އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
21 ފެބްރުވަރީ 2026
ޓުރަންޕާއި ޚާމަނާއީ: އީރާނު ވެސް ރައްދު ޙަމަލާއަށް އޮތީ ތައްޔާރުގައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަކީ މީހަކު އިތުބާރުކުރާން ހެޔޮވާވަރުގެ މީހެއް ނޫނެވެ. ވަޔަށް އެނބުރޭ ވަހުތާނެއްހެން އޭނާގެ ޚިޔާލު އެބުރުނު ކަމަށް ވިޔަސް އޭނާގެ ހިތުގައި ފޮރުވައިފައި އޮންނަ ޔަހޫދީ ޚިޔާލު ހާމައެއްނުކުރެއެވެ.
އީރާނާ އެކު މަޝްވަރާތަކެއް ނަމެއްގައި ކުރިއަށް ގެންދަނީ އެމެރިކާއިން ދީފާނެ ނުރައްކާތެރި ޙަމަލައަކާ މެދު އީރާނުގެ ސަމާލުކަން ކުޑަކުރާންކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް އީރާނުން އެމެރިކާއާއި އިސްރާއީލަކަށް އިރުބާރެއް ނުކުރާނެއެވެ. އެހެންކަމުން އެމެރިކާއިން ދީފާނެ ޙަމަލައަކާ މެދު އީރާނަކުން ޣާފިލެއް ނުވާނެއެވެ.
އަނެއްކޮޅުން ޖާސޫސީ މަޢުލޫމާތު ބުނާ ގޮތުގައި މި ހަފުތާ ބަންދުގެ ތެރޭގައި އީރާނަށް ޙަމަލާދޭން ޓުރަންޕުވަނީ ރާވައިފައެވެ. އޭނާ އެ ކަމަށް ހުރީ ފެންބޮވައިގެންފައެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އީރާނުގެ ސިޔާދަތަށް އަރައިގަންނާން ޓުރަންޕު ހުރީ ކެތްމަދުވެފައެވެ.
މުޙައްލިލުން ހާމަކުރާ ގޮތުގައި، އެމެރިކާއިން ދޭން އުޅޭ މި ހަމަލާއަކީ ވަރަށް ބޮޑަށް ރޭވިފައިވާ، ހަލުވި އަދި ފުޅާ ދާއިރާއެއްގައި ދޭން ރާވައިފައިވާ ޙަމަލާއެކެވެ. ބޭރު ފުށުން މަޝްވަރާކުރާ ގޮތް ދެއްކި ނަމަވެސް، ޓުރަންޕުގެ ސަރުކާރުން ގެންދަނީ މެދުއިރުމަތީގައި ހަނގުރާމައިގެ ހުޅުގަނޑު ރޯކޮށް، އީރާނުގެ ސިޔާދަތަށް އަރައިގަންނާން ތައްޔާރުވަމުންނެވެ.
ޓުރަންޕު ދެވަނަ ފަހަރަށް ވެރިކަމަށް އައުމަށް ފަހު، އީރާނާ މެދު ގެންގުޅެމުންދާ ހަރުކަށި، ބޭއިންސާފު އަދި ޣައިރުގާނޫނީ ސިޔާސަތުތަކުގެ ސަބަބުން ދެގައުމުގެ ގުޅުން ވަނީ އިންތިހާއަށް ގޯސްވެފައެވެ. އިގުތިސާދީ ގޮތުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އީރާނަށް ގެއްލުންދެވޭން އޮތް ހުރިހައި ކަމެއް ކޮށް، ބިރުދެއްކުމުގެ އަމަލުތައް އެމެރިކާއިން ގެންދަނީ ތަކުރާރުކުރަމުންނެވެ. އެއީ އިސްރާއީލުގެ މަސްލަޙަތާއި އެ މީހުންގެ ރުހުން ހޯދުމަށް ޓަކައެވެ.
އަނެއްކޮޅުން އީރާނާ އެކު އެމެރިކާއިން ކުރާ ނުސީދާ މަޝްވަރާތައް މި ދިޔަ އަންގާރަ ދުވަހު ވެސް ޖެނީވާގައި ކުރިއަށް ދިޔަކަމަށް ބައިނަލްއަގުވާމީ މަސްދަރުތަކުން ޚަބަރު ލިބެއެވެ. ސާފު ޞަރީޙަ ގަރާރަކާ ހަމައަށް ވާސިލު ނުވެ، ދެ ގައުމުގެ މަންދޫބުން މަޝްވަރާތަކަށް ފަހު، ފުރައިގެން ދިޔަޔަސް ތިން ގަޑި ބައި އިރުގެ ދިގު މަޝްވަރާތަކެއް އެ މީހުން ކުރިކަމަށް ވެއެވެ. މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތް އީރާނުގެ އެންމެ އިސް މަންދޫބު ވިދާޅުވެފައިވަނީ [މަގުދައްކައިދެނިވި އަސާސްތަކުގެ މައްޗަށް ދެ ގައުމުން ވެސް އެއްބަސްވެފައިވާ]ކަމަށެވެ. ނަމަވެސް އެމެރިކާގެ މަންދޫބަކު ބުނެފައިވަނީ [މަޝްވަރާކުރުމަށް ޓަކައި އަދިވެސް ވަރަށް ބައިވަރު ތަފުސީލުތައް ބޭނުން]ވާކަމަށެވެ.
އީރާނުގެ ޙާލަތާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ޓަކައި އެމެރިކާ ސަރުކާރުގެ ސަލާމަތާ ބެހޭ އިސް އޮފިޝަލުން ބުދަދުވަހު ވައިޓުހައުސްގެ [ހާލަތާ ބެހޭ ކޮޓަރީ]ގައި ބައްދަލުކުރިކަމަށް މި ކަމާ ގުޅުން ހުރި މުވައްޒަފަކު ބަޔާންކޮށްފައިވެއެވެ. އެމެރިކާގެ ޚާއްޞަ މަންދޫބު އިސްޓީވު ވިޓުކޯފާއި؛ ޓުރަންޕުގެ ދަނބިދަރި، ޖަރެޑު ކުޝްނާރ؛ އީރާނާ އެކު ކުރިއަށް ދާ މަޝްވަރާތަކުގެ ތަފުސީލާއި އީރާނުގެ ޙާލަތާ ބެހޭ ތަފުސީލުތައް ޓުރަންޕަށް ވަނީ ދީފައެވެ.
މި ހަފުތާ ބަންދުގައި އީރާނަށް ޙަމަލާދިނުގެ ވާހަކަތައް ފެންމަތިވިޔަސް މި ދެންނެވި މަޝްވަރާތަކުގެ އަލީގައި ދަންނަވާންޖެހެނީ މި ހަފުތާބަންދުގައި އީރާނަށް ޙަމަލާދޭނެކަން އަދި ސާފުނުވާކަމަށެވެ. ޓުރަންޕަށް ވެސް އެ އުޅެނީ ގޮތެއް ނިންމާން އުނދަގޫވެގެންނެވެ. އޭނާ ބޭނުންވާނީ ގެއްލުން ކުޑަ، އަރުތަ ބޮޑު ކުއްލި ހަމަލާއެއް ދޭށެވެ. އެހެންކަމުން ޓުރަންޕަށް ގޮތެއް ނުނިންމިގެން އުޅެނީއެވެ. މި ކަމާ ބެހޭ މަސްދަރަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި [ޓުރަންޕު މި ކަމާ މެދު ވިސްނާން މާ ގިނަ ވަގުތު ބޭކާރުކުރަނީއެވެ.]
މި ނުރައްކާތެރި ރޭވުމާ އެކު، އީރާނުން ވަނީ އެގައުމުގެ ފުރިހަމަ އަސްކަރީ ގާބިލުކަން ދައްކައިލައި، ދިފާއީ ބާރުތައް އެންމެ މަތީ ދަރަޖައަށް ތައްޔާރުކޮށްފައެވެ. މި ނުރައްކާތެރި ދަނޑިވަޅުގައި އީރާނުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، އެމެރިކާގެ އެއްވެސް އުދުވާނީ ހަމަލާއަކަށް ފަސްޖެހުމެއް ނެތި ވަރުގަދަ ރައްދެއް ދޭނެކަމަށެވެ. އީރާނުގެ މިސައިލުގެ ބާރުތަކާއި އަސްކަރީ ގުރާބުތައް މިހާރު ވަނީ އެންމެ ކުރީ ސަފަށް ނެރެ، ގައުމުގެ ދިފާއުގައި ކޮންމެ ވަގުތެއްގައި ވެސް ރައްދު ހަމަލާ ދޭންތައްޔާރުވެފައެވެ.
މި ހަފުތާ ބަންދުގައި އީރަށް ޙަމަލާދޭން އެމެރިކާ އުޅުނަސް، ދިވެހިރާއްޖޭގެ ދެކުނުން އޮންނަ އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒު، ޑިއޭގޯ ގާސިއާ، އީރާނާ ދެކޮޅަށް ހަމަލާދިނުމުގައި ބޭނުންކުރުމުގެ ހުއްދަ އެމެރިކާއަށް ނުދޭން އިނގިރޭސިވިލާތުން ނިންމައިފައިވާކަމަށް "ދަ ޓައިމްސް" ނޫހުން ރިޕޯޓުކޮށްފައިވެއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުމަކީ މެދުއިރުމަތީގެ މަސްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށާއި، ބައިނަލްއަގުވާމީ ގާނޫނުތަކަށް އިހުތިރާމްކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ބެލެވެއެވެ. މީގެ ކުރިން އެމެރިކާއިން ވަނީ އެކިއެކި ހަނގުރާމަތަކުގައި ބޮންއަޅާ ބޯޓުފަހަރު ޖައްސައިއުދުއްސާން ޑިއޭގޯ ގާސިއާގެ އަސްކަރީ ވައިގެމަރުކަޒު ބޭނުންކޮށްފައެވެ.
އެމެރިކާއިން އީރާނަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އިނގިރޭސިވިލާތުން މިފަދަ ހުއްދައެއް ނުދިނުމަކީ އެމެރިކާގެ އަސްކަރީ ރޭވުންތަކަށް ކުރިމަތިވި ވަރަށް ބޮޑު ހުރަހެކެވެ. ޑިއޭގޯ ގާސިއާއަކީ އެމެރިކާގެ އަސްކަރީ ބާރު މުޅި އިންޑިއާ ކަނޑުގެ ސަރަހައްދަށް ފޯރުވުމަށް ބޭނުންކުރާ އެންމެ މުހިންމު އެއް މަރުކަޒެވެ.
މި ނިންމުމާއެކު، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާން އުޅޭ އުދުވާނީ ޙަމަލާތަކަށް ބައިނަލްއަގުވާމީ މައިދާނުގައި މާ ބޮޑު ތާއީދެއް ނެތްކަން ހާމަވެއެވެ. އަދި މިއީ އެމެރިކާގެ ހަނގުރާމަވެރި ސިޔާސަތުތަކަށް އިނގިރޭސިވިލާތުން ދިން ނުސީދާ އިންޒާރެއްކަމަށް ވެސް މަސްރަހު ދިރާސާކުރާ މީހުން ބުނެއެވެ.
އިނގިރޭސިވިލާތް ނޫނަސް މުޅި ބައިނަލްއަގުވާމީ މުޖުތަމައުން ދަނީ އެމެރިކާގެ މި ނިންމުމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ޓުރަންޕުގެ މި އަމަލަކީ ދުނިޔޭގެ މަސްލަހަތު ނަގައިލައި، މުޅި ސަރަހައްދު ބޮޑު ހަނގުރާމައެއްގެ ތެރެއަށް ވައްޓައިލުމަށް ޓަކައި ހިންގާ ޖަރީމާއެކެވެ.
ނަމަވެސް ޓުރަންޕަކީ ޓުރަންޕެވެ. އެއީ މީހަކު ކިޔާ އެއްޗަކަށް މީހަކު ދޭ ލަފައަކަށް އިހުތިރާމުކުރާ މީހެއް ނޫނެވެ. އެހެންކަމުން ކުރިއަށް އޮތް 48 ގަޑި އިރަކީ ނޭވާ ހިފަހައްޓައިލާން ޖެހޭ ވަގުތުތަކެކެވެ. އެއީ މުޅި އިސްލާމީ އުންމަތަށާއި މެދުއިރުމަތީގެ ސަލާމަތަށް ޚާއްޞަކޮށް، އަދި ޢާންމުކޮށް މުޅި ދުނިޔޭގެ ސަލާމަތަށް ވެސް ނުހަނު ނާޒުކު ވަގުތުތަކެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. (ގިނަ މަޢުލޫމާތު: ސީއެންއެން/ފައިނޭންޝަލް ޓައިމްސް)