އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
11 ޖުލައި 2026
ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 11ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އާބާދީ ދުވަސް (World Population Day) އެވެ. މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި، އާބާދީ އިތުރުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކާއި، އަދި އިންސާނީ ޙައްގުތަކާއި ދެމެހެއްޓެނިވި ތަރައްގީއާ ހުރި ގުޅުމަށް މީހުން ހޭލުންތެރިކުރުވުމެވެ. މި ދުވަސް ފާހަގަކުރާން ފެށުނީ 1987 ޖުލައި 11ގައި ދުނިޔޭގެ އާބާދީ ފަސް ބިލިއަނަށް އެރުމާ ގުޅިގެންނެވެ. އެއަށް ފަހު، 1989ވަނަ އަހަރު އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގުރާމް (UNDP) އިން ރަސްމީ ގޮތުން ކޮންމެ އަހަރަކު ވެސް މި ދުވަސް ފާހަގަކުރާން ނިންމިއެވެ.
2026ވަނަ އަހަރުގެ ދުނިޔޭގެ އާބާދީ ދުވަސް އައި އިރު، ދުނިޔޭގެ އާބާދީ ވަނީ 8.3 ބިލިއަނަށް ވުރެ މައްޗަށް އަރައިފައެވެ.
މި ދުވަސް ފާހަގަކުރުމުގެ ތެރޭގައި ކޮންމެ އަހަރަކަށް ވަކި ޝިޢާރެއް ކަނޑައަޅައެވެ. 2026ވަނަ އަހަރަށް ކަނޑައެޅި ޝިޢާރުގައި ޒުވާނުންނަށް ވަނީ ޚާއްސަ އިސްކަމެއް ދީފައެވެ.
އެކުވެރި ދައުލަތްތަކުގެ ޖަމުއިއްޔާ(UN) އާއި އދ.ގެ އާބާދީއާ ބެހޭ ޖަމުޢިއްޔާ (UNFPA) އިން މި އަހަރަށް ކަނޑައަޅައިފައިވާ ރަސްމީ ޝިޢާރަކީ: [ރިއަލައިޒިން ދަ ހޯޕުސް އެންޑު އެސްޕިރޭޝަންސް އޮފު ޔަންގު ޕީޕަލް –ޓުޑޭ އެންޑު ދަ ފިއުޗަރ]އެވެ. މި ޝިޢާރު ދިވެހިކުރާ ނަމަ، އަޅުގަނޑު ލިޔާނީ [މިއަދާއި މާދަމާއަށް ޓަކައި ޒުވާނުންގެ އުންމީދުތަކާއި ތަސައްވުރުތައް ހަގީގަތަކަށް ހެދުން] މިހެންނެވެ. ނަމަވެސް ރަސްމީ އިދާރާތަކުން މި ޝިޢާރު އެހެން ގޮތްގޮތަށް ތަރުޖަމާކޮށްފާނެއެވެ. އަޅުގަނޑު [މާދަމާ] މާނަކޮށްފައި އެ ވަނީ މުސްތަގުބަލަށެވެ.
މި ޝިޢާރުގެ ދަށުން މި އަހަރު އެންމެ ބޮޑު އިސްކަމެއް ދެނީ ޒުވާނުން ބާރުވެރިކުރުވުމަށާއި، އެ މީހުންގެ ތަޢުލީމާއި، ޞިއްޙަތާއި، އަދި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށެވެ. މުސްތަގުބަލު ބައްޓަންކުރުމުގައި ޒުވާނުންގެ ދައުރަށް ވަރަށް ބޮޑު ހިއްސާއެއް އޮންނާތީ، އެ މީހުންނަށް ވުނަކުރުމަކީ މުޅި މުޖުތަމަޢުގެ ކުރިއެރުމާ ގުޅިފައިވާ ކަމަކަށްވާތީއެވެ.
މިއަހަރުގެ މައިގަނޑު ބޭނުންތަކާއި ހުރަސްތައް
އާބާދީ އިތުރުވަމުންދާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ފެންވަރުގައްޔާއި ރާއްޖެ ފަދަ ގައުމުތަކުގައި ވެސް ބަލާންޖެހޭ މުހިންމު ކަންތައްތަކެއް ހުރެއެވެ. އެއީ:-
· ޞިއްޙީ ފުރުސަތުތައް ފަހިކޮށްދިނުން: އިތުރުވަމުން އަންނަ އާބާދީއާ ފައިހަމަކުރެވޭ ގޮތެއްގައި ޚާއްސަކޮށް ޒުވާނުންނާއި އަންހެނުންގެ މެދުގައި ދަރިމައިވަނިވި ޞިއްޙަތަށް ހޭލުންތެރިކަން އިތުރުކުރުމަކީ މުހިންމު ކަމެކެވެ. ދަރީން ހޯދާން ޖެހޭނީ ދަރީން ބޭނުންވެގެންކަން ވިސްނައިދޭން ޖެހެއެވެ. އަދި ދަރީންނަކީ އަޅުގަނޑުމެންނާ ޙަވާލުވާ ވަރަށް ބޮޑު އަމާނާތެއްކަމަށްވާތީ، އަދި އެ ކުދީންނަށް ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ހޯދައިދީ ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، ދިރިއުޅުމަށް ބޭނުންވާނޭ ޢިލްމާއި ހުނަރު އެ ކުދީންނަށް ލިއްބައިދޭންޖެހެއެވެ. މި ތަރުބިއްޔަތު ލިބިދެވޭނީ، ބަލިތަކުން ސަލާމަތްވާނޭ ގޮތްވެސް ދަސްކޮށްދީ، އެ ފަދަ މާހައުލެއް ތަނަވަސްކޮށްދީ، ބަލިވެއްޖެ ނަމަ، ބޭސްފަރުވާ ކުރެވޭނެ ވަސީލަތްތައް ވެސް ފަހިކޮށްދެވިގެންނެވެ. ކޮންމެ ގައުމެއްގައި ވެސް ސަރުކާރުތަކުން މި މަސައްކަތްކުރަމުން ގެންދާ އިރު، އަޅުގަނޑުމެން ކޮންމެ މީހެއްގެ ވެސް އިންފިރާދީ ޒިންމާއެއް މި ކަމުގައި ވެސް އެބަ އޮތްކަން ހަނދާންކުރާންޖެހޭނެއެވެ.
· ވަޒީފާގެ ފުރުސަތުތައް އުފެއްދުން: ކޮންމެ އަހަރަކު ގިނަ އަދަދެއްގެ ޒުވާނުން ތަޢުލީމީ ފުރާޅުގެ ދަށުން ނުކުމެވެ، އާންމު މުޖުތަމަޢަށް ނުކުންނަ އިރު، ގައުމަށް ބޭނުންވާ އެކި ދާއިރާތަކުން އެ މީހުންނަށް ފުރުސަތުތައް ފަހިކޮށްދެވޭންވާނެއެވެ. އަޅުގަނޑުމެންގެ ސަގާފަތާ ބީރައްޓެހި ގައުމަކުން ތައްޔާރުކުރާ މަންހަޖަކަށް އަޅުގަނޑުމެންގެ ދަރީންނަށް ތަޢުލީމުދެވޭ ނަމަ، މުޖުތަމަޢުގެ ބޭނުންތަކަށް ރިޢަޔަތްކޮށްގެން ގައުމަށް ބޭނުންވާ ހުރިހައި ދާއިރާއަކުން އެ ޒުވާނުންނަށް ފުރުސަތު ލިބުމަކީ އެކަށިގެންވާ ކަމެއްނޫނެވެ. އުފެއްދުންތެރި އީޖާދީ ދާއިރާތައް އިހުމާލުކޮށްލެވި ހަމައެކަނި [ހުދު ގިރުވާނުލީ] ވަޒީފާތަކަށް އެންމެން އުންމީދުކުރާ ނަމަ، ވަޒީފާގެ ފުރުސަތު ހަނިވާނެއެވެ. އަދި ގައުމީ އުފެއްދުންތައް ދަށްވާނެއެވެ. އެހެންކަމުން ދަރިވަރުންގެ ތަބީއީ ގާބިލުކަމަށް ރިޢާޔަތްކޮށް މަސައްކަތްތެރިކަމާއި އުފެއްދުންތެރިކަމުގެ ދާއިރާތަކަށް ޒުވާނުންނަށް އެންމެ ޅަފަތުއްސުރެ މަގުދައްކައިދީ އެކި ދާއިރާތަކުން ފުރުސަތު ފަހިކޮށްދެވޭންވާނެއެވެ.
· ދެމެހެއްޓެނިވި ތަރައްގީއާއި ތިމާވެށި: އާބާދީ އިތުރުވަމުންދާ ވަރަކަށް ކާބޯތަކެއްޗާއި، ފެނާއި، ހަކަތައަށް އޮންނަ މުހުތާދު އިތުރވާނެއެވެ. އެހެންކަމުން، ތިމާވެއްޓަށް ގެއްލުން ނުވާނެހެން އިސްރާފުނުވާނޭހެން ވަސީލަތްތައް ބޭނުންކުރާން އެންމެ ޅަފަތުއްސުރެ ދަރިވަރުންނަށް ދަސްކޮށްދީ އެ މަގަށް ތަރުބިޔަތުކުރެވޭންވާނެއެވެ. ތިމާވެށި ސާފުތާހިރުކަންމަތީ ރައްކާތެރިކަމާ އެކު ބޭއްވޭނީ މި ކަމުގައި އެންމެންގެ ޝާމިލުވުން އޮވެގެންނެވެ. އެހެންކަމުން މި ކަމަށް އެންމެ ޅަފަތުއްސުރެ ދަރިވަރުން ތަރުބިޔަތުކުރާންޖެހެއެވެ. މި ކަމުގައި އިސްކޫލުތަކެކޭ އެއް ފަދައިން ބެލެނިވެރީންނާއި ބަލަދުވެރީންގެ ދައުރު ވެސް ވަރަށް ބޮޑުކަން ހަނދާންކުރާން އެބަޖެހެއެވެ.
· މުޖުތަމަޢުގެ ހަމަހަމަކަން: ދިވެހިރާއްޖެއަކީ އަބަދު ވެސް އަންހެނަކަށްވީތީ އެއްވެސް ތަފާތުކުރުމެއް ނެތި ތަޢުލީމާއި ޞިއްހަތާއި ވަޒީފާގެ ހައްގުތަކާއި މާލީ، އިގުތިޞާދީ އަދި އެންމެހައި ފުރުސަތުތައް ފަހިކޮށްދެވިފައިވާ ގައުމެއް ނަމަވެސް، އަދިވެސް އިތުރަށް، އަންހެނުންނާއި ކުޑަކުދީންގެ ޙައްގުތައް ރައްކާތެރިކޮށް، ވަކި ޖިންސަކަށް ނުވަތަ ނިކަމެއްޗަކަށް ވީތީ ކުރާ ތަފާތުކުރުންހަމަ އެއް ގޮތަކަށް ވެސް ނެތްކަން އެންމެންނަށް ވެސް ޔަގީންވާން ޖެހޭނެއެވެ.
އާދޭހެވެ! 2026ވަނަ އަހަރުގެ ދުނިޔޭގެ އާބާދީ ދުވަހުން އަޅުގަނޑުމެންނަށް ހަނދާންކޮށްދެނީ އާބާދީގެ ހަމައެކަނި ޢަދަދަކަށް ބެލުމުގެ ބަދަލުގައި، ކޮންމެ އިންސާނެއްގެ، ޚާއްސަކޮށް ގައުމުގެ މުސްތަގުބަލުގެ ހަކަތަކަމުގައިވާ ޒުވާނުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާން ޖެހޭނެކަމެވެ.
އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ އިއްޔެ ލިޔުއްވި މަގާލެއްގައިވާ ފަދައިން [އިންސާނުންނަކީ ވިޔަ އަދަދުތަކެއް ނޫން]ކަން ގަބޫލުކުރާން އެބަޖެހެއެވެ. ގައުމެއް ކުރިއަރާނީ ޒުވާނުންގެ އުންމީދުތަކުގައި ކުލަޖެހިގެންނެވެ. އެ އުންމީދުތައް ހަގީގަތަކަށް ހަދައިދެވިގެންނެވެ. މި ކަން ކުރެވޭނީ ޒިންމާދާރު، ހުނަރުވެރި ގާބިލު، މުރާލި ޒުވާނުންތަކެއް އިސްކޫލުތަކުގެ ފުރާޅުގެ ދަށުން މުޖުތަމަޢަށް ނެރެވިގެންނެވެ.
ލަފުޒެއްގެ މާނަ
ވުނަކުރުން މ. ފައިދާއެއް ނުވަތަ މަންފާއެއް ނެރުމުގެ ނިޔަތުގައި މާލީ ނުވަތަ ވިޔަފާރީގެ ހަރަކާތަކަށް ފައިސާ ޚަރަދުކުރުން ނުވަތަ މުދަލަކަށް ހޭދަކުރުން ނުވަތަ އެ ފަދަ ކަމެއްގައި ހިއްސާވުން. invest