އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
27 މާރިޗް 2026
1987ވަނަ އަހަރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުން، އެންމެ ފުރަތަމަ، މީހުން ބިނާކުރެއްވުމުގެ ޚިދުމަތް ފެއްޓެވި ގދ. ތިނަދޫ ޕޭލް މުޙަންމަދު އަޖީބަކީ އާދަޔާ ޚިލާފު ހުނަރުވެރި ޚިދުމަތްތެރިއެކެވެ. ފަހުން އެ ސްކޫލުގެ އެސިސްޓެންޓް ސުޕަވައިޒަރުކަމާއި، ސުޕަވައިޒަރުކަމާއި އެސިސްޓެންޓް ހެޑްމާސްޓަރުކަމާއި ޑެޕިއުޓީ ޕްރިސްސިޕަލްކަމާއި، ތިނަދޫ ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލްކަމާއި ޕްރިންސިޕަލްކަމުގެ މަގާމު އަޖީބު ވަނީ އަދާކުރައްވައިފައެވެ. 2022ވަނަ އަހަރުން ފެށިގެން ޢަޖީބު ގެންދަވަނީ ތިނަދޫ އަބޫބަކުރު ސްކޫލުގެ ޕްރިންސިޕަލްކަމުގެ މުހިންމު މަގާމު އަދާކުރައްވަމުންނެވެ.
އަޖީބު މި ހުރިހައި ދުވަހު ޚިދުމަތްކުރައްވަމުން ގެންދަވަނީ، ޚިދުމަތަށް ބޭނުންވާ ހުރިހައި ތަޢުލީމަކާއި ތަމްރީނެއް ހޯދަވައިގެންނެވެ. ސާނަވީ ތަޢުލީމަށް ބަލާ އިރު، އެޑެކްސެލް އޯލެވެލް ސެޓުފިކެޓާއި ކޭމްބްރިޖްގެ ފަސްޓް ސެޓްފިކެޓް އިން އިންގްލިޝް ވެސް އޭނާ ވަނީ ޙާޞިލުކުރައްވައިފައެވެ. ތިނެވި ތަޢުލީމަށް ބަލާ އިރު، މެލޭޝިއާގެ އޯޕަން ޔުނިވަރސިޓީއިން ބެޗްލަރ އޮފް އެޖޫކޭޝަން (އެޖުކޭޝަނަލް އެޑްމިނިސްޓްރޭޝަން) ވިތު އޮނާރސް ޙާޞިލުކުރައްވައިފައިވެއެވެ. އަދި ފަހުން އޭނާ ވަނީ މާސްޓަރ އޮފް އެޑިއުކޭޝަން ވެސް ޙާޞިލުކުރައްވައިފައެވެ. 
ތަޢުލީމީ ގޮތުން އޭނާ ޙާޞިލުކުރެއްވި ދަރަޖަތައް ޙާޞިލުކުރެއްވުމުގެ ކުރީން އޭނާ ވަނީ ޕްރައިމަރީ ޓީޗިންގއާއި ޤާރީކޯސް ފަދަ ކޯސްތައް އެއްވަނަ ދަރަޖައިގައި ފުރިހަމަކުރައްވައިފައެވެ.
ފަރަގު މީހުން ކޮލަމަށް އަޖީބު ހޮވި ސަބަބަކީ މި ދެންނެވި ސެޓުފިކެޓުތައް ޙާޞިލުކުރައްވައި މި ދެންނެވި މަގާމުތައް އަދާކުރެއްވީތީކީއެއް ނޫނެވެ. [ފަރަގު މީހުން] ކޮލަމަށް އަޖީބު އިޚުތިޔާރު ކުރެވުނު މައިގަނޑު ސަބަބަކީ، އެއީ އާދަޔާ ޚިލާފު ވަޠަނީ ބޭފުޅަކަށް ވެފައި ދަރިވަރުންގެ ކުރިއެރުމަށް ޓަކައި އޭނާ ދެއްވި އިސްކަމުގެ ސަބަބުން އެކަންޏެއް ވެސް ނޫނެވެ. އެއީ ގިނަކާމު ހުނަރުވެރިއަކަށް (މަލްޓި ސްކިލްޑް ބޭފުޅަކަށް)ވާތީއެވެ. އަދި އެ ދާއިރާތަކުން ރަށާއި އަތޮޅަށް އޭނާ ކުރެއްވި ޚިދުމަތްތަކަކީ ފާހަގަނުކޮށް ދޫކޮށްލެވޭ ފަދަ ޚިދުމަތްތަކަކަށް ނުވާތީވެސްމެވެ.
ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި މުދައްރިސެއްގެ ގޮތުންނާއި ސުޕަވައިޒަރެއްގެ ޙައިސިއްޔަތުން އަދި އެސިސްޓެންޓް ހެޑްމާސްޓަރެއްގެ މަގާމުގައި މަސައްކަތްކުރައްވައި ސްކޫލުގެ ދަރިވަރުންނަށް ފޯރުކޮށްދެމުން އޭރު އައި ތަޢުލީމުގެ ފެންވަރު އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުކުރައްވައި، ރާއްޖެއިން ފާހަގަކޮށްލެވޭފަދަ ޢިލްމީ ގިނަ ދަރީންތަކެއް ޢަޖީބު ބިނާކުރެއްވިއެވެ. އަދި ޤައުމީ ފެންވަރުގެ ފުޓްބޯޅަ ކުޅުންތެރިންނާއި އެތުލީޓުންނާއި މޫސީގާރުންނާއި ލަވަކިޔުންތެރީންނާއި ޑޮކްޓަރުންނާއި ނަރުހުންނާއި ޕައިލެޓުންނާއި އިންޖިނޭރުން ދިވެހި ޤައުމީ ޚިދުމަތަށް އަޖީބު ނެރެދެއްވިއެވެ.

ތިނަދޫގައި ހުޅުވުނު ދެވަނަ ޕްރައިމަރީ ސްކޫލުކަމުގައިވާ ތިނަދޫ ސްކޫލް، ވަރަށް މަދު ވަސީލަތްތަކަކާ އެކު ފައްޓަވައި، އެކިއެކި ފަރާތްތަކުގެ ދީލަތި އެހީ ހޯއްދަވައިގެން އެ ސްކޫލަކީ ރާއްޖެގައި ހުރި އެންމެ ވަސީލަތްތައް މުއްސަނދި އެއް ސްކޫލަށް ޢަޖީބު ހެއްދެވިއެވެ. ހުރިހައި ކުލާސްރޫމްތައް އޭ.ސީކުރައްވައި، ކޮންމެ މުދައްރިސަކަށް މަސައްކަތްކުރައްވާނެ ފަސޭހަ ޖާގައެއް ތަނަވަސްކޮށްދެއްވައި ހައި ސްޕީޑް އިންޓަރނެޓް ލިބޭނެ ގޮތާއި ޒަމާނީ ކޮންޕިޔުޓަރު ނިޒާމެއް ގާއިމުކުރެއްވިއެވެ. ކުލާސްރޫމުތައް ކޮންޕިޔުޓަރާއި ސުމާޓު ޓީވީ ބޭނުންކޮށްގެން ކިޔަވައިދެވޭނެ އިންތިޒާމު ހަމަޖެއްސެވިއެވެ. ހަމައެއާ އެކު ދަރިވަރުންގެ އުނގެނުމާއި އުނގަންނައިދިނުމުގައި ބޭނުންކުރާނެ 30 ކޮންޕިޔުޓަރު ހިމެނޭ ކޮންޕިޔުޓަރު ލެބޯރެޓަރީއެއް (ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއްނުކުރައްވައި) ޤާއިމުކޮށްދެއްވައި ދަރިވަރުނަށް އުނގެނުމަށްޓަކައި ފަހި މާހައުލެއް ގާއިމުކޮށްދެއްވިއެވެ. ސްކޫލުގެ ޖަލްސާކުރާ މާލަމަށް ބޭނުންވާ ގޮނޑިއާއި ސައުންޑް ސިސްޓަމްތައް ދައުލަތުގެ ބަޖެޓުން ޚަރަދުނުކުރައްވައި ހޯއްދަވައި، ގިނަ ވަސީލަތްތަކެއް ތިނަދޫ ސްކޫލުގައި ގާއިމުކުރެއްވިއެވެ.
ތިނަދޫގައި ހުޅުވުނު ފުރަތަމަ ޕްރައިމަރީ ސްކޫލަކީ އަބޫބަކުރު ސްކޫލަށް ވެފައި ސްކޫލުގެ ވަސީލަތްތައް ބާވެ ވީރާނާ ވަމުންދާތީ އެ ސުކޫލަށް އިތުރު ތަރައްޤީ ބޭނުންވާކަމަށް ވިސްނިވަޑައިގެން މިނިސްޓްރީ އޮފް އެޑިއުކޭޝަނުގައި އަމިއްލަފުޅަށް އެދިވަޑައިގެން 2022ވަނަ އަހަރުގެ ދިރާސީ އަހަރު ޢަޖީބު ވަޒީފާ އަދާކުރައްވާން ފެއްޓެވީ އަބޫބަކުރު ސްކޫލުގައެވެ. ވޭތުވެދިޔަ ތިން އަހަރުގެ ކުރު މުއްދަތުގައި އަބޫބަކުރު ސްކޫލަށް އެކަށީގެންވާ ބޮޑު ބަދަލުތަކެއް ގެންނަވައި ދަރިވަރުންނާއި މުއައްޒަފުން ގަޔާވާ ފަދަ ސްކޫލަކަށް އެ ސުކޫލު ހައްދަވައިފައިވެއެވެ. ދަރިވަރުންނަށް ސާފު ބޯފެން ފަސޭހައި އިން ލިބޭނެ އިންތިޒާމް ހެޔޮ އެދޭ ފަރާތްތަކުގެ އެހީތެރިކަމާ އެކު ހަމަޖައްސަވައިފައިވެއެވެ. މުދައްރިސުންގެ ފާޚާނާތަކުގެ ފެނުގެ ނިޒާމުގެ މައްސަލަ ޙައްލުކުރައްވައި، ދަރިވަރުން ބޭނުންކުރާ ފާޚާނާތަކަށް ދިމާވި މައްސަލަތައް ވެސް ޙައްލުކުރެއްވިއެވެ. ސްކޫލުގެ ކުތުބުޚާނާ، ތިންވަނަބުރީގައި ހުރުމުގެ ސަބަބުން ވަރަށް ގިނަ ދަތިތަކެއް ދަރިވަރުންނަށް ކުރިމަތިވާތީ އެ މައްސަލަ ހައްލުކުރެއްވުމަށް ޓަކައި ކުތުބުޚާނާ އެންމެ ތިރީބުރިއަށް ބަދަލުކުރެއްވިއެވެ. އަދި އަބޫބަކުރު ސްކޫލް ގޯތިތެރޭގައި ފެންބޮޑުވަމުންދާތީ އެ މައްސަލަ ޙައްލުކުރެއްވުމަށް ޓަކައި އެ ތާނގައިRDC ގެ އެހީތެރިކަމާ އެކީގައި ރަނގަޅު ފެންވަރެއްގެ ވޯކްވޭއެއް ތައްޔާރުކޮށްދެއްވިއެވެ.
މުޙަންމަދު އަޖީބުގެ ހުނަރުވެރިކަމަށް ބަލާ އިރު، އެއީ ދިވެހިބަހަށް ޚާއްޞަ އިސްކަމެއްދެއްވާ، ދިވެހިބަހަށް ފާގަތި ބޭފުޅެއް ވެސް މެއެވެ. އަދި މި ފަދަ ފަންނީ އަދަބީ ދާއިރާތަކުން . . . އޭނާއަކީ މޮޅު ޅެންވެރިއެކެވެ. މޮޅަށް ލަވަވިދާޅުވާ ލަވަކިޔުންތެރިއެކެވެ. ހުނަރުވެރި ފަންނާނެކެވެ. ސްޓޭޖްތަކުގައި މޮޅު ހުށަހެޅުންތެރިއެވެ.
އަޖީބުގެ ޅެންވެރިކަން ހިފެހެއްޓިފައި އޮތީ ހަމައެކަނި އޭނާގެ ފަރުދީ ކަމެއްގެ ގޮތުގައެއް ނޫނެވެ. އޭނާގެ އަރިހުން އެކި މުނާސަބަތުތަކަށް، އެކި ކެންޕޭނުތަކަށް، ލަވަހައްދަވައިދެއްވާން ދެންނެވޭ އެއްވެސް ފަހަރަކު ނޫނެކޭ ވިދާޅުނުވެ، އެ ކަމަށް އިޖާބަދެއްވައި އެކި ލަވަތަކުގެ ޅެން ހައްދަވައިދެއްވުމަކީ އޭނާގެ އުފާފުޅެއްކަމަށް ހައްދަވައެވެ. ކިތަންމެ އަވަދިނެތިކޮށް އުޅުއްވިޔަސް މި ފަދަ ކަމަކަށް ދަންނަވައިލެވިއްޖެ ނަމަ، ނޫނެކޭ ވިދާޅުނުވެ އެ ކަން ކޮށްދެއްވާކަމަށް ތިނަދޫން އަޅުގަނޑު ވާހަކަދައްކައިލި އެންމެން ވެސް ބުނެއެވެ.
މި ހުރިހައި ޚިދުމަތްތަކެއް ކުރެއްވުމާ އެކު ވެސް ވޭތުވެ ދިޔަ 39 އަހަރުގެ ތެރޭގައި އޭނާ ވަނީ އިޖުތިމާޢި ދާއިރާގައި ވެސް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައެވެ. ތިނަދޫގައި 1990 ވަނަ އަހަރުން ފެށިގެން ހިނގަމުންދިޔަ ޒުވާނުންގެ ކްލަބުގެ ހިންގާ ކޮމެޓީގައި އިސް ދައުރެއް އަދާކުރައްވައި އިޖުތިމާޢީ ގޮތުން ތިނަދޫއަށް ހިލޭ ސާބަހަށް ގިނަގުނަ ޚިދުމަތްތަކެއް ޢަޖީބު ވަނީ އަދާކުރައްވައިފައެވެ. ފާހަގަކޮށްލެވޭ ބައެއް ކަންތައްތަކުގެ ތެރޭގައި، ތިނަދޫގެ ޖެޓީ ބޮޑުކުރުމަށްޓަކައި ގައު ތޮށްޓެއް ލެއްވުމާއި، ތިނަދޫގެ މަގުތައް ދިއްލުމަށް ޓަކައި މަގުބައްތި ޖެއްސެވުމާއި، ގިނަ ޒަމާންތަކަކަށް ދެމިހުންނާނެހެން ތިނަދޫގެ ހުރިހައި މަގެއްގައި ސިމެންތީން ނަންބޯޑު ހެއްދެވުމާއި، ތިނަދޫގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދެއްވުމަށް ޓަކައި ތިނަދޫގެ ހުރިހައި މިސްކިތްތަކުގެ ހަރިންމަ ތެރޭގައި ވާރޭފެން ރައްކާކުރާ ބިޔަ ތާނގީތަކެއް ސިމެންތީން ހެއްދެވުން ފާހަގަކޮށްލެވެއެވެ.
ތިނަދޫ ޒުވާނުންގެ ކްލަބުގެ ނަމުގައި ކްލަބެއް އުފައްދައި އެ ކްލަބުގެ މެންބަރުން މިލިވަޑައިގެން، މުނިފޫހިފިލުވުމުގެ ތަފާތު ޙަރަކާތްތައް ތިނަދުވާއި އަދި މުޅި ހުވަދު އަތޮޅާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަވައިފައި ވެއެވެ. ކަންރެހާ ސިނަމާގެ ނަމުގައި ސިނަމާއެއް ހިންގަވައި، އެ ދުވަސްވަރު ބޮލީވުޑަށް ނިކުންނަ ގިނަ ފިލްމުތައް މާލެއާ އެކުއެކީގައި ތިނަދޫގައި ދެއްކިފައި ވެއެވެ. އަދި ރާއްޖޭގެ ފިލްމު އިންޑަސްޓްރީގައި ނިކުންނަ ކޮންމެ ފިލްމެއް މާލެއާ އެއް ތާރީޚެއްގައި ތިނަދޫ ކަންރެހާ ސިނަމާގައި ދައްކަވައިފައި ވެއެވެ. މީގެއިތުރަށް ތިނަދޫ ފަންނާނުންގެ ގިނަ ޢަދަދެއްގެ ޝޯތައް، ޢަޖީބުގެ ބައިވެރިވެވަޑައިގަތުން އޮންނަ މި ސިނަމާގައި ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރަށް މިހައިތަނަށް ދިވެހިރާއްޖޭގައި ނިކުތް އެންމެ މަޝްހޫރު އެއް ފިލްމުކަމަށްވާ ފަތިސް ހަނދުވަރު އުފެއްދުމުގައި ތިނަދޫ ޒުވާނުންގެ ކްލަބުގެ މެންބަރުންނާ އެކު އެންމެ ކުރީ ސަފުގައި ޢަޖީބު މަސައްކަތްޕުޅުކުރެއްވިއެވެ. ފަތިސް ހަނދުވަރުގެ ގިނަ މަންޒަރުތައް ތިނަދޫގައި ނަގައިފައިވާ އިރު އެ ފިލްމުގައި ތިނަދޫގެ ގިނަ ފަންނާނުންނަށް އެކްޓުކުރުމުގެ ފުރުޞަތު ވެސް ހޯއްދަވައިދެއްވިއެވެ.
ޢަޖީބުގެ ޒުވާން ދުވަސްވަރު، ތިނަދޫގެ ޒުވާނުންނާ އެކު ގިނަ ކުޅިވަރުތަކެއްގައި ޙަރަކާތްތެރިވެވަޑައިގަތެވެ. މީގެ އިތުރަށް ތިނަދޫގެ ސުކޫލްތަކުގެ ދަރިވަރުންނާއި ޒުވާނުން ކުޅިވަރުގެ މައިދާނަށް ނެރުއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްޕުޅުތަކެއްކުރެއްވިއެވެ.
ތިނަދޫ ޒުވާނުންގެ ކްލަބުގައި އިސް ދައުރެއް އަދާކުރައްވައި އެ ކްލަބުގެ ފަރާތުން ތިނަދޫ ޒުވާނުންގެ ފުޓްބޯޅައާއި ވޮލީ ބޯޅައިގެ ހުނަރު ކުރިއެރުވުމަށް ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ހިންގެވިއެވެ. އެތުލެޓިކްސްގެ ރޮނގުން ތިނަދޫގެ ދަރިވަރުން މޮޅުކޮށް ކުރިއެރުވުމަށް ޓަކައި ދައުލަތުގެ ކަމާ ބެހޭ އިދާރާތަކާއި ބައިނަލްއަގުވާމީ ބައެއް ޖަމުޢިއްޔާތަކާ ގުޅިވަޑައިގެން އެ ފަރާތްތަކުން އެހީ ހޯއަދަވައިގެން ތިނަދޫން ގިނަ އެތުލީޓުންތަކެއް އުފެއްދެވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ ވެސް އަޖީބެވެ. މި މަސައްކަތުން އުފެއްދުނު ގިނަ އެތުލީޓުންތަކެއް ރާއްޖެއިން ބޭރުގައި ދިވެހި ގައުމު ތަމްސީލުކޮށްފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް އެތުލީޓުންނަކީ މިއަދު ރާއްޖޭގައި އެ ދާއިރާއިން ފާހަގަކޮށްލެވޭ މޮޅު ކޯޗުންނެވެ.
އަޖީބުގެ އަދާޔާ ޚިލާފު ހުނަރާއި ކުރެއްވި ޚިދުމަތްތަކުގެ ވާހަކަ ތަފުސީލުކޮށް ލިޔާން މި ފަދަ އިތުރު އެތައް ސަފުހާތަކަކަށް ބޭނުންވެއެވެ. އެހެންކަމުން ކުރުކޮށްލާން އެބަޖެހެއެވެ.
އާދޭހެވެ! މި ދެންނެވި ފަދަ ދާއިރާތަކުން ޚިދުމަތްކުރެއްވުމުގައި އޭނާގެ މުރާލިފުޅުކަމަކަށް ބަދަލެއް ނާދެއެވެ. އޭނާގެ ނަޒާޙަތްތެރިކަމާއި ކަށަވެތިކަމުގެ ސަބަބުން އޭނާއަކީ މުޖުތަމަޢުގައި އިޙުތިރާމް ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާއަށް ބޭނުންފުޅުވަނީ ޚިދުމަތްކުރެއްވުމުގެ ގިނަ ފުރުޞަތުތަކެވެ. އެ ފަދަ ފުރުޞަތުތައް ހޯއްދަވާން ވެސް އޭނާ އަބަދު ވެސް މަސައްކަތްޕުޅުކުރައްވައެވެ. ތިނަދޫގެ ތަޢުލީމީ މުޖުތަމަޢުން އެ ފުރުޞަތު އަބަދު ވެސް އޭނާއަށް ފަހިވުމަކީ އަޅުގަނޑުގެ އިޚުލާޞްތެރި ދުޢާއެވެ. އަދި މުޙަންމަދު އަޖީބާއި މި ފަދަ ޚިދުމަތްތެރީންގެ އިޚުލާޞްތެރި މަސައްކަތްތަކުގެ ސަބަބުން، ވަސީލަތްތައް ގިނަ ތިނަދޫއަކީ ކުރިމަގުގައި ރާއްޖޭގައި އެންމެ ބޮޑަށް ކުރިއަރައިފައިވާ ސިޓީގެ ގޮތުގައި ތިނަދޫ ރާއްޖެއިން ވިދައިލާނެކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.
އަޅުގަނޑަކީ ވެސް ތަޢުލީމީ ދާއިރާގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިފައިވާ މީހަކަށްވާތީ، އެ ދާއިރާގައި މަސައްކަތްކުރުމުގެ ބުރަކަން އިޙުސާސްކުރާކަށް އަޅުގަނޑަކަށް އުނދަގުލެއް ނޫނެވެ. ނަމަވެސް މި ހުރިހައި ދާއިރާއަކުން މިހައި ގިނަ ޚިދުމަތްތަކެއް މުޖުތަމަޢަށް ކޮށްދެވޭނެ ބޭފުޅުންނަކީ ގިނަ ބަޔެއް ނޫނެވެ. އެހެންކަމުން މުޙަންމަދު އަޖީބުގެ ޚިދުމަތްތަކުގައި އެހެން މީހުންނާ އަޅައި ބަލާ އިރު، ފަރަގުތަކެއް އެބަ ހުރިކަމަށް ގަބޫލުކުރާންޖެހެއެވެ. މިއަދު [ފަރަގު މީހުން] ކޮލަމުގައި އަޖީބުގެ ނަންފުޅު ހިމަނައިލާން ނިންމީ ސަބަބަކީ މިއީއެވެ.

ވަފާތެރި އަނބިކަނބަލަކާއި އުފަން ތިން ބޭފުޅުންނާ އެކު، އުފާވެރި ޙަޔާތެއް ވޭތުކުރައްވަމުން ގެންދަވާ މުޙަންމަދު އަޖީބަށް އަޅުގަނޑާއި ތިނަދޫގެ ރައްޔިތުން ވެސް އެދެނީ ހުރިހައި ވެސް ކާމިޔާބީއެކެވެ!