ad_banner
ކުޅުދުއްފުށި: ފުރުސަތުތައް އޮތް، އަދި އުންމީދުން ފުރިގެންވާ ސިޓީއެއް

ޙުސައިން ޞަލާޙު ޔޫސުފު

3 އޭޕްރިލް 2026

ކުޅުދުއްފުއްޓަކީ ފަޚުރުވެރި ރަށެކެވެ. އުންމީދީ ރަށެކެވެ. ފުރުޞަތުތައް އޮތް ރަށެކެވެ. އެތައް ގޮތަކުންނެވެ. މާލެއާ ގާތްގަނޑަކަށް 275 ކިލޯމީޓަރު އުތުރުގައި، ތިލަދުންމަތީގެ މެދުގައި އޮތް ތަރައްޤީގެ ރޮނގުގައި ތިލަވަމުން އުސްވަމުން އުސްމިންތަކަށް ވާސިލުވަމުން އަންނަ ސިޓީއެކެވެ. ބޮޑުތިލަދުންމަތީގެ ހިތެވެ. އުުތުރުގެ ވިޔަފާރީގެ މައި މަރުކަޒެވެ. ސަގާފަތާއި އާދަކާދައިގެ ރަމްޒެކެވެ. ދިވެހި އަދަބީ ގުލްޝަނުގެ ބަސްމޮށެއުޅުމުގައި ވަރަށް ޚާއްސަ އުސްލޫބެއްގެ ވެރިބައެކެވެ. ބަހުރުވައިގައި މަޖާޒީ ގޮތްތައް އާދަޔާ ޚިލާފަށް އެކުލެވޭ ބަހުރުވައެކެވެ. މާލެއިން އުތުރުގައި އޮތް އެންމެ ބައިބޯ ރަށެވެ. 13000އަށް ވުރެ ގިނަ ރައްޔިތުން ދިރިއުޅެމުން އަންނަ ރަށެކެވެ. މި ރަށަކީ ހަމައެކަނި ބޮޑު އާބާދީއެއް އޮތް ތަނެއް ނޫނެވެ. މިއީ 247 ހެކްޓަރުގެ ބޮޑު ބިމެއްގައި، އަމިއްލަ ވަންތަކަމާއި، ހީވާގިކަމާއި، އަދި ވަޠަނީ ލޯބީގެ އައު ދިރުމެއް އުފަންވަމުންދާ "ފުރުޞަތުތަކުގެ ސިޓީ" އެކެވެ.

ކުޅުދުއްފުށި ސިޓީގެ އަޑު އިވޭހިނދު އެންމެ ފުރަތަމަ ވެސް ހިތަށް އަންނާނީ އެކި މުނާސަބާތަކާ ގުޅިގެން އެ ރަށުގައި ބާއްވަމުން އަންނަ ސަގާފީ ހަރަކާތްތަކުގެ ވާހަކައެވެ. ދިވެހިރާއްޖޭގެ އުތުރުގެ އިޤްތިޞާދީ، އިޖުތިމާޢީ އަދި ސަގާފީ ހިތަކީ ކުޅުދުއްފުށި ސިޓީއޭ ބުނުމަކީ ކުށަކަށް ނުވާނެއެވެ. ސަގާފީ ހަރަކާތްތަކުގެ ތެރެއިން އެތައް މެސެޖުތަކެއް، ބަލާހިތްވާ، އަޑުއަހާހިތްވާ އަދި ދެކޭހިތްވާ ގޮތަށް ހުށަހަޅައިދެމުން އަންނަ "ދިވެހި ސަގާފަތުގެ ހުރިހައި ރަހަތަކެއް" އެއްތާކުން ބަލައިލާން ލިބޭ ރަށެކެވެ. އެ ރަށުގައި ބޭއްވޭ ކޮންމެ ހަރަކާތަކުން ވެސް މިންތީގެ ހަމަހަމަކަމާއި، ރަށުގެ އެކި އުމުރުފުރާތަކުގެ މެދުގައި އޮންނަ ބަދަހިގުޅުން ތަންމިނަށް ދައްކައިދޭ ރަށެކެވެ. ޒަމާނުއްސުރެ މިއަދާ ހަމައަށް ވެސް އެ ރަށަށް ޚާއްޞަ އެތައް އުފެއްދުންތަކެއް ނިސްބަތްކުރެވޭ ރަށެކެވެ. "ހާލުފޮޅީ"ގެ ވާހަކަ އެކަނި ބުނެލައިގެން ވެސް މި ބުނުމަށް ބާރުދެވޭހައިވެއެވެ. ރަށުގެ ކަނބަލުންނަކީ މަސައްކަތްތަކުގައި ނަމޫނާ ބަޔެކެވެ. ރޯނުވެށުމުގެ ތެރެއިން އެ ދައްކައިދޭ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަކީ ހަމަގައިމު ވެސް އެއްވެސް މީހަކު ދެކޮޅުވާނެ ކަންކަމެއް ނޫނެވެ. ކުޅުދުއްފުށީގެ ކަނބުރުވެރިކަމުގެ އުފެއްދުންތަކަކީ މިއަދު ވެސް މާލޭގެ ބާޒާރުން ވެސް ގަންނާން ލިބޭ މޮޅު އުފެއްދުންތަކެކެވެ. ރާވެރިކަން ވެސް މަރުނުވެ ދިރި އޮތް މަދު ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ސިޓީ ހިމެނެއެވެ. މިއީ ހައްތާވެސް މި ދިވެހިރާއްޖޭގައި ކުޅުދުއްފުށި ޚާއްސަވާ ސަބަބުތަކެވެ. މީގެ އިތުރަށް، ސިޓީގައި ހުރި 100 އަހަރަށް ވުރެ ގިނަ ދުވަސްވީ އާސާރީ ތަންތަން ދަފުތަރުކޮށް، "ކުޅުދުއްފުށީ ރަދީފު" އެކުލަވައިލުމުގެ މަސައްކަތަކީ ވެސް ކުރެވެމުން އަންނަ މުހިންމު މަސައްކަތްތަކެވެ. މިއީ ރަށުގެ ފަޚުރުވެރި މާޒީ އަންނާން އޮތް ޖީލުތަކަށް ޓަކައި ރައްކާތެރިކުރުމަށް ވެސް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ފަދަ ޚާއްސަ ސިފަތަކެއް ލިބިފައިވާ ރަށަކުން ވުޖޫދުވެގެން އަންނާނެ އެތައް ފުރުސަތުތަކެއް ހުންނާނެ ކަމާ މެދަކު ޝައްކެއްނެތެވެ.

ދިވެހި ޤައުމިއްޔަތާއި ދިވެހި އަގުހުރި ބަޠަލުންގެ ވާހަކަ ދައްކާ އިރު ވެސް ލިސްޓުގެ ކުރިއަށް ލާންޖެހޭ އެއް ރަށަކީ ހަމަ ކުޅުދުއްފުއްޓެވެ. ވަކިން ޚާއްޞަކޮށް މިއަދު އަޅުގަނޑުމެންނަށް ލިބިފައި މިވާ މިނިވަންކަން އަޅުގަނޑުމެންގެ އަތުން ބީވެގެން ދެންމެދެންމެ ހިނގައިދާނޭހެން ހީވި ވަގުތު ވެސް، އެ މިނިވަންކަމުގެ ވާފަށުގައި އަމިއްލަ ފުރާނައިން ޤުރުބާންވެގެން ފިސާރިއަކަށް ހިފަހައްޓައިލަދިން ފަޚުރުވެރި ދަރިއަކީ ކުޅުއްފުށީ ޝަހީދު ޙުސައިން އާދަމްއެވެ. އަޅުގަނޑުމެން އެންމެން އެ ޝަހީދަކަށް ޓަކައި ފަޚުރުވެރިވާ ކޯޕްރަލް ޝަހީދު ޙުސައިން އާދަމެވެ. 1988ވަނަ އަހަރުގެ ނޮވެންބަރު މަހު ތިންވަނަ ދުވަހުގެ ފަތިސް، ދިވެހީންނާ ބައްދަލުކުރީ ބަންގީގެ އަޑާއި ބަޑީގެ އަޑު ދާދި އެކުއެކުގައި ކަހަލަ ގޮތަށެވެ. މި ދިވެހިރާއްޖެއަކީ އަމާން ސުލްހަވެރި ތަނެއްގެ ގޮތުގައި ބަލައި އެންމެން އެއްވެސް ފިކުރެއްނެތި ނިދައިފައި ތިބި ވަގުތު މި ޤައުމުގެ ދިފާޢު، ކޮނޑުއަޅައި ހިފަހައްޓައިލަދިނީ ޙުސައިން އާދަމެވެ. ސިފައިން ތައްޔާރުވެ މަޤާމުތަކަށް ބެހި ދިފާޢީ ހަމަލާތައް ދޭން ވަގުތު ހޯދައިދިނީ ޙުސައިން އާދަމެވެ. އެހެންކަމުން ކުޅުދުއްފުއްޓަކީ މި ޤައުމު ދެކެ ލޯބިވާ އަގުހުރި ބަޠަލުން ވެސް އުފަންކުރުވި ލޮބުވެތި ރަށެކެވެ. އަދި އެ ބަޠަލުންގެ ހަނދާންތައް އަންނާން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް އެތައް މަސައްކަތްތަކެއް ކުރަމުން އަންނަ ރަށެކެވެ. ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާއާއި ބަގީޗާއަކީ، މި ސިޓީގެ ރައްޔިތުންގެ ހިތްތަކުގައި އޮތް ވަޠަނީ ލޯބީގެ ދިރުން ހާމަކޮށްދޭ އަލިގަދަ ނިޝާނެކެވެ. އެހެންކަމުން މި ފަދަ ޤައުމީ ލޯތްބެއް އޮތް ރަށަކުން ރަށުގެ ތަރައްޤީއަށް ޓަކައި ކުރާންޖެހުނު ކޮންމެ ކަމެއްގައި ވެސް އެ ސާބިތުކަން ދައްކައިދޭނެކަން އެއީ ކަށަވަރުވާކަމެކެވެ. ކުޅުދުއްފުށި ސިޓީ ޚާއްޞަވަނީ މި ފަދަ އެތައް ސަބަބުތަކާ ހުރެއެވެ. 

ތަނެއް ކުރިއަރައިދާނީ އުފެއްދުންތެރި މަސައްކަތްތައް އެ ތަނެއްގައި ކޮށްގެންނެވެ. އުފެއްދުންތެރި މަސައްކަތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދީގެންނެވެ. ކުޅުއްފުއްޓަކީ އިޤްތިޞާދީ ގޮތުން ވެސް ވަރަށް ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ސިޓީއެކެވެ. ކުޅުދުއްފުށީގެ އިޤްތިޞާދު ބިނާވެފައިވަނީ އުފެއްދުންތެރިކަމުގެ މައްޗަށެވެ. ޒަމާނުއްސުރެ ކުރަމުން އަންނަ މަޝްހޫރު ރޯނުވެށުމާއި، ކަނބުރުވެރިކަމާއި، ކިއްސަރު ވަޑާމުގެ މަސައްކަތްތަކުގެ އިތުރަށް، މިއަދު މި ވަނީ ޒަމާނީ ސިނާޢަތްތަކަށް މަގު ހުޅުވިފައެވެ. މަސްވެރިކަމުގެ ދާއިރާއަށް ބަލާ އިރު، އައު މަސްމާރުކޭޓާއި، އައިސް ޕްލާންޓަކާއި ޚާއްޞަ "ފިޝިންގ ޕްލޭޓްފޯމް" އެޅުމުގެ މަސައްކަތާ އެކު، މަސްވެރީންނަށް ވަނީ އައު އުންމީދެއް ލިބިފައެވެ. ޒުވާން ކެޔޮޅުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތަކަކީ މި ސިނާޢަތް ދެމެހެއްޓުމަށް އެޅޭ ބާރެކެވެ. ދަނޑުވެރިކަމުގައި ވެސް ފެންނަނީ މި ފަދަ އައު އުސްމިންތަކެކެވެ. "ހޯމް ގާރޑްނިންގ" ޕްރޮގްރާމްގެ ދަށުން ދަނޑުވެރީން ތަމްރީނުކޮށް، ހައިޑްރޯފޯނިކްސްއާއި ވާޓިކަލް ފާމިންގ ފަދަ ޒަމާނީ އުކުޅުތައް ބޭނުންކޮށްގެން ގޭތެރޭގެ އުފެއްދުންތެރިކަން ވަނީ އިތުރުކުރެވިފައެވެ. މިއީ ރަށުގެ ފުދުންތެރިކަން އިތުރުވެ، ބޭރުން އެތެރެކުރާ ތަކެތީގެ މައްޗަށް ބަރޯސާވުން ކުޑަކުރުމަށް އެޅުނު ވަރުގަދަ ފިޔަވަޅެކެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީ ވެފައި މި ވަނީ ވުނޭރުންނަށް ފަހި، ވުނަކުރުމަށް އެތައް ފުރުޞަތުތަކެއް ހުރި، މުސްތަގުބަލުގައި ކުރިއަށް ދާން އޮތް ރާސްތާ ވަރަށް ސާފުކޮށް ފެންނާން އޮތް ސިޓީއަކަށެވެ. 

ކުޅުދުއްފުއްޓަށް އެންމެ ބޮޑަށް ދަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ޓަކައި ބިނާކުރާ 2000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ބިންގާ ވެސް މިހާރުވަނީ އެޅިފައެވެ. އެހެންކަމުން މި މައްސަލައަށް ވެސް ދާދި އަވަހަށް ޙައްލެއް ލިބޭނެކަމުގެ ޔަގީންކަން ވަނީ ލިބިފައެވެ.

އާދޭހެވެ! ކުޅުދުއްފުށި ސިޓީއަކީ މިއަދު މުޅި އުތުރުގެ ވިޔަފާރީގެ މައި ހަބެވެ. ރަޖިސްޓަރީ ކުރެވިފައިވާ ގިނަ ވިޔަފާރިތަކާއި، އަމިއްލަ މަސައްކަތްތެރީންނާ އެކު، ރަށުގެ ބާޒާރު އޮތީ ހަލުވި ދުވެއްޔެއްގައެވެ. ބީ.ސީ.ސީއާއި އޯތެންޓިކް މޯލްޑިވްސްއާ ގުޅިގެން ހިންގޭ މަސައްކަތުބައްދަލުވުންތަކުގެ ސަބަބުން ކުދި ވިޔަފާރިތައް އަންނަނީ ބާރުވެރިވަމުންނެވެ. ބައިނަލްއަޤްވާމީ މާލީ އިދާރާއެއްކަމަށްވާ އެސް.ބީ.އައިގެ ގޮފި ޤާއިމުކުރުމުގެ މަޝްވަރާތަކާއި، މޯލްޑިވްސް އިސްލާމިކް ބޭންކަށް ބިން ކުއްޔަށް ދިނުމުގެ މަސައްކަތަކީ، ބޮޑެތި ވުނޭރުންނަށް މި ސިޓީ ހުޅުވިފައިވާ ކަމުގެ ހެތްކެކެވެ. ވަކިން ޚާއްޞަކޮށް، 15 މިލިއަން ރުފިޔާއަށް ވުރެ ކުދި މަޝްރޫޢުތައް ރަށުގެ ކުންފުނިތަކަށް އިސްކަންދީގެން ހިންގުމުގެ ސިޔާސަތަކީ، ރަށުގެ އިޤްތިޞާދީ ދައުރުވުން ހަލުވިކޮށް، ވަޒީފާގެ ފުރުޞަތުތައް އިތުރުކޮށްދޭ ކަމެކެވެ. މިއީ ރަށުގެ ފައިސާ ރަށުގައި ހަރުލައި، ތަނަވަސްކަން އިތުރުވުމަށް މަގުފަހިވާނެ ކަމެކެވެ. ރާއްޖޭގެ ވެރިރަށަށް މީހުން ހިޖުރަކުރުމުގެ އޮއިވަރު ހަމަ ގައިމު ވެސް ކުޅުދުއްފުށި ސިޓީގައި ދަށްކޮށްދޭނެ ވެސް ކަމެކެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކީ މުސްތަގުބަލަށް ވެސް އެތައް ފުރުސަތުތަކެއް ލިބޭން ހުރި އުންމީދީ ސިޓީއެކެވެ.

އަދުގެ ދުނިޔޭގައި ފެންނަމުންދަނީ ޒަމާނީ ތަރައްޤީގެ އޮއިވަރުގައި ޖެހި ތިމާވެށި ހަލާކުކުރަމުންދާ މަންޒަރެވެ. ތަރައްޤީގެ ނަމުގައެވެ. ނަމަވެސް ކުޅުދުއްފުށި ސިޓީއަކީ ތިމާވެށި ޤުރުބާންނުކޮށް ޒަމާނީ ތަރައްޤީއަށް އަމާޒުހިފައިފައިވާ ސިޓީއެކެވެ. ކުޅުދުއްފުށީގެ އެންމެ ބޮޑު އެއް މުއްސަނދިކަމަކީ އެ ރަށުގެ ނާދިރު ތިމާވެއްޓެވެ. ކުޅުދުއްފުށީގެ "އައިޑެންޓިޓީ" ގުޅިފައިވަނީ އެ ރަށުގެ ޤުދުރަތީ ރީތިކަމާއެވެ. ރަށުގެ ނަން ނިސްބަތްވާ 'މަށިކުޅި'އާއި، އަދި އެ ނޫން ވެސް ތިމާވެށީގެ އިތުރު ޚަޒާނާތައްކަމަށްވާ 'ބޮރަވައްކިފަ'ލާއި 'މާފަލިންގެ' ފަދަ ކިސަޑު ބިންތަކަކީ މުޅި ރާއްޖެއިން ވެސް ނުފެންނަ ފަދަ ރީތި، ޤުދުރަތީ ޚަޒާނާތަކެކެވެ. މި ތަންތަން ހިމާޔަތްކުރުމަށް ޓަކައި އަހަރަކު 2,000 ގަސް އިންދުމުގެ ބޮޑު އަމާޒެއް ވަނީ ކަނޑައެޅިފައެވެ. މިހައި ތަނަށް އެސް.ޓީ.އޯއާއި ރެޑް ކްރެސެންޓާ ގުޅިގެން 300 ފެންފޯއް ރުކާއި، ދަނބުގަސް އިންދުމުގެ ހަރަކާތްތައް ވަނީ ކާމިޔާބުކަމާ އެކު ހިންގައިފައެވެ. މޫސުމީ ބަދަލުތަކުން ރައްކާތެރިވުމަށް ޓަކައި ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވައިލައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު، ކުޅުދުއްފުށި ފެންނަނީ ކޮންމެ ފަދަ ގޮންޖެހުމަކަށް ވެސް ތައްޔާރުވެފައިވާ ވިލުންވެރި ސިޓީއެއްގެ ގޮތުގައެވެ. ތަރައްޤީއާއި ތިމާވެށި އެކުއެކީގައި ކުރިއަށްދާ ސިޓީއެއްގެ ގޮތުގައެވެ. 

ކުޅުދުއްފުށީގެ ތަޢުލީމީ ފެންވަރަކީ ނަމޫނާއެކެވެ. ސަރުކާރުން ހިންގާ ތިން ސުކޫލުގައި 3,000 އެއްހާ ދަރިވަރުން ކިޔަވަމުންދާ އިރު، ޤައުމީ ޔުނިވަރސިޓީއާއި ޕްރައިވެޓް ކޮލެޖްތަކުގެ ކެމްޕަސްތަކުން ދަނީ މާދަމާގެ ލީޑަރުން ބިނާކުރަމުންނެވެ. ހަމަ އެއާ އެކު، ސަރަހައްދީ ހޮސްޕިޓަލަށް މަހަކު 10,000 އެއް ހައި މީހުން ޚިދުމަތް ހޯދާން އައުމަކީ، މި ސިޓީއަކީ މުޅި އުތުރުގެ ރައްޔިތުންގެ އިތުބާރު ލިބިފައިވާ "ޝިފާގެ މަރުކަޒު"ކަން ހާމަވާ ކަމެކެވެ. ފަތުރުވެރިކަން ފުޅާކުރުމަށް ޓަކައި މުވައްޒަފުން ތަމްރީނުކޮށް، "ފެސްޓިވް ޓޫރިޒަމް" ކަލަންޑަރެއްގެ އެހީގައި ރަށުގެ މެހެމާންދާރީ މުޅި ދުނިޔެއަށް އިޝްތިހާރުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. ބައިނަލްއަގުވާމީ މުބާރާތެއް މި ސިޓީގައި ބާއްވައި މިއީ ފުރުޞަތު އޮތް ޤާބިލު ސިޓީއެއްކަން ދުނިޔެއަށް ވަނީ ހާމަކޮށްދީފައެވެ. މީގެ ސަބަބުން، ރަށުގެ އާދަކާދަތަކާއި، "މަށިމާލި" ޕެރޭޑް ފަދަ ސަގާފީ ހަރަކާތްތަކުން އިޤްތިޞާދީ މަންފާ ހޯދުމުގެ ފުރުޞަތު ވަނީ ތަނަވަސްވެފައެވެ.

ކުޅުދުއްފުށީގެ ތަރައްޤީގެ އެންމެ މުހިންމު ބަހާއަކީ ރައްޔިތުންގެ ބައިވެރިވުމެވެ. މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް "އަންހެނުންގެ ސައްލާ" ފަދަ މަންސަތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކޮށް، އަންހެނުންނަށް ޚާއްޞަ ވިޔަފާރި ތަމްރީނުތަކާއި އޮންލައިން މާކެޓިންގ ފުރުޞަތުތައް ވަނީ ފަހިކޮށްދީފައެވެ. މިއީ މުޅި އާއިލާ ބާރުވެރިކޮށް، ރަށުގެ އިޖުތިމާޢީ ފޭރާން ވަރުގަދަކޮށްދޭ ކަމެކެވެ.

2018ވަނަ އަހަރު ހުޅުވުނު އެއަރުޕޯޓާއި، ބައިނަލްއަޤްވާމީ ބަނދަރާއި އަދި އާރް.ޓީ.އެލް ފެރީގެ ނިޒާމާ އެކު، ކުޅުދުއްފުށި މިއަދު މި ވަނީ މުޅި ދުނިޔެއާ ގުޅިފައެވެ. މި ސިޓީގެ މިއަދުގެ މިސްރާބު ހުރީ އުޖާލާ މާދަމާއަކަށެވެ. ތާރީޚަށް އިޙުތިރާމްކުރަމުން، ޒަމާނީ ވަސީލަތްތަކާ އެކު އިޤްތިޞާދު ވަރުގަދަކޮށް، ތިމާވެށި ހިމާޔަތްކޮށް، އަދި ހުރިހައި ރައްޔިތުންނަށް ހަމަހަމަ ފުރުޞަތު އޮތް މުޖުތަމައެއް ބިނާކުރުމަކީ ކުޅުދުއްފުށީގެ އަސްލު ތަޞައްވުރެވެ. އެހެންކަމުން ކުޅުދުއްފުށި ސިޓީއަކީ ހަގީގަތުގައިވެސް އުންމީދުން ފުރިގެންވާ، [ފުރުސަތުތަކުގެ ސިޓީ]އެކެވެ.

ކުޅުދުއްފުށި ސިޓީއަށް ހުރިހައި ވެސް ކާމިޔާބީއަކަށް އެދެމެވެ.

(ފޮޓޯ ކްރެޑިޓް: ކުޅުދުއްފުށި ސިޓީ ކައުންސިލް، އަދި ހައުސިންގ މިނިސްޓްރީ (ހައުސިންގ މަޝްރޫޢުގެ ބިންގާ އެޅި ފޮޓޯ އެކަނި))

 

ބައެއް ލަފުޒުގެ މާނަ:

ހަބު       ނ.    (1) މަރުކަޒު. (2) ވަށައިގެން އެނބުރޭ އެއްޗެއް ހިފެހެއްޓުމަށް ޓަކައި މެދުގައި ހަރުކޮށްފައި ހުންނަ އެތި. hub

ބަހާ       ނ.          (1) ބައި. (2) ގެލަހަރު. (3) ކަމާނުވާބަސް.

ވުނޭރު      ނ.    ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސަ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވާ މީހާ. investor

ވުނަކުރުން   މ.         ފައިދާ ނުވަތަ މަންފާ ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސަ ޚަރަދުކުރާ ނުވަތަ މުދަލަކަށް ހޭދަކުރާ ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން.   invest        

ކޮމެންޓު
ކޮމެންޓުތައް
ޔާ
3 އޭޕްރިލް 2026 16:04
ތީ ހަމަ މިހާރުގެ ކައުންސިލުގެ މޮޅުކަން. ތަފާތު ޓީމެއް