ad_banner
އިންސާފު (3)

އަސްމާ އަބޫބަކުރު

21 ސެޕްޓެންބަރު 2025

އިންސާފު

2025 ސެޕްޓެންބަރު 14ގެ ޢަދަދާ ގުޅޭ)

[ޒަރީނާ. މި ފޮނި އެއްޗެހި ވަރަށް މީރު. އަދި މީގެ ތަށްޓެއް ގެނެސްދީ!] އެ ވަގުތު ޒަރީނާ ބަލައިލީ އައިޝާއާ ދިމާއަށެވެ. ހިނިއައިސްފައި ހުރެއެވެ. ޒަރީނާގެ އަނގައިން ބަހެއް ބޭރުވެދާނެތީ އައިޝާ ލޮލުން އިޝާރާތްކުރީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. އެ ހިސާބުން ޒަރީނާ ބަދިގެއަށް ހިނގައްޖެއެވެ. ގޭގެ ކަންތައް ހިނގަމުންދާ ގޮތް މާޒިންގެ ލޮލަށް ފެނުނު ނަމަ ވެސް އެއްޗެއް ނުބުނަނީ މަސްލަހަތަށް ޓަކައެވެ.

އިސްކޫލްގެ އަހަރީ އިނާމުދިނުމުގެ ރަސްމިއްޔާތަށް ތައްޔާރުވަމުން ހުރިހައި މުވައްޒަފުން ގެންދިޔައީ ވަރަށް ބުރަކޮށެވެ. އެ ބަޔަކަށް ޒިންމާކުރެވިފައިވާ މަސައްކަތުގައި އަވަދިނެތި އުޅެމުން ދިޔަ އިރު މުދައްރިސުންގެ މޫނުމަތީން ވެސް ފެންނަމުން ދިޔައީ ވަރުބަލިކަމެވެ. ހެނދުނުހެނދުނާ އިސްކޫލަށް އަންނަ ގޮތަށް ގެއަށް ދެވޭ އިރު ހުންނަނީ ހަތަރެއް ޖަހައިފައެވެ.

[ނާޒީ. އިސްކޫލްތަކުގައި މި ނޫން ދުވަހެއް އަންނާނެ ނަމަ. . . ! އަހަރެމެން ވެސް ޢާއިލާއެއް އޮވޭ. ގޭގައި ކާންދޭނެ ބަޔަކު ވެސް އެބަ ތިބީ. މިހެން އުޅެއުޅެ ދުވަސް ހޭދަވަނީ އަހަރެމެންގެ ދަރީންނަށް އަޅައިލާން ޖެހޭ ވަރަށް އަޅައިނުލެވި. އަޅެ ނޫންތަ؟] ޝަމްލާގެ ވާހަކައަށް ނާޒިމާ ވެސް އެއްބަސްވިއެވެ.

[އަހަރެން ވެސް އަބަދު ހިތަށް އަރާ. އަހަރެމެން އަބަދު މިހެން އުޅޭ އިރު އެހެން ވަޒީފާތަކުގައި އުޅޭ މީހުން ހާދަ ފަސޭހަކޮށޭ އެ އުޅެނީ. އަހަރެންގެ ތުއްތަ ވެސް އަހަރެން އިސްކޫލަށް އަންނައިރު ހުންނާނީ ގޭގައި. އަހަރެން ކުޑަމީހާ ނިމޭ އިރަށް އަންނާނެ ބަލައި ވެސް. އަހަރެން ގެއަށްދާ އިރު ތުއްތަ ހުންނާނީ ގޭގައި. އެ އޮފީސްތައް ހާދަ ފަސޭހައޭ.] ނާޒިމާ ވެސް ޝަމްލާއާ ބައިވެރިވިއެވެ. އޭރު އެ ދެ މީހުން ތިބީ ޖަލްސާއަށް ބޭނުންވާ މާތަކެއް ހެދުމުގެ މަސައްކަތުގައެވެ.

[ހިނގައިބަލަ އަހަރެމެން ޕްރިންސިޕަލާ ވާހަކަދައްކާން މި ނޫން ގޮތަކަށް މި ކަން ކުރެވޭތޯ ބަލާން. ކޮންމެ ދުވަހެއް ނިމިގެން ދާނީ ދެތިން މީޓިންއަކަށް ދާންޖެހުމަށް ފަހު.] ޝަމްލާ އެހެން ބުނުމުން ނާޒިމާ ވެސް އެ ކަމަށް އެއްބަސްވިއެވެ.

[ބައްދަލްކުރަން ދާންވާނީ ހަފުތާގެ ދުވަސްތަކުގެ ފަސޭހަ ޕްލޭނެއް ވެސް ހިފައިގެން. އެހެން ނޫނީ އަހަރެމެން ގޮސް ކޮން ވާހަކައެއް ދައްކާނީ. ހަފުތާގެ ދުވަސްތަކުގައި ކުލާސްތައް ނެގުމުގެ އިތުރުން އެކުސްޓްރާ ކުލާސްތަކާއި އިތުރު ޙަރަކާތްތައް މަދުކުރެވިދާނެ ގޮތަކަށް ވިސްނައިފައި ދާންވާނީ.] ޝަމްލާއާއި ނާޒިމާ އެންމެ ފަހުން ނިންމީ ބައްދަލުވުމަކަށް ޕްލޭނެއް ހިފައިގެން ދާށެވެ.

އަހަރީ ދުވަހުގެ ޖަލްސާ ބޭއްވުމަށް ގޮނޑިޖަހަމުން ދިޔަ އިރު، އެ ކަމާ ޙަވާލުވެ ހުރި ޓީޗަރަށް ވެސް ލިސްޓުގައި ނަންނެތް ޚާއްޞަ ގޮނޑިއެއް ހުއްޓެވެ. އެއީ ކާކަށް ޚާއްޞަކުރެވިފައިވާ ގޮނޑިއެއްކަމެއް އެކަކަށް ވެސް ނޭގެއެވެ. އަދި އެ ގޮނޑި ހުރީ ޚާއްޞަ މެހުމާނުންގެ ތިއްބެވުމަށް ބެހެއްޓިފައިވާ ތަނުގައެވެ. ޕްރިންސިޕަލް އަންގަވައިގެން ބެހެއްޓި އެ ގޮނޑީގެ މަޢުލޫމާތު ނޭނގިގެން ނިޔާޒު ގޮސް އަހާން ވެސް އެހިއެވެ. ޕްރިންސިޕަލް އައިޝާގެ ޖަވާބަކީ އެއީ ވަރަށް ޚާއްޞަ ބޭފުޅަކަށް ބެހެއްޓިފައިވާ ގޮނޑިއެއްކަމެވެ.

ގަޑިޖެހުމުން ދައުވަތު އެރުވިފައިވާ އެންމެހައި ބޭފުޅުން އެ ބޭފުޅެއްގެ ގޮނޑީގައި އިށީނދެވަޑައިގަތެވެ. ޝަރަފުވެރި މެހްމާނާ އެކު ވަޑައިގަންނަވާ ބޭފުޅުންނަށް ބެހެއްޓިފައިވާ ގޮނޑިތައް ފިޔަވައެވެ. އައިޝާ ކަންކުރެއްވި ގޮތުން ހައިރާންކަން ގެނުވި އެކަކީ ނިޔާޒެވެ. ޝަރަފުވެރި މެހެމާނު ވަޑައިގަތް އިރު، ޕްރިންސިޕަލް އައިޝާގެ ފަހަތުން އިސްޖަހައިގެން އަންނަނީ ސެކިއުރިޓީ ގާޑެވެ. މުޅި ހޯލްގައި ތިބި އެންމެން ހައިރާންވި އެއް ކަމަކަށް ފެނިގެން ދިޔައީ މިއަދު އައިޝާ ކަން ކުރެއްވި ގޮތެވެ. އައިޝާ ގެނެސް ސެކިއުރިޓީ ގާޑް އެ ގޮނޑީގައި ބޭންދި ތަން ފެނި ބައެއް މުވައްޒަފުން ތިބީ ހިތްހަމަނުޖެހިފައެވެ. އަނެއް ބަޔަކު ތިބީ ވާނުވާ ނޭނގި ހައިރާންކަން މަތީގައެވެ. ސެކިއުރިޓީ ގާޑު އިނީ ކަންބޮޑުވެފައެވެ. ބިރުގަނެފައި އިންނަ ކަހަލަ ގޮތަކަށެވެ.

އިސްކޫލުގައި އެންމެން އަމުރުކުރާ އެކަކީ އޭނާއެވެ. އަތްވާއި ވާރޭގައި އިސްކޫލު ބަލަހައްޓަކުންދާ އެ ގާޑަކީ އީމާންތެރިއެކެވެ. އެ އިސްކޫލު ހުޅުވުނު ފަހުން އެތައް އަހަރެއް ވޭތުވެ ދިޔަ އިރު އޭނާގެ މަސައްކަތަށް ޙާޒިރުނުވާ އެންމެ ދުވަހެއް ނުދެއެވެ. ގަޑިއެއް ނުޖެހެއެވެ. އަވީގައި ހުންނަ ދުވަސްދުވަހާއި ވާރޭގައި ތެމިގެން ހުރި ދުވަސްތައް މަދެއް ނޫނެވެ. ޖަލްސާގައި ޚާއްޞަ ކޮންމެ އަހަރަކު އޯލެވެލްއަށް ކިޔަވައިދޭ މުދައްރިސުންނަށް އިނާމު ދެވެއެވެ. އެ ޓީޗަރުންގެ އަގު ވަޒަންކުރެއެވެ. ދަރިވަރުންގެ ތެރެއިން އެންމެ ރަނގަޅު ދަރިވަރުން ހޮވައި އިނާމު ދެވެއެވެ.

[މިއަދު އަޅުގަނޑު އެންމެ ފަޚުރުވެރިވަނީ މި އިސްކޫލަށް ޓަކައި އެތައް ބަޔަކު ގުރުބާންވަމުންދާ އިރު ދުވަހަކު އެ މީހެއްގެ ނަން ވެސް ނުގަނެވޭ މީހާއަށް. އެންމެންނަށް ދަޢުވަތުދެވޭ އިރު، މި ފަދަ ރަސްމިއްޔާތަކަށް ދަޢުވަތު ލިސްޓުގައި އެ ނަން ވެސް ނުހިމެނޭމީހާއާ މެދު. އިސްކޫލަކަށް މުހިންމުވާ ވަރަށްގިނަ މުވައްޒަފުންވޭ. ނަމަވެސް ސެކިއުރިޓީ ގާޑުގެ މަތީން އެކަކު ވެސް ހަނދާނެއް ނެތް. އެހެންކަމުން ފުރަތަމަ ފަހަރަށް އަޅުގަނޑު އެ ނަން ފާހަގަކުރަން. މި އިސްކޫލުގެ ރެކޯޑްތައް ދައްކާ ގޮތުން މި އިސްކޫލް ހުޅުވުނީއްސުރެ މިއަދާ ހަމައަށް ދެ ގޮތެއް ނުވެ ހުރި ހަމައެކަނި މުވައްޒަފަކީ ސެކިއުރިޓީ ގާޑު، އަލިބެ." ޕްރިންސިޕަލް އެތައް ދުވަހަކު އެއްކުރި ވީޑިއޯ ދެއްކިއެވެ. އެ ދުވަހު އެންމެންގެ ލޮލުން ކަރުނަ އަންނާން ފެށިއެވެ.

އެ ދުވަހަށް ފަހު އިސްކޫލްގެ ކޮންމެ ކުއްޖަކާ ކޮންމެ މުވައްޒަފަކު ވެސް އަލިބެއަށް އިޙުތިރާމްކުރެއެވެ. ސްކޫލްގެ އެންމެ ބޮޑު ޒިންމާއަދާކުރާ އެކަކީ ސެކިއުރިޓީ ގާޑްކަން އެންމެންނަށް އެނގިއްޖެއެވެ. ޕްރިންސިޕަލް އައިޝާގެ ޤަދަރު އުފުލެނީ އެހެން މީހުން ނުބަލާ ނަޒަރުން ބަލައި ކަންކަން ދެނެގަންނާތީއެވެ. އައިޝާގެ ހުރިހައި ވެސް ތަނަކީ އިސްކޫލެވެ. ގިނަ ވަގުތު އުޅެނީ އިސްކޫލްގައެވެ. ދަރިވަރުންނަށް ޓަކައެވެ. އެހެނިހެން މުވައްޒަފުންނަށް ޓަކައެވެ. ރަށުތެރޭގައި އައިޝާގެ ރަނގަޅު ވާހަކަ ދެކެވޭން ފެށިއެވެ. އެ ފަދަ ޕްރިންސިޕަލަކު އެއްވެސް ސްކޫލަކަށް ނުލިބޭނެ ވާހަކައެވެ. ހަމަ އެއަޑުތައް އައިޝާގެ މައިދައިތަގެ ކަންފަތާ ހަމައަށް ވެސް ފޯރިއެވެ.

ޖަމީލާގެ ރުޅިގަނޑު ފަޅައިގެން ދިޔައީ އައިޝާގެ ރަނގަޅު ވާހަކަ މީހުން ދައްކާން ފެށުމުންނެވެ. ޖަމީލާގެ ރައްޓެހިންގެ ފަރާތުން ވެސް ފޯންކޯލްތައް އަންނާން ފެށިއެވެ. އެކަމާ ޖަމީލާއާ މީރާ މަޝްވަރާކުރިއެވެ. އައިޝާގެ އަގުވައްޓައިލެވޭނެ ގޮތަކާ މެދުއެވެ. އައިޝާ ވަޒީފާއިން ވަކިވެގެން ގޭގައި ހުންނާނެ ދުވަހަކަށް ބަލަބަލައި ތިބި ޖަމީލާމެންނާ ހަމައަށް ލިބެނީ އައިޝާގެ ރަނގަޅު ވާހަކައިގެ ޚަބަރުތަކެވެ.

އިސްކޫލުގައި ބިޒީ ދުވަސްކޮޅެކެވެ. މާޒިން މަސައްކަތް ނިންމައިފައި ގެއަށް އަވަހަށް ދިޔައީ ޕްރިންސިޕަލުންނަށް ޚާއްޞަ މީޓިންގ އެއްގައި އައިޝާ ބައިވެރިވުމުންނެވެ. މާޒިން ގެއަށް ގޮސް ކޮޓަރީގައި ޖައްސާލުމާ އެކު ނިދުނީއެވެ. ސިޓިންގ ރޫމްގައި އިށީނދެ އިން ޖަމީލާ މާޒިން އައިސް ގެއަށް ވަނުމުން މިއަދު އެކަނި އައި ދުވަހެއްހޭ އަހައިލިއެވެ. އޭގެ ދެގަޑިއެއްހައި އިރު ފަހުން އައިޝާ ވެސް އަތުވެއްޖެއެވެ. އޭރު ގަޑީން ތިންގަޑި ފަނަރައެވެ.

[ޕްރިންސިޕަލް ކަމަނާފާނަށް ގެއެއް ހުރިކަން ހަނދާންވެއްޖެ.] ޖަމީލާ މޫނުމަތި ފެނުމުން އައިޝާ ޖެހިލުންވިއެވެ.

[މަންމާ. މީޓިންގއެއް އޮތީމާ ނާދެވުނީ.]

[މީޓިންގ މީޓިންގ. ތިޔަ ނޫން ކަމެއް އޮވޭތަ؟ މީހަކާ އިނދެގެން އުޅޭ އަންހެނެއް. ފިރިމީހާގެ ވާޖިބު އަދާކުރެވޭތަ؟ ހަމައެކަނި ސްކޫލް، ހުރިހައިކަމެއްގައި ވެސް އިސްކުރަނީ.]

[މަންމާ. މާޒިންއަށް އެނގޭނެ. ބައްދަލުވުން އޮތީމާކަން ސްކޫލްގައި މަޑުކުރީ.] އައިޝާ ބެލީ މަސްލަޙަތު އިސްކުރެވޭތޯއެވެ.

ޖަމީލާގެ ރުޅި އިތުރަށް ގަދަވިއެވެ. އަންހެނުން ތިބެންވީ ގޭގައިކަމަށް ބުނެ އައިޝާއާ ދިމާއަށް އެއްޗެހި ގޮވިއެވެ. އައިޝާ މަޑުމަޑުން ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރިއަށް ވަންއިރު މާޒިން އޮތީ ހޭލައެވެ. އައިޝާގެ މޫނުމަތި ފެނުމުން މާޒިން ސުވާލުކުރި ނަމަވެސް އައިޝާ ބުނީ ހަމައެކަނި ވަރުބަލިވީކަމުގައެވެ.

[މާބޮޑަށް ކަންކަމާ ވިސްނާތީ ވާ ގޮތެއް ތިޔައީ. މިރޭ ވާނެ ބުރެއްޖަހައިލާން ނިކުންނަން. އަލަށް  ހުޅުޅުވި ރެސްޓޯރެންޓުން މިރޭ ކާނީ ވެސް.] މާޒިންގެ ވާހަކަތަކުން އައިޝާ ހަމައަކަށް އެޅިއްޖެއެވެ. އައިޝާ އެންމެ ކަންބޮޑުވަނީ އަންނަ މަހު މާޒިން ޓްރެއިނިންގއަކަށް ރާއްޖޭން ބޭރަށް ދާން އޮތީމައެވެ. މާޒިން ނެތި އެ ގޭގައި އައިޝާއަށް އުޅޭން ދަތިވާނެކަން އެނގެނީ އައިޝާ އަށެވެ.

މި ދުވަސްކޮޅު މީރާގެ ފިރިމީހާ ރަށުން ބޭރުގައިވީކަން ނަސީބެކެވެ. އެހެން ނޫންނަމަ ގެއަށް އަންނަ އިރު އޭނާ ވެސް ހުންނަނީ ފާޑަކަށް އަޅައިގެންފައެވެ.

ކޮންމެ ދުވަހަކީ ވެސް ކޮންމެ ވެސް ހާދިސާތަކާ ނުވަތަ ކޮންމެ ވެސް މީހެއްގެ ރުޅިއާ ކުރިމަތިލާން ޖެހޭ ދުވަހެކެވެ. އެހެން ޢާއިލާތަކުން އައިޝާ ފަދަ ހީވާގި ޕްރިންސިޕަލުންނަށް އެއްބާރުންލުންދޭ އިރު، މާޒިން ފިޔަވައި އެ ގެއިން އެއްވެސް އެއްބާރުލުމެއް ނުލިބޭތީ އައިޝާ ކަންބޮޑުވުން އިތުރުވާން ފަށައިފިއެވެ.

ރޭގަނޑު ބޭރަށް ދާން ބުނެފައި މާޒިން ބައްޕައާ އެކު ހަވީރު ފިހާރައަށް ދިޔަ ގޮތަށް އަދި ގެއަކަށް ނާދެއެވެ. އައިޝާ ބަދިގެއަށް ވަދެ ރޭގަނޑަށް ޒަރީނާ ކެއްކި އެއްޗެހި ޗެކުކުރިއެވެ. ކިތަންމެ ވަރުބަލިވިއަސް ޒަރީނާއަށް އެހީތެރިވެދެނީ އައިޝާއެވެ. އެހެން މީހަކު ބަދިގެއަކަށް ނުވަންނާނެއެވެ.

"އައިޝާ. ދެންދޭ ޖައްސައިލާން. މިހާރު ދެން މަސައްކަތް މި ނިމެނީ.] ޒަރީނާ އެހެން ބުނުމުން އައިޝާ ކޮޓަރިއާ ދިމާއަށް ހިނގައްޖެއެވެ. ކޮޓަރީ ދޮރުމަތީގައި ރަޒީން ހުއްޓައި ފެނުމުން އައިޝާ ދިޔައީ ސިއްސައިގެންނެވެ. (ނުނިމޭ)

ކޮމެންޓު