީގެ ތަންކޮޅެއްކުރީން ޗައިނާގެ ބެއިޖިންގ ޔުނިވަރުސިޓީ އޮފް ފޮރިން ސްޓަޑީޒްގެ ދެ ދަރިވަރަކު ދިވެހިބަސް އުނގެނިވަޑައިގަންނަވާން ރާއްޖެ ވަޑައިގަތެވެ. އެއީ މިސް ފަންގފަންގ ކިޔާ ދަރިވަރަކާއި މިސް ޗެން ވެއި ނަމަކަށް ކިޔާ ދަރިވަރެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިބަސް އުނގެނިވަޑައިގަތުމަށް ފަހު މިސް ފަންގފަންގ މިހާރު ހުންނެވީ އެ ޔުނިވަރސިޓީގައި ދިވެހިބަސް ކިޔަވައިދެއްވާ ދާރިސެއްގެ ގޮތުގައެވެ. މިސް ޗެންވެއި އުޅުއްވަނީ ޕީއެޗްޑީ ޙާޞިލުކުރެއްވުމުގެ މަސައްކަތްޕުޅުގައެވެ. މި ދެ ދަރިވަރުން ރާއްޖޭގައި ދިވެހިބަސް ދަސްފުޅުކުރައްވާން އުޅުއްވި އިރު މިސް ޗެންވެއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއިން މާސްޓަރ އޮފް ޕަބްލިކް ޕޮލިސީ ވެސް ޙާޞިލުކުރެއްވިއެވެ.
މިސްފަންގ ފަންގ ލިޔުއްވި "ދިވެހި ބަސް" ފޮތުގެ ބޭރުގަނޑު. (ފޮޓޯ: ފަންގފަންގ ކުރެއްވި އެކްސް ޕޯސްޓަކުން)<br>
މީގެ އިތުރަށް ދިވެހިބަހާ ބެހޭ ގޮތުންނާއި ދިވެހި ސަގާފަތާ ބެހޭ ގޮތުން ފޮތް ލިޔުއްވުމުގެ މަސައްކަތްޕުޅު ވެސް ކުރެއްވިއެވެ. މިސް. ޗެންވެއި ދިވެހި-އިނގިރޭސި-ޗައިނާ ރަދީފެއް ވެސް އެކުލަވައިލައި ފުރިހަމަކުރެއްވިއެވެ. (އެ ފޮތުގެ ލުއި ކޮޕީއެއް އަޅުގަނޑުގެ އަތުގައި އެބަ އޮތެވެ.) ނަމަވެސް އެ ފޮތް ޗާޕުކުރައްވާން ކުރެއްވި މަސައްކަތްޕުޅު އަދި ފުރިހަމަކުރެއްވުނުކަމެއް ނޭނގެއެވެ. މި ދަރިވަރުން ދިވެހިބަހަށް ފާގަތިކަން ސާބިތުވަނީ އެ ދަރިވަރުންގެ ޢަމަލުތަކުންނެވެ. އަޅުގަނޑު ދިވެހިބަހުން ލިޔުން ފޮތެއް މިސް ޗެން ވެއި ޗައިނާ ބަހަށް ތަރުޖަމާ ވެސް ކޮށްދެއްވިއެވެ. އެ ތަރުޖަމާ ވަރަށް ފުރިހަމަކަމަށް ބަހުގެ މާހިރުންނާއި ބަހުގެ އަހުލުވެރީންގެ ފަރާތުން މަޢުލޫމާތު ލިބިފައިވެއެވެ.
ދާދިފަހުން މި އަޑުއިވުނީ މިސް ފަންގފަންގ ދިވެހިބަހުން ފޮތެއް ލިޔުއްވައި ޝާއިއުކުރެއްވި ވާހަކައެވެ. އެއީ ދިވެހިބަހުން ވާހަކަދައްކާ ބަހުރުވައާ ބެހޭ ގޮތުން ޗައިނާބަހުން ލިޔެވުނު، ފުރަތަމަ ޓެކްސްޓް ފޮތެވެ. އެ ފޮތާ ބެހޭ ގޮތުން އޭނާ އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެސް ދިވެހިބަހުގެ ތަޢާރަފުގައި "ރީތި" މި ލަފުޒު ބޭނުންކުރައްވައިފައިވުމުން ދިވެހިބަހަށް އޭނާގެ ހިތުގައި އޮތް ލޯބި ހާމަކޮށްދެއެވެ. ދިވެހިބަހާއި ދިވެހި ސަގާފަތަށް އެ ދެ ދަރިވަރުން ވެސް ޚާއްޞަ ޝައުގުވެރިކަމެއް ބަހައްޓަވާކަން ހަމައެކަނި އެނގެނީ އެ ދަރިވަރުންގެ ބަހަކުންނޫނެވެ. ޢަމަލުން ވެސް މެއެވެ. ދާދިފަހުން މިސް ފަންގފަންގ ވަނީ އޭނާގެ މަންމަ ގޮވައިގެން ރާއްޖެ ދައްކައިލާން ރާއްޖެއަށް ފަތުރުވެރިއެއްގެ ގޮތުގައި ޒިޔާރަތް ވެސް ކުރައްވައިފައެވެ. އަދި ދިވެހިބަސް ކިޔަވައިދެއްވުމުގައި އޭނާއަށް އެހީތެރިވެދެއްވި ބޭބޭފުޅުންގެ އަރިހަށް އިޙުތިރާމުގެ ޒިޔާރަތް ވެސް ކުރައްވައިފައެވެ. އަދި އޭނާ ލިޔުއްވި ފޮތާ ބެހޭ ގޮތުން އެކްސްގައި ކުރެއްވި ޕޯސްޓްގައި ވެސް އެ ބޭބޭފުޅުންނަށް ޝުކުރު އަދާކުރައްވައިފައިވެއެވެ.
މިސް ފަންގފަންގ ލިޔުއްވި ޓެކްސްޓް ފޮތުގެ އެތެރޭ ޞަފުޙާއެއް. (ފޮޓޯ: ފަންގފަންގގެ އެކްސް)<br>
އަޅުގަނޑު ހިތަށް އަރައެވެ. ބިދޭސީންނަށް ދިވެހިބަހާއި ދިވެހި ސަގާފަތް މިހާ ކަމުދާއިރު، ދިވެހީން ދިވެހިބަހާ މެދު މި ނަޒަރުން ނުދެކެނީ ކީއްވެބާވައެވެ. ދިވެހި މުއައްސަސާތަކަށް ކިޔާ ނަންތައް ބޭރު ބަހަކުން ކިޔުމަށް ފަހު، އެ ނަންތައް ދިވެހިބަހުން ކިޔާނެ ގޮތް ފަހުން އިޢުލާނުކުރެއްވުމުގެ ބަދަލުގައި ދިވެހިބަހުން ދިވެހި ވިސްނުމުން ނަން ކިޔުމަށް ފަހު، އެ ނަމުގެ ތަރުޖަމާއެއް ކުރައްވާން ވެއްޖިއްޔާ ފަހުން އެ ކަން ކުރައްވާ ގޮތަށް ވިސްނުންފުޅު ނުބަހައްޓަވަނީ ކީއްވެބާވައެވެ!
ދާދިފަހުން، ދިވެހިރާޖޭގައި ޒަކާތުގެ ކަންކަން ތަރައްގީކޮށް ހަރުދަނާކުރުމަށް ޓަކައި އުފެއްދެވި އިދާރާ ވެސް އުފެއްދެވީ "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައެވެ. އެ ތަނަށް ދިވެހިބަހުން ކިޔާނީ މިވެނިހެންނޭ ވިދާޅުވީ ފަހުންނެވެ. މާނައަކީ ދިވެހިބަހުން ނުވިސްނަނީއެވެ. ޢަރަބިބަހުން އޭގެ ތަރުޖަމާއަކަށް އޮތީ "ބައިތުއްޒަކާތިލްމާލްދީފީ"އެވެ. ދިވެހި ތަރުޖަމާއަކަށް އޮތީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"އެވެ. މި ނަމުގައި އޮތް "ހައުސް" އިނގިރޭސިބަހުން އޮވެގެން ބަޔަކު ފާޑުކީމާ، ކަމާ ބެހޭ ބޭފުޅުން މަސައްކަތްކުރައްވައި ގޮތް ދޫނުކުރައްވައި ހިފެހެއްޓެވީ "ހައުސް" ދިވެހި ލަފުޒަކަށް ނުވާންވީ ކީއްވެތޯ ވިދާޅުވެ ކުރެއްވި ބަހުސުގައެވެ. ނަމަވެސް ތާނައިން ތިން އަކުރުން ލިޔެވޭ "ހައުސް"ގެ ބަދަލުގައި ދިވެހިބަހުން އެންމެ އަކުރަކުން އެ ނަން ލިޔެވެއެވެ. ނަމަވެސް އެ ބޭފުޅުންނަށް ދިވެހިބަސް މާ "ކަޑަ" ބަހަކަށް ވަނީ ތޯއްޗެކެވެ. "ދިވެހިރާއްޖޭގެ ޒަކާތުގެ" ކީ ނަމަ އުނިވާނީ ކޮން އެއްޗެއްތޯއެވެ؟ ދިވެހިބަހުން، ހަރުގެ، ކަނބުރުގެ، ތިލަފިހިގެ، ވަޑާންގެ، ބަނޑަހަގެ، ފަދަ ނަންތައް ކިޔައެވެ. ވިދާޅުވެދާނެއެވެ. ދީނީ އަޅުކަމަކާ ބެހޭ ކަމެއްގައި އެހެން ކީމާ ނުގުޅެނީއެވެ. ނަމަވެސް ދާދި ފަހަކާ ޖެހެންދެން މައުލޫދު ހަރުގެ ވެސް ހުއްޓެވެ. އަންހެނުންގެ "ނަމާދުގެ" ކިޔާ ތަންތަން ވެސް ރާއްޖޭގައި ހުއްޓެވެ. ނަމާދަކީ ޒަކާތަށް ވުރެ އިސް އަޅުކަމަކަށް ވާ އިރުގައި ވެސް މެއެވެ. މިއީ ރާއްޖޭގައި ނުހަނު ގަދަރު އުފުލިގެންވީ ތަންތަން ވެސް މެއެވެ.
މައްސަލަ މި އުޅެނީ ބަހުގައެއް ނޫނެވެ. ދިވެހިބަހާ މެދު، ދިވެހި ބާރު ހުރި ފަރާތްތަކުން ދެކޭ ގޮތުގައެވެ. ދިވެހިބަހަކީ ކިހާ ރީތީ ކިހާ ފުރިހަމަ ބަހެއްކަމާ މެދު ވިސްނައިލައްވާން ވެސް ބޭނުންފުޅު ނުވަނީއެވެ. އެ ބަހާ މެދު ވިސްނައި ދިރާސާ މި ކުރަނީ ބިދޭސީންނެވެ. އެ މީހުންގެ ހިތުގައި ދިވެހިބަހާ މެދު އުފެދެނީ ޚާއްޞަ ލޯތްބެކެވެ. މި ލޯބި ދިވެހި ޒިންމާދާރު ވެރީންގެ ހިތްޕުޅުގައި އުފެދޭނީ، އަދި ދިވެހިރާއްޖޭގެ ގައުމީ ބަހަށް އިސްކަންދިނުމުގެ ގާނޫނު ފުރިހަމައަށް ތަންފީޒުކުރައްވާނީ ކޮން ދުވަހަކުންބާވައޭ އަޅުގަނޑު ހިތަށް އަރައެވެ. ދިވެހިރާއްޖޭގައި ދިވެހިބަހާއި ގައުމިއްޔަތަށް ލޯބިކުރާ ސަރުކާރެއް އުފެދި، އެ ސަރުކާރުގައި ދިވެހިބަހަށް ޚާއްޞަ ވުޒާރާއެއް އުފެއްދެވިތާ މަހަކާ ފޮއިދުވަސް ވާ އިރު އަދި ވެސް މަގުތަކުން ހިނގައިލީމާ ތަންތާގެ ނަންބޯޑުތައް ހުންނަނީ ގާނޫނާ ޚިލާފަށްކަން އެނގޭތީ، ދޭހަވަނީ ޒިންމާދާރު ވެރީން ދިވެހިބަހަށް އިސްކަން ނުދެއްވާ މިންވަރު ފިޔަވައި އެހެން ކަމެއް ނޫނެވެ.
މާފުކުރެއްވުން އެދެމެވެ. ބަހަށް އޮންނަ ލޯތްބެއްގެ ބޮޑުކަމުން ޖަޒުބާތުގައި މައުޟޫޢުން ބޭރަށް ޖެހިލެވުނީއެވެ. ދިވެހިބަހުން ޗައިނާގައި ނެރުނު ފުރަތަމަ ޓެކުސްޓް ފޮތް ޝާއިޢުކުރެއްވިކަމަށް ޓަކައި މިސް ފަންގފަންގއަށް ތަހުނިޔާ ފޮނުވަމެވެ. އިތުރު އަރުތައަށް އެދެމެވެ. އަދި މިސް ޗެންވެއި ލިޔުއްވައިފައިވާ ރަދީފު ވެސް ކައިރި މުސްތަގުބަލެއްގައި ޝާއިޢުވުމަށް އުންމީދުކުރަމެވެ.
އަޅުގަނޑުގެ ދުޢާއަކީ ބިދޭސީން ދިވެހިބަހަށް މި ބަހައްޓާ ލޯބީން އިލްހާމު ލިބިގެން ދިވެހީން، ޚާއްޞަކޮށް ސިޔާސަތު ރާއްވަވައި ތަންފީޒުކުރައްވާ ބޭފުޅުން، ދިވެހިބަހާމެދު ފިކުރުފުޅު ހިންގަވައި، ދިވެހިބަހަށް އިސްކަންދެއްވުމުގެ ވިސްނުންފުޅު އެ ބޭފުޅުންނަށާއި ހުރިހާ ދިވެހީންނަށް ލިބުމުގެ ތައުފީޤު މާތް ﷲ ވިންވަރުކުރެއްވުމެވެ.
____________________
ބައެއް ލަފުޒުގެ މާނަ:
އިލްހާމު ނ. (1) ކަމަކާމެދު ފިކުރުކުރީމާ އެނގޭ ރަނގަޅު އެނގުން. (2) އިންސާނުންގެ ހިތަށް ޤުދުރަތީ ގޮތުން އެނގޭ ތެދު އެނގުން.
ސިޔާސަތު ނ. ފަރުދަކު ނުވަތަ ޖަމާޢަތަކުން ނުވަތަ ސަރުކާރަކުން އެ އުޞޫލުތަކަކަށް ތަބަވެ ޢަމަލުކުރާ އުޞޫލުތައް.
އަރުތަ ނ. (1) ކަން ފުދޭ ފުދުން. (2) ކާމިޔާބީ.
ތަންފީޒުކުރުން ނ. (1) ޤާނޫނީ ނުވަތަ ޝަރުޢީ ޙުކުމެއްގެ މައްޗަށް ޢަމަލުކުރުން. (2) ވެރިޔެއްގެ އަމުރާ އެއްގޮތަށް ޢަމަލުކުރުން.
ޖަޒުބާތު ނ. ކުރިމަތިވާ ކަމަކާ ނުވަތަ ކުރެވޭ ތަޖުރިބާއަކާ ގުޅިގެން މީހެއްގެ ހިތުގައި ހިލިގަންނަ ލޯތްބާއި ނަފުރަތު ފަދަ ވަރުގަދަ އިހުސާސާއި ޝުޢޫރު.