ad_banner
ލެއިން ތަތްތެޅިފައިވާ ޑިމޮކްރެސީ

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

16 އޯގަސްޓް 2025

ޑިމޮކްރެސީގެ ހަޑި ހުތުރު ކޮޕީއެއް ދުނިޔެއަށް ފެނިއްޖެއެވެ.

އިންސާނީ ޙައްޤުތައް ޙިމާޔަތްކުރާކަމަށް ދަޢުވާކުރާ ހުޅަނގުގެ ގައުމުތައް ކޮބައިހެއްޔެވެ؟ މޫނުމަތީން މާސްކު ވެއްޓި ފަޅައި އަރައިފިއެވެ. މެދުއިރުމަތީގައި އޮތް ޑިމޮކްރެސީގެ ނަމޫނާ ފަނާރެއްކަމަށް ބުނެ އިސްރާއީލަށް ތާރީފުކޮށް ލަވަކިޔަމުން ދިޔަ ހުޅަނގު ކޮބައިހެއްޔެވެ؟ އިންސާނާގެ ޙައްޤުތަކާއި ޙުއްރިއްޔަތުގެ މާބަގީޗާއެއްކަމަށް ހުޅަނގުގެ މީޑިއާތަކުން އޮފުދާރުކުރި އިސްރާއީލުގެ ޙަޤީޤަތް ހުޅަނގަށް މިއަދު ފެނޭބާވައެވެ!

ހުޅަނގުން އިސްރާއީލާ ބެހޭ ގޮތުން އަރުވަމުންދާ އޮފުދާރު އަޑުތަކުގެ ފުލޯކުކަން އިސްރާއީލުގެ ޢަސްކަރިއްޔަތާއި ސިފައިން ޣައްޒާގައި ހިންގަމުންދާ ލޭއޮހޮރުވުމާއި ޚަރާބުކުރުމާއި ސުންނާފަތިކުރުމުގެ މަންޒަރުތަކުން ހާމަވެއްޖެއެވެ. ޑިމޮކްރެސީގެ ހަޑި ހުތުރު ކޮޕީއެއް ދުނިޔެއަށް ފެނިއްޖެއެވެ. އެއްވެސް ޖެހިލުމަކާ ނުލައި އިންސާނުންގެ ލޭއޮހޮރުވައިފައިވާ ނާޒީންނާއި ފެޝިސްޓުންނާއި ރެޑްއިންޑިއަނުންނާއި އެޒްޓެކުންނާއި  އެބޮރެޖަނިން މަރައި ހުސްކުރި  އިސްތިޢުމާރީ ބާރުތަކަށް ވުރެ އިސްރާއީލުގެ ނުބައި ނުލަފާކަން މާބޮޑެވެ.

ޣައްޒާގައި، މަންމަގެ އުނގުގައި އޮންނަ ކިރުބޯ ކުއްޖެއް، ހިރިނުލެވި ގޮނޑީގައި އިންނަ މުސްކުޅިއެއް، އެ މީހުން ހިންގާ ޖަރީމާތައް ސިފަކޮށްދޭ ނޫސްވެރިއެއް، މި މަންޒަރުތަކުގެ ޙަޤީޤަތް ރެކޯޑުކުރާ ކެމެރާމަނެއް ތަފާތެއް ނުކުރެއެވެ. މި އެންމެންނަކީ ވެސް އިސްރާއީލުގެ ޤަތުލުއާންމުގެ އާލަތްތަކަށް ހުއްދަ ލަނޑުދަނޑިތަކެކެވެ.

ފިލޯސަފަރުން ... ޑިމޮކްރެސީގެ އަލި ފުށް

އެރިސްޓޯ ދެކެވަޑައިގަންނަވާ ގޮތުގައި ޙަޤީޤީ ޑިމޮކްރެސީ އޮންނާނީ ޢަދާލަތާއި ހަމަހަމަކަމުގެ މަތީގައެވެ.

ޖޭން ޖެކް ރޯސޯ  އޭނާގެ މަޝްހޫރު ފޮތުގައި ޑިމޮކްރެސީ ބަނދެލައްވައިފައިވަނީ އިންސާނާގެ ކަރާމަތް ޙިމާޔަތްކޮށްދިނުމާއެވެ.

ޖޯން ލުކް ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރެސީއަކީ ޙަޔާތާއި ޙުއްރިއްޔަތާ ބެހޭ ޙައްޤުތަކުގެ ޖާމިނުވުމެވެ.

އެހެންކަމުން ޑިމޮކްރެސީއަކީ ޞުލްޙަމަސަލަސްކަމާއި ޢަދްލުއިންސާފާއި ޙުއްރިއްޔަތު  ޙިމާޔަތްކުރުމާ އެއް މަފްހޫމެއްގައި ވާ ލަފުޒެކެވެ.

އެހެނަސް އިސްރާއީލުގެ މަފްހޫމުގައި ޑިމޮކްރެސީ ބަދަލުވެފައި މި ވަނީ ފެޝިސްޓު ލަޝްކަރަކުން ދުރާލައި ރާވައިގެން ހިންގާ ލާއިންސާނީ ޢަމަލުތައް ވަންހަނާކުރުމަށް ބޭނުންކުރާ މާސްކަކަށެވެ. މި ލަޝްކަރުން އެއްވެސް ޖެހިލުމެއްނެތި ނަސްލުހޭދުކުރެއެވެ. މީހުން ބަނޑަށް ޖައްސައި މަރައެވެ. ގަދަބާރުން މީހުން އެމީހުންގެ ވަޠަނުން ބޭރަށް ފައްސައިލައެވެ. އިސްރާއީލުން މި ދައްކާ ޑިމޮކްރެސީއަކީ "އެއީ ނިކަމެތި މީހާ ފުޑައިލުމަށް ބާރުގަދަ މީހާއަށް ލިބިފައިވާ ޙައްޤެކެވެ." އެއީ ޖައްލާދު ނަތަންޔާހޫއާއި އޭނާގެ އަޢުވާނު ސުމުޓްރިޗާއި ބޯގޯސް ބިން ޣަފީރުގެ މީއާރުން ރިވެލިކޮށްދޭ ޑިމޮކްރެސީއެކެވެ.

ނޫސްވެރީން.. ދަންޖެއްސުމުގެ ލިސްޓުގައި

ޣައްޒާގައި ކުޑަކުދީންނެއްނޫނެވެ. އަންހެނުންނާއި ނުކުޅެދޭ މީހުންނެއްނޫނެވެ. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޢުރުފުތައް ޙިމާޔަތްކޮށްދޭ ނޫސްވެރީންނަކީ ވެސް ޣައްޒާގައި އިސްރާއީލުގެ އަމާޒުތަކެކެވެ. ނޫސްވެރީންގެ ކުށަކީ އިސްރާއީލުގެ  ޤާތިލު ލަޝްކަރުގެ ޙަޤީޤަތްތައް އެޑިޓްކުރުމަކާނުލައި ތެދަށް ހާމަކުރުމެވެ.

އިސްރާއީލުން ފަށައިފައިވާ ޢުދްވާނުގައި މިހައި ތަނަށް 238 ނޫސްވެރީން ވަނީ ގަސްތުގައި މަރައިލައިފައެވެ. މިއީ ފަހުގެ ތާރީޚެއްގައި ފުރޭފުކުރެވިފައިނުވާ ކަޅު ރެކޯޑެކެވެ. އެންމެ ފަހުން އިސްރާއީލުން ނޫސްވެރީންނާ ދެކޮޅަށް ހިންގި ޤަތުލުއާންމުގައި ހަތް މީހުން މަރައިލައިފައިވެއެވެ. އަލްޖަޒީރާގެ ދެ ނޫސްވެރީންކަމުގައިވާ އަނަސުއްޝަރީފާއި މުޙައްމަދު ޤުރައިޤިޢެވެ. މި ދެ ނޫސްވެރީންނާ އެކު ޖަޒީރާގެ ދެ ކެމެރާމަނުން ވެސް މަރައިލިއެވެ.

ޙަޤީޤަތާ ދެކޮޅަށް ކުރާ ހަނގުރާމައެއް

އިސްރާއީލުން  ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ނަސްލުހޭދު ހަނގުރާމައިގައި ނައްތައިލަނީ ދިރިތިބީންނާއި ޢިމާރާތްތައް އެކަންޏެއްނޫނެވެ. މި ހަނގުރާމަތައް ދެކެމުންދާ ލޯތަކާއި،  މި  ކަންތައްތައް ރެކޯޑުކުރާ އަޑުތަކާއި ، މި ވާހަކަތައް ލިޔާ ސިކުނޑިތަކަކީ ވެސް ހަމަ އަމާޒެކެވެ. މިއީ ޣައްޒާގައި އިސްރާއީލުގެ މަތިންދާބޯޓުތަކާއި ބަޑިތަކުގެ ދުރުމިތަކަށް އަރާ ކޮންމެ ޙަރަކާތަކާ ދެކޮޅަށް ކުރަމުންދާ ޝާމިލު އާންމު ހަނގުރާމައެކެވެ.

ލެއިން ތަތްތެޅިފައިވާ ޑިމޮކްރެސީއެއް

މިއީ ޒައިތޫނި ގޮފިކޮޅު އުފުލާ ޑިމޮކްރެސީއެއް ނޫނެވެ. އެހެނެއްކަމަކު މިއީ ސެޑިސްޓު ވިސްނުމެއްގެ ވެރި ވަލުޖަނަވާރަކު އީޖާދުކޮށްފައިވާ ޑިމޮކްރެސީއެކެވެ. ޙުއްރިއްޔަތުގެ ގިޔަމުތައް ބަދަލުކޮށްފައި މި ވަނީ ޝިކާރަތައް ޢަދަދުކުރާ މީޓަރަކަށެވެ. އޭގެ އުޞޫލުތައް ޢިބާރާތްކޮށްފައި ވަނީ ލޭގެ ދެލިންނެވެ. މިހައި ތަނަށް 61599 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.އޭގެ ތެރޭގައި 18582 ކުޑަކުދިންނާއި 12400 އަންހެނުން ވެއެވެ. މި ޢަދަދުގެ ދެ ގުނައަށް މީހުން ވަނީ ޒަޚަމުކޮށްލައިފައެވެ. ޣައްޒާގެ އިތުރަށް ހުޅަނގު އައްސޭރިއަށް ވަނީ ހަމަ މި ބީދައިން ޙަމަލާދީ ގެއްލުންތައް ދީ ޚަރާބުކޮށްފައެވެ. ޔަހޫދީންނާ ދެކޮޅަށް ނާޒީން ހިންގި ހޮލޮކޯސްޓްގެ ބަދަލު އަރަބީންގެ ކިބައިން ހިފަންޖެހެނީ ކީއްވެގެންހެއްޔެވެ؟ މިއީ ޑިމޮކްރެސީގެ ނަމުގައި އިސްރާއީލުން އަރައިގަންނަމުންދާ ޙަޤީޤީ ހޮލޮކޯސްޓެކެވެ.

ޑިމޮކްރެސީ މަގުން ކައްސައިލުން

އަފްލާޠޫން އޭނާގެ މަޝްހޫރު ފޮތް "އަލްޖުމްހޫރިއްޔާ"ގައި ވިދާޅުވެފައިވާ ގޮތުގައި ޑިމޮކްރެސީ، ޢަދްލުއިންސާފުގެ ރާސްތާއިން ކައްސައިލައިފި ނަމަ ބަދަލުވެގެންދާނީ ގަނޑުބަޑަކަށެވެ. ޙައްދުފަހަނަޅައިދިޔުމަށް ވުރެ ނުބައި ޚުދްމުޚްތާރުކަމަކަށެވެ. ފަރަންސޭސިވިލާތުގެ ސިޔާސީ މުފައްކިރެއްކަމުގައިވާ ޓޮކްވީލް އޭނާގެ ފޮތް "ޑިމޮކްރެސީ އިން އެމެރިކާ"ގައި ވިދާޅުވެފައިވާ ފަދައިން ޑިމޮކްރެސީތަކާ ކުރިމަތިވެފައިވާ އެންމެ ބޮޑު ނުރައްކަލަކީ އަނިޔާވެރިކަމަކީ ޤާނޫނުގެ ޅައެއްޗެއްކަމަށް ބުނުމެވެ. އަދި ރައްޔިތުން ފިއްތައިފައި ބައިތިއްބުން ޤާނޫނީކަމަކަށް ހެދުމަށް ޑިމޮކްރެސީ ބޭނުންކުރުމެވެ.

ޣައްޒާއިން މި ފެންނަނީ ފުލޯކު ޑިމޮކްރެސީއެވެ. ޙުއްރިއްޔަތުގެ ބަސްފޮތުން ނަސްލުހޭދު ލޯނުކުރާ ތަނެވެ.

 

ބައެއް ލަފުޒުގެ މާނަ:

ނަސްލުހޭދު   ނ.    އިންސާނީ ނަސްލެއް ނައްތާލުމަށް ޓަކައި ގަސްތުގައި މަރައި ހުސްކުރުމުގެ ޢަމަލު. genocide

އާލަތް      ނ.    މަސައްކަތްކުރަން ގެންގުޅޭ ސާމާނުގެ ތެރެއިން އެކަތި. tool

އޮފުދާރު     ނއ.   (1) ޙަޤީޤަތާ ޚިލާފަށް ބޭރުން ދައްކައިފައި ހުންނަ ރީތި ދަޅަ. (2) ގަދަ އޮފު ހުރި. fake galvanized

ފަނާރު      ނ.    ކަނޑު ދަތުރުކުރާ މީހުން ނުރައްކަލުން ސަލާމަތް ކުރުމަށް ޓަކައި އުސް ޓަވަރެއް ހަދައި އެ ޓަވަރުގައި ދުރަށް އަލިފޮނުވާން ހުންނަ ބާރުގަދަ ބައްތި. light house

ފިލޯސަފަރު   ނ.    ފަލަސަފާވެރިޔާ philosopher .

ފުލޯކު      ނއ.   (1) އަސްލެއް ނެތް.  false (2) ޚިޔާލީ illusion, fake .

ތާރީފު      ނ.    މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise

ގަޑުބަޑު      ނ.    (1) ބައެއްގެ އުފެދޭ ހަމަނުޖެހުން. uprising  (2) އަސްލާއި އެހެން އެއްޗެއް އެކުވާ އެކުވުން. (3) ބައެއް ކަހަލަ އެއްޗެހިވާ ނުވަތަ ކުރާ ތަޣައްޔަރު.pollution

ގިޔަމު      ނ.    ސަގާފަތާއި އާދަކާދައާއި އިޖުތިމާއީ ގުޅުންތަކުގެ ތެރެއިން މުޖުތަމަޢެއްގައި ބަލައިގެންފައިވާ އަޚުލާޤީ މީޔާރުތައް ނުވަތަ އާންމު މިންގަނޑުތައް. values

ޝިކާރަ      ނ.    ޝިކާރަކޮށްގެން އަތުލައިގަންނަ ޖަނަވާރު

ޖައްލާދު      ނ.    ގަތުލުކުރުމަށް ހުކުންކުރުމުން އެ ހުކުން ތަންފީޒުކުރާ މީހާ. (2) ރަހުމުކުޑަ މީހާ.

ކޮމެންޓު