ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
11 ފެބްރުވަރީ 2026
ޓުރަންޕާއި ޢިމްރާނު ޚާނު ފެންނަ ޚިޔާލީ މަންޒަރެއް
ޕާކިސްތާނުގެ ]ތަޙުރީކޭ އިންސާފު[ ޕާޓީގެ އިސްވާރު، އަދި ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާން މިއަދު ޖަލުގައި އޮންނެވީ ވައްކަންކުރައްވައިގެނެއް ނޫނެވެ. އޭނާ ދައުލަތުގެ ފައިސާއެއް ވަގަކަށް ނުނަންގަވައެވެ. އޭނާ ޖަލުގައި އޮންނެވީ، އޭނާގެ ޤައުމު، ހުޅަނގުން ބޭނުންވާ ގޮތަށް ވިއްކަވައިނުލެއްވީމައެވެ.
އެޕްސްޓައިން ފައިލްތައް ބުނާ ގޮތުގައި، އިމްރާން ޚާނަކީ އެމެރިކާއަށް އުރުދުޣާންއާއި، ޢަލީ ޚާމަނާއީއަށް ވުރެ މާނުރައްކާތެރި ބޭފުޅެކެވެ. ކީއްވެގެންތޯއެވެ؟ އެހެނީ، އުރުދުޣާން މަޝްވަރާ ކުރައްވައެވެ. ޚާމަނާއީ ފާޅުގައި ދެކޮޅުހައްދަވައެވެ. އެކަމަކު، އިމްރާން ޚާން ހުޅަނގުގެ ކުރިމަތީގައި ކުޑަކަކޫޖައްސަވާން ދެކޮޅުހެއްދެވިއެވެ.
އޭގެ އިތުރަށް، އެކުވެރި ދައުލަތްތަކުގެ މުނައްޒަމާގެ ކުރީގެ އޮފިޝަލެއްކަމަށްވާ ނަސްރާ ޙަސަން، ނޯވޭގެ ޑިޕްލޮމެޓް އަދި [އިންޓަރނޭޝަނަލް ޕީސް އިންސްޓިޓިއުޓު]ގެ އޭރުގެ ރައީސް، ތާރޖޭ ރޮޑް ލާރސަންއަށް 2013ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ފޮނުވައިފައިވާ އީމޭލެއްގައި ބަޔާންކޮށްފައިވެއެވެ. ހުޅަނގުގެ ތާއީދު އޮންނަ ޞިއްޙީ ޚިދުމަތްތަކެއް ތަޢާރަފުކޮށް، ޕާކިސްތާނުގައި ހުޅަނގުގެ ނުފޫޒު ފޯރުވޭނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުން، ނަސްރާ ހަސަން ވަނީ، ޢިމްރާން ޚާނަކީ [ލަންޑަން ސޮސައިޓީ ލަޔަން]އެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. މާނައަކީ، ޢިމްރާން ޚާނަކީ ހުޅަނގުގެ ޤައުމުތަކުގެ އިސްވާރުންނާއި، އަޝްރާފުންގެ މެދުގައި އިޖުތިމާޢީ ގޮތުން މަޤުބޫލު ބޭފުޅެއް ކަމުގައެވެ.
ޢިމްރާން ޚާން، ބޭރުގެ އަސްކަރީ މަރުކަޒުތަކަށް ނޫނެކޭ ވިދާޅުވިއެވެ. އެމެރިކާއިން ދުނިޔެ އިސްތިޢުމާރުކުރާން ކުރާ އަނިޔާވެރި ހަނގުރާމަތަކާ މެދު ސުވާލު އުފެއްދެވިއެވެ. އިސްލާމޯފޯބިއާއާއި ފަލަސްޠީނުގެ މިނިވަންކަމާއި، އިސްތިޤުލާލާ ބެހޭ ގޮތުން ދުނިޔޭގެ އެކި މަންސަތަކުގައި ވާހަކަފުޅުދެއްކެވިއެވެ. އޭނާ ޕްރޮކްސީ ޕޮލިޓިކްސްއެއް ނުކުޅުއްވަވައެވެ. އޭނާ ކޮންޓުރޯލެއްނުކުރެވެއެވެ. އެހެންކަމުން، ޢިމްރާން ޚާނަކީ އާދަޔާއި ޚިލާފަށް [ނުރައްކާތެރި] ޝަޚުޞިއްޔަތެކެވެ.
އެހެންވީމާ، ހުޅަނގުން ބޭނުންވާގޮތަށް އިސްވާރަކު ނުގަނެވޭ ހިނދު ކަންތައްތައް ވެގެންދަނީ ކިހިނެއް ތޯއެވެ؟ އެ ހިސާބުން، ފައިސާއާއި ނުފޫޒު ބޭނުންކޮށްގެން އެ މީހެއްގެ ވެރިކަން ބަދަލުކޮށްލެވެއެވެ. މީޑިއާއިން އެމީހާ ޝައިޠާނަކަށް ހަދައިލައެވެ. އަދި، ގާނޫނީ މަޅިތަކުގެ ތެރެއަށް އެ މީހަކު މަހައިލެވެއެވެ. އެއަށް ފަހު، އެމީހަކު ޖަލަށް ލެވެއެވެ. އެ މަގުން އެކަން ނުކުރެވިއްޖެ ނަމަ، އެ ޤައުމަކަށް ޙަމަލާދީ، އެ މީހެއްގެ ދުވަސް ދުއްވައިލެވެއެވެ. ފުރަތަމަ ބަލަނީ އެތެރޭގެ ބަޣާވާތަކުން އެމީހަކު ޖަލަށް ލެވޭތޯއެވެ. އެއަށްފަހު، ސިޔާސީ ކަންތައްތަކުން މުޅިން އެކަހެރި ކޮށްލެވެއެވެ.
2022ވަނަ އަހަރު، ޕާކިސްތާނުގައި ކުރެވުނު ބަޣާވާތަކީ، އެންމެންނަށް ވެސް އެނގޭ، އެކަމަކު، އެ ވާހަކަދައްކާން އެއްވެސް ބަޔަކު ބޭނުން ނުވާ ބަޣާވާތެކެވެ. 2022ވަނަ އަހަރުގެ އޭޕްރީލު މަހުގެ ބަޣާވާތަކީ، ވަރަށް ބޮޑަށް ރޭވިގެން ހިންގައިފައިވާ ޣައިރުދުސްތޫރީ ބަޣާވާތެކެވެ. އެއީ، ވޮޝިންޓަނާއި، އެމެރިކާއަށް ވަފާތެރި ނަވާޒު ޝަރީފުގެ ޢާއިލާއާއި، ބުއްޓޫ އަދި ޒަރުދާރީ ޢާއިލާ ގުޅިގެން ހިންގި މުޑުދާރު ޢަމަލެކެވެ. އޭގެ ފަހުން ތިން އަހަރު ވެގެން ދާއިރު، އިސްލާމްއާބާދުގައި އޮތީ ފާޅުކަން ބޮޑު ޚުދުމުޚުތާރު ވެރިކަމެކެވެ. ފާޅުކަން ބޮޑު ގޮތެއްގައި އިންތިޚާބުތައް އޮޅުވައިލުމާއި، ވާދަވެރި ސިޔާސީ ޕާޓީތައް ފުނޑުފުނޑުކޮށްލުމެވެ. ކުރީގެ ބޮޑުވަޒީރެއްގެ މައްޗަށް އަސްލެއް ނެތް ދަޢުވާއެއްކޮށް ނުޙައްޤު ހުކުމެއްގައި ޖަލުގައި ވަނީ ބަންދުކޮށްފައެވެ.
ދުނިޔޭގެ ތާރީޚަށް ބަލާއިރު، އެފަދަ ޝަޚުޞިއްޔަތުންނާ މެދު އެމެރިކާއާއި، ހުޅަނގުން ކަންތައްތައް ކުރި ގޮތް ކައިރީންނާއި ދުރުން ވަރަށް ސާފުކޮށް ފެންނާނެއެވެ. ޢިރާޤުގެ ކުރީގެ ރައީސް ޞައްދާމު ޙުސެއިނާއި، ލީބިޔާގެ ޒަޢީމު ކާނަލް މުޢައްމަރުލް ޤައްޒާފީއާއި، މިސްރުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީއާ މެދު ކަންތައްތައް ވެގެން ދިޔަ ގޮތް އެންމެންނަށް އެނގޭނެއެވެ. އަދި ދާދިފަހުން، ވެނެޒުއޭލާގެ ރައީސް މަޑޫރޯއަށް ހެދި ގޮތް ވެސް އެ އޮތީ ފެންނާށެވެ. ވީމާ، ޑިމޮކުރެސީއޭ އިންސާނީ ޙައްގުތަކޭ، އަދުލުއިންސާފޭ ކިޔައިގެން ފަގީރު ގައުމުތަކާއި ތަރައްގީވަމުން އަންނަ ގައުމުތަކުގައި ފަތުރަމުންދާ ދަލަކީ މަކަރުވެރިކަމުގެ ދަލެކެވެ. ގައުމުތައް ކުރިއަރައިގެން ދިޔަނުދިނުމަށް ޓަކައި އެ ވެރީން މި ޖަހާ މަކަރުވެރި މަޅީގައި ޖެހި ހަފުސްވަނީ މި ދެންނެވި ގިންތީގެ ގައުމުތަކުގެ ރައްޔިތުންނެވެ. އެ މަޅީގައި ނުޖެހި ކުރިއަރައިގެން ދިޔަ ސިންގަޕޫރާއި އެކުވެރި ޢަރަބި އިމާރާތް އަޅުގަނޑުމެން އެންމެންނަށް ވެސް ފެންނާނެއެވެ. ހިތާމައަކީ ލޮލުގެ ކުރިމަތީގައި ފެންނަ މި ބާވަތުގެ މަންޒަރުތަކުން އަޅުގަނޑުމެން ޢިބުރަތް ޙާޞިލުނުކުރާކަމެވެ.