ad_banner
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހަކު ބާއްވާންޖެހޭ ސަބަބު

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

3 އޭޕްރިލް 2026

ދިވެހިރާއްޖޭގެ ދީމުޤުރާތީ ޙަޔާތް މިއަދު މި ވަނީ ވަރަށް މުހިންމު ހުރަހެއްގެ ކުރިމަތީގައެވެ. ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ގޮތެއް ނިންމުމަށް ޓަކައި ފެންނަ/ނުފެންނަ ވޯޓަކަށް ތައްޔާރުވެފައިވާ އިރު، މި ބަހުސްގައި އާންމުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުން އުފެދިފައެވެ. ވިސްނުން ދެކަފިވެފައެވެ. މި ބަދަލާ ދެކޮޅު ހަދާ ފަރާތްތަކުން ބުނާ ގޮތުގައި، ދެ އިންތިޚާބު ދެމެދު އޮންނަ ހަ މަސްދުވަހުގެ ފަރަގަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް އޮތް މުހިންމު "ޗެކް"އެކެވެ. ނަމަވެސް، ނަޒަރީ ގޮތުން މި ވާހަކަ ކިތަންމެ ރަނގަޅުކަމަށް ބަޔަކަށް ފެނުނަސް، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ހަގީގަތްތަކަށް ބަލާ އިރު، މަންޒަރު ފެންނަނީ މިއާ މުޅީން ތަފާތުކޮށެވެ.

ދެ އިންތިޚާބު ދެމެދު އޮންނަ ހަ މަސްދުވަހުގެ މުއްދަތުގެ ސަބަބުން ޖަވާބުދާރީވުން އިތުރުވާކަމަށް ބުނާ ބުނުމަކީ، ގިނަ ގޮތްގޮތުން ބަލާ އިރު، ހަގީގަތާ ދުރު ވާހަކައެކެވެ. އެންމެ ފަހުން ބޭއްވި އިންތިޚާބުތަކަށް ބަލައިލުމުން މި ކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. ރިޔާސީ އިންތިޚާބު ކާމިޔާބުކުރި ޕާޓީއިން އޭގެ ހަ މަސް ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި ވަނީ ތަނަވަސް އަޣުލަބިއްޔަތެއް ހޯދައިފައެވެ. ސުޕަރ މެޖޯރިޓީ ހޯދައިފައެވެ. މީގެ އިތުރަށް، ކުރީގެ ސަރުކާރުގެ ޓިކެޓުގައި އިންތިޚާބުވި ބައެއް މެންބަރުން، އާ ސަރުކާރު އައުމާ އެކު ފިކުރު ބަދަލުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އޭގެ ކުރީން ބޭއްވި ދެ އިންތިޚާބުގައި ވެސް ކަންތައް ދިމާވެފައި އޮތީ ހަމަ އެހެންނެވެ. މިއިން އެނގެނީ ރާއްޖޭގައި ސިޔާސީ ވަފާތެރިކަން އޮތް ގޮތުން، ވަކިވަކީން އިންތިޚާބު ބޭއްވުމުން ނުކުންނާނެކަމަށް ބުނާ "އިސްލާހީ ނަތީޖާ"އަކީ ހަމައެކަނި ހީއެއްކަމެވެ. ހަގީގަތަކީ، އާންމުކޮށް ވެރިކަމަށް އަންނަ ޕާޓީއަކަށް މަޖިލިސް އިންތިޚާބުގައި ވެސް ބޮޑު ތަރުހީބެއް ލިބެމުން އަންނަކަމެވެ.

އަނެއްކޮޅުން، ހަ މަސްދުވަހުގެ ތަފާތުގައި ދެ އިންތިޚާބު ބޭއްވުމަކީ ދިވެހިރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް އުފުލޭ ވަރުގެ ބުރައެއް ނޫނެވެ. ކޮންމެ މަޖިލިސް އިންތިޚާބަކަށް ދައުލަތުން ސަތޭކަ ވަރަކަށް މިލިއަން ރުފިޔާ ޚަރަދުކުރާންޖެހެއެވެ. ލޮޖިސްޓިކްސްއާއި ސަލާމަތީ ކަންކަމާއި އޮފިޝަލުންނަށް ކުރާ ޚަރަދުތައް މީގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރަށް، ކެންޑިޑޭޓުންނާއި ޕާޓީތަކުން ކެންޕޭނާއި މީޑިއާގެ ކަންކަމަށް އަމިއްލަ ޖީބުން އެތައް މިލިއަނެއް ހޭދަކުރެއެވެ. ދެ އިންތިޚާބު ވަކިވަކީން ބޭއްވުމުން މި ހުރިހައި ޚަރަދެއް ދެގުނަވެ، ދައުލަތުގެ ބަޖެޓަށާއި އަމިއްލަ ފަރާތްތަކުގެ މާލީ ތަނަވަސްކަމަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރެއެވެ.

އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ލިބޭނެ ފައިދާތައް ވަރަށް ސާފެވެ. ވޯޓުލާ މަރުކަޒުތަކުގެ އިންތިޒާމުތަކާއި، ކެންޕޭނު ހަރަކާތްތަކާއި މީޑިއާ ކަވަރޭޖް އެއްކޮށްލުމުން ޚަރަދުތައް ވަރަށް ބޮޑަށް ކުޑަވާނެއެވެ. މި ކަމުގެ ސަބަބުން ސިޔާސީ ހަރަކާތްތަކަށް އެހީތެރިވާ ވިޔަފާރިވެރީންނާއި ސްޕޮންސަރުންނަށް އޮންނަ ބުރަ ލުއިވާނެއެވެ. ޖުމްލަ ގޮތެއްގައި ބަލާ އިރު، ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ދައުލަތަށާއި އަމިއްލަ ފަރާތްތަކަށް އެތައް މިލިއަން ރުފިޔާއެއް ސަލާމަތްކުރެވޭނެއެވެ. މިއީ ތަކުރާރުކޮށް ކުރާ ސިޔާސީ ކެންޕޭންތަކުގެ ބަދަލުގައި، ޤައުމުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ވުނަކުރެވޭނެ ފައިސާއެވެ.

ޚަރަދު ކުޑަވުމުގެ އިތުރަށް، އެއް ދުވަހަކު ވޯޓުލުމަކީ ރައްޔިތުންނަށް ލިބިފައިވާ އިޚުތިޔާރު ހަނިވާނެ ކަމެއްނޫނެވެ. ރައީސަކު ހޮވުމަށާއި ދާއިރާގެ މެންބަރަކު ހޮވުމަށް ވަކިވަކީން ވޯޓުލުމުގެ ފުރިހަމަ މިނިވަންކަން ރައްޔިތުންނަށް އޮންނާނެއެވެ. އަދި ސަރުކާރުގެ ނުފޫޒެއް ނެތި، ވޯޓުލުމުގެ ފުރިހަމަ މިނިވަންކަން ދުނިޔޭގެ ކުރިއަރައިފައިވާ ގައުމުތަކުގައި ވެސް "ސްޕްލިޓް ވޯޓިންގ" ނުވަތަ ދެ އިންތިޚާބުގައި ދެ ޕާޓީއަކަށް ވޯޓުލުމަކީ އާންމު ކަމެކެވެ. އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން ބަދަލުވަނީ ވޯޓުލުމުގެ ނިޒާމުގެ ހަލުވިކަމެވެ. މީގެ ސަބަބުން އިންތިޚާބުތަކާ ގުޅިގެން އާންމު ދިރިއުޅުމަށް އަންނަ މެދުކެނޑުންތަކާއި "އިންތިޚާބީ ވަރުބަލިކަން" (voter fatigue) ކުޑަވާނެއެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރު ވެސް މިއީ ވަރުގަދަ ހުއްޖަތެކެވެ. އިންތިޚާބުތަކަކީ ހަމައެކަނި ވޯޓުލުމެއް ނޫނެވެ. ކެންޕޭނު ދުވަސްވަރު ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުން މަޑުޖެހި، މަޝްރޫޢުތަކަށް ހުރަސްއެޅި، ވިޔަފާރިތަކުގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރެއެވެ. ފަތުރުވެރިކަމާއި ވިޔަފާރިއަށް ބަރޯސާވެފައިވާ ކުޑަ ޖަޒީރާ ޤައުމަކަށް މި ފަދަ މެދުކެނޑުންތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހެއެވެ. އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމުން، އިންތިޚާބަށް ފަހު އަންނަ ސަރުކާރަކަށް ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަރައްޤީގެ މަސައްކަތްތަކަށް ފުރިހަމައަށް ސަމާލުކަން ދިނުމުގެ ފުރުޞަތު ލިބޭނެއެވެ.

އެންމެ މުހިންމު ކަމަކީ، އިޖުރާއީ ކަންކަމަށް ވުރެ ބޮޑަށް ހިންގުމުގެ ފެންވަރު ރަނގަޅުކުރާން އިސްކަންދިނުމެވެ. ނަޒަރީ ގޮތުން "ޗެކްސް އެންޑް ބެލެންސަސް" މުހިންމުވި ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުގައި މީގެ ފައިދާ ފެންނަނީ ވަރަށް ކުޑަކޮށެވެ. ޤައުމުގެ ކުރިއެރުން ބިނާވެފައިވަނީ އިންތިޚާބު ބާއްވާ ތާރީޚަކަށް ނޫނެވެ. އޭގެ ބަދަލުގައި، އެއީ ޤާބިލު އަދި ޒިންމާދާރު ވެރިކަމެއްގެ މައްޗަށެވެ. ހޭލުންތެރި ރައްޔިތުންނަށް އެއް ދުވަހެއްގައި ބާއްވާ ތަފާތު އިންތިޚާބުތަކުގައި ބުއްދިވެރި ނިންމުންތައް ނިންމުމުގެ ފުރިހަމަ ޤާބިލުކަން ލިބިގެންވެއެވެ.

ނިންމައިލަމުން ދަންނަވާނީ، ރާއްޖޭގެ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ހިންގުން ހަރުދަނާކުރުމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. ހަ މަސްދުވަހުގެ ފަރަގު ބޭއްވުމަށް ދައްކާ ހުއްޖަތްތަކަކީ ރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ ހަގީގަތްތަކާ ބައްދަލުވާ ވާހަކަތަކެއް ނޫނެވެ. އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ވޯޓުލާ މީހާގެ ޙައްޤުތައް ރައްކާތެރިކޮށްދީ، ހަމައެއާ އެކު ޤައުމުގެ ވަގުތާއި ފައިސާ، ތަރައްޤީއަށް ޓަކައި ސަލާމަތްކޮށްދޭނެ ކަމެކެވެ. ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް މިއީ މިއަދު ކޮންމެހެން ބޭނުންތެރި ބަދަލެކެވެ. ޤައުމުގެ ތަރައްގީއާއި ކުރިއެރުމާއި ހަމަޖެހުމަށް ޓަކައި މި ބަދަލަށް ހެޔޮ ވިސްނޭ އެންމެން [އާނއެކޭ] ބުނާންޖެހެއެވެ.

ކޮމެންޓު
ކޮމެންޓުތައް
ޝުކުރިއްޔާ
5 އޭޕްރިލް 2026 06:22
ރައްޔިތުން އެ ގޮތް ގަބޫލެއް ނުކުރި. މިއީ މިއަދުގެ ޙަޤީޤަތަކީ. ވަރަށް ވެދުން.
ސަމީރު
3 އޭޕްރިލް 2026 00:59
ވަރަށް ސާފު. ޝުކުރިއްޔާ