ad_banner
ދިވެހިރާއްޖޭގެ އުމުރު

ޢަބްދުﷲ ސަޢީދު

20 ސެޕްޓެންބަރު 2025

divehirAwqjEge wumuru varaSq dSqTE

ތާރީޚަކީ، ތާރީޚުގެ ޢިލްމުވެރީން މާޒީވެ ދިޔަ ދުވަސްތަކާ ބެހޭ މަޢުލޫމާތު އެއްކޮށް، ދިރާސާކޮށް ތައްޔާރުކުރާ މަޢުލޫމާތުތައް މުއާސަލާތީ ޒަރީޢާއިންނާއި ކިޔަވައިދިނުމުގެ ވާސިތާއިން ފެތުރުމެވެ. ދުނިޔޭގެ އެހެން ޤައުމުތަކެކޭ އެއް ގޮތަށް ދިވެހިރާއްޖޭގެ ތާރީޚަކީ ވެސް އާ ދިރާސާތައް ކުރެވުނު ވަރަކަށް އިތުރު މަޢުލޫމާތު ލިބޭނެ ނުހުއްޓި ކުރިއަށްދާނެ ސިލްސިލާއެކެވެ. ޒަމާނަށް އަންނަ ބަދަލުތަކާ އެކު، ޒަމާނީ ވަސީލަތްތަކުގެ އެހީގައި ކުރީން ނޭނގޭ އެނގުންތައް އެނގި އައު ހޯދުންތައް ހޯދޭނެއެވެ. އަދި ކުރީގެ ތާރީޚުތައް އިތުރަށް ކަށަވަރުކުރެވޭނެއެވެ.

ދިވެހިރާއްޖޭގެ އުމުރާ ބެހޭ ގޮތުން ހަވާލާ ދެމުންއައި އެއް އުމުރަކީ 2500އެވެ. ދިވެހިރާއްޖެއަށް 2500 އަހަރަށް ވުރެ ގިނަ ދުވަސްވެދާނެކަމަށް ބުނެވޭ ބުނެވުމެވެ. މި ގޮތަށް ބުނެވޭން ފެށުނީ ފަލަސްތީނުގެ އަރީޙާ (ޖެރީކޯ)އިން ފެނުނު އިންސާނެއްގެ ބޮލުގެ ކަށިގަނޑުގެ ދެލޮލަށް ޖަހާފައިވަނިކޮށް ފެނުނު ދިވެހި ދެ ކުދި ބޮއްޔަށް ނިސްބަތްކޮށެވެ.

ފަލަސްތީނުގެ އަރީޙާއަކީ ދުނިޔޭގައި އިންސާނުން އެންމެ ފުރަތަމަ އާބާދުވި ސަހަރު ނުވަތަ ސިޓީކަމުގައި ބުނެވެއެވެ. އިންސާނުން ހޮހަޅަތަކުން ނިކުމެ ގެދޮރު ޢިމާރާތްކޮށް ޖަމާޢަތެއްގެ ގޮތުގައި ދިރިއުޅޭން ފެށި އެންމެ ގަދީމީ ރަށަކީ އެއީއެވެ. އަރީޙާއިން ފެނުނު މި ވައްތަރުގެ ކުދި ބޮއްޔަކީ ދުނިޔޭގެ އެހެން ބައެއް ސަރަޙައްދުތަކުގައި ވެސް އާލާވާ އެއްޗަކަށް ވާތީ، މިއީ ކަނޑައެޅިގެން ދިވެހިރާއްޖެއިން ގެންގޮސްފައިވާ ބޮލިތޯ އޮތީ ސުވާލު އުފެދިފައެވެ. އަދިވެސް އެ ސުވާލަށް ޖަވާބެއް ނުލިބެއެވެ. އެހެންނަމަވެސް މި ވައްތަރުގެ ބޮއްޔަކީ އެވޭލާ ޒަމާނުގައި ދިވެހިރާއްޖެއިން ގިނަ އަދަދަކަށް ހިލާ ބޮއްޔަކަށްވެފައި، (ބޮލިހިލުން ނުވަތަ ފަރުހިލުމަކީ ފަރުމަތީން ރޯ ބޮލި ހޮވުމެވެ.) ބޭރުގެ އެކިއެކި ޤައުމުތަކަށް ގިނަ އަދަދަކަށް ދިވެހިރާއްޖެއިން ބޭރުކުރާ އެއްޗެކެވެ. މި ވައްތަރުގެ ބޮލި ދިވެހި ކުދިބޮލީގެ ގޮތުގައި ނުވަތަ ދިވެހިރާއްޖޭގެ ބޮލީގެ ގޮތުގައިދުނިޔެއަށް އޮތީ މަޝްހޫރުވެފައެވެ. މިއީ ދުނިޔޭގައި އިންސާނުން އަޅުންގެ ގޮތުގައި ގަނެހެދި އަގުހުރި ފައިސާއެކެވެ. ވަރަށް ކުރިއްސުރެ ބޭރުގެ ލިޔުންތެރިންނާއި ދަތުރުވެރީން ވަނީ މި ބޮއްޔާއި ދިވެހިރާއްޖެއާ ގުޅުވައިގެން ލިޔުންތައް ލިޔެފައެވެ. އެހެންކަމުން އަރީޚާއިން ފެނުނު ބޮލުގެ ކަށިގަނޑަށް ޖަހާފައިވާ ބޮއްޔަކީ ދިވެހިރާއްޖޭން އެ ހިސާބަށް ގެންގޮސްފައިވާ ބޮލިކަމަށް އޭރު ދިރާސާކުރެއްވި ބޭފުޅުންނަށް ގަބޫލުކުރެވުނީއެވެ.

ސައިންސްވެރީން އަރީޙާއިން ކޮނެގެން ނަގާ ތަހުލީލުކޮށްފައިވަނީ އެންމެ މީހެއްގެ ބޮލުގެ ނާށިގަނޑެއް ނޫނެވެ. ބޮލުގެ ނާށިގަނޑުތަކުގެ އިތުރަށް މަރުވީމާ މޫނުމަތީން އަޅައިފައި ހުރި މޫނުމަތިތަކެއް ވެސް ވަނީ ހޯދައިފައެވެ. މީގެ ބައެއް މޫނުމަތިތަކުގައި ވެސް ދިވެހި ބޮލި ޖަހައިފައި ހުއްޓެވެ. 1953ވަނަ އަހަރު އަރީޚާގެ އާސާރީ ތަންތަން ކޮނެ ތަހުލީލުކުރި ކެތުލީން ކެންޔަން މި ފަދަ އިތުރު ހަ ނާށިގަނޑު ނުވަތަ މޫނުމަތި ވަނީ ހޯދައި ދިރާސާކޮށްފައެވެ. ދިވެހި ކުދިބޮލި ފެނުނު ނާށިގަނޑު އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރީން އިތުރަށް ދިރާސާކޮށް މިހާރު ކަނޑައަޅައިފައިވާ އުމުރަކީ ގާތްގަނޑަށް 7000 އަހަރެވެ. މި ނާށިގަނޑާއި މޫމަތިތަކުގައި ހުރި ބޮއްޔަށް ބަލައިގެން ދިވެހިރާއްޖޭގެ އުމުރު ކަނޑައަޅާ ނަމަ މިހާރު ދިވެހިރާއްޖޭގެ އުމުރުން ވާނީ 2500 އަހަރު ނޫންކަން ވަނީ ޔަގީންކުރެވިފައެވެ.

ޤައުމުތަކުގެ ގަދީމީ ތާރީޚު ދިރާސާކުރާއިރު ތާރީޚީ ގޮތުން އެންމެ ބޮޑު ބުރަދަނެއް ދެވެނީ އެ ތަނަކުން ފެންނަ ހެކިތަކާއި ގަރީނާތަކުގެ މައްޗަށެވެ. މި ގޮތުން ބަލާއިރު ވަރަށް މުހިންމު ދިރާސާއެއް 2000ގެ އަހަރުތަކުގައި ވަނީ ދިވެހިރާއްޖޭގެ ބައެއް ރަށްތަކުގެ ބިންގަނޑު ތޮރުފައިގެން ކޮށްފައެވެ. މި ދިރާސާގައި ގިނައިން ބޭނުންކޮށްފައި ވަނީ ބ. އަތޮޅުގެ ބައެއް ރަށްރަށް ކޮނެގެން ނަގައިފައިވާ ވެއްޔާއި މަށީގެ އުމުރެވެ. ވެލި އުފެދިފައިވާ އަހަރު ސައިންސްއިން ވަނީ ބަލައިފައެވެ. ރޭޑިއޯކާރބަން ޑޭޓިން އިން ބަލައި ދިވެހިރާއްޖޭގެ ރަށްތައް ކަނޑުގެ ސަތަހައިގެ މަތީން އުފުލުނުތާ މިހާރު ގާތްގަނޑަކަށް 4000 އަހަރަށްވުރެ ގިނަ ދުވަސްވެދާނެކަމަށް މި ދިރާސާގައި ވަނީ ބުނެފައެވެ. މި ދިރާސާ ހެދުމަށް ބިންގަނޑު ތޮރުފައިގެން ވެލިނެގި ބ. އަތޮޅުގެ ފަޅުރަށެއްކަމުގައިވާ ދަކަންދޫގެ ވެލީގެ އުމުރަށް ނިސްބަތްކޮށް ދިވެހިރާއްޖޭގެ ރަށްތައް މީގެ 10000 އަހަރު ކުރީން ވެސް އޮންނާނެކަމަށް ޑރ. ޙަސަން ޙަމީދު ލިޔުއްވައިފައިވެއެވެ.

ދިވެހީންގެ ގަދީމީ ތާރީޚު ދެނެގަތުމުގައި އަވަށްޓެރި ޤައުމުތަކުގެ ތާރީޚަށް ލިބޭ އައު އަލިކަމަށް ވެސް ބަލާންޖެހެއެވެ. 2012ވަނަ އަހަރު ސްރީލަންކާއިން ފެނުނު ވަރަށް ޒަމާންވީ އިންސާނެއްގެ ކަށިގަނޑުގެ އުމުރުން ވަނީ ދެނެގަނެފައެވެ. ބީބީސީ ވެބްސައިޓްގައި 2012 ޖޫން 19ގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ކާބަން ޑޭޓިންއިން ބަލާ އިރު، މި ކަށިގަނޑަކީ 37000 އަހަރުވެފައިވާ އިންސާނެއްގެ ކަށިގަނޑުކަން ވަނީ ކަށަވަރުކުރެވިފައެވެ. މި ދިރާސާގެ މައްޗަށް ބިނާކޮށް ސްރީލަންކާގެ އާކިއޮލޮޖިސްޓެއްކަމުގައިވާ ނިމަލް ޕެރޭރާ ވިދާޅުވެފައި ވަނީ އެ ޤައުމުގައި ގާތްގަނޑަކަށް މީގެ 40000 އަހަރު ކުރީން ވެސް މީހުން ދިރިއުޅެފައިވާކަން މި ހޯދުމުން ސާބިތުކޮށްދޭކަމަށެވެ.

މި ޙަޤީޤަތްތަކަށް ބަލާ އިރު، އެނގި ހާމަވާ ކަމަކީ ތާރީޚީ ދިރާސާތަކުގެ މައްޗަށް އަދި އައު ހޯދުންތަކާއި އަލަށް ލިބޭ، އަދި އަލަށް ފެންނަ ހެކިތަކުގެ މައްޗަށް ކުރީގެ ނިންމުންތައް ބަދަލުކުރާން ޖެހޭކަމެވެ. މި ގޮތުން ބަލާ އިރު، މިހާރު ދިވެހިރާއްޖޭގެ އުމުރެއްކަމަށް ގާތްގަނޑަކަށް 4000 އަހަރު ކިޔަމުން ދިޔަޔަސް މި އަދަދަށް އަދިވެސް ބަދަލު އައުމަކީ ހަމަ އެކަށީގެންވާ ކަމެކެވެ. ދިވެހިރާއްޖެއަކީ އެހައި ވެސް ގަދީމީ ރާއްޖެއެވެ. އެހާ ވެސް އެވޭލާ ޤައުމެކެވެ.

 

ޙަވާލާ: 

ޑރ. ޙަސަން ޙަމީދު. ނެގީhttps://www.hassanhameed.com/dhivehi-language/history-of-dhivehi-language

ބީބީސީ ވެބްސައިޓް. (2012). ނެގީhttps://www.bbc.com/news/world-asia-18501964

އެސްމެލީން މިއުޒިއަމް. އޮކްސްފޯޑް ޔުނިވަރސިޓީ. ނެގީ.https://www.ashmolean.org/collections-online...

ބްރިޓިސް މިއުޒިއަމް. (2017) ނެގީhttps://www.britishmuseum.org/collection/object/W_1954-0215-1?selectedImageId=39643001

ކޮމެންޓު