ad_banner
ޒަމާނީ ބޭސްވެރިކަމުގެ ނިޒާމުގައި ހުންނަ ހަވާސަރުތައް

ޙަކީމް ސަލްމާނު ފަހުމީ

15 ޖަނަވަރީ 2026

ޒަމާނީ ބޭސްވެރިކަމުގެ ކާމިޔާބީއާއި އޭގެ ހަވާސަރުތައް ވެސް އެބަ ހުއްޓެވެ.

ޒަމާނީ ބޭސްވެރިކަމުގެ ނިޒާމަކީ ކުއްލި ފަރުވާއާއި، އޮޕަރޭޝަންތަކާއި، ބަލި ދެނެގަތުމުގެ ވަސީލަތްތަކުގެ އިތުރަށް ގައިންގަޔަށް އަރާ ބަލިތައް ކޮންޓުރޯލުކުރުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައިވާ ނިޒާމެކެވެ. ނަމަވެސް، މި ކާމިޔާބީތަކާ އެކު ވެސް، މި ނިޒާމުގެ އޮނިގަނޑާއި ފަލްސަފާގައި ބަލިކަށި ބައެއް ކަންތައްތައް އެބަ ހުއްޓެވެ. މީގެ ސަބަބުން، އިންސާނާގެ މުޅި ދިރިއުޅުމަށް އަމާޒުވާ، ދެމެހެއްޓެނިވި އަދި ހަމަހަމަ ސިއްހީ ފަރުވާއެއް ފޯރުކޮށްދިނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ދުނިޔޭގައި ދިގު މުއްދަތަށް ބޭސްކުރާންޖެހޭ ބަލިތަކާއި، ނަފުސާނީ މައްސަލަތަކުގެ އިތުރަށް ސިއްހީ ޚިދުމަތުގެ ފަރަގު ބޮޑުވަމުންދިއުމަކީ މި ބަލިކަށި ކަންތައްތަކުގެ ހެތްކެކެވެ.

ޒަމާނީ ބޭސްވެރިކަމުގެ އެންމެ ބޮޑު އެއް ބަލިކަށިކަމަކީ ހަމައެކަނި ބަލީގެ ޢަލާމާތްތަކަށް ފަރުވާދިނުމުގެ އުޞޫލެވެ. ގިނަ ފަރުވާތައް އަމާޒުކުރެވެނީ ބަލީގެ އަޞްލު ސަބަބު ދެނެގަނެ އެކަން ހައްލުކުރުމުގެ ބަދަލުގައި، ބަލީގެ ސަބަބުން ފެންނަ ޢަލާމާތްތައް ފިއްތައިލުމަށެވެ. އޮއްބައިލުމަށެވެ. މިސާލަކަށް، ލޭމަތިވުމާއި، ހަކުރުބަލި އަދި މައިދާގެ މައްސަލަތަކަށް ފަރުވާދޭ އިރު، ކާބޯތަކެތީގެ އާދަކާދައަށާއި، ނަފުސާނީ ފިއްތުންތަކަށާއި، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެދެވޭ ސަމާލުކަމެއްނުދީ، މުޅި އުމުރަށް ބޭސް ބޭނުންކުރުމަށް ބާރުއެޅެއެވެ. މީގެ ސަބަބުން ބަލި ވަގުތީގޮތުން ކޮންޓުރޯލުކުރެވުނު ނަމަވެސް، ފުރިހަމަ ސިއްހަތެއް އަނބުރައި ނުލިބި، ބަލިމީހާ ދާއިމީ ގޮތެއްގައި ބޭހަށް ބަރޯސާވާން ޖެހެއެވެ.

ދެވަނަ ބަލިކަށިކަމަކީ ބޭސްތަކަށް މާބޮޑަށް ބަރޯސާވުމެވެ. ކުއްލި ޙާލަތްތަކުގައްޔާއި ފުރާނައަށް ނުރައްކާވާ ފަދަ ދަނޑިވަޅުތަކުގައި ބޭހަކީ ކޮންމެހެން ބޭނުންތެރި އެއްޗެއް ނަމަވެސް، ބޭހަށް މާބޮޑަށް ބަރޯސާވުމުގެ ސަބަބުން އޭގެ ހަވާސަރުތަކާއި (Side effects) އެކި ބޭސްތައް އެއްކޮށް ބޭނުންކުރުމުން ދިމާވާ ނުރައްކާތަކަށް ބަލިމީހާ ހުށަހެޅެއެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން، ގިނަ އަދަދެއްގެ ބޭސްތައް އެއް ފަހަރާ ބޭނުންކުރާން ޖެހުމަކީ، ފުރަމެއާއި ގުރުދާ ފަދަ ގުނަވަންތައް ބަލިކަށިވެގެންދާ ކަމެކެވެ. މިއީ ޒަމާނީ ބޭސްވެރިކަމުގެ މަގުސަދަކީ ބަލީން ފަސޭހަކޮށްދިނުންތޯ ނުވަތަ ދިގު މުއްދަތަކަށް ބަލި މެނޭޖުކުރުންތޯ ސުވާލު އުފެދޭ ކަމެކެވެ.

ޒަމާނީ ބޭސްވެރިކަމުގެ ނިޒާމަށް ދިގު މުއްދަތުގެ ބަލިތަކާއި ދިރިއުޅުމުގެ އާދަކާދައާ ގުޅުންހުރި ބަލިތައް ހައްލުކުރުމުގައި ވެސް ގޮންޖެހުންތަކެއް އެބަ ހުއްޓެވެ. ބޭސްވެރިކަން ކުރިއަރައިފައިވީ ނަމަވެސް، ފަލަވުމާއި، ދިފާއީ ނިޒާމުގެ ބަލިތަކާއި، ނަފުސާނީ ބަލިތަކާއި، ނިދިނައުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ. މި ބަލިތަކަކީ ނަފުސާނީ ފިއްތުންތަކާއި، ނުރަނގަޅު ކާނާއާއި، ހަރަކާތްތެރިކަން ކުޑަވުމާއި، ރޫޙާނީ ހުސްކަމާ ގުޅިފައިވާ ކަންކަމެވެ. މި ފަދަ ކަންކަމަށް ޒަމާނީ ބޭސްވެރިކަމުގައި ދެވޭ ޙައްލުތައް ވަރަށް މަދެވެ.

މުހިންމު އަނެއް ކަމަކީ ސިއްހީ ދާއިރާ ވިޔަފާރިއަކަށް ބަދަލުވަމުންދިއުމެވެ. ބޭސް އުފައްދާ ކުންފުނިތަކާއި ބޮޑެތި ސިއްހީ މުއައްސަސާތަކުގެ ނުފޫޒުގެ ސަބަބުން، ބައެއް ފަހަރު ބަލިމީހާގެ މަންފާއަށް ވުރެ ބޮޑަށް މާލީ ފައިދާއަށް އިސްކަންދެވޭތަން ފެނެއެވެ. ދިރާސާތަކަށް ފަންޑުކުރުމާއި ބޭސްތައް އިޝްތިހާރުކުރުމުގައި މާލީ މަސްލަޙަތު އިސްވުމަކީ، ސިއްހީ މުއައްސަސާތަކަށް އޮންނަ އިތުބާރު ކުޑަވާ ކަމެކެވެ. ޚާއްސަކޮށް ތަރައްގީވަމުން އަންނަ ގައުމުތަކާއި ކުދި ޖަޒީރާ ގައުމުތަކުގައި މި މައްސަލަ ބޮޑެވެ.

ޒަމާނީ ބޭސްވެރިކަމުގައި ބަލީން ރައްކާތެރިވުމަށާއި، ކޮންމެ މީހެއްގެ ހަށިގަނޑުގެ ޙާލަތަށް ވަކިވަކީން ބަލައިގެން ފަރުވާދިނުމަށް އޮންނަ ސަމާލުކަން ކުޑައެވެ. [އެއް ބައްޔަކަށް އެއް ބޭހެއް] މި އުޞޫލުގެ ސަބަބުން، މީހާގެ މިޒާޖާއި، މާޙައުލާއި، ކަނާދާއި، ވިރާސީ ސިފަތަކާއި، ނަފުސާނީ ޙާލަތަށް ބަލައިގެން ފަރުވާދިނުމަށް އިސްކަމެއް ނުދެވެއެވެ. ޔޫނާނީއާއި އާޔުރަވޭދާ ފަދަ ގަދީމީ ބޭސްވެރިކަމުގެ ނިޒާމުތަކުގައި މީހާގެ ހާލަތަށް ވަކީން ބަލައިގެން ފަރުވާދިނުމަށް އިސްކަންދޭ އިރު، ޒަމާނީ ނިޒާމުގައި ގިނައިން އޮންނަނީ އެންމެންނަށް އެއް އުޞޫލަކުން ފަރުވާދިނުމެވެ.

މީގެ އިތުރަށް، ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީ އަދި ރޫޙާނީ ދުޅަހެޔޮކަން ވަކިކޮށްލުމަކީ ވެސް މި ނިޒާމުގައި ބަލިކަށިކަމެކެވެ. ޒަމާނީ ބޭސްވެރިކަމުގައި އިންސާނާގެ ހަށިގަނޑާ މެދު ދެކެނީ މެޝިނެއްގެ ގޮތުގައެވެ. ބަލިތަކުން ފަސޭހަވުމުގައި އިންސާނާގެ އިޙުސާސްތަކާއި، ޤަބޫލުކުރުންތަކާއި، ރޫޙާނީ ހާލަތާއި، އަޚުލާގީ މިންގަނޑުތައް އަދާކުރާ ދައުރު މި ނިޒާމުގައި ވަނީ ދޫކޮށްލެވިފައެވެ. މިއީ ޚާއްސަކޮށް މުސްލިމު މުޖުތަމައުތަކުގައި މުހިންމު ކަމެކެވެ. ސަބަބަކީ ރޫޙާނީ ދުޅަހެޔޮކަމަކީ ސިއްހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީއެވެ.

އަދި ސިއްހީ ޚިދުމަތް ހޯދުމަށް ޓަކައި ކުރާންޖެހޭ ހޭދަ ބޮޑުވުމާއި، ތަރައްގީވެފައިވާ ސިޓީތަކަށް ޚިދުމަތްތައް ޖަމާވެފައި އޮތުމަކީ ވެސް ގޮންޖެހުމެކެވެ. ބޭރުން އިމްޕޯޓުކުރާ ބޭހާއި ފަންނިއްޔާތަށް ބަރޯސާވާން ޖެހުމަކީ، ދުނިޔެއަށް ދިމާވާ ބޮޑެތި ކާރިސާތަކުގެ ވަގުތުގައި ގައުމުތަކުގެ ސިއްޙީ ރައްކާތެރިކަން ބަލިކަށިވާ ކަމެކެވެ.

ނިންމައިލަމުން ދަންނަވާނީ، ޒަމާނީ ބޭސްވެރިކަމަކީ ކުއްލި ފަރުވާއާއި ސައިންޓިފިކް ދިރާސާތަކުގައި ކޮންމެހެން ބޭނުންތެރި ނިޒާމެއްކަމަށެވެ. ނަމަވެސް، މީގައި ހުރި ބަލިކަށިކަންތައްތައް އިސްލާޙުކުރާން ޖެހޭ ކަމަށެވެ. ސައިންޓިފިކް ކުރިއެރުންތަކާ އެކު، ބަލީން ރައްކާތެރިވުމާއި، އަޚުލާގީ މިންގަނޑުތަކާއި، އިޖުތިމާޢީ ގިޔަމުތަކާއި ޤަދީމީ ބޭސްވެރިކަމުގެ ޙިކުމަތާއި، ރޫޙާނީ ދުޅަހެޔޮކަން ހިމެނޭ ފަދަ ފުރިހަމަ ނިޒާމެއް ބިނާކުރުމަކީ މިއަދުގެ މުޖުތަމައަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ހަވާސަރު    ނ.    (1) ބައްޔަކަށް ފަރުވާގެ ގޮތުގައި ބޭނުންކުރާ ބޭހަކުން، ގަސްދުކުރި ނަތީޖާއާ އެކު ފާޅުވާ އިތުރު އެހެން ކަންކަން. ގިނަ ފަހަރަށް މި ގޮތުން ވާ ކަންކަމަކީ ނޭދެވޭ ނުވަތަ ގެއްލުން ހުރި ކަންކަމެވެ. (2) ކުރާ ކަމަކުން ގަސްދުކުރި ނަތީޖާ ހާސިލުވާއިރު އެ ނަތީޖާގެ އިތުރަށް ނުކުންނަ، ކުރީން ލަފާކޮށްފައިނުވާ ނަތީޖާ ނުވަތަ އަސަރު. side effects

ބަރޯސާ     ނ.    އިތުބާރު

ކަނާދު      ނ.    ދިރުންހުރި ކޮންމެ އެއްޗެއްގެ ދިރުން ދެމެހެއްޓުމަށާއި ހެދިބޮޑުވުމަށާއި ގުނަވަންތައް މަސައްކަތްކުރުމަށް ބޭނުންވާ ކާނާގެ އެންމެހައި އުންސުރު. nutrients

ކާރިސާ     ނ.    ގިނަ ބައެއްގެ ފުރާނަ ގެއްލިގެންދާ ފަދަ ނުވަތަ ގިނަ ތަންތަނަށް ބޮޑެތި ގެއްލުން ލިބޭ ފަދަ ބޮޑެތި ހާދިސާ. tragedy

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ޤަދީމީ      ނއ.   ޒަމާންވީ. ދުވަސްވީ. މުސްކުޅި. ancient

ފަންނިއްޔާތު  ނ.    ސައިންސާއި ފަންނާއި ސިނާއަތު ފަދަ ރޮނގުރޮނގުން އިންސާނީ މުޖުތަމައަކަށް ލިބިގެންވާ ހުނަރާއި އިލްމު. technology (study)

ކޮމެންޓު