ad_banner
ސިޔާސީ މީހުން ދޮގުހެދުމުން މަޤާމު ގެއްލޭ ގާނޫނެއް!!

ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ

20 ޖަނަވަރީ 2026

ވޭލްސްގެ މަންޒަރެއް: ދޮގުހަދައިފި ނަމަ މަގާމުގެއްލޭ ގާނުނެއް ފާސްކުރާ ފުރަތަމަ ގައުމަކަށް ވަނީ.

ދޮގުހެދުމުގެ ސަބަބުން ސިޔާސީ މީހުންގެ ވަޒީފާ ގެއްލޭނޭ ޤާނޫނެއް ތަންފީޒުކުރާ، ދުނިޔޭގެ ފުރަތަމަ ޤައުމަކަށް ވޭލްސް ވެފައިވާކަން އެނގޭހެއްޔެވެ؟

އެ ޤާނޫނުގެ ދަށުން ސިޔާސީ މީހުން ގަސްތުގައި އާންމުންނަށް ދޮގުހަދައި، އޮޅުވައިލައިފި ނަމަ، ސަސްޕެންޑްކޮށް ނުވަތަ މަޤާމުން ދުރުކުރެވޭނެއެވެ. އެއީ ޖަވާބުދާރީކުރުވުމާއި، ސިޔާސީ ތެދުވެރިކަމާ ދިމާއަށް މުޖުތަމަޢު ގެންދިއުމަށް ބޭނުންވާ މުހިންމު ބަދަލެކެވެ. މިއީ، އެހެން ޤައުމުތަކަށް ނަމޫނާއެކެވެ. މީގެ ކުރީން އެހެން އެއްވެސް ޤައުމަކުން މި ފެންވަރުގައި ސިޔާސީ މީހުން ޖަވާބުދާރީކުރުވުމުގެ މަސައްކަތެއް، މިހައި ތަނަށްކޮށްފައި ނުވެއެވެ.

އެ ޤާނޫނުގެ ސަބަބުން، ދިގު މުއްދަތެއްގެ ތެރޭގައި ސިޔާސީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް ބެލެވެއެވެ. ވޭލްސްގެ ސަރުކާރުގެ މި ފިޔަވަޅަކީ، މިހާރު ވެސް ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

އެއް ބަޔަކު ދެކޭ ގޮތުގައި، [ދުލުގެ މިނިވަންކަން ހިފެހެއްޓުމަކީ، ޑިމޮކްރަސީ ހަރުދަނާކުރެވޭނެ ގޮތެއް ނޫނެވެ. އެއާ ޚިލާފަށް އެ ކަމަކީ ޑިމޮކްރަސީއަށް ނުރައްކާވާނެ ކަމެކެވެ.] އަނެއް ބަޔަކު ދެކޭ ގޮތުގައި، އިންތިޚާބުތައް ކާމިޔާބުކުރުމަށާއި، ވެރިކަން ދެމެހެއްޓުމަށް ޓަކައި، ހިތަށްއަރާ ހައި ވާހަކައެއް ދައްކައި، ބޮޑެތި ބުހުތާނު ދޮގުތައްނުހަދައި ވެސް ދުލުގެ މިނިވަންކަމުގެ ބޭނުން ކުރެވިދާނެއެވެ. އަދި ތެދު ބަހުން ވާހަކަދެއްކުމަކަށް، އެ ބިލަކުން އެއްވެސް ހުރަހެއް އަޅައިފައެއްނުވެއެވެ.

ވޭލްސްގެ ގާނޫނުހަދާ މަޖުލިސްގެ ޖަލްސާއެއް

 

ސިޔާސީ މައިދާނުގައި ދޮގުހެދުން އާންމުވެފައިވަނީ، ސިޔާސީ މީހުން ޖަވާބުދާރީކުރެވޭނެ ގޮތެއް ނޯންނާތީއާއި، އިތުރަށް ދޮގުގެ މައްޗަށް ދޮގުހަދައިގެން ކުރީގެ ދޮގުތަކުން، ސިޔާސީ މީހުންނަށް ބޯދަމައި ގަނެވޭތީއެވެ.

ވެލްޝް ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި، [ވޭލްސްގެ ޑިމޮކްރަސީގެ ބިންގާ ހަރުދަނާކުރާނެ ގޮތް، އެ ޤާނޫން ކަނޑައަޅައި ދޭނެއެވެ.]

ވޭލްސްގެ ލޭބަރ ސަރުކާރުން ބޭނުންވަނީ އުންމީދުވާރުންނަށް އެހީތެރިވުމަށް ޓަކައި، ނުވަތަ ވަކި އުންމީދުވާރަކާ ދެކޮޅަށް ދޮގު ނުވަތަ ޙަޤީޤަތާއި ޚިލާފު ވާހަކަ ދެއްކުމަކީ ޖިނާއީ ކުށަކަށް ހަދާށެވެ. ސިޔާސީ މައިދާނުގައި ދޮގުހަދާ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުއަޅާނެކަމަށް، ލޭބަރޕާޓީގެ ވަޒީރުން ވަނީ ވަޢުދުވެފައެވެ.

ދޮގުހެދުން ހުއްޓުވާން ތާއީދުކުރާ ފަރާތްތަކުން ބުނެފައިވަނީ، އެއީ ސިޔާސީ މުއައްސަސާތަކާ މެދު، އިތުބާރާއި އިތުމާދު އަލުން އުފައްދާން އެހީތެރިވެދޭނެ ޤާނޫނެއްކަމަށެވެ. މިއީ ގިނަ ބަޔަކު ތާއީދުކުރާ އަދި ސަރުކާރަށް އިތުބާރު އަނބުރައި ލިބޭނެ މުހިންމު ޤާނޫނީ ފިޔަވަޅަކަށް ވާނޭކަމަށް ސިޔާސީ މުޙައްލިލުން ގަބޫލުކުރެއެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަރުދަނާ     ނއ.   ރަނގަޅު އުސޫލެއްގައި ސާބިތުވެހުންނަ. (2) އުޅުމުގެ ގަވާއިދުތައް ރަނގަޅު.

ބިންގާ      ނ.    (1) އިމާރާތުގެ ބިމުގެ އަޑިޔަށް ރާނާބައި. (2) ބިންގަލަށް ވަޅުލާ ގާ. (3) ގޭގެ ކަނެއްގައި އިރުވަރުން ބާއްވާ ގައު. (4) ޢިމާރާތް ކުރުމުގެ މަސައްކަތް ފެށުމުގެ ރަމްޒެއްގެ ގޮތުން ބާއްވާ ގައު. (5) އެއްޗެއްގެ ނުވަތަ ކަމެއްގެ މައިގަނޑު އަސާސް.

އަސާސް     ނ.    (1) ކަމެއް އޭގެ މައްޗަށް ބިނާވެފައިވާ ހަގީގަތް ނުވަތަ އަސްލު ނުވަތަ އުސޫލު. (2) ބިންގާ ނުވަތަ ތަރަހަ.

އިތުމާދު     ނ.    އެއްޗެއްގެ ޞައްޙަކަން ނުވަތަ މީހަކު ކަމަކަށް ޤާބިލުކަން ބަޔާންކޮށްދޭ ބަޔާންކޮށްދިނުން.

މުހިންމު     ނއ.   (1) ޚާއްސަ. (2) އިސްކަންދެވިފައިވާ. (3) ބޭނުން ބޮޑު.

މުއައްސަސާ   ނ.    އާންމު ޚިދުމަތެއް ދިނުމަށް ޓަކައި ނުވަތަ ވަކި މަގުސަދަކަށް ޓަކަައި ގާއިމުކޮށްފައި ހުންނަ އިދާރާ.

ސިޔާސީ.    ނއ.   (1) ޤައުމުގެ ކަންތައް އިންތިޒާމުކޮށް ހިންގުމާ ބެހޭ. (2) ސިޔާސަތާ ގުޅޭ.

ކޮމެންޓު