ad_banner
ބައިނަލްއަޤްވާމީ އަތްގަދަކުރުމާއި ޒަމާނީ ޢާލަމީ ނިޒާމު ރޫޅުން

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

11 ފެބްރުވަރީ 2026

އަދުގެ ދުނިޔޭގެ ހަގީގަތް

ޚާއްޞަކޮށް ނިކަމެތި ގައުމުތަކުގައި ނުވަތަ ތަރައްޤީވުމަށް މަސައްކަތްކުރާ ގައުމުތަކުގައި ދާޚިލީ ހަލަބޮލިކަން އިތުރުވުމާއި ރޭވިގެން ހިންގާ ހަރުކަށި ޢަމަލުތައް ފެތުރި ފުޅައުވުމާއި ވަޠަނީ ސިޔާދަތުގެ މަފުހޫމު ކަފާސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ނިޒާމުގެ ބިންގަލަށް ފުން ބަދަލުތަކެއް އަންނަމުންދާ ތަން ޒަމާނީ ދުނިޔެ ދަނީ ދެކެމުންނެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ - ޚާއްޞަކޮށް އެމެރިކާގެ - އަތްގަދަކުރުމުގެ ސިޔާސަތު އެއް ފަރާތްކޮށްގެން މި ބަދަލުތައް ދެނެއެއް ނުގަނެވޭނެއެވެ. އެމެރިކާގެ ވެރިކަމަށް ޑޮނަލްޑު ޓުރަންޕު ދެވަނަ ފަހަރަށް އިސްކުރުމާ ވިދިގެން  ވައިޓުހައުސްއިން ބައިނަލްއަޤްވާމީ ގުޅުންތައް މިސްރާބުކުރުވަމުންދަނީ އޭނާ ބޭނުންފުޅުވާ ފަރާތްފަރާތަށް އޮޑި ދުއްވައި ދީލައި ހޭރިޔާކުރަމުންނެވެ. އޭނާ މި ކަންކަން ކުރައްވަމުން ގެންދަވަނީ އެމެރިކާގެ ޢަސްކަރީ ބާރުތަކުން ދުނިޔެއަށް ބިރުދައްކަވައިގެން އެކަންޏެއްނޫނެވެ. މީގެ އިތުރަށް އެމެރިކާގެ ސިޔާސީ އިޤުތިޞާދީ ޤާނޫނީ އަދާތުތަކާއި ޚަބަރުފަތުރާ އެންމެހައި ވަސީލަތްތަކާއި މީސްމީޑިއާ ބޭނުންކުރައްވައިގެންނެވެ.

މިއަދު ގައުމުތަކާއި ދައުލަތްތައް ބޯލެންބުވުމަށް ބޭނުންކުރަނީ އިސްތިޢުމާރީ ޒަމާނުގައި ކުރި ފަދަ ހަނގުރާމަތަކެއްނޫނެވެ. މި ކަންކަން ބަދަލުކޮށްފައި މިވަނީ [ނުސީދާ ހަންފެތުރުން- ނުވަތަ އަތްގަދަކުރުން]އަށެވެ. މި ކަންކަން ކުރަނީ ގައުމުތަކުގެ އެތެރެ ގަނޑުބަޑުކޮށް ހަލަބޮލިކޮށްގެންނެވެ. ގައުތަކުގެ ރައްޔިތުންގެ ނަސްލުތަކާއި ވަންހަތަކުގެ މެދުގައި ފިތުނަފަސާދަ ރޯކޮށްގެންނެވެ. މަޒުހަބީ އަރާރުންތައް ފަތުރައިގެންނެވެ. ކުދިކުދި ނިކަމެތި އިޤްތިޞާދުތަކުގެ މަތީގައި ޤާއިމުވެފައިވާ ދައުލަތްތަކާ ނުބައްދަލު އަދި މި ގައުމުތަކުގެ އިޖުތިމާޢީ ސަޤާފީ ބިނާތަކާ އެއްފަސްނުވާ ސިޔާސީ އަދި އިޤުތިޞާދީ ނަމޫނާތަކަށް ތަބާވާން މަޖުބޫރުކޮށްގެންނެވެ. މި ކަމުގެ ސަބަބުން ދައުލަތް ބަދަލުވެގެންދަނީ އަރައިރުމާއި ކޯޅުންތަކުގެ މައިދާނަކަށެވެ. މިނިވަން މުސްތަޤިއްލު ގައުމަކަށް ނުވެއެވެ. ޢަދުލުއިންސާފު ޤާއިމުނުކުރެވިގެންނެވެ.

ރޯކުރަމުންދާ ފިތުނައިގެ ޖަޙީމުގެ އަލިފާންގަނޑުގެ ތެރޭގައި ޢާލަމީ ފެންވަރުގައި ސިޔާސީ އަދި އަޚްލާޤީ މަފްހޫމުތައް އަލުން ޢިބާރާތްކުރުމުގައި އެންމެ ވަރުގަދަ ދައުރެއް ކުޅެނީ އެމެރިކާއިންނެވެ. [ބަސްނާހާ ގައުމުތައް]އާއި [އިސްތިރާޖީ އެކުވެރިން] ކަނޑައަޅަނީ އެމެރިކާއިންނެވެ. [އިންސާނިއްޔަތަށް] ޓަކައި ޢަސްކަރީ ބާރު ބޭނުންކޮށްގެން ގައުމުތަކަށް އަރައިގަންނަންވީ ވަގުތާއި ތަން ކަނޑައަޅަނީ އެމެރިކާއިންނެވެ. ގައުމީ ސިޔާދަތު ދިފާޢުކުރުމަށް މަސައްކަތްކުރުމަކީ [ބައިނަލްއަޤްވާމީ ސަލާމަތު]އަށް  ނުރައްކާތެރި ކަމެއް ކަން ކަނޑައަޅަނީ އެމެރިކާއިންނެވެ. މި ގޮތަށް މަފުހޫމުތަކާ ކުޅެ އޮޅުވައިލުމުގެ ސަބަބުން، ޤަރާރުތައް ކަނޑައަޅައި ނިންމުންތައް ނިންމުމުގައި ބާރު އެންމެ ފަރާތަކަށް މެނުވީ ލިބިގެންނުވާކަމުގެ ޢާލަމީ ނިޒާމެއް މިއަދު ދަނީ އުފެދެމުންނެވެ. އެ ފަރާތުން ބޭނުންވާ ގޮތަކަށް މެނުވީ މައްސަލަތައް  ޙައްލެއްނުކުރެވޭނެތެވެ. އަރައިރުންތައް ޙައްލުކޮށްދިނުމުގެ ބަދަލުގައި އަރައިރުންތައް ދަނީ އިތުރުކުރަމުންނެވެ. ޢަދްލުއިންސާފު ޤާއިމުކުރުމުގެ ބަދަލުގައި އެ ކަން ދާނީ ފަސްކުރަމުންނެވެ.

ބައިނަލްއަޤްވާމީ ޞުލްޙަމަސަލަސްކަމާއި އަމަންއަމާންކަން ދުނިޔޭގައި ޤާއިމުކޮށް ދެމެހެއްޓުމަށް ޓަކައި ޤާއިމުކުރެވުނު އދ. ޖަމްޢިއްޔާގެ  ދެ އަތް ވަނީ ބަނދެ ކަސްތަޅު އަޅުވައިފައެވެ. ދެވަނަ ބޮޑުހަނގުރާމައަށް ފަހު ދުނިޔޭގައި ޤާއިމުވެގެން ދިޔަ ބާރުގެ ތިލަފަތްތަކުގެ ތަވާޒުނު މިއަދަކު ނެތެވެ. މި ޖަމުޢިއްޔާގެ އެންމެ ބާރުގަދަ އަދާތުކަމުގައިވާ ސަލާމަތީ މަޖިލިސް ވަނީ ވީޓޯގެ ބާރުގެ ސަބަބުން ވަކި ފަރާތަކަށް ނުޖެހޭ ވަސީތުގެ ދައުރު އަދާކުރުމަށް ނުކުޅެދިފައެވެ. މި މަޖިލިސް ބަދަލުވެފައިވަނީ ހަނުހުންނާންޖެހިފައިވާ ހެކިވެރިއަކަށެވެ. ނުވަތަ ހަންފެތުރުމުގެ ސިޔާސަތަށް ނުސީދާކޮށް ތާއީދުކުރާ ޤާނޫނުތަކާއި ޤަރާރުތައް ނެރޭ ތަނަކަށެވެ. މި ކަމުގެ ސަބަބުން ދުނިޔެ މި މަޖިލިހާ މެދު ކުރަމުން ދިޔަ އިތުބާރު ވަނީ ގެއްލިފައެވެ.

އަތްގަދަކުރުމުގެ ނުވަތަ ހަންފެތުރުގެ މި ސިޔާސަތުގެ މަލަތައް ފެންނަނީ ހަމައެކަނި މާއްދީ ޚަރާބަކުންނެއްނޫނެވެ. ނުވަތަ ޝިކާރަކުރެވިގެން ކަތިލެވިގެންދާ މީހުންގެ އަދަދަކުން ވެސް ނޫނެވެ. މީގެ އިތުރަށް މި ކަމުގެ ސަބަބުން ޖަމާޢަތުގެ ހަމަވިސްނުން ދެއުޅިއެއްނުވާ ތަން ވެސް ފެނެއެވެ. ބައިނަލްއަގުވާމީ ޤާނޫނު ތިމާ އަމިއްލައަށް ހޮވައި ނަގައި ބަޔެއްގެ މައްޗަށް ތަންފީޒުކުރާން ފެށުމުން ސިޔާސީ ގޮތުން ތިމާއަށް ނިސްބަތްވާ ބަޔަކަށް ނޫނީ ޢަދްލުއިންސާފެއް ނުލިބެތެވެ. ނަތީޖާއަކަށްވާނީ ކުރިމަގުގެ ޖީލުތަކަށް މި ބައިނަލްއަގުވާމީ ނިޒާމާ މެދު އިތުބާރު ގެއްލުމެވެ. އެންމެ ހިރާސް ބޮޑު ކަމަކަށް ވާނީ ދައުލަތުގެ މަފުހޫމު ގެއްލިގެންދާ ތަން އައުމެވެ. ނަތީޖާއަކަށް ވާނީ ގިޔަމުތަކާއި މީޔާރުތައް ގަނޑުބަޑުވުމެވެ. ހައްދުފަހަނަޅައި ދިޔުމަށާއި ހަރުކަށި ނިރުބަވެރި ޢަމަލުތަކަށް މަގު ތަނަވަސްވުމެވެ.

މި ގޮތަށް މި ރާސްތާގައި ކުރިއަށްދާ ނަމަ ބައިނަލްއަޤްވާމީ ނިޒާމު ވަރަށް ތައުގީދީ ނިޒާމަކަށް ބަދަލުވެގެން ހިނގައިދާނެއެވެ. ކުދިކުދި ދައުލަތްތަކުގެ ކަށިތައް ފީވެ ބިންދައިގެން ހިނގައިދާނެއެވެ. ދާދިވަރުކޮށް ކޮންޓުރޯލު ކުރާ އަރައިރުންތައް އިތުރުވެގެންދާނެއެވެ. ބައިނަލްއަޤްވާމީ އައު އަތުގުޅައިލުންތައް އުފެދޭނެއެވެ. އެހެނަސް މިއީ ޙިއްސާކުރާ ގިޔަމުތަކުގެ މަތީގައި ޤާއިމުކުރެވިގެންދާ އަތުގުޅައިލުންތަކަކަށް ނުވާނެއެވެ.

މުޙައްލިލުން ވިދާޅުވާ ގޮތުގައި މިއަދު ދުނިޔެ މި އޮތީ ވަރަށް ތާރީޚީ ހަތަރު އަނގޮޅިއެއްގެ މަތީގައެވެ. ޢަދުލުވެރި އަޚްލާޤީ ޤާނޫނީ އަސާސުތަކެއްގެ މަތީގައި ބައިނަލްއަޤްވާމީ ނިޒާމު އަލުން ބިނާކުރުމެވެ. ނުވަތަ މިއަދު ދެކެމުންދާ [އަޑުގަދަ މީހާގެ ރުއް ގިނަވާ] ޖަންގަލި އުޞޫލުގެ އަނދަވަޅު ތެރެއަށް ވެއްޓެމުން ދިޔުމެވެ. ބާރުގަދަ ގައުމުތަކުން އެ ގައުމުތަކުގެ މަޞްލަޙަތާ އެއްގޮތަށް ނިކަމެތި ގައުމުތަކުގެ ގައިގައި ހަންމުށި އެޅުމެވެ.

މި ކައުނުގެ ޠަބީޢަތާ އެއް ގޮތަށް އެއްވެސް ޙާލަތެއްގައި ޢަދާލަތު މަރުވެގެނެއްނުދާނެއެވެ. މިހާރަށް ވުރެ މާ ބާރުގަދަކަމާ އެކު ޢަދާލަތު އަނބުރައި އަންނާނެތެވެ. އަބަދުވެސް މަރުވެގެންދާނީ ބާޠިލެވެ. މާތް ﷲ ވަޙިކުރެއްވިއެވެ. )إِنَّ ٱلْبَٰطِلَ كَانَ زَهُوقًا  - الإسراء : 81 - ހަމަކަށަވަރުން، باطلއަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ.(

 

ބައެއް ލަފުޒުގެ މާނަ:

ހިރާސް     ނ.    (1) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. (2) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (3) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު.risk

ނަސްލު     ނ.    (1) ދަރިކޮޅު. (2) ދަރިފަސްކޮޅު. (3) ދަރިންނާއި ދަރީންގެ ދަރި މިނިމިނީން.race

ނިޒާމު      ނ.    (1) އިންތިޒާމު. (2) ރޭވިފައިވާ ގޮތް. (3) ތަރުތީބު.

ރާސްތާ     ނ.    (1) މަގު. (2) ދުރުމިން.

އަދާތު      ނ.    (1) އާލަތް. tool (2) މަސައްކަތެއް ކުރަން ބޭނުންކުރާ ސާމާނު ނުވަތަ އާލާތް. tools

ޢަދާލަތު     ނ.    (1) ރަސްރަސްކަލުންނާއި ވެރިން އަދުލުއިންސާފުން ކަންތައް ހަމަޖައްސަވާ ހަމަޖެއްސެވުން. (2) ހަމަހަމަކަން. (3) އަދުލުވެރިކަން. justice

އިސްތިރާޖީ   ނއ.   މަގުސަދު ނުވަތަ ލަނޑުދަނޑި ހާސިލުކުރުމުގައި ރޭވުންތެރި ނުވަތަ ހިކުމަތްތެރި. strategy

ވަންހަ      ނ.    (1) ލޭގެ ގުޅުމުން ގުޅިފައިވާ ޖަމާއަތެއް. (2) ނަސްލު. (3) ދަރިކޮޅު. (4) ގަބީލާ. race

ވަސީތު      ނ.    (1) ދެ އުންސުރެއް ނުވަތަ ދެ ކީމިއެއް ގުޅި އެކުވުން އަވަސްކޮށްދޭ މާއްދާއެއް. (2) ކަމެއް ފެށުން އަވަސްކޮށްދޭ މީހެއް ނުވަތަ އަމަލެއް. catalyst

ވީޓޯ       ނ.    ކަމެއް ބާޠިލުކުރުމަށް ބަޔަކަށް ލިބިފައިވާ ނަހަމަ ބާރު

މަލަ       ނ.    ހަލުވި. އަވަސް. ދުރުން ފެންނަ ރަށެއްގެ ގަސްކަރަ.

މަފުހޫމު     ނ.    (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް. concept

މީސްމީޑިއާ   ނ.    ގިނަ ބައެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓަން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް. social media

މީޔާރު      ނ.    (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. އާންމު ހަމަ. standard

މުސްތަގިއްލު  ނ.    (1) އަމިއްލަކަން ލިބިގެންވާ. (2) އެއް ގޮތެއްގައި ދެމިހުންނަ.

ފިތުނަފަސާދަ  ނ.    ދެކޮޅުވެރިކަމާއި ހަމަނުޖެހުން.

ދާދިވަރު     ނ.    (1) މާއްދީ ހަގީގަތެއް ނެތި ސުމޭކު ވަސީލަތުން ހަގީގަތެއްގެ ގޮތުގައި ދައްކާ. (2) ހަގީގަތާ ވަރަށް ގާތް. virtual

ތައުގީދީ     ނއ.   ދޭހަކުރާން ނުވަތަ ދެނެގަންނާން އުނދަގޫ. އޮޅުންބޮޅުން ބޮޑު. complicated

ތަވާޒުނު     ނ.    ވަކި ކޮޅަކަށް ނުވަތަ ވަކި އަތަކަށް ބުރަނުވެ ހަމައަށް ހުންނަ ހުރުން ނުވަތަ އޮންނަ އޮތުން. balance

ތިލަފަތް     ނ.    ތަކެތި ވަޒަންހަމަކޮށް ކިރާން ބޭނުންކުރާ އާލަތެއް. މި ހުންނާނީ މެދުން އެލުވޭ ގޮތަށް ހުންނަ ދަނޑިއެއްގެ ދެކޮޅުގައި އެލުވައިފައި ހުންނަ ދެ ތަށި ލައިފައެވެ. ދަނޑީގެ މެދުގައި ކަށްޓެއް ހުންނާނެއެވެ.

ގަރާރު      ނ.    ކަމެއްވަކި ގޮތަކަށް ހަމަޖައްސާ ހަމަޖެއްސުން ނުވަތަ ކަނޑައެޅުން. declaration

ގަޑުބަޑު     ނ.    (1) އަސްލާއި އެހެން އެއްޗެއް އެކުވާ އެކުވުން. (2) ބައެއް ކަހަލަ އެއްޗެހިވާ ނުވަތަ ކުރާ ތަޣައްޔަރު.

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ސިޔާދަތު    ނ.    ބޭރުގެ ނުފޫޒެއް ނުފޯރާ އަމިއްލަ ވެރިކަން. souvarine

ކޮމެންޓު