ad_banner
ހެޔޮ ފާލު

އަސްމާ އަބޫބަކުރު

26 އޭޕްރިލް 2026

ދިރިއުޅުމެއް ހަލާކޮށްލައިގެން އަނެކާގެ ދިރިއުޅުން އާރާސްތުކުރެވިދާނެހެއްޔެވެ؟ އަނެކާގެ ގޭގެ ބިންގާ ތަޅާލައިގެން ރާނާގެއެއް އާބާދު ކުރެވިދާނެ ހެއްޔެވެ؟ އެކަކަށް ދެރައެއްދީފައި އަނެކަކަށް އުފަލުގައި އުޅެވިދާނެހެއްޔެވެ؟

"ރާމިޒު ކީއްވެ ކުރާ ސުވާލުތަކެއް؟ މިއަދު ތިއައީ ސުވާލު ގޯންޏެއް ހިފައިގެން. ސައިބޯކަށް ނޫން." އަހަރެން ސައިތަށީން ކޯވަރެއް ބޮމުން ބުނީމެވެ.

"އަޅެ މަ މިބުނީ ދޮގެއްތަ؟ ނާސިރު ނިކަން އަހަރެންގެ ސުވާލުތަކަށް ޖަވާބުދީބަލަ؟" ރާމިޒު އިނީ ވަރަށް ސީރިއަސް ވެފައެވެ. ކުރީން އަހަރެން ހީކުރީ މަޖަލަކަށް ކިޔާ އެއްޗެއްކަމަށެވެ.

"އަހަރެން ބުނާނީ ނޫނެކޭ. އެއްވެސް މީހަކަށް ދެރައެއް ދީފައި އަނެކާއަށް އުފަލަކު ނޫޅެވޭނޭ." އަހަރެން ރާމިޒުގެ  ލޮލަށްބަލާން އިނދެފައި ބުނީމެވެ.

"އެހެންވިއްޔާ ނާސިރުގެ ދަރިފުޅު މިޒުނާ ހުއްޓުވާ!" އަހަރެންގެ ދެލޯ ބޮޑުވިއެވެ. ހައިރާން ވެސް ވެއްޖެއެވެ. އަހަރެންގެ ދަރިފުޅު އެ ކަހަލަ ކަމެއް ކުރާކަމެއް ނުވެސް އެނގެއެވެ.

"ރާމިޒު ތިޔަ ކިޔާ އެއްޗެއް ރަނގަޅަށް ކިޔައިބަލަ! އެހެން ނޫނީ މި ޢުމުރުގައި ލޭމައްޗަށް ހިނގައިދާނެ." އަހަރެންގެ ދަރިފުޅާ ބެހޭ ގޮތުން މީހަކު އެންމެ ބަހެއް ބުނާކަށް ވެސް އަހަރެންނެއް ނޭދެމެވެ.

"ނާސިރުގެ ދަރިފުޅު މިޒުނާ އުޅެނީ ޓީޗަރު ސަލީމާ ހިތާވެގެން. އޭނާގެ ތިން ކުދީން ވެސް ތިބޭ. އޭނާ އަންހެނުން ރޮއިރޮއިފައި އެ ވާހަކަ އަހަރެންގެ އަންހެނުންނަށް ކިޔައިދީފި." ރާމިޒު ކިޔައިދިން ވާހަކަތަކުން އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ގެނައި ސައިތަށި ވެސް ބޯހިތް ކެނޑިއްޖެއެވެ.

"އަހަރެން ނުވެސް ދެނަހުރިން ތިޔަ ވަރުގެ ކަމެއް ހިނގާކަމެއް ވެސް. މިޒުނާ އަހަރެންގެ ގާތުގައި އެއްވެސް ވާހައެއް ވެސް ނުވެސް ބުނޭ." އަހަރެން ރާމިޒާ ހަތަރުކަޅި ހަމަކުރާން ނުކެރި އިސްޖަހައިލީމެވެ.

"އަހަރެމެން މިއުޅެނީ އެއްހިސާބެއްގައި. އެއް ރަށެއްގައި. ހިޔެއް ނުކުރަން އަދި ނާސިރަށް ތިޔަ ކަން ނޭނގޭ ކަމަކަށް."

"ދުވަސްކޮޅެއްދީ. މަޑުމަޑުން ތިޔަ ކަންތައް ހުއްޓުވޭތޯ ބަލާނަން. އަހަރެން ވެސް ބޭނުމެއް ނޫން އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ތިން ކުދީންގެ ބައްޕައަކާ އިންނާކަށް." އެ ދުވަހު މަސައްކަތުން ގެއަށް އައިސް ވެސް އަހަރެން ހުރީ އެ ޚިޔާލުގައެވެ. މިޒުނާ އެ ފަދަ ކަމެއް ކޮށްފާނެބާއޭ ހިތަށް އަރައަރައެވެ.

އަހަރެންގެ އަންހެނުން ނަސީމާ މި ދުނިޔެ ދޫކުރީ މިޒުނާއަށް ދެ އަހަރު ވެސް ނުވަނީހެވެ. އެ ދަރިފުޅަށް ޓަކައި އަހަރެން އިތުރު ކައިވެންޏެއް ނުކުރަމެވެ. ދޮންމަންމައެއް ނުގެންނާން ވެގެންނެވެ. އެ އަމާނާތަށް ޚިޔާނާތްތެރިވެވިދާނެތީއެވެ. ގިނަ ފަހަރު ދޮންމަންމައިންގެ ފަރާތުން ދޮންދަރީންނަށް ލިބިފައިވަނީ އަނިޔާއެވެ.

އަހަރެންގެ ޒުވާން ޢުމުރު ހޭދަކުރީ އަހަރެންގެ ލޮލުގެ ކޮއިކަމުގައިވާ މިޒުނާއަށް ޓަކައެވެ. މަންމަ ދުނިޔޭގައި ހުރި އިރު އެތައް ފަހަރަކު އެހެން ކައިވެންޏެއް ކުރާން ވެސް ބާރު އެޅިއެވެ. އެ ކަން ނުކުރީ އަހަރެންގެ ދަރިފުޅަށް ދެރަ ގޮތެއް ވެދާނެކަމުގެ ބިރު އޮންނާތީއެވެ. މިހާރު އަހަރެން އަމިއްލަ ގޭގައި އުޅޭތާ ވެސް އެތައް އަހަރެކެވެ. އަހަރެމެންގެ ހަމަހިމޭން ދުނިޔެ އާބާދުކުރީ ނުދަންނަ އެތައް ބަޔެއްގެ ތެރޭގައެވެ. މިހާރު އެ މީހުން އެންމެން ވެސް ދަނެއެވެ. މިއީ ފަހުން އުފެދުނު އަވަށެކެވެ. ރާމިޒަކީ އޮފީހުގެ އިތުރަށް އަވަށުގެ އެކުވެރިއެކެވެ.

ސަލީމަކީ މި އަވަށުގައި ހުރި އިސްކޫލުގައި ކިޔަވައިދޭ އެންމެންގެ ލޯބި ހޯދައިފައިވާ މުދައްރިސެކެވެ. މިޒުނާއާ އެއްވަރުގެ ކުއްޖަކު ވެސް ސަލީމުގެ ހުރެއެވެ. އެހެންވީ އިރު މިޒުނާ ފަދަ ޅަކުއްޖެއްގެ ބޯ ކައިލާކަށް ސަލީމް ކަހަލަ ތަޖުރިބާ ހުރި މީހަކަށް އުނދަގުލެއްނުވާނެއެވެ. މި ކަން ހުއްޓުވާނީ ކިހިނެއްހެއްޔެވެ؟ މިޒުނާ ޔުނިވަރސިޓީއަށް ދިއުމުގެ ކުރީން މާދަމާ ވާހަކަދައްކާން ނިންމައި އެރޭ އަހަރެން ނިދާން އޮށޯތީއެވެ. އެކަމަކު ލޮލަކަށް ނިންޖެއްނައެވެ. ތެދުވެގެން ފެންތަށްޓެއް ބޯން ބަދިގެއާ ދިމާއަށް ދަނިކޮށް ދަރިފުޅުގެ އަޑު އިވެން ފެށިއެވެ. އޭނާ ވާހަކަ ދައްކާން އެއިނީ ކާމޭޒު ކައިރީގައެވެ.

"އަހަރެންގެ ބައްޕަ އެއްބަސްވާނެ. މިހާތަނަށް އަހަރެން ބުނިކަމެއް ބައްޕަ ނުކޮށްދީފައެއް ނުވޭ." މިޒުނާގެ އަޑަށް އަހަރެންގެ އެންމެ ފިޔަވަޅެއް ވެސް ކުރިއަށް ނޭޅުނެވެ. އަހަރެންގެ ނަން ބުނާ އަޑުއިވުމުން ހުއްޓި އެ ދައްކަނީ ކޮންވާހަކައެއްތޯ އަޑުއަހާން މަޑުކޮށްލައިގެން ހުރެވުނެވެ.

"މާތްކަލާކޯ! މިޒުނާ އެ ހުރީ ސަލީމްގެ ލޯބީގެއަވައިގައި ރަނގަޅަށްޖެހިފައި" އަހަރެންގެ ދެފައިން ވާގިދާހެން ހީވިއެވެ. މަޑުމަޑުން ފާރުގައި ހިފަހައްޓަމުން އައިސް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެ ބޮލާ އެކު ރަޖާއަޅައިގެން އޮވެ އެތައް އިރަކު ރޮވުނެވެ.

ނަސީމާ މިއަދު ނެތުމުގެ ފަޅުކަން އަހަރެން އިހްސާސްކުރާން ޖެހިފައި މި ވަނީ ކެތްވާ މިންވަރަކަށްނޫނެވެ. މިއަދު އަހަރެން ގާތުގައި ނަސީމާހުރި ނަމަ ކޮން ފަދަހެއްޔެވެ؟ އަންހެން ދަރިއަކަށް އެންމެ ރަނގަޅަށް ނަސޭހަތްދެވޭނި މަންމައަށެވެ. އަހަރެންގެ ގާތުގައި މިޒުނާ އެއްވެސް ވާހަކައެއް ނުދައްކައެވެ. މީގެ ކުރީން ކޮންމެ ކަމެއް ހިއްސާކުރެއެވެ. އަހަރެން އަޑުއަހަމެވެ. އިސްކޫލުގެ ވާހަކަތަކެވެ. ޢާއިލާގެ ވާހަކަތަކެވެ. ރައްޓެހި ކުދީންގެ ވާހަކައެވެ.

މިޒުނާ ކުރާން އެ އުޅޭ ކަންތަކާ އަހަރެން އެއްބަސްވާނީ ކިހިނެއްހެއްޔެވެ؟ ސަލީމަކީ މިޒުނާއަށް ވުރެ  އެތައް އަހަރެއް ދޮށީ މީހެކެވެ. އަދި ސަލީމްގެ ތިން ކުދީން ތިބި އިރު މިޒުނާ އެ ދިރިއުޅުމަށް ވަނުން ވެސް ރަނގަޅެއް ނޫނެވެ.

ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އަހަރެން ހޭލައިގެން މިސްކިތަށް ދިޔައިރު މިޒުނާ ވެސް ހޭލައިގެން އުޅޭކަން އެނގެއެވެ. މިޒުނާ އަކީ ކިޔަމަންތެރި ރަނގަޅު ދަރިއެކެވެ. ނަމާދަށް ސަމާލުކަން ދެއެވެ. ކިޔެވުމަށް އެހާ މޮޅެވެ. ގޭގެ މަސައްކަތްތަކަށް ވެސް އެހާމެ ފަރިތައެވެ. އަހަރެން ފަތިސް ނަމާދުކޮށްގެން އަންނަ އިރަށް ކޮފީތަށި ގިރައިފައި މިޒުނާ ދޭނެއެވެ. މިއަދު އަހަންނަށް އެ ދަރިފުޅުގެ މޫނަށް ބަލައިލާން ވެސްވީ އުނދަގޫ ކަމަކަށެވެ. ކޮފީތަށީގައި އަހަރެން ހިފީ މިޒުނާ އަށް ބަލައިލުމެއް ނެތިއެވެ.

"ބައްޕާ. ކިހިނެއްވީ ބަލީތަ؟" މިޒުނާ އަހަލިއެވެ. އެވަގުތު އަހަރެންގެ ހިތަށްއަރަމުން ދިޔައީ ރާމިޒު ދެއްކި ވާހަކަތަކެވެ.

"ބައްޕާ. ކީއްވެ އަނގައިން ނުބުނީ؟" މިޒުނާ ދެވަނަ ސުވާލުކުރީ ކަންބޮޑުވެ ހުރެއެވެ. އަހަރެންގެ ދަރިފުޅު ކަންބޮޑުވެފައި ހުރެގެން ކިޔަވަންދާކަށް ވެސް އަހަރެން ނޭދެމެވެ. އެންމެ ފަހުން އަހަރެން ވިސްނީ މިޒުނާގާތު އެ ވާހަކަ އެހުމަށެވެ.

"މި ހިސާބު މީހުން އެ ކިޔަނީ ދަރިފުޅޭ ކިޔައިގެން ކީކޭތަ؟. ދަރިފުޅު މީހަކާ އިންނަ ވާހަކަ ކިޔާ އިރު ބައްޕަ ގާތުގައި ނުބުނެ އެހެން މީހުން ގާތުގައި އެ ވާހަކަ ދައްކަނީ ކީއްވެ؟"

"ބައްޕާ. އަހަރެން އެއްވެސް މީހެއްގެ ގާތުގައި އެ ކަހަލަ ވާހަކައެއް ނުދައްކަން. އެކަމަކު އަހަރެން ބޭނުން މެރީކުރަން. ބައްޕަ ގާތުގައި ބުނާން ނުކެރިގެން ނުބުނެ މިހުރީ." މިޒުނާ އެހެން ބުނުމުން ކާކާތޯ އަހަރެން އެހީމެވެ.

"ސަލީމް ސަރ" މިޒުނާގެ ދުލުން ސަލީމްގެ ނަން ބުނުމުން އަހަރެން ހިތަށްއެރީ އެ ނޫން މީހަކު އަހަރެންގެ ދަރިއަށް ނުފެނުނީހެއްޔެވެ؟

"ބައްޕަ ގަބޫލެއް ނޫން ތިޔަ ކަން ކުރާކަށް." މިޒުނާގެ ވިސްނުން ބަދަލުނުވާނެކަން އެނގި ހުރެ ވެސް އަހަރެން ގަބޫލު ނޫން ވާހަކަ ބުނުމުން މިޒުނާ އެއްޗެއް ނުބުނެއެވެ.

ދެން ކަންތައް ކުރަމުންދާ ގޮތާ މެދު އަހަރެން ދިޔައީ ވިސްނައި ބަލަމުންނެވެ. މިޒުނާގެ އުޅުމަށް އަންނަ ބަދަލު އަހަރެން ދެނެގަތީ ކެތްތެރިކަމާ އެކުއެވެ. އެ ދަރިފުޅުގެ ކުރިމަގު އުޖާލާކުރުމަށް ޓަކައި ކުރާންޖެހޭ ކޮންމެ ކަމަކަށް ބައްޕައަކު ވިސްނާނެއެވެ. މިޒުނާއަށް ވިސްނައިދޭނެ ގޮތަކާ މެދު އަހަރެން އެތައް ގޮތަށް ޚިޔާލުކުރި އިރު ވެސް ކާމިޔާބުކަމާ އެކު މިޒުނާއަށް ވިސްނައިދޭނީ ކިހިނެއްބާއޭ ހިތަށްއަރައެވެ. ޒުވާން ކަމުގެ ޖޯޝްގައި އެ ޢުމުރުގެ ކުދީން ކުރާނެ ކިތަންމެ ކަމެއް ހުންނާނެއެވެ. އެ ކަމަށް އަހަރެމެން މައިންބަފައިން ޖެހޭނީ ވިސްނާށެވެ.

ކޮންމެ ރެއަކު އަހަރެން ނުނިދައި އެތައް ވަގުތެއް ހޭދަ ކުރަނީ މިޒުނާ ކޮޓަރީން ބޭރަށްނިކުމެގެން ގޮސްދާނެކަމުގެ ބިރަށެވެ. އަހަރެން ދަރިފުޅު ނުބައި ނިންމުމެއް ނިންމައިފާނެކަމުގެ ބިރަށް ޓަކައެވެ. އެ ދަރިފުޅާ އެކު ގިނަ ވަގުތު ހޭދަކުރެވޭތޯ އަހަރެން މަސައްކަތް ކުރިއަސް މިޒުނާ ބަލަނީ ކޮންމެހެން ދައްކާން ޖެހޭ ވާހަކައެއްގެ އިތުރުން އެއްޗެއް ނުބުނެ ވޭތޯއެވެ. އަހަރެން ދެރަކޮށްގެން ވެސް އާނބަސް ހޯދުމަށެވެ. އެ ދަރިފުޅު އެދުނު ކޮންމެކަމެއް މިހައި ތަނަށް ކޮށްދީފައި ވުމުން އަހަރެން އެއްވެސް ފަހަރަކު ނޫނެކޭ ބުނެފާނެކަމަކަށް އޭނާއެއް ނުވިސްނައެވެ. އެންމެ 'ނޫނެކޭ'އެއްގެ ސަބަބުން އަހަރެމެން ދެބަފައި މިތިބީ ކިތަންމެ ގާތުގައި ތިއްބަސް އެހާމެ ދުރުގައެވެ.

އާދައިގެ މަތީން އަހަރެން އިނީ ބެންޗުގައި އިށީނދެގެންނެވެ. މިޒުނާއަށް ބޭރަށް ނިކުމެވޭނީ އަހަރެން ކުރިމަތިންލައިފައެވެ. ފޯނުން ސަލީމާ ދެއްކި ވާހަކައިން މިރޭ މިޒުނާ ގޮތެއް ނިންމާނެއެވެ. އަހަރެން ބޭރުގައި އިންދައި ގަޑިން ބާރަ ޖަހައި އެއް މިނިޓް ހިނގި އިރު މިޒުނާ އެ ހުރީ ދަބަހެއް ކޮނޑުގައި އަޅުވައިގެން ދަތުރަށް ދާން ތައްޔާރުވެފައެވެ. އެ ވަގުތު މިޒުނާއަށް ސިހުންލިބުނީ އަހަރެން ބެންޗުގައި އިނުމުންނެވެ.

"ދަރިފުޅާ. ގެއިން ނިކުމެގެން ދިއުމުގެ ކުރީން ބައްޕައާ އެކު ދެ މިނިޓް ހޭދަކޮށްލެވިދާނެތަ؟" އަހަރެން އެހެން ބުނުމުން މިޒުނާ އައިސް ބަހެއްނެތި ބެންޗުގައި އިށީނެވެ. 

"ދަރިފުޅަކީ ހެޔޮ ނުބައި އެނގޭ ވަރުގެ ކުއްޖެއް. ދަރިފުޅަށް ދެ އަހަރުން ފެށިގެން މަންމަ ވަކިވީއްސުރެ ބައްޕަގެ ދެލޮލުގެ ނޫރަކީ ތިޔައީ. މި އުމުރުގައި ބައްޕަ އެކަނިވާނެ ވަރު ވިސްނައިލާންވާނެ. ދަރިފުޅު ނެތިއްޔާ އެކަނި ނުވެސް ކެވޭނެ. އަދި ދަރިފުޅު ބައްޕަގެ އެއްޗެހި ދޮވެ އިސްތިރިކޮށްދީ ހަދާހެން އެކަން ކުރާކަށް ބައްޕައަކަށް ނުވެސް އެނގޭނެ.

ދެން އޮތީ ބައްޕަ އެންމެ ދެރަވާނެކަންތައް. މާދަމާ ނޫސްތަކުގައި ޖަހާނެ ދަރިފުޅު ފިލައިގެން ދިޔަ ވާހަކަ. އެންމެން ވެސް ވާހަދައްކާނީ ބައްޕަ ގޯސްކޮށްފައި. އެކަމާ ލަދުން ބައްޕައަށް ބޭރަށް ނިކުންނާކަށް ނުކެރޭނެ. ކައްކަން ނޭނގޭ އިރު އެންމެ ކުޑަމިނުން ހޮޓަލަކަށް ވަދެ އެއްޗެއް ކާކަށް ވެސް ނުކެރޭނެ. ދަރިފުޅު ގެއިން ފިލައިގެން ދިޔަ ވާހަކަ ނޫސްތަކުގައި ލިޔެވުމާ އެކީ އެކި މީހުން އެ މީހަކު ހިތު ހުރި ގޮތަކަށް ވާހަކަދައްކާނެ. އަހަރެންގެ ނަމާ އެކު ދަރިފުޅުގެ މަންމަގެ ނަން ވެސް ބަދުނާމުވާނެ. މި ކުޑަކުޑަ ރަށްރަށުގައި ވާހަކަ ފެތުރޭލެއް އަވަސްވެފައި ތެދަށް އެއްވެސް ވާހަކައެއް ނުދައްކާނެ. ދަރިފުޅަށް ވެސް ރަށުތެރޭގައި ލަދުން އުޅޭކަށް ނުކެރޭނެ. އަނެއްކޮޅު ސަލީމްގެ އަންހެނުން ތިޔަ ކައިވެންޏާ ގަބޫލެއް ވެސް ނޫން." އަހަރެންގެ ލޮލުން ކަރުނަ ފައިބާ ވަރުން ވާހަކަ ވެސް ނުދެއްކެއެވެ. އެހެންނަމަވެސް ރޮމުންރޮމުން އަހަރެން ދައްކާން ބޭނުންވި ވާހަކަތައް ދެއްކީމެވެ. އެންމެފަހުން މިޒުނާއަށް ވެސް ރޮވިއްޖެއެވެ.

"ސޮރީ ބައްޕާ. އަހަރެން ގެއިން ނިކުމެގެންނެއް ނުދާނަން."  ދަބަސް ހިފައިގެން އެ ދަރިފުޅު ގެއަށްވަނީ ވަރުގަދަ ޢަޒުމެއްގައެވެ. އަނެކާގެ ގޭގެ ބިންގާ ތަޅާލައިގެން ގެއެއް އާބާދުނުކުރެވޭނެކަމަށް އެއްބަސް ވެގެންނެވެ. އެ ހިސާބުން ސަލީމާ އޮތް ގުޅުން މިޒުނާ ނިމުމަކަށް ގެނައެވެ. މިޒުނާއަށް ވިސްނުނުކަން އެއީ ހެޔޮފާލެކެވެ.

 

ލަފުޒެއްގެ މާނަ:

ފާލު   ނ.     (1) ކުރިމަގުގައިވާ ކަންތައްތަކާއި ފޮރުވިފައިވާ ކަންތައްތައް އޮޅުން ފިލުވުމަށް ކުރާކަންތައްތައް. (2) ކުރިމަގުގައި ވާން އޮތް ކަމެއް ރަނގަޅަށް ނުވަތަ ނުބައިކޮށް ދާނެކަމަށް އިޝާރާތްކޮށްދޭ ކަމަށް ހީކުރާ ކަމެއް. (3) ބަޑި ގޮވިޔަ ނުދިނުމަށް އަޅުވާ ތަންޑު. (4) ސޯބު ފަދަ ތަކެތި އެނބުރުނަ ނުދިނުމަށް އެޅުވޭ ގޮތަށް ހަދައިފައި ހުންނަ އެތިކޮޅު.

ކޮމެންޓު