ad_banner
ދޮގުހެދުން - ނަތަންޔާހޫގެ ޞިނާޢަތެއް

އޒ. އިބްރާހީމް ރަޝީދު މޫސާ

3 އޮކްޓޯބަރު 2025

މި ފަހުގެ ތާރީޚެއްގައި މުޅި ދުނިޔެ ދުށް އެންމެ ބޮޑު ދޮގުވެރޔާ

އިސްރާއީލޭ މި ކިޔާ ޞިހުޔޫނީ ކިޔާނުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ ހުސްކޮށް ހުރި ގޮނޑިތަކެއްގެ ކުރިމަތީގައ އދ.ގެ އާންމު މަޖިލިހުގެ ޖަލްސާގައި މި ހުސްވި ސެޕްޓެންބަރު މަހު ދިން ރަސްމީ ޚިޠާބަކީ  ދޮގު ފުންޏެއްކަމަށް ދުނިޔޭގެ [މިނިވަން] ގައުމުތައް އެއްބަސްވެއެވެ.

ބޭބީގެ  ޚިޠާބުގައި ތެދު މަޢުލޫމާތަކަށް އޮތީ ހަމައެކަނި  [7 އޮކްޓޯބަރު ތާރީޚު] އެވެ. އެހެނަސް މި މަޢުލޫމާތު ވެސް އޭނާ [ޖަރީކޮށް]ފައިވަނީ ދޮގުންނެވެ. އޭނާ ބުންޏެވެ. [މި ދުވަހަކީ މުޅި އިންސާނިއްޔަތަށް ލޮޅުންއަރައިގެން ދިޔަ ދުވަހެކެވެ.] ޙަޤީޤަތާ ރޭފަނާއާ މުޅީން ތަފާތު ވިސްނުމެކެވެ. ދޮގުހެދުމާ އެކަހެރިވެގެން ނޫޅެވޭނެ ނަފުސާނީ ބަލިތަކެއް ޖެހިފައިވާ އެއްވެސް މަންޠިޤެއް ނެތް ޝަޚުޞެކެވެ.

ނަތަންޔާހޫގެ ޚިޠާބު ހަނދާނަށް ގެނެސްދެނީ ހިޓްލަރުގެ ޕްރޮޕަގެންޑާ ވަޒީރު ގޮބެލްޒް (Goebbels) އެވެ. ހިޓްލަރުގެ ސިންގާސަނާ ދެމެހެއްޓުމަށް ޓަކައި އޭނާ [ކަޅު] ޕްރޮޕަގެންޑާތައް ހެދުމުގައި ބަރޯސާވެފައިވަނީ ހަމަވިސްނުމާއި މަންޠިޤާއި ފަށްކުރުމުގެ ބަދަލުގައި ޖަޒުބާތު (އިމޯޝަން)ގެ މައްޗަށެވެ. އާންމުންނަށް ވިސްނައިދިނުމުގެ ބަދަލުގައި އާންމުން ބިރުގެންނެވުމުގެ މައްޗަށެވެ. ނަތަންޔާހޫ ބަރޯސާވީ ނުވަތަ ތަބާވީ ހަމަ މި ތަރީގާއަށެވެ. އޭނާ މި ގަވައިދަށް ގަވައިދެއް އިތުރުކުރިއެވެ. އެއީ  [ނެތް ކަންކަން އުފެއްދުން]އެވެ. އދ.ގެ އާންމު މަޖިލީހުގައި ހުސް ގޮނޑިތަކުގެ ކުރިމަތީގައި ހުރެގެން [ލަދެއްނެތި] ނަތަންޔާހޫ ފިރިހެނުންގެ ބޯ ބުރިކުރުމާއި ކުޑަކުދީން މެރުމާއި އަންހެނުންގެ ޢިއްފަތްތެރިކަމަށް އަރައިގަންނަ ރިވާޔަތު  ނަތަންޔާހޫ ތަކުރާރުކޮށް ފަށްފަށްކޮށް ދެއްކިއެވެ. މި ރިވާޔަތަކީ 2023 ވަނައަހަރުގެ ޑިސެންބަރު މަހުގެ 14 ވަނަ ދުވަހު އިސްރާއީލުގެ މަޝްހޫރު ދުވަހު ނޫހެއްކަމުގައިވާ ހާ އާރްތިސްގައި ހެއްކާއި ޤަރީނާއިން ދޮގުކޮށްފައިވާ ރިވާޔަތެކެވެ. މި ނޫހުގެ މި ރިޕޯޓާއި ތަޙުލީލުގެ ސަބަބުން ނަތަންޔާހޫގެ ބޯގޮވިއެވެ. 7 އޮކްޓޫބަރުން ފެށިގެން ނަތަންޔާހޫ ދަނީ މި ރިވާޔަތު ތަކުރާރުކުރަމުންނެވެ. ދުނިޔޭގެ އާންމުންގެ ވިސްނުމަށް މި ދޮގު ތެދުކޮށްދެވޭތޯއެވެ. ނަތަންޔާހޫގެ މި ދޮގުބޮނޑީގެ ތެރެއަށް އައު ދޮގެއް ވައްދައި  [ޙަމާސް]ގެ 7 އޮކްޓޫބަރުގެ ޙަމަލާތަކަށް އައު ޢަދަދުތަކެއް އިތުރުކުރިއެވެ. އެތައް ސަތޭކަ ބަޔެއްގެ ވާހަކަ އެތައް ހާސް ބަޔަކަށް ހަދައިލިއެވެ. އޭނާގެ ޚިޠާބު ފެށި އިރު މި ޢަދަދަކީ 12 ހާސް މަރެވެ. ނަމަވެސް ޚިޠާބުގެ އެންމެ ފަހު ކާލުގައި، މި ޢަދަދު 40 ހާހަށް އިތުރުވެއްޖެއެވެ. އެކަކަށް ވެސް މިވީ ގޮތެއް ނޭނގުނެވެ.

ނަތަންޔާހޫގެ [ފުޞާމީ ނުވަތަ ޝިޒޮފްރޭނިކް] ޚިޠާބުގައި ފާހަގަކުރެވޭ މުހިންމު ނުކުތާތައް ތިރީގައި އެ ވަނީއެވެ.

ތިރީގައި މި އަންނަ ކަންތައްތަކާ ނަތަންޔާހޫ ދެކޮޅުހެދުމުން ދުނިޔެއަށާއި ޢާލަމީ މީޑިއާއަށާއި ބައިނަލްއަޤްވާމީ އިންސާނީ މުއައްސަސާތަކަށް އޭނާ ދޮގު ހެދިކަން  އެނގުނެވެ.

-        ޣައްޒާގައި ބަނޑަށް ޖެހުމެއް ނެތް.

-       ޣައްޒާގައި ޤަތުލުއާންމުގެ އެއްވެސް ޢަމަލެއް ހިންގައިފައެއް ނުވޭ.

-       ޣައްޒާގައި ނަސްލުހޭދުގެ އެއްވެސް ޢަމަލެއް ހިންގައިފައެއް ނުވޭ.

-       އިސްރާއީލުން މަދަނީއަކު މަރައިފައެއް ނުވޭ.

-       އިސްރާއީލުން ގަސްތުގައި ޣައްޒާއަށް ބޮންއަޅައިފައެއް ނުވާނެ.

ޖާދޫގަރުން ތޮފީގެ ތެރެއިން މުސަޅު ނެރޭ ގޮތަށް ނަތަންޔާހޫ ބުނީ އެއިން އެއްވެސް ކަމެއްގެ މަސްއޫލިއްޔަތު އިސްރާއީލަށް އުފުއްލަން ނުޖެހޭނެ ކަމަށެވެ.  ބޭބީ " ބުނި ގޮތުގައި  އެ ކަންކަމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭނީ ޙަމާސަށެވެ.

-           ޣައްޒާއަށް ފުދި އިތުރުވާ ވަރަށް ވެއްދޭ އިންސާނީ އެހީތަކުން ވައްކަންކުރަނީ ޙަމާސުންނެވެ.

-           ޣައްޒާގައި މަދަނީން މަރުވަމުން ޒަޚަމުވަމުންދަނީ ޙަމާސުން ޣައްޒާ މީހުން އިންސާނީ  އައްޑަނަތަކަކަށް ހެދުމުގެ ސަބަބުންނެވެ.ނަތަންޔާހޫ ބުނިގޮތުގައި ޣައްޒާގައި އިސްރާއީލު އަތުން މަރުވާ  ބަޔަކު މަރުވަނީ އިންސާނީ ފަންނީ ކުށުގެ ސަބަބުންނެވެ. މި ދޮގު ނަތަންޔާހު ހެއްޖަސް، 8 އޮކްޓޯބަރުން ފެށިގެން ޣައްޒާގައި އިސްރާއީލީން ހިންގަމުންދާ ޢުދްވާނީ ޙަމަލާތަކާއި ލާއިންސާނީ ޖަރީމާތަކަކީ ވަގުތުންވަގުތަށް މުޅި ދުނިޔެ ދެކެމުންދާ ކަންތައްތަކެކެވެ.

ހިޓްލަރުގެ ޕްރޮޕެގެންޑާ ވަޒީރު ގޮބެލްޒް މަދުރަސާގައި "ކަޅު ޕްރޮޕެގެންޑާ" ފަށާނީ ބޮޑު ދޮގަކުންނެވެ. އެއަށް ފަހު މި ދޮގު އިރުއިރުކޮޅުން ތަކުރާރުކުރަމުންދާނެއެވެ. އޭނާ ބުނާގޮތުގައި މި ގޮތަށް ދޮގު ތަކުރާރުކުރީމާ މީހުންގެ ހިތުގައި މި ދޮގު ތެދަކަށް ވެގެންދާނެއެވެ. ނަތަންޔާހޫ ވަނީ ދޮގުހެދުމުގެ މި މަންހަޖަށް ދެ ޢުންޞުރެއް އިތުރުކޮށްފައެވެ. އެ ދެ ޢުންސުރަކީ:

·       ފުރަތަމަ ޢުންޞުރަކީ އިސްރާއީލީންނަށް އާންމުކޮށް ޔަހޫދީންނަށް އަމާޒުކުރެވެނީ އެ މީހުން "ސާމީން[1]"ނަށް ވާތީއެވެ. މިއީ ނަތަންޔާހޫގެ ދޮގު ސެޓުގެ ޔުނިވަރސަލް ސެޓެވެ. ދޮގުބޮނޑީގެ ބައްޕައެވެ. މި ދޮގު ހަދަނީ ނަތަންޔާހޫ ކަހަލަ ގިނަ އިސްރާއީލީން ސާމީންނަށް ނުވާތީއެވެ. ޔަހޫދީ މުއައްރިޚެއްކަމުގައިވާ ޝުލޮމުވާ ސޭންޑް އޭނާގެ މަޝްހޫރު ފޮތެއްކަމުގައިވާ (ޔަހޫދީ ރައްޔިތުން އުފެއްދުން)ގައި ކިތާބީ ހެތްކާއި ޤަރީނާތަކުން މި ދަޢުވާގެ ބާޠިލުކަން ބަޔާންކޮށްދީފައި ވެއެވެ. އިސްރާއީލުން އަބަދާއިއަބަދު އެ މީހުންނަކީ ސާމީންނޭ ކިޔައިގެން އަޑުއަރުވަނީ އެއީ "ތެދު"އަކަށް ހެދޭތޯއެވެ. އެހެނަސް ޙަޤީޤަތް ބުނާ ގޮތުގައި އިސްރާއީލޭ މި ކިޔާ ކިޔާނުގައި ވަޒަންވެރިވެފައިވާ މީހުންނަކީ ސާމީންނެއްނޫނެވެ. އެހެނަސް އެއީ ސްލަވާކީންނާއި ކައުކާސީންނާއި ތުރުކީންނެވެ.

·       ދެވަނަ އުންސުރަކީ، އިސްރާއީލަކީ އަރަބީންނާ އެކު ޞުލްޙަވެރިކަމާއި އަމާންކަމާއެކު އުޅޭން ބޭނުންވާ  ޞުލްޙައަށް ލޯބިކުރާ ބަޔެކެވެ. އިސްރާއީލާއި ޢަރަބީންނާ ދެމެދުގައި މަސްއަލަތައް އުފެދުމުގެ ސަބަބަކީ ފަލަސްޠީނު މީހުން ތިބުމެވެ.

އިސްރާއީލުގެ މަޢާރީފު ދުވަހު ނޫހުގެ ސިޔާސީ މުޙައްލިލެއް ކަމުގައިވާ ބެން ކަސްޕިޓް  ނަތަންޔާހޫގެ ޚިޠާބު ސިފަކުރަމުން ބުނީ  އެއީ [ހުސް ގޮނޑިތަކެއްގެ ކުރިމަތީ ގައި ހުރެ ދިން  ތާރީޚީ ޚިޠާބު]އެކެވެ.

 

ބައެއް ލަފުޒުގެ މާނަ:

ކިޔާނު     ނ.    (1) އަމިއްލަކަން ލިބިގެންވާ މުއައްސަސާއެއް ނުވަތަ ތަނެއް. (2) ހަޔަވީ ނުވަތަ ރޫޙާނީ ދިރުން ހުރި އެއްޗެއް. entity

ތަރީގާ     ނ.    (1) ކަމެއް ކުރުމުގެ މަގު ނުވަތަ ގޮތް.  method(2) ވަކި މީހަކު ނުވަތަ ބަޔަކު ތަބާވާ އުސޫލު ނުވަތަ މަޒުހަބު. creed

 

މަރުޖާ: 

[1]  - ސާމީންނަކީ ނޫޙުގެފާނުގެ ދަރިކަލުން ސާމުގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. އަރަބީންގެ ދަރިކޮޅުތައް ނިސްބަތްވަނީ ސާމުގެފާނަށެވެ.

ކޮމެންޓު