Advertisement

ފެންބޮޑުވުމަކީ މައްސަލައެއް ނޫނެވެ.

03 Jan 2024 | 18:33
31 ޑިސެންބަރު 2023ގައި ވަރަށް ބޯކޮށް ވާރޭވެހި އަމީނީމަގުގައި ފެންބޮޑުވެފައި (ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް)

މަގުތަކުގައި ފެން ބޮޑުވުމަކީ ރާއްޖޭގައި ހިނގާ އަދި ހިނގައިފައިވާ ކަންކަމެވެ. ފެންބޮޑުވެއްޖެ ނަމަ ވިސްނަނީ އެ ފެންގަނޑު އަވަހަށް ހިންދޭނެ ގޮތަކަށެވެ. މީގެ 40 ވަރަކަށް އަހަރު ކުރިއަށް ޖެހިލާނަމަ، މާލޭގައި ފެންބޮޑުވެގެން ހެދިފައި ހުންނަ ވަޅުވަޅުގަނޑަށް މީހުން ބައިސިކަލާއެކު ވެއްޓުމަކީ ހިނގައިފައި ހުރި ކަންކަމެވެ. މަގު ހަދާ މީހުން އައިސް އެ ކަން ރަނގަޅު ކޮށްލައެވެ. އެއަށްވުރެ އަވަހަށް އިތުރު ވަޅުގަނޑުތައް ހެދެއެވެ. އެހެންކަމުން ވާރޭވެހި މަގުތަކުގައި ފެން ހެދުމުން މަގުތަކުގައި ހިނގައިބިނގައިވެ އުޅުމަކީ އަދި އެއްޗެހި ދުއްވައި އުޅުމަކީ އޭރު ވަރަށް ނުރައްކާތެރި ކަމެކެވެ. ކޮންމެ ފަދަ ގެއްލުމެއް ވެސް ލިބިދާނެ ކަމެކެވެ. މާލޭގައި ދުއްވާ ތަކެތި އިތުރުވި ވަރަކަށް މަގުތައް ހަރުވެ، މަގުމަތީގައި ހެދޭ ފެންގަނޑުތައް އަމިއްލައަށް ހިނދުން ލަސްވިއެވެ. އެހެންކަމުން، ފަހަކަށް އައިސް އެ ގޮތަށް މަގުތައް ބެލެހެއްޓުމަކީ އެކަށީގެންވާ ކަމަކަށް ނުވާތީ މަގުތަކުގައި ގާ އެތުރިއެވެ. މިހާރު ތާރުއެޅުމުގެ މަސައްކަތް، މީގެ އަށެއްކަ އަހަރު ކުރީއްސުރެ ފެށިގެން ކުރިއަށް ދަނީއެވެ.

ރާއްޖެއަށް ވާރޭވެހެއެވެ. ފެން ބޮޑުވެއެވެ. ހުޅަނގު މޫސުމުގައި ވެސް އިރުވައި މޫސުމުގައި ވެސް ވާރޭ ވެހި، ފެންބޮޑުވެއެވެ. ދާދި މިދާކަށް ދުވަހު 2023ވަނަ އަހަރު ނިމެމުން ދަނިކޮށް މާލެއަށް އާދަޔާ ޚިލާފަށް ވާރޭވެހި ފެން ބޮޑުވިއެވެ. މިއީ އިރުވައި މޫސުމެވެ. ފުރަހަޅަ ނަކަތެވެ. ނަމަވެސް ވަރަށް ބޯކޮށް ވަރަށް ގިނައިރު ވާރޭވެހުނެވެ. އެތައް ބަޔަކަށް ގެއްލުން ލިބުނެވެ. ބައެއް ގޭގޭގައި ދިރިއުޅޭން އުނދަގޫވާ ހިސާބަށް ގޮސްގެން ވަގުތީ ހިޔާތަކަށް ބަދަލުވާން ވެސް ޖެހުނެވެ. ހާލުގައި ޖެހުނު ފަރާތްތަކަށް ކަމާ ބެހޭ އިދާރާތަކުން ފޯރުކޮށްދެއްވޭން އޮތް އެހީތެރިކަމެއް ވިއްޔާ ގެންދެވީ ފޯރުކޮށްދެއްވަމުންނެވެ. ގެއްލުންލިބުނު އަޚުންނާއި އުޚުތުންނަށް ލިބުނު ގެއްލުމަށް ޓަކައި ހަމްދަރުދީވަމެވެ. އެހީތެރިވެދެއްވި ބޭފުޅުންނަށް ޝުކުރުދަންނަވަމެވެ.

އަމީނީމަގާއި ސިއްތިމާވާރަނި ހިނގުމާ ބައްދަލުވާ ހަތަރުއަނގޮޅި: 31 ޑިސެންބަރު 2023ގައި ވަރަށް ބޯކޮށް ވާރޭވެހި މާލޭގައި ވަނީ ފެންބޮޑުވެފައެވެ. (ފޮޓޯ: ފަރަގު މީޑިއާ)

ގިނައިން ވާރޭ ވެހިއްޖެ ނަމަ ފެން ބޮޑުވުމަކީ، އާ ކަމެއް ނޫނެވެ. އެއީ މާ ބޮޑު ޚަބަރެއް ވެސް ނޫނެވެ. ޚަބަރަކަށް ވާނީ އެއީ އާދަޔާ ޚިލާފުކަމަކަށް ވެއްޖެ ނަމަތާއެވެ. މުސީބާތަކަށް ވެއްޖެނަމަތާއެވެ! ރާއްޖޭގެ ރަށްތައް އޮންނަ ގޮތުންނާއި ﷲގެ ފަޟުލުވަންތަވެރިކަމުން އެ ފަދަ މުސީބާތަކާ ދިވެހީންނާ ކުރިމައްޗެއް ނުވެއެވެ. ފެންބޮޑުވުމުގެ ހާދިސާތަކުގައި މީހުން މަރުވެ ގެއްލި މިހެންނެއް ނުވެއެވެ. މި ހުސްވި 2023ވަނަ އަހަރު އެޕުރީލު މަހު ފުރަތަމަ ދުވަހު ވެސް ހަމަ މި ގޮތަށް ވާރޭވެހި ފެންބޮޑުވިއެވެ. އެ ފަހަރު ފެންބޮޑުވުމުގެ ޒިންމާއާއި ބަދުނާމު އަޅުވަމުން ގެންދިޔައީ ސިޓީ ކައުންސިލާއި ސަރުކާރުން އެއް ބަޔަކު އަނެއް ބަޔެއްގެ ކިބައިގައެވެ. އަނެއްބައި ފަހަރު އެ ބަދުނާމު އަޅުވަނީ ސަރުކާރުގެ ކޮންމެވެސް އިދާރާއެއްގެ ކިބައިގައެވެ. ނުވަތަ ރައީސުލްޖުމްހޫރިއްޔާގެ އިސްތަށިފުޅުގައެވެ. ނަމަވެސް ވާރޭވެހުމަކީ މީހަކަށް ކޮންޓްރޯލުކުރެވޭނެ ކަމެއް ނޫނެވެ. މަގުމަތީގެ ކާނުތަކާއި ގުންބާތަކަށް ނުތަކާ ވަރަށް ވާރޭ ވެހިއްޖެ ނަމަ ފެންބޮޑުވާނެއެވެ. އެއީ ގަބޫލުކުރާންޖެހޭ ހަގީގަތެކެވެ. އެހެންވީމާ އެއީ މައްސަލައެއް ނޫނެވެ. މައްސަލައަކަށްވާނީ ބޮޑުވާ ފެންގަނޑު އަވަހަށް ނިހިންދޭނަމަތާއެވެ. ތަޖުރިބާ ކުރެވިފައިވާ ގޮތުގައި މާލޭގައި ގާއެތުރިފަހުން ނުވަތަ ތާރު އެޅިފަހުން ބޮޑުވާ ފެންގަނޑު ވާރޭ ހުއްޓާތާ ދެތިން ގަޑިއިރެއްގެ ތެރޭގައި ހިންދައިލެވެއެވެ. އާންމުކޮށް ވޭހޭ ވާރޭގައި ހަމަ ވާރޭހުއްޓުމާއެކު ފެންގަނޑު ހިނދެއެވެ. މިހާރު ވާރޭ ހުއްޓައިލާ ފަހުން ފެން ނިހިނދި ގިނަ އިރު ވަނީ، އާންމުކޮށް ވާރޭވެހޭ ވަރަށް ވުރެ މާ ބޯކޮށް މާ ގިނަ އިރު ވާރޭ ވެހުނީމައެވެ. ނަމަވެސް މި ވަރަށް ވާރޭ ވެހުނަސް ވާރޭ ހުއްޓައިލާތާ ތިންގަޑިއިރު ފަހުން މަގުތަކުގައި ފެނެއް ނޯވެއެވެ. ސިފައިންނާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ގުޅިގެން ފެން ހިންދުމުގެ މަސައްކަތް ވެސް ކުރެއެވެ. އާންމުންނަށް ލިބޭ ގެއްލުންތައް ފޫބައްދައިދެވޭތޯ ވެސް ކަމާ ބެހޭ މުއައްސަސާތަކުން މަސައްކަތް ކުރެއެވެ. އެހެންވީމާ ގުދުރަތީ ގޮތުން މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން މާ ބޯކޮށް ގިނަ އިރު ވާރޭ ވެހޭ ގޮތް ދިމާވާ ކޮންމެ ފަހަރަކު އަޅުގަނޑުމެން އެ ކަމުގެ އިލްޒާމު ބަޔެއްގެ ބޮލުގައި އެޅުވުމަކީ ރަނގަޅު ކަމެއްނޫނެވެ. އޭގެ ބަދަލުގައި ކޮންމެ މީހަކު ވެސް ޢިމާރާތެއް ކުރާ އިރު ބިންމަތީބުރި ތަންކޮޅެއް އުސްކޮށްލީމާ މި ފަދަ ކަންކަން މެދުވެރިވާ ފަހަރުފަހަރު ވެސް މާލީ ގެއްލުންތަކެއް ނުލިބި ސަލާމަތްވެދާނެއެވެ. ނުވަތަ ފެންބޮޑުވާ ކޮންމެ ފަހަރަކު ވެލިބަސްތާ ޖެހުމުގެ ބަދަލުގައި އޮޅި އުސްކޮށްލުން ނުވަތަ ވަގުތުން ހަރުކޮށްލެވޭ ފަދަ ޕެކިން ލައިފައި ހުންނަ އޮޅިއެއް ތައްޔާރީ ޙާލަތުގައި ބޭއްވީމާ އެ ނިމުނީއެވެ.

ޝަކުވާގެ ބަދަލުގައި އަޅުގަނޑުމެންނަށް ހީވަނީ ދިވެހީން ވީ ޝުކުރުވެރިވާން ދަސްކުރާންހެންނެވެ. ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން އެހެން ގައުމުތަކަށް ލިބޭ ގެއްލުންތައް އަޅުގަނޑުމެންނަށް ނުލިބެނީ ﷲގެ ޢިނާޔްތަވަންތަކަމުގެ ސަބަބުންނެވެ. އެހެންކަމުން ﷲއަށް ޝުކުރުވެރިވާން ދަސްކުރާން އެބަ ޖެހެއެވެ. ގަދަ ވަޔާއި ޠޫފާނުތަކާއި ފެންބޮޑުވުމާއި ބިންހެލުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުން އަޅުގަނޑުމެން ރައްކާތެރިކޮށްދެއްވާ ކަމަށް ޓަކައި، މި މަތިވެރި ނިޢުމަތަށް ޓަކައި، އަޅުގަނޑުމެން ޝުކުރުވެރިވާން އެބަ ޖެހެއެވެ. މާތް ﷲ ވަހީޚުރައްވައިފައި ވަނީ "وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ" ("އަދި ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން ޝުކުރުކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (ޝުކުރުނުކޮށް) ކާފިރުވެއްޖެ ނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ޢަޒާބު ގަދަފަދަވެގެންވާކަން ކަށަވަރެވެ.") (سورة إبراهيم:7) މި ފަދައިންނެވެ. މިއީ އަޅުގަނޑުމެން ވިސްނައިލާން ޖެހޭ ކަންކަމެވެ.

އާދައިގައި ވާރޭ ވެހޭ ވަރަށްވުރެ ގިނަ އިރު، ބޯކޮށް ވާރޭވެހުމަކީ ވެސް ދިވެހިރާއްޖެއަށް މާ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. ފައިބެއަހަރަށް ބަލައިލާ އިރު ވެސް ޑިސެންބަރު 31ގެ އިތުރަށް ނޮވެންބަރު 3ގައި ވެސް އަދި އެޕުރީލު 1ގައި ވެސް މާލެއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވިއެވެ. 2020ވަނަ އަހަރު މޭ މަހު 18ގައި ވެސް މާލޭގައި ފެން ބޮޑުވިއެވެ. 2018 ޑިސެންބަރު 5ވަނަ ދުވަހަކީ ވެސް ރެކޯޑު މިންވަރަކަށް ވާރޭވެހުނު ދުވަހެވެ. އަދި 2015 ޑިސެންބަރު 17ގައި ވެސް މާލޭގައި ފެންބޮޑުވިއެވެ. މިއީ ކައިރި މާޒީއަށް ވިސްނައިލުމުން އަދި އަޅުގަނޑުމެން ހަނދާން ނުނެތޭހައި ކައިރި މާޒީއެއްގައި މާލޭގައްޔާއި އެހެން ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާ ތާރީޚުތަކެކެވެ. ވީމާ، މާލޭގައި ފެން ބޮޑުވުމަކީ އާ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވާނީ ބޮޑުވާ ފެންގަނޑު ނިހިނދި ދިރިއުޅުމަށް ބޮޑު މުސީބާތަކަށްވާނަމައެވެ. މިހެން ފެންބޮޑުވާ ކޮންމެ ފަހަރަކު ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން އާންމުންނަށް އެހީތެރިވެދެއެވެ.

ވީމާ، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހިއްޖެ ނަމަ، ފެންބޮޑުވާނެކަން ދަނެގެން، އެ ގޮތަށް ބޮޑުވާ ފެންގަނޑު ގޭތެރެއަށް ނުވަތަ ފިހާރައިގެތެރެއަށް ނުވަންނާނެ ގޮތަށް ދުރާލައި ފިޔަވަޅުއަޅައިގެން ތިބޭ ނަމަ، ވާރޭވެހިލައިގެން ވާރޭވެހޭ ވަގުތު ފެންބޮޑުވިޔަސް އެއީ މައްސަލައަކަށް ވެގެން ޝަކުވާކުރާކަށް ނުޖެހޭނެއެވެ. އަދި އެއީ ހަގީގަތުގައި ޚަބަރަކަށް ވެސް ނުވާނެއެވެ. އެހެނީ އެއީ އާންމުކަމެކެވެ. އަޅުގަނޑުމެން ދަސްކުރާންވީ، އާންމުކޮށް ދިމާވާ މި ފަދަ ކަންކަމުން ލިބޭ ގެއްލުން ކުޑަކުރެވޭނެ ގޮތަށް ދުރާލައި ފިޔަވަޅުއަޅައިގެން ތިބޭށެވެ. އެހެން ގައުމުތަކާ އަޅައި ބަލާއިރު އަޅުގަނޑުމެންނަށް ލިބޭ ގެއްލުންތައް ކުޑަކަން ފާހަގަކޮށް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޝުކުރުވެރިވާށެވެ. ހަގީގަތުގައި އާދާޔާ ޚިލާފަށް ގިނައިރު، ބޯކޮށް ވާރޭވެހުމަކީ މައްސަލައެއް ނޫނެވެ. މައްސަލައަކަށް ވާނީ ވާރޭ ހުއްޓައިލާ ފަހުން ގިނަ އިރުތަކެއް ވަންދެން އެ ފެންގަނޑު ހިނދައިނުލެވޭނަމައެވެ.

އެހެންނަމަވެސް ސަރުކާރުން ކުރެއްވޭނެ އަދި ކުރައްވާން ޖެހޭ ކަމެއްކަމަށް އަޅުގަނޑުމެން ގަބޫލުކުރާ ކަމެއް އެބަ އޮތެވެ. މޫސުން ނިމުތުކުރުމަށް ފަހު، އާދަޔާ ޚިލާފަށް ބޯކޮށް ވާރޭވެހޭނެކަން ދުރާލައި އިޢުލާނުކުރުމެވެ. ކަނޑު ގަދަވާނެކަމަށް ލާފާކުރައްވައި ސިފައިންނާއި ފުލުހުންނާއި މޫސުމާ ބެހޭ އޮފީހުން ރައްޔިތުން ސަމާލުވާން އަންގާ ފަދައިން ފެން ބޮޑުވާނެކަމަށް ލާފާކޮށް އެ އިންޒާރު ވެސް ދެއްވާނެ ނަމަ، އަޅުގަނޑުމެންނަށް ދުރާލައި ފިޔަވަޅު އެޅިދާނެއެވެ. މި ހާރު ވެސް މޫސުމާ ބެހޭ އޮފީހުން އެ ކަން ކުރައްވައެވެ. ނަމަވެސް ބޯކޮށް ވާރޭ ވެހޭނެޔޭ ވިދާޅުވުމުގެ ބަދަލުގައި ގިނަ އިރު ބޯކޮށް ވާރޭވެހުމުގެ ސަބަބުން ފެން ބޮޑުވުމުގެ ފުރުޞަތު އޮތް ވާހަކަ ވެސް އިޢުލާނުކުރެއްވުން ރަނގަޅެވެ. މި ކަމަށް ޓަކައި ދުރާއިންޒާރު ދެއްވާން ވީއެވެ. އެ ފަދަ ނިޒާމެއް ވެސް ގާއިމުކުރައްވާންވީއެވެ. ސަރުކާރުން މި ނުކުތާއަށް ސަމާލުކަން ދެއްވާނެކަމަށް އުންމީދުކުރަމެވެ.

_________________________________________

ބައެއް ލަފުޒުގެ މާނަ:

ތެކުން      މ.    ތަނަކަށް ނުވަތަ އެއްޗަކަށް ފެތޭވަރުވުން.

ގުންބާ      ނ.    ފެނާއި ތެޔޮފަދަ އެއްޗެހި ނަގާށާއި އެކިއެކި އެއްޗިއްސަށް ވައިޖަހާން ހަދައިފައި ހުންނަ އެއްޗެއް.

ކާނު       ނ.    ތަނެއްގައި ހެދޭ ފެންގަނޑު ދުރަށް ފޮނުވައިލުމަށް ޓަކައި ހަނި ދިގުކޮށް ހަދައިފައި ހުންނަ މަގު.

މުސީބާތް    ނ.    (1) ބޮޑެތި ހިތާމައާއި ވޭނާއި އުނދަގޫ. (2) ސުންޕާކަންކަން 

ނިމުތު      ނ.    (1) ކުރާ ލަފާ ނުވަތަ އަންދާޒާ (2) ވާން ހުންނަ ކަންކަން.

ދުރާއިންޒާރު   ނ.    ނުރައްކަލެއް ކުރިމަތިވެދާނެކަމަށް މާއިރާ އަންގާއެންގުން.

އެޑިޓަރުގެ ނޯޓް
.

Advertisement

ކޮމެންޓް
ޑހސުދ
ޞދބދބ
15 Jul 2024