ad_banner
ޝީއާއި ޓުރަންޕުގެ ބައްދަލުވުމުގެ ނިހާއީ ނަތީޖާއަކަށް ވާނީ ކޮން ކަމެއް؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

30 އޮކްޓޯބަރު 2025

މިހާރު ދެކުނުކޮރެއާގައި ހިނގަމުންދާ އޭޕެކްގެ ސަމިޓުގައި ޓުރަންޕާއި ޝީ

އެމެރިކާއާއި ހުޅަނގުން ހަގީގަތުގައި މިނިވަންކަމޭ އިންސާނީ ހައްގޭ ކިޔަނީ އެއްވެސް އިޚުލާޞްތެރިކަމެއް ނެތި ހަމައެކަނި އެ މީހުންގެ މަސްލަޙަތު ޙިމާޔަތްކުރުމަށް ޓަކައެވެ. އެ މީހުންގެ މަސްލަޙަތު ޙިމާޔަތްކުރާންޖެހުމުން ހަމައެއްލަމައެއް ޢަދުލެއް އިންސާފެން ނޯންނާނެއެވެ. އެމެރިކާގެ މަދަދާއި އެއްބާރުލުމާ އެކު ޣައްޒާ ތަޅައި ސުންނާފަތިކޮށްލި ގޮތުނާއި އެތައް ހާސް ބަޔަކު ޝަހީދުކޮށްލި ހާދިސާއިން އެކަނި ވެސް މި ކަން ސާފުވާނެއެވެ. އަދި އދ.ގައި އިސްރާހީލު ދިފާޢުކުރުމަށް ޓަކައި ދައްކާ ވާހަކައާއި ދޭ ވޯޓަކީ މި ކަމަށް ހުރި ސާބިތު ހެކިތަކެވެ.

އަރަބި ދަރިކޮޅުގެ އިނގިރޭސި ރައްޔިތެއްކަމަށްވާ ސާމީ ހަމްދީ، މި މަހު 28ވަނަ ދުވަހު އެމެރިކާއިން ހައްޔަރުކޮށް ވަގަށްނަގައިގެން، އެމެރިކާގައި އޭނާ ދިޔަ ކަމެއް ކުރިޔަ ނުދީ އަނބުރައި ގައުމަށް ފޮނުވައިލާން ނިންމީ ކޮން އިންސާފަކުންހެއްޔެވެ؟ އެއީ ފަލަސްތީނަށް ތާއީދުކޮށް ތަގުރީރުދީ ޚަބަރުލިޔެ ޚަބަރުތައް ތަޙުލީލުކުރާތީއެވެ.

އެމެރިކާއިން ހައްޔަރުކުޅަ، ސާމީ ހަމްދީއަކީ އިނގިރޭސިވިލާތުގެ ނޫސްތަކުގެ އިތުރަށް އެމެރިކާގެ ބައެއް ނޫސްތަކުގައި ވެސް ރިޕޯޓަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ މީހެކެވެ. އޭނާ މައިގަނޑު ގޮތެއްގައި ލިޔެފައިވަނީ ހުޅަނގުގެ ގައުމުތަކުގައި ޔަހޫދީ މަހުޖަނުންގެ ކޮންޓްރޯލު ނޯންނަ މީޑިއާތަކަށެވެ.

ސާމީއަކީ ޣައްޒާގައި އިސްރާއީލު ހިންގަމުން ގެންދާ ނަސްލުހޭދާއި ގަތުލުއާންމުތަކުގެ ޚަބަރުތައް ވަރަށް ފުޅާ ދާއިރާއެއްގައި ގެނެސްދޭ ރިޕޯޓަރެކެވެ. އިސްރާއީލުން ހިންގާ ޖަރީމާތަކުގެ ހަގީގަތް ވަރަށް ބޮޑަށް ހާމަކުރާ ނޫސްވެރިއެކެވެ. އެހެންކުމުން ސާމީ ހައްރުކުރި މި ހާދިސާއަކީ ވެސް މިއީ އެމެރިކާގެ ހަމައެއްލަމައެއް ނެތްކަމާއި ބޭއިންސާފު ހާމަވާ އަނެއް ހެތްކެވެ.

ސުލްހައިގެ އެއްބަސްވުމެކޭ ކިޔައިގެން ފާޑެއްގެ ލިޔުމެއް އެކުލަވައިލުމަށް ފަހު އެ ލިޔުމާ ޚިލާފަށް އާދަޔާ ޚިލާފު ބާރުގަދަ ހަމަލާތައް ޣައްޒާއަށްދީ އެތައް ސަތޭކަ ބަޔަކު ޝަހީދުކޮށްލުމަށް ފަހު، [ސުލްޙައިގެ އެއްބަސް ވުން ދެމިއޮންނާނެ]ކަމަށާއި [ޣައްޒާއަށް ޙަމަލާދިނުމުގެ ހައްގު އިސްރާއީލަށް އޮންނާނެ]ކަމަށް ޓުރަންޕު ބުނުމުގެ މާނައަކީ ކޮބައިހެއްޔެވެ؟ ގޮތެއްފޮތެއް ނެތްކަމާއި ޢަދުލު އިންސާފުގެ ވަސް ވެސް އޭނާގެ ޝަޚުޞިއްޔަތުގައި ނެތްކަމެވެ.

މިހާރު ދެކުނު ކޮރެއާގައި ހިނގަމުންދާ އޭޕެކު ސަމިޓުގައި، ޗައިނާގެ ރައީސާ އެކު ޓުރަންޕު އެ ބައްދަލުކުރަނީ އޭނާއަށް އެހެން ގޮތެއް ނެތިގެންނެވެ. ޗައިނާ ތަރައްގީގެ މަގުގައި ކުރިއަރައިގެން އެ ދަނީ ޓުރަންޕަށް ނުހުޓުވޭހައި ބާރަށެވެ. އަނެއްކޮޅުން ޗައިނާއާއި ރޫސީންނާ އޮންނަ ގުޅުމަކީ ޓުރަންޕަށް ހަޖަމުކުރެވޭނެ ކަމަކަށް ނުވިއެވެ. އަދި ޗައިނާގައި ހުރި ތަދު މަޢުދަނުގެ ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބިގަތުމަކީ ވެސް ޓުރަންޕުގެ އެދުމެކެވެ. އެ މަޢުދަނަކީ އިސްމާޓު ފޯނާއި ހެޑުފޯނާއި ޢަސްކަރީ ދިފާޢީ ހަތިޔާރާއި ފައިޓަރުޖެޓާއި ހަނގުރާމަމަތީ މަތީންދާބޯޓު އުފެއްދުމުގައި ބޭނުންކުރާންޖެހޭ ތަދު މަޢުދަނެކެވެ. މި މަޢުދަނުގެ މުއްސަނދިކަން އޮތީ ޗައިނާއަށްކަމަށްވާތީ، އެއީ އެމެރިކާގެ ސަލާމަތަށް އޮތް ނުރައްކަލެއްކަމަށް ޓުރަންޕު ދެކެއެވެ.

މިހާރު ހިނގަމުންދާ ވާހަކަދެއްކުންތަކުގައި [ގާއްތގަނޑަކަށް ހުރިހައި ކަމަކަށް އެއްބަސްވެވިއްޖެ]ކަމަށް ޓުރަންޕު ވަނީ ބުނެފައެވެ. އެއީ ކޮން ފަދަ ކަންތައްގަނޑެއްކަމެއް އަދި ސާފެއް ނުވެއެވެ.

މި ބައްދަލުވުމުގެ ތެރޭގައި ޓުރަންޕު ބުނެފައިވަނީ [ޝީއަކީ މަޝްވަރާކުރާން އުނދަގޫ އިސްވާރެއް]ކަމަށާއި ނަމަވެސް އެއީ [ވަރުގަދަ ގައުމެއްގެ ވަރުގަދަ އިސްވާރެއް]ކަމަށެވެ. ޝީޖިންޕިނާ މުޚާޠަބުކޮށް ޓުރަންޕު ބުނީ [އަހަންނަށް ގަބޫލުކުރެވޭ ގޮތުގައި ދިގު މުއްދަތަކަށް މި ދެ ގައުމުގެ ދެމެދުގައި އާދަޔާ ޚިލާފު ގުޅުމެއް ބޭއްވިދާނެއެވެ.] އަދި [އިނބަ އަހަރެމެންނާ އެކު ވުމަކީ އަހަރެންނަށް ލިބުނު ވަރަށް ބޮޑު ޝަރަފެކެވެ.]

ޝީ ވިދާޅުވީ [ޓުރަންޕު ފެނުމުން ރައްކާތެރިކަމާއި ހިތްޕުޅުހަމަޖެހުން އިޙުސާސްކުރެއްވުނު]ކަމަށެވެ. އަދި ޓުރަންޕުގެ މައުމޫލު ބޮޑުކުރިކުރުމަށް އިޝާރާތްކުރައްވާ ފަދަ ގޮތަކަށް ވިދާޅުވީ [ބޮޑެތި އިގުތިސާދުތަކުގެ މެދުގައި އިހަށް ވެސް، މިހާރު ވެސް، އޮމާންނޫން ކަންކަން ހުންނާނެ]ކަމަށެވެ. ޝީ ޖިންޕިން އިތުރަށް ވިދާޅުވެފައިވަނީ [ޗައިނާގެ ތަރައްގީ ކުރިއަށް ދަނީ ޓުރަންޕުގެ 'މޭކް އެމެރިކާ ގްރޭޓް އެގޭން'ގެ ތަޞައްވުރާ ފައިހަމަވާ ގޮތަކަށެވެ. އެހެންކަމުން ޗައިނާ-އެމެރިކާގެ ވަރުގަދަ ގުޅުމެއްގެ ބިންގާ އަޅުއްވާން ބޭނުންފުޅުވާ]ކަމަށެވެ.

[އަހަރެމެން ފަދަ ބިޔަ ގައުމުތައް ގުޅިގެން ދެ ގައުމަށް އަދި މުޅި ދުނިޔެއަށް ވެސް ފައިދާ ހުރި ކަންކަން ކުރެވިދާނެ]އެވެ.

މި ވަގުތު ވެސް އެމެރިކާގެ މަދަދާ އެކު ފަލަސްޠީނަށް އިސްރާއީލުން ޙަމަލާދެމުންދާ އިރު، އެމެރިކާ ފަދަ ސުލްޙައަށް ލޯބިކުރާ ގައުމަކާ އެކު އެމެރިކާއަށް ހަގީގީ ގުޅުމެއް ބަދަހިކުރެވިދާނެތޯ ސުވާލު އުފެދެއެވެ. ޝީއާ ވާހަކަދައްކައިގެން ޗައިނާގެ މުއްސަނދިކަމުގެ ބައެއް ލިބޭތޯ ބެލުން ނޫން އެހެން ނިޔަތެއް ޓުރަންޕުގެ އޮންނާނެކަމަކަށް ގަބޫލެއް ނުކުރެވެއެ. ދެން އޭނާ ބޭނުންވަނީ އޭނާއަކީ ސުލްޙައަށް މަސައްކަތްކުރާ މީހެއްކަމަށް ދައްކައިގެން ވެރިކަމުގައި ހުރެ ނޮބެލް ސުލްޙައިގެ އިނާމު ހޯދާށެވެ. މިއީ ވެސް އެ ކަމަށް ކުރާ މަސައްކަތުގެ އެއް ބޮޅުކަމަށް ވެދާނެއެވެ.

ބައެއް ލަފުޒުގެ މާނަ:

ނިހާއީ   ނއ.   ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ.  final

އިސްވާރު  ނ.    (1) އިސްވެ ހުންނަ މީހާ (2) ވެރިޔާ  leader 

މަޢުދަން  ނ.    ބިމުގެ އަޑީން ނަގާ މިނަރަލް މާއްދާތަކާއި އުންސުރުތަކުގެ ތެރެއިން، ޢާއްމު ގޮތެއްގައި ހަރުކޮށް ހުންނަ އަދި އޮފު އެރުވޭ، އޭގެ ތެރެއިން ހޫނާއި ކަރަންޓު ދަތުރުކުރާ ތަކެތި. މަޢުދަނަކީ ހޫނުން ވިރުވައިގެން ނުވަތަ ދޮންކޮށް ތަޅައިގެން، ގަހަނާއާއި ހިފައިގެންގުޅޭ ތަކެއްޗާއި، އެކިއެކި މަސައްކަތްތަކަށް ބޭނުންކުރާ އާލަތްތައް ހެދުމަށާއި، އެހެނިހެން އެތައް ކަމަކަށް ބޭނުންކުރެވޭ އެއްޗެކެވެ. މަޢުދަނުގެ ތެރޭގައި ދަގަނޑު، ލޮއި، ރަން، ރިހި، ޒިންކު ފަދަ ތަކެތި ހިމެނެއެވެ. metal

ތަދު    ނއ.   (1) ލިބުން ދަތި (2) އާންމު ނޫން.  rare

ކޮމެންޓު