އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 އޭޕްރިލް 2026
ޙަނީފު ޒާހިރު
އެކުގައި މަސައްކަތެއްކުރާންވެގެން 10 ވަރަކަށް އެކުވެރީން ފެށި މުހިންމު މަސައްކަތެއް ކާމިޔާބުކަމާ އެކު، ނިންމައިލެވުމުން އެ އެކުވެރިކަން ހީނަރުކުރާކަށް އެ އެކުވެރީން ބޭނުމެއްނުވިއެވެ. މުޖުތަމަޢަށް ފައިދާ ހުރި މަސައްކަތެއްކުރުމަށް ޓަކައި [ގްރޫޕް 10]ގެ ނަމުގައި ހިތްވަރާ އެކު، އަލުން މަސައްކަތް ފެށީއެވެ. އެއީ 2021ވަނަ އަހަރުގެ ތެރޭގައެވެ. މި ގްރޫޕުން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ [ޤުރުއާން ފޯވަހީ]ގެ ނަމުގައި ދަރިވަރުން ޤުރުއާނާ އަހުލުވެރިކުރުމަށް ޓަކައި ފެށި މުހިންމު މަސައްކަތެކެވެ.
ފަހުން ރަމަޟާން މަހު ތިން ދިހައަށް އަމާޒުކޮށް [ތިން ދިހައެއް]ގެ ނަމުގައި މި ޙަރަކާތް ފުޅާކުރިއެވެ. މި ޙަރަކާތުގެ ދަށުން ރަމަޟާން މަހު ކޮންމެ ދިހައަކަށް ޤުރުއާނުން ވަކި މިންވަރެއް ކިޔަވާން، އެ ޙަރަކާތުގައި ބައިވެރިވި ދަރިވަރުންނަށް ޙަވާލުކުރިއެވެ. އެ ކުދީންނާ ޙަވާލުކުރާ މަސައްކަތް ބަރާބަރަށް ފުރިހަމަކުރޭތޯ މުރާގިބުކުރާން ޙަވާލުކުރީ ބެލެނިވެރީންނާއެވެ. ފުރަތަމަ އަހަރު ބައިވެރިވީ 70 ދަރިވަރުންނެވެ.
[ތިން ދިހައެއް]ގެ މަސްއޫލުވެރީން، ދަރިވަރުންގެ މި ޙަރަކާތް ވަރަށް ގާތުން މުރާގިބުކޮށް އެ ކަމާކެމި ފުރިހަމަކުރާ ކޮންމެ ދަރިވަރަކަށް އައްޑަނައަކާއި ހަދިޔާ [ޕެކެއް] އިނާމެއްގެ ގޮތުގައި ދެއެވެ.

[ދިން ދިހައެއް]ގެ މަސްއޫލުވެރީން ޖަމުޢިއްޔާއެއް ރަޖިސްޓަރީކޮށް އެ ޖަމުޢީއްޔާގެ ދަށުން [ގާފަރު ފިޔުޗަރ އެކެޑަމީ]ގެ ނަމުގައި އެކެޑަމީއެއް ރަޖިސްޓަރީކޮށް، ޙަރަކާތްތައް ފުޅާކުރިއެވެ. ޤުރުއާނުގެ ޢިލްމާއި ފަންނު ކުރިއަރުވާން މަސައްކަތް ކުރުމުގެ އިތުރަށް ދަރިވަރުންނަށް ފުޓުބޯޅައާއި ހޭންޑްބޯޅަ ކުޅޭން ކޯޗުކޮށްދީ މި ދެކުޅިވަރަށް ދަރިވަރުން ހުނަރުވެރިކުރުވިއެވެ. އަންހެންކުދީންނަށް ހޭންޑް ބޯޅައެވެ. ފިރިހެންކުދީންނަށް ފުޓުބޯޅައެވެ. މި ޙަރަކާތުގައި 200އަށް ވުރެ ގިނަ ދަރިވަރުން މިހާރު ބައިވެރިވެ އެކެޑަމީގެ ޚިދުމަތް ހޯދަމުން ގެންދެއެވެ.
ގާފަރު ފިޔުޗަރ އެކެޑަމީއިން ކުޅިވަރުގެ ޙަރަކާތްތައް ފެށީ ޤުރުއާނަށް ދޭ ސަމާލުކަން އިތުރުކުރުމާ އެކުގައެވެ. މި ކަމުގެ ސަބަބުން މި އަހަރު ރަމަޟާން މަހު މި ޙަރަކާތުގައި 240އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެ މި ކަމާކެމި ފުރިހަމަކޮށްފައެވެ. ރަމަޟާން މަހުގެ މި ޙަރަކާތަށް ވަނީ މި އަހަރު އިތުރު ބައިތަކެއް އިތުރުކޮށްފައެވެ. އެއީ ކޮންމެ ރެޔަކު ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރުމާއި ފަރުޟު ފަސް ނަމާދު ވެސް ޖަމާޢަތުގައިކުރުމެވެ.

ގާފަރު ފިޔުޗަރ އެކެޑަމީގެ ފަރާތުން މި އަހަރު ހިންގި [ތިން ދިހަ ޤުރުއާން ފޯވަހީ]ގެ އިނާމުދިނުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ މަޝްހޫރު ދީނީ ޢީލްމުވެރިއެއްކަމަށްވާ އައްޝައިޚު އިބްރާހީމް އަޙުމަދެވެ. މި ޙަރަކާތް ފުރިހަމަކުރާ ދަރިވަރުންގެ ތެރެއިން ގުޢަތުން ނެގޭ އެއް ކުއްޖަކަށް ކުރިމަގުގައި ޢުމްރާ ދަތުރެއް އިނާމަކަށް ދޭން ވެސް ގާފަރު ފިޔުޗަރ އެކެޑަމީއިން ވަނީ ގަސްތުކޮށްފައެވެ.
މި މުހިންމު ޙަރަކާތް [ގާފަރު ފިޔުޗަރ އެކެޑަމީ]އިން ވަރަށް ފަހަކާ ޖެހެންދެން ހިންގައިފައިވަނީ އެކެޑަމީގެ މެންބަރުގެ އަމިއްލަ ޚަރަދުގައެވެ. ނަމަވެސް މިހާރު ކުޅިވަރު ކޯޗިންގއަށް ކޮންމެވެސް ވަރެއްގެ ފީއެއް ނަގާން ފެށުމާ އެކު، އެކެޑަމީގެ އިދާރީ މަސައްކަތްކުރާނެ ފައިސާ ލިބޭކަމަށް މި ޙަރަކާތުގެ އެންމެ އިސް މުއައްސިސް ޙަނީފު ޒާހިރު ވިދާޅުވިއެވެ. ޙަނީފު ވިދާޅުވީ މިއީ އޭނާގެ އެކަނި މަސައްކަތެއް ނޫންކަމަށާއި، [ގްރޫޕު 10]އިން މި ޙަރަކާތުގައި ބައިވެރިވި ހުރިހައި މެންބަރުންގެ މަސައްކަތްކަމަށެވެ. އެހެންކަމުން ދެ ގޮތެއް ނުވެ މި މަސައްކަތުގައި ދެމިތިބިކަމަށް ޓަކައި އެ ހުރިހައި މެންބަރުންނަށް ވެސް އޭނާ ޝުކުރުއަދާކުރެއްވިއެވެ.

މިއަދު އޭނާއަކީ ގާފަރު ކައުންސިލުގެ ނާއިބު ރައީސެވެ. އޭނާ ވިދާޅުވީ އޭނާ ނާއިބު ރައީސްކަމުގެ މަޤާމުގައި ނެތް ދުވަހެއް ދިމާވި ނަމަވެސް މުޖުތަމަޢަށް ޓަކައި ކުރައްވާ އެ މަސައްކަތަށް ހުއްޓުމެއް ނުގެންނަވާނެކަމަށެވެ.
[ގާފަރު ފިޔުޗަރ އެކެޑަމީ]ގެ އެންމެ މުހިންމު އެއް މަގުޞަދަކީ ދަރިވަރުން ޤުރުއާނަށް އަހުލުވެރިކުރުމަށް މި ފެއްޓެވި މަސައްކަތް ތަރައްގީވެ، މާ ލަސްތަކެއް ނުވެ، މުޅި އަތޮޅަށް ހުޅުވައިލައިގެން ހިންގާ ފުރިހަމަ ޤުރުއާން މުބާރާތެއް ގާފަރުގައި ބޭއްވުމުގެ ފުރުޞަތު ފަހިވުމެވެ. އަދި މި ޙަރަކާތުގެ ސަބަބުން ކީރިތި ޤުރުއާނުގެ ޢިލްމާއި ފަންނަށް އަހުލުވެރިވެފައިވާ މޮޅު ކުދީންތަކެއް އުފެދި އެ ކުދީންގެ ޚިދުމަތް ރަށާއި އަތޮޅާއި ޤައުމަށް ލިބުމެވެ.
[ގާފަރު ފިޔުޗަރ އެކެޑަމީ]އަށް ފަރަގު މީޑިއާއިން އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ.
ބައެއް ލަފުޒުގެ މާނަ
ކަމާކެމި ނ. ކަމެއްގައި އެކުލެވިގެންވާ ހުރިހައި ކަމެއް. programme
އެކެޑަމީ ނ. (1) ޚާއްޞަ ރޮނގަކުން ކިޔަވައިދޭ ނުވަތަ ތަމްރީނުދޭ ތަނެއް. (2) ފަންނެއް ނުވަތަ ބަހެއް ނުވަތަ ޢިލްމެއް ޙިމާޔަތްކޮށް ތަރައްގީކުރާން ޙަރަކާތްތެރިވާ ޖަމުޢިއްޔާއެއް ނުވަތަ މުއައްސަސާއެއް. (3) ވިދާރާ. academy
މުރާގިބުކުރުން މ. ޢަމަލީ ބައިވެރިވުމެއް ނެތި ކަމެއް ބަލައި ނުވަތަ މޮނިޓަރުކުރާކުރުން. monitor