ad_banner
'ފަރަގު' މީހުން (8): ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވުމާ އެކު ޝަހީދު ޢުމަރު އަޙުމަދުގެ އަބަދީ ޒިކުރާ

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

28 ނޮވެންބަރު 2025

ޝަހީދު ޢުމަރު އަޙުމަދު

ތިލަދުންމަތީ އުތުރުބުރީ ދިއްދޫގައި ބިނާކުރައްވައި 2025 ނޮވެންބަރު 28ވަނަ ދުވަހު ހުޅުވުނު އިސްލާމީ މަރުކަޒުގައި ޤާއިމުކުރެވިފައިވާ މިސްކިތް އެ ބޭފުޅެއްގެ ނަންފުޅަށް ނިސްބަތްކުރެވިފައިވާ އެ ރަށު ޗާނދަނީއާގޭ ޢުމަރު އަޙުމަދަކީ އަޅުގަނޑުގެ ނަޒަރުގައި ވަރަށް ނަސީބުގަދަ ބޭފުޅެކެވެ. ސަބަބު ދަންނަވައިލާނަމެވެ. އޭނާ އަވަހާރަވީ ޝަހީދެއްގެ ގޮތުގައެވެ. އެއްވެސް ޙައްޤުން ކަމަކާނުލައި ބަޔަކު ޝަހީދުކޮށްލީއެވެ. ޝަހީދުންގެ ދަރަޖައަކީ ވަރަށް މަތީ ދަރަޖައެކެވެ.

ޝަހީދުންގެ މާތްކަމާ ބެހޭ ގޮތުން މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. )وَلَا تَحْسَبَنَّ الَّذِينَ قُتِلُوا فِي سَبِيلِ اللَّهِ أَمْوَاتًا ۚ بَلْ أَحْيَاءٌ عِندَ رَبِّهِمْ يُرْزَقُونَ (169) فَرِحِينَ بِمَا آتَاهُمُ اللَّهُ مِن فَضْلِهِ وَيَسْتَبْشِرُونَ بِالَّذِينَ لَمْ يَلْحَقُوا بِهِم مِّنْ خَلْفِهِمْ أَلَّا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ (170)  يَسْتَبْشِرُونَ بِنِعْمَةٍ مِّنَ اللَّهِ وَفَضْلٍ وَأَنَّ اللَّهَ لَا يُضِيعُ أَجْرَ الْمُؤْمِنِينَ (171) الَّذِينَ اسْتَجَابُوا لِلَّهِ وَالرَّسُولِ مِن بَعْدِ مَا أَصَابَهُمُ الْقَرْحُ ۚ لِلَّذِينَ أَحْسَنُوا مِنْهُمْ وَاتَّقَوْا أَجْرٌ عَظِيمٌ (172) (اللَّهގެ މަގުގައި ހަނގުރާމަކޮށް شهيدވީ މީހުންނަކީ، މަރުވެފައިވާ ބަޔެކޭ ހީނުކުރާ ހުށިކަމެވެ! އަދި، ކިއެއްތަ! އެއުރެންނީ އެއުރެންގެ ވެރިރަސްކަލާނގެ حضرةގައި رزقލިބޭ حال، ދިރިތިބި ބަޔެކެވެ. (169) (އެއުރެން ތިބޭހުށީ) اللَّه، އެކަލާނގެ فضلވަންތަކަމުން އެއުރެންނަށް ދެއްވި ކަންތަކާމެދު، އުފާކުރާ حالގައެވެ. އަދި، އެއުރެންގެ ފަހަތުން އައިސް އަދި، ބައްދަލުނުކޮށްތިބި މީހުންނާމެދު އެއުރެންގެ މައްޗަށް ބިރެއް ނެތްކަމަށާއި،  އަދި، އެއުރެންނީ ހިތާމަކުރާނޭ ބަޔަކު ކަމުގައި ނުވާކަމާމެދު، އެއުރެން އުފާކުރާ حالގައެވެ. (170) އެއުރެން (ވަނީ) اللَّهގެ حضرةން ދެއްވާ نعمةއާއި، فضلވަންތަކަމަށާއި، އަދި، ހަމަކަށަވަރުން اللَّه، مؤمنންގެ ދަރުމަ ގެއްލެނި ނުކުރައްވާނޭކަމަށް އުފާކުރާ ގޮތުގައެވެ. (171) އެއީ، އެއުރެންނަށް ވޭނާއި، ހާނީއްކަ ލިބުމަށްފަހު ވެސް، اللَّهއާއި، رسولއާއަށް އިޖާބަދިން މީހުންނެވެ. އެއުރެންގެ ތެރެއިން إحسانތެރިވެ تقوىވެރިވި މީހުންނަށް ބޮޑުވެގެންވާ ދަރުމަ ހުށްޓެވެ. (172))) (سورة آل عمران: 169-172)

މިއީ އާޚިރަތުގައި ކޮން ފަދަ ނަސީބެއްތޯއެވެ! ދެން އޮތީ ދުނިޔޭގެ ނަސީބެވެ. ދިވެހިރާއްޖެ ދެމި އޮތްހައި ހިނދަކު އޭނާގެ ނަންފުޅު އަބަދާއި އަބަދު ޒިކުރާކުރެވޭނެއެވެ. ދިއްދޫގައި ބިނާކުރެވުނު އެންމެ ބޮޑު މިސްކިތް އޭނާގެ ނަފުޅަށް ނިސްބަތްކުރެވުނީތީއެވެ. މި ކަމުގެ ސަބަބުން އޭނާގެ ޢާއިލާއަށް ވެސް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭނެއެވެ.

އާދޭހެވެ! ޝަހީދު ޢުމަރު އަޙުމަދަކީ ހިތްޕުޅުހެޔޮ މަޑުމައިތިރި މިޒާޖެއްގެ ވެރި ބޭފުޅެކެވެ. އެހެން މީހުންނާ ގުޅޭ، އަދި ގުޅިގެން މަސައްކަތްކުރެއްވުމަށް ލޯބިކުރެއްވި ބޭފުޅެކެވެ.

1988 ވަނަ އަހަރު ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ޢުމަރު އަޙުމަދު ޝާހީދުވީ އިރު، ވަޒީފާ އަދާކުރައްވަމުން ގެންދެވީ މާލޭގައި، އިސްލާމީ މަރުކަޒުގެ ސެކިޔުރިޓީ ގާޑެއްގެ މަޤާމުގައި އިސްލާމީ މަރުކަޒަށް ޚިދުމަތްކުރެއްވުމުގައެވެ. އެ ޚިދުމަތުގައި ޢުމަރު އަޙުމަދު އުޅުއްވަނިކޮށް އޭނާ ޝަހީދުކޮށްލީ އޭނާގެ ހަތަރު ފިރިހެން ބޭފުޅުންނާއި ތިން އަންހެން ބޭފުޅުން، ޖުމުލަ ހަތް ބޭފުޅުން، ޔަތީމުކޮށްލައިފައެވެ. އޭނާގެ ލޮބުވެތި އަނބިކަނބަލުން މަރިޔަމް ޙަސަން ހުވަފަތްކޮށްލައިފައެވެ.

އާދޭހެވެ! ޢުމުރުފުޅުން 45 އަހަރުގައި ޢުމަރު އަޙުމަދު ޝަހީދުވީ އާމްދަނީ ހޯއްދެވުމަށް ޓަކައި މާލޭގައި ވަޒީފާ އަދާކުރައްވަމުން ގެންދަވަނިކޮށެވެ. ޗުއްޓީގެ ކަންތައް ހުރި ގޮތުން ރަށަށް ވަޑައިނުގެންނެވޭތާ އޭރު ދޮޅު އަހަރެއްހައި ދުވަސް ވެދާނެއެވެ. އެހެންކަމުން، ޗުއްޓީއެއް ނަންގަވައިގެން ލޮބުވެތި އަނބިކަނބަލުންނާއި އުފަން ބޭފުޅުންގެ އަރިހަށް ވަޑައިގަތުމަށް ޓަކައި ޢުމަރު އަޙުމަދު ގެންދެވީ ދަތުރުފުޅުހައްދަވަމުންނެވެ. ނަމަވެސް އޭނާ ތަދުބީރުކުރެއްވި މަގުސަދު ޙާޞިލުވެވަޑައިނުގެން، ތަޤުދީރުގައިވާ ގޮތަށް ފުރާނަފުޅު ޤުރުބާންކުރައްވާން ޖެހިވަޑައިގަތީއެވެ.

ނޮވެމްބަރު ތިންވަނަ ދުވަހު ފަތިހު ދުޝްމިނުން ސިފައިންގެ މައި މަރުކަޒު ހުންނަ ބަނޑޭރިގެއަށް ހަމަލާދޭން ފެށި އިރު، ޢުމަރު އަޙުމަދު ހުންނެވީ އިސްލާމީ މަރުކަޒުގައި ޑިއުޓީގައެވެ. މަސްޖިދުއްސުލްޠާނު މުޙަންމަދު ތަކުރުފާނުލްއަޢުޒަމުގައި ފަތިސްނަމާދު ޖަމާޢަތުގައި ކުރެއްވުމަށް ފަހު، އިސްލާމީ މަރުކަޒުގެ ސަރަހައްދުގައި ދުޝްމިނުން ހަރަކާތްތެރިވަމުންދާތީ މިސްކިތުން ފައިބައިވަޑައިނުގެންނެވިގެން މިސްކިތުގައި ގިނައިރުތަކެއް ވަންދެން އިންނަވާން ޖެހިވަޑައިގަތެވެ.

އެ ގޮތަށް އިންނެވުމަށް ފަހު، އެ ދުވަހު ހަވީރު އިސްލާމީ މަރުކަޒުން ނިކުމެވަޑައިގަތް ވަގުތު ދުޝްމިނުން ބަޑީން ބިރުދައްކައި ރަހީނުކުރީއެވެ. ދުޝްމިނުންގެ ޢުދުވާނު ނާކާމިޔާބުވުމުން، މާލެ ދޫކޮށް ދުޝްމަނުން ފިލާން މަސައްކަތްކުރި އިރު ހައިޖެކުކުރި [އެމްވީ ޕްރޮގްރެސް ލައިޓް] ނަމަކަށްކިޔާ އާގުބޯޓުގައިގައި ގެންދިޔަ މީހުންގެ ތެރޭގައި ޢުމަރު އަޙުމަދު ވެސް ގެންދިޔައެވެ.

އުމަރު އަހުމަދު ޝަހީދުވީ ޕްރޮގްރެސް ލައިޓްގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާ އެކު ނިރުބަވެރީން ފިލާން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށް ޓަކައި، ޕްރޮގްރެސް ލައިޓް ހުއްޓާން ތަކުރާރުކޮށް އިންޒާރުދިނުމުން ވެސް މަޑުނުކޮށް ރަހީނުންނާ އެކު ފިލާން ރާއްޖެއިން ބޭރަށް ދަތުރުކުރާތީ އެ ބޯޓު ހުއްޓުވުމަށް ޓަކައި އިންޑިއާގެ މަނަވަރު އައިއެންއެސް ގޯދާވަރީއިން ޕްރޮގްރެސް ލައިޓްއަށްދިން ހަމަލާ ތެރޭގައި ޕްރޮގްރެސް ލައިޓްގައެވެ. ފަތިސްނަމާދު އަދާކުރެއްވުމަށް ފަހު މިސްކިތުން ފައިބައިވަޑައިގަތް ޢުމަރު ޢަހުމަދުގެ އޮތީ ފަހެ ކޮން ކުށެއްތޯއެވެ؟ އޭނާގެ ފުރާނަ އެ ދޫކޮށްލެއްވީ މަޢުޞޫމު ޙަލަތުގައި ހުންނަވަނިކޮށެވެ.

އިސްލާމީ މަރުކަޒެއްގައި ޚިދުމަތްކުރައްވަނިކޮށް ޝަހީދުވި ޢުމަރު އަޙުމަދުގެ ނަންފުޅަށް، ދިއްދޫގެ ފަޚުރެއްކަމުގައިވާނޭ މުހިންމު ބިނާއެއްކަމުގައިވާ ދިއްދޫ އިސްލާމީ މަރުކަޒުގައި ބިނާކުރެވޭ މިސްކިތް، ނިސްބަތްކުރައްވާން ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ހއ. ދިއްދުވަށް ނިސްބަތްވާ ޝަހީދު ޢުމަރު އަޙުމަދުގެ ޒިކުރާ ދިރުއްވައި އާލާކުރެއްވުމަށް ޓަކައެވެ. އެ ކަމަށް ޓަކައި އެންމެ ރަނގަޅު ގޮތަކީ މި މިސްކިތުގެ ނަން ޢުމަރު އަޙުމަދުގެ ނަންފުޅަށް ނިސްބަތްކުރެއްވުންކަމަށްވާތީ އެ ގޮތަށް ނިންމެވީއެވެ. 

ދިއްދޫގައި މިއަދު ހުޅުވޭ އިސްލާމީ މަރުކަޒު

މި ފުރުޞަތުގައި ފާހަގަކޮށްލާން ޖެހޭ ކަމެއް އެބަ އޮތެވެ. މި މަރުކަޒުގެ ބިންގާ އެޅުއްވީ ރިޔާސީ އިންތިޚާބަށް އެންމެ 23 ދުވަހަށް ކައިރިވެފައި ވަނިކޮށް ރައީސް އިބްރާހީމް މުޙަންމަދު ޞާލިޙުގެ ސަރުކާރުންނެވެ. ބިންގާއެޅުއްވުން ފިޔަވައި އިތުރު ކަމެއް އެ ސަރުކާރަކުން މި މަރުކަޒަކަށް ނުކުރައްވައެވެ. ވަގުތު ވެސް ލިބިވަޑައިނުގަތީކަމަށްވެދާނެއެވެ. ނަމަވެސް ޖެހިގެން އައި އަހަރު ވެސް އެ މަރުކަޒު ބިނާކުރައްވާން ބަޖެޓުކުރައްވައިފައި އޮތީ އެންމެ -/200010 (ދެލައްކަ ދިހަރުފިޔާ) އެވެ. އެހެންކަމުން މި މަރުކަޒު ބިނާކުރައްވާން ކުރެއްވި ހުރިހައި މަސައްކަތަކާއި ޚަރަދެއްކުރެއްވީ ޑރ. މުޙަންމަދު މުޢިއްޒުގެ ސަރުކާރުންނެވެ. މި މަރުކަޒު ހުޅުވުނު މުނާސަބަތާ ގުޅުވައިގެން، ބައެއް ފަރާތްތަކުން ހަގީގަތް އޮޅުވައިލާން މަސައްކަތްކޮށްފައިވާތީ ހަމައެކަނި މިހައި ވަރަށް މި ދަންނަވައިލީ ހަގީގަތް ހާމަކޮށްލުމަށް ޓަކައެވެ. އިތުރަށް ސާފުކުރައްވާން ބޭނުންފުޅު ބޭފުޅުންނަށް މި ކަންކަން ބަޖެޓުންނާއި މީޑީއާއިން ސާފުކުރެއްވޭނެތީއެވެ.

ކޮންމެއަކަސް ދިއްދޫ އިސްލާމީ މަރުކަޒުގައި ގާއިމުކުރެވިފައިވާ ބޮޑު މިސްކިތުގެ އިތުރަށް އިސްލާމީ ކުތުބުޚާނާއެއް ވެސް އެ މަރުކަޒުގައި އެބަހުއްޓެވެ. އަދި ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުގެ ގޮތްޕެއް ވެސް ގިނަ ކުލާސްރޫމުތަކަކާ އެކީގައި އެ މަރުކަޒުގައި ޤާއިމުކުރެވިފައިވެއެވެ. ޖަލްސާކުރާ މާލަމެއް ވެސް އެބަހުއްޓެވެ. އިސްލާމީ ޝަރީޢާ މަނާނުކުރާ ބައްދަލުވުންތަކާއި ޖަލްސާތަކާއި ޙަރަކާތްތައް އެ މާލަމުގައި ބޭއްވުމުގެ ފުރުޞަތު ވަނީ ފަހިވެފައެވެ. އަދި އެ މާލަން ކުއްޔަށް ދޫކުރައްވައިގެން ލިބޭ އާމްދަނީއަކީ ވެސް އެ ރަށާއި އެ އަތޮޅަށް އިސްލާމީ ދާއިރާއިން ޚިތުމަތް ފޯރުކޮށްދެއްވުމަށް ޓަކައި ޚަރަދުކުރެވޭނެ ފައިސާއެކެވެ. އެހެންކަމުން އިސްލާމީ ތަޢުލީމާތަށް ވަރަށް މަތިވެރި ޚިދުމަތެއް ފޯރުކޮށްދޭނޭ މަރުކަޒަކަށް މި މަރުކަޒު ވާނޭކަން ކަށަވަރެވެ.

މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ދިއްދޫ އިސްލާމީ މަރުކަޒުގެ އިސްލާމީ ކުތުބުޚާނާގެ އެތެރެއެވެ.

މަތީގައިވާ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ ދިއްދޫ އިސްލާމީ މަރުކަޒު ތެރޭގައި ހުންނަ ޤުރުއާން މަރުކަޒުގެ ބޭރެވެ.

މަތީން ތިޔަ ފެނިވަޑައިގަންނަވަނީ ދިއްދޫ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގެ އެތެރެއިން ތަންކޮޅެކެވެ.

ރަސްމީ ގޮތުން ދިއްދޫ އިސްލާމީ މަރުކަޒާއި މަސްޖިދު ޝަހީދު ޢުމަރު އަޙުމަދު ހުޅުވުނު ދުވަހު (2025 ނޮވެންބަރު 25ގައި) ހުކުރުނަމާދަށް އިސްލާމީ މަރުކަޒާއި މިސްކިތްކިތް ހުޅުއްވައިދެއްވުމަށް ފަހު، އިމާމުވެ ހުކުރުނަމާދުކުރެއްވީ ވެސް ޚުދު އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙަންމަދު ޝަހީމު ޢަލީ ސަޢީދެވެ. މިއީ ވެސް ދިއްދުވަށް ލިބުނު ޝަރަފެކެވެ. އެހެނީ އެ މަނިކުފާނަކީ ޤާރީއެކެވެ. ޙާފިޡެކެވެ. ވީމާ، މިސްކިތް ހުޅުވުނު ދުވަހު، މި ހުނަރުވެރި ޤާރީގެ ފަހަތްޕުޅުގައި، އެ މިސްކިތުގައި ކުރެވުނު ފުރަތަމަ ހުކުރުނަމާދު ކުރުމުގެ ފުރުޞަތު ރައްޔިތުންނަށް ލިބުމަކީ ވެސް ޝަރަފެކެވެ.

ދިވެހި ދައުލަތުގެ ފަރާތުން ދިއްދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރައްވައި މި ދެންނެވި ގިނަ ޚިދުމަތްތަކާ އެކު އެ މަރުކަޒު ހުޅުވުނީތީ ދިއްދޫ ރައްޔިތުން އެ ކަން ފާހަގަކުރީ ވަރަށް އުފާވެރިކަމާއެކީގައެވެ. އެ ދުވަހު ހުކުރު ނަމާދަށް އެ މަރުކަޒު ހުޅުވާން ތައްޔާރީތައް ކުރެވެމުން ދިޔައިރު ވެސް އެ ރަށުގައި ހީވަނީ ޢީދެއް އައިސްގެން އުޅޭހެންނެވެ. އެ އުފާވެރި މުނާސަބަތުގައި ރައްޔިތުންގެ ފަރާތުން ބާއްވި ޚާއްޞަ ސަގާފީ ޖާފަތެއް ވެސް އެ ރޭ (ހޮނިހިރުވިލޭރޭ) އެ ރަށުގައި އޮތެވެ. އެ ރަށު ބައެއް ރައްޔިތުންގެ ފަރާތުން އަޅުގަނޑަށް ދަޢުވަތު ވެސް ފޮނުވިއެވެ. އެ ކަމަށް ޓަކައި ޝުކުރުދަންނަވަމެވެ. ނަމަވެސް ރޯދި ނެތް އެއްޗެއް ކެވޭނެ ގޮތެއް ނޯންނާނެތީ، އަޅުގަނޑަށް އެ ދުވަސްވަރު ދެވޭ ގޮތެއް ނުވިއެވެ.

ދިއްދޫ އިސްލާމީ މަރުކަޒުގައި ހުޅުވިފައިވާ އިސްލާމީ މަރުކަޒުގައި ހުންނަ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްކުރެވޭ ޝަހީދު ޢުމަރު އަޙުމަދުގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޝަހީދުންގެ މަތިވެރި ދަރަޖަ ދެއްވާށިއެވެ! އެ ޝަހީދުގެ ލޮބުވެތި ޢާއިލާއަށް ކެތްތެރިކަމާއި ބައްޖަވެރިކަން މިންވަރުކުރައްވައި ސާބިތުކަންދެއްވާށިއެވެ! ދިއްދޫގައި ހުޅުވިފައިވާ އިސްލާމީ މަރުކަޒުގެ ސަބަބުން ދިއްދުވާއި ތިލަދުންމަތީ އުތުރުބުރީގެ އިސްލާމީ ޝަޚުޞިއްޔަތަށް އާރޯކަމާއި ތާޒާކަން ލިބިދެއްވާށިއެވެ! މި މަރުކަޒާއި މިސްކިތަކީ މުޅި މުޖުތަމަޢަށް ލާބައާއި މަންފާކުރަނިވި ބިނާއެއްކަމުގައި ލައްވާށިއެވެ! އާމީން!

 

(ބައެއް މަޢުލޫމާތު: ޢަބްދުﷲ ސަޢީދު، ޗާނދަނީއާގެ ހއ. ދިއްދޫ، (ޝަހީދު ޢުމަރު އަޙުމަދުގެ ދަރިކަލުން))

(އިސްލާމީ މަރުކަޒާ ގުޅޭ އެންމެހައި ފޮޓޯތައް: އިސްލާމިކް ސްޓޫޑިއޯ)

ކޮމެންޓު