އަބާ މުޙަންމަދު
23 ޖުލައި 2025
އެމެރިކާގެ އެންމެ ބޮޑު ސިޓީކަމަށްވާ ނިއުޔޯކު ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު މި އަހަރު ނޮވެންބަރު 25އަށް މިހާރު ތާވަލުކުރެވިފައިވާކަމަށް ޚަބަރުތައް ބުނެއެވެ. މި އިންތިޚާބުގައި 11 ކެންޑިޑޭޓަކު ވާދަކުރާކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ. މީގެ ތެރެއިން މީޑިއާގެ ސަމާލުކަން ލިބިފައިވަނީ ފަސް ކެންޑިޑޭޓާކަށެވެ. އެއީ އެރިކް އަދަމްސް (މިނިވަން)އާއި ޒުހުރާން މަމްދާނީ (ޑިމޮކްރެޓިކް)އާއި، ކަރޓިސް ސްލިވާ (ޖުމްހޫރީ)އާއި އެންޑްރޫ ކުއޯމޯ (ފައިޓް އެންޑް ޑެލިވަރ)އާއި ޖާމްސް ވަލްދެން (މިނިވަން) އެވެ. މި ހުރިހައި ކެންޑިދޭޓުންގެ ތެރެއިން ވެސް މުޅި ދުނިޔޭގެ ސަމާލުކަން އެންމެ ބޮޑަށް ލިބިފައިވަނީ މަމްދާނީއަށެވެ. ސަބަބަކީ، އޭނާއަކީ މުންލިމު ދެމަފިރިއަކަށް ލިބިފައިވާ މުސްލިމު ޒުވާނަކަށްވާކަމެވެ. އޭނާ ޕާޓީގެ ޕްރައިމަރީ ކެންޕޭނުގައި ވެސް އޭނާގެ ތަގުރީރުތައް ފަށަނީ ޙަމްދު ޞަލަވާތަށް ފަހު އިސްލާމީ ސަލާމުންނެވެ. އަދި އޭނާއަކީ މުސްލިމެއްކަމަށް އިޢުތިރާފުވަމުންނެވެ.
ނިއުޔޯކުގެ މޭޔަރު ކަމަށް ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލުމަށް ޒޯހްރާން މަމްދާނީ ކެމްޕޭން ކުރެއްވީ އެމެރިކާގެ އެންމެ ބޮޑު ސިޓީއަކީ އެ ސިޓީގެ ދިރިއުޅުން ރައްޔިތުންގެ އަތްފޯރާފަށަށް ގެންނަވައި ތަކެތީގެ އަގުހެޔޮކުރައްވައި ދިރިއުޅުން އަގުހެޔޮ ސިޓީއަކަށް ހައްދަވާނޭކަމުގެ ވަޢުދާ އެކުގައެވެ.
އުމުރުން 33 އަހަރުގެ ޑިމޮކްރެޓިކް ސޯޝަލިސްޓް ކެންޑިޑޭޓު މަމްދާނީ ހުށަހެޅުއްވީ ނިއުޔޯކު ސިޓީ ބަދަލުކުރާނޭ ތަދުބީރުތަކެކެވެ. ހިލޭ ބަސް ދަތުރުފަތުރުގެ ނިޒާމަކާއި އިމާރާތުގެ ކުލި ހަމައަކަށް އަޅުވައި އެޕާޓްމަންޓްތަކުގެ ކުލި މައްޗަށް ނުދާނޭ ގޮތުގެ ތަދުބީރެކެވެ. މިލިއަނަރުންގެ އާމްދަނީއިން ނަގާ މައުމޫލު ބޮޑުކޮށް ވިޔަފާރި ޓެކުހުގެ މިންވަރު އިތުރުކޮށް އާންމުންނަށް ލުއިކޮށްގެންނެވެ.
ކުރީގެ ރައީސް ބިލް ކްލިންޓަން ފަދަ ބޭފުޅުން ފާޅުގައި ތާއީދުކުރައްވަމުން ގެންދެވި އަދި އެންމެ ފަހުގެ މޭޔަރު ޕްރައިމަރީގައި ބަލިކޮށް، މަމްދާނީ ޕްރައިމަރީ ކާމިޔާބުކުރެއްވީ އެ ވައުދުތަކުގެ ފަރަގު ބޮޑުކަމުންނެވެ. އެންމެ ގާތުން ވާދަކުރި އެންޑްރޫ ކުއޯމޯ އަށް ވުރެ 12 ޕޮއިންޓް ކުރިހޯއްދަވައިގެންނެވެ.
އުމުރުން 25 އަހަރުގެ ފަންނީ މަސައްކަތްތެރިއެއްކަމަށްވާ މެކެއިލާ ލަންކައު ވަނީ މަމްދާނީގެ ކެމްޕޭނަށް އެހީތެރިވެދީ ތާއީދުކޮށްފައެވެ. އޭނާ ދިރިއުޅެނީ ބްރޫކްލިންގެ ސަރަހައްދެއްކަމަށްވާ ބުޝްވިކްގައިކަމަށާއި އެ ސަރަހައްދުގައި މަމްދާނީ މޮޅުވީ 79 ޕޮއިންޓުގެ ފަރަގަކުންކަމަށް އޭނާ ބުންޏެވެ. މަމްދާނީއަށް ވޯޓުދޭން ގިނަ ބަޔަކު ނިންމީ އަދި އެ ކަމަށް ހިތްވަރު ލިބުނީ، މަމްދާނީގެ އިގްތިސާދީ އެތައް ސިޔާސަތުތަކެއްގެ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރިހަމަ ސިޔާސަތު ހިމެނޭތީކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އަގުހެޔޮ މުޖުތަމަޢެއްގައި ރައްޔިތުން ރަނގަޅު ދިރިއުޅުމެއް އުޅެވޭ ނަމަ، އަހަރެމެން އެންމެން ވެސް (ތާއީދު)ކުރާނެއެވެ. އަހަރެންގެ ނަޒަރުގައި ޒުހުރާން މަމްދާނީގެ ކެންޕޭނުގައި އަހަންނަށް އެ ކަން ފެނުނެވެ." ލަންކާއު ބުނެފައިވެއެވެ.
ރައްޔިތުންގެ ދިރިއުޅުމުގެ އަގު ބޮޑުވަމުން ދާއިރު، ރައީސް ޑޮނަލްޑް ޓްރަމްޕް ސިޔާސީ ވާހަކަތައް ދައްކައި ފޮނި ވައުދުތައްވަމުން ދާ އިރު، ވޯޓުދިނުމުގެ ހައްގު ލިބިފައިވާ ގިނަ ރައްޔތުންނަށް ގަބޫލުކުރެވުނީ ޑިމޮކްރެޓިކް ލީޑަރުންގެ ހަރުދަނާ ވަޢުދުތަކަކީ ހަމައެކަނި ރަމްޒީ އިޝާރާތްތަކަކާއި ވަރުގަދަ ފޮނި ބަސްތަކެއް ނޫންކަމަށެވެ.
ސްޓޭޓް އެސެމްބްލީގެ މެންބަރުކަން ތިން ދައުރުގައި ކުރައްވައިފައިވާ މަމްދާނީ ހުށަހެޅި ހުޅަހެޅުންތަކުގައި ފަރަގެއް ހުއްޓެވެ. އެއީ ބޮޑެތި އެހީދޭ މީހުންގެ މައްޗަށް އެންމެ އާދައިގެ މީހާ އިންތިޒާމުކުރުމާއި، ވަކި ޝިއާރުތަކެއްގެ މައްޗަށް ތަފުސީލީ ސިޔާސަތުތައް އެކުލަވައިލުމެވެ. އެއީ 2008ވަނަ އަހަރު ބަރަކް އޮބާމާގެ ރިޔާސީ ކާމިޔާބީގެ ސަބަބާއި އެލެގްޒެންޑްރިއާ އޮކާސިއޯ-ކޯޓޭޒްގެ ހައިރާން ކުރުވަނިވި ކާމިޔާބީ ފަދަ ފަރަގު ދައްކައިދިން ކެންޑިޑޭޓުން ހުށަހެޅުއްވި، އެހެން މީހުންގެ ޖަޒުބާތަށް ނުފޫޒު ފޯރުވަނިވި ހުށަހެޅުންތަކާއި މީހުންގެ ހިތްދަމައިގަންނަ ފަދަ ހަރުދަނާ ސީރިއަސް ތަގުރީރުތަކެވެ. (މި ޒަމާނުގެ ކުދީންނަށް އެނގޭ ގޮތަށް ލިޔާ ނަމަ، އެ ތަގުރީރުތަކުގައި ހުރި ކެރިޒްމާއާއި ގްރެވިޓާސްއެވެ.)
ސުވާލަކީ ކުރިއަށް އޮތް ދުވަސްވަރެއްގައި ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން ވެސް މި ފަދަ ފަރަގެއް ފެނިދާނެތޯ ޒުވާނުން ކުރާ ސުވާލެވެ. މިހާރު ޒުވާނުން [ބަދަލެއް] ބޭނުމެއް ނޫނެވެ. ބޭނުންވަނީ ތަރައްގީއާއި އަވަސްކުރިއެރުން ގެނެސްދޭނެ ފަރަގެކެވެ. ޒުހުރާން މަންދާނީއަކީ ދުނިޔޭގެ ސަމާލުކަން ހޯދައިފައިވާ ވަރުގަދަ ޒުވާނެކެވެ.