ad_banner
ނޮވެންބަރު ތިނެއްގެ ހާދިސާގައި މަރުގެ ޙުކުމްއިއްވުނު ކުށްވެރީން އުމުރަށް ޖަލަށްލީ ކީއްވެ؟

ޢަބްދުﷲ ސަޢީދު

3 ނޮވެންބަރު 2025

ނޮވެންބަރު ތިނެއްގެ ޢުދުވާނުގެ ހާދިސާގައި މަރުގެ ހުކުމް އިއްވި އެންމެންގެ އުގޫބާތް ލުއިކޮށްދެއްވައި އުމުރަށް ޖަލަށްލާން ނިންމެވި. ޢުމުރަށް ޖަލަށްލާން ކަނޑައަޅާ ޙުކުމުގެ މުއްދަތަކީ 25އަހަރުކަމަށްވާތީ، އެ އެންމެން މިހާރު ވަނީ މިނިވަންވެފައި.

ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާގައި ކުށްވެރިވެގެން ދިވެހިރާއްޖޭގެ ހައިކޯޓުން މަރުގެ ޙުކުމް ކަނޑައެޅުއްވީ 16 މީހެއްގެ މައްޗަށެވެ. އެއީ ދިވެހީންގެ ހަތަރު މީހުންނާއި ޕްލޯޓް ޖަމާޢަތުގެ 12 މީހުންނެވެ. އޭރު ދިވެހިރާއްޖޭގައި ހުރި އެންމެ އިސް ކޯޓަކީ ހައިކޯޓެވެ. އޭރު އޮތް ނިޒާމުގައި ހައިކޯޓުން ނިންމާ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާއަށް އިލްމާސްކުރެވެއެވެ. އެއީ އޭރު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކުށްވެރީންނަށް ލިބިދީފައި އޮތް ޙައްޤެކެވެ. ހައިކޯޓުން މަރުގެ ނިޔާ ކަނޑައެޅި ކުށްވެރީންގެ އަދަބު އުމުރަށް ޖަލަށްލުމަށް ބަދަލުކުރެއްވީ ކުށްވެރީން ކުރި އިލްތިމާސާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާއެވެ.

އެ ރެއަކީ 1989 ސެޕްޓެންބަރު މަހުގެ 17ވަނަ ދުވަހުގެ ރެއެވެ. ދިވެހިރާއްޖޭގެ އަޑާއި ޓެލެވިޜަން މޯލްޑިވްސް މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ކުށްވެރީން ނުމަރުއްވާން ނިންމެވި ސަބަބު ވަރަށް ސާފުކޮށް ވިދާޅުވިއެވެ. އޭގެ ކުރީން އެ ޢުދުވާނީ ޙަމަލާއަކީ، ރާއްޖޭގެ ތާރީޚުގައި، އޭގެ މިސާލެއް ވެސް ފެންނާން ނެތްފަދަ ނުރައްކާތެރި ޙަމަލާއެއްކަމަށް ވިދާޅުވިއެވެ. ރައީސް މައުމޫން ވިދާޅުވީ [އެދުވަހުގެ އެ ޢުދުވާނީ ހަމަލައިގައި، އެ ޣަދަރުވެރި ބާޣީންނަށް ކާމިޔާބުވި ނަމަ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިގެން ދިޔައީސްކަން ޔަޤީން]ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވި ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބާޣީންގެ މައްޗަށް ކަނޑައަޅުއްވާފައިވާ ޙުކުމަކީ، އެމީހުން ކުރި ކުށުގެ ބޮޑުކަމާއި، ލިބުނު ގެއްލުންތަކަށް ބަލާއިރު، ޝަރުޢީ ގޮތުންނާއި ޤާނޫނީ ގޮތުން އެ މީހުންނަށް އެންމެ ޙައްޤު ޙުކުމެވެ. [މި ކަން ގަބޫލުކުރައްވަނީ، ހިތުގެ އެންމެ އަޑިން]ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ކުށްވެރީން ކުރި އިލްތިމާސްއާ ގުޅިގެން ރައީސް މައުމޫން ގެންދެވީ ވަރަށް ފުންކޮށް ވިސްނައިވަޑައިގަންވަމުންނެވެ. އެ ކަމުގައި ހިމެނޭ ތަފާތު މައްސަލަތަކާ މެދު ފިކުރުފުޅުހިންގަވަމުންނެވެ. އޭރު އޮތް ނިޒާމުގައި ކުށްވެރީންނަށް ޢަފޫކުރުމާއި އަދަބު ލުއިކޮށްދިނުމުގެ ޙައްޤު ޤާނޫނުން ލިބިދީފައި އޮތީ ރައީސުލްޖުމްހޫރިއްޔާއަށްކަމަށްވާތީއެވެ. ބައިނަލްއަޤުވާމީ ދުނިޔެއާއި ރައްޔިތުންގެ އިހުސާސްތައް ހުރި ގޮތެވެ. އެންމެ ފަހުން އެ މަނިކުފާނަށް ވިސްނިވަޑައިގެންނެވުނީ ތަފާތު ޝުޢޫރުތަކާއި، ތަފާތު ޚިޔާލުތައް ރައްޔިތުންގެ މެދުގައިހުރި ނަމަވެސް ހުރިހައި ރައްޔިތުންގެ ވެސް މަގުސަދަކީ އެއް މަގުސަދެއްކަމެވެ. އެއީ ޤައުމުގެ މަޞްލަޙަތާއި، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުންކަމެވެ.

ރައީސް މައުމޫން، ކުށްވެރީންގެ މަރުގެ އަދަބު އުމުރަށް ޖަލަށްލުމުގެ އަދަބަށް ބަދަލުކޮށް ދެއްވި ސަބަބަކީ ކުރީން ދިވެހި ތާރީޚުގައި ސިޔާސީ ކުށެއްގެ އަދަބެއްގެ ގޮތުން، މެރުމުގެ އަދަބު ދީފައި ނެތުންކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

[އަޅުގަނޑު މިހެން މި ނިންމީ، ރާއްޖޭގެ ތާރީޚުގައި، މީގެ ކުރީން ދުވަހަކު ވެސް ހިނގައިފައި ނެތް ކަމެއް، އާދެ، ސިޔާސީ ކުށެއްގެ ބަދަލުގައި، މީހުންނަށް މަރުގެ އަދަބުދިނުން، އެއީ މިއަދުގެ ސަރުކާރުން ފަށްޓާ ކަމެއްކަމުގައި ހަދާން އަޅުގަނޑަށް ނުފެންނާތީ. މި ލޭ އޮހޮރުވުމެއް ނެތް ދިވެހި ފަސްގަނޑަށް، ސިޔާސީ ކަމެއްގައި، އެންމެ ފުރަތަމަ، ސަރުކާރުގެ ފަރާތުން ލޭ އޮހޮރުވާ ބަޔަކީ، މި ޖީލުގެ ދިވެހީންކަމުގައިވާން އަޅުގަނޑަށް ނުރުހެވޭތީ.] ރައީސް މައުމޫން ވިދާޅުވިއެވެ.

ކުށްވެރީންގެ އިލްތިމާސް ގަބޫލުކުރައްވާން ނިންނެވިކަން އިޢުލާންކުރެއްވުމަށް ފަހު ރައީސް މައުމޫން ވިދާޅުވީ [އަޅުގަނޑު އެދެނީ، އަޅުގަނޑުގެ މި ނިންމުމަކީ ޤައުމުގެ މަޞްލަޙަތަށް ޓަކައި، އިޚްލާޞްތެރިކަމާއެކު ނިންމި ނިންމުމެއްކަމުގައި ރާއްޖޭގެ ރައްޔިތުން ޤަބޫލުކުރެއްވުން]ކަމަށެވެ.

ރައީސް މައުމޫނު، މި ބޮޑު ނިންމެވުން ނިންމެވި އިރު ބައެއް ދިވެހިން އަދި ވަކީން ޚާއްޞަކޮށް ނޮވެންބަރު ތިނެއްގައި ދުޝްމަނުންގެ ރަޙްމެއް ނެތް ޙަމަލާތަކުން ޝަހީދުވި ހިތްވަރުގަދަ މުޖާހިދުންގެ ޢާއިލާތަކުގެ މެންބަރުންގެ ހިތްތަކުގައި ކެކިއުތުރި އަރަމުންދާނެ ޝުޢޫރުތައް ވަޒަންކުރައްވާކަމަށް ވިދާޅުވިއެވެ. ނަމަވެސް އެ މަނިކުފާނު ވިދާޅުވީ އެ ވަގުތަކީ، ވަކި ބަޔެއްގެ އިޙުސާސްތަކުގެ މައްޗަށް ކަންތައް ނިންމަންވީ ވަގުތެއް ނޫންކަމަށާއި އެހެން ހުރިހައި ކަމަކަށް ވުރެ ބޮޑަށް ވިސްނާންވީ ޤައުމުގެ މަޞްލަޙަތަށްކަމަށެވެ.

ކޮމެންޓު