ޢަބްދުﷲ ސަޢީދު
21 ޖުލައި 2025
04 އެޕްރީލް 1960:
ހުޅުލޭގައި އެންމެ ފުރަތަމަ އެއަރޕޯޓެއް ބިނާކުރުމުގެ މަސައްކަތް އިނގިރޭސި ރޯޔަލް އެއަރފޯސްއިން ފެށިއެވެ. ދިވެހި ސަރުކާރުގެ ހުއްދައާ އެކު، އިނގިރޭސީން މި މަސައްކަތް ފެށީ ރަންވޭމަތީގައި ދަގަނޑުފިލާ އަޅައިގެންނެވެ. މިއީ 3000 ފޫޓު ދިގު، 75 ފޫޓު ފުޅާ އެއަރ ސްޓްރިޕެކެވެ.
19 އޮކްޓޫބަރު 1960:
ހުޅުލޭގައި ފުރަތަމަ ހެދި އެއަރޕޯޓް ނުވަތަ އެއަރ ސްޓްރިޕް ބޭނުންކުރާން ފެށިއެވެ. މި އެއަރ ސްޓްރިޕަށް އެންމެ ފުރަތަމަ ޖެއްސީ ނިއުޒީލޭންޑުގެ އެއަރ ފޯސްގެ މަތީންދާބޯޓެކެވެ.
10 އެޕްރީލް 1962:
ހުޅުލޭގައި އިނގިރޭސި ރޯޔަލް އެއަރ ފޯސްއިން އެޅި އެއަރ ސްޓްރިޕަށް ކޮމާޝަލް ފްލައިޓްތަކުގެ ޝެޑިއުލްޑް ދަތުރުތައްކުރާން ފެށިއެވެ. މި ގޮތުން އެންމެ ފުރަތަމަ ކޮމާޝަލް ފްލައިޓެއްގެ ގޮތުގައި ރާއްޖެއަށް އައިސްފައި ވަނީ އެއަރ ސިލޯނުގެ މަތިންދާ ބޯޓެކެވެ.
14 ނޮވެންބަރު 1963:
ހުޅުލޭގައި އިނގިރޭސީން ހަދައިފައި އޮތް އެއަރ ސްޓްރިޕަށް ތަފާތު ގެއްލުންތައް ދޭންފެށިއެވެ. މިއީ ދިވެހީންގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސީން ވަދެ، ކުޅެމުން ދިޔަ ސިޔާސީ ކުޅިގަނޑާ ގުޅިގެން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ހިތްހަމަ ނުޖެހިގެން އިނގިރޭސީންނާ ދެކޮޅަށް ކުރަމުން ދިޔަ ކަމެކެވެ.
27 އެޕްރީލް 1964:
އިނގިރޭސި ރޯޔަލް އެއަރ ފޯސްއިން ހުޅުލޭގައި އެއަރ ސްޓްރިޕް ހަދައިފައި އޮތް ސަރަޙައްދުގައި ދިވެހި ދައުލަތުން ވައިގެ ބަނދަރެއް ތަރައްޤީކުރައްވާން ނިންމެވިކަން ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރުގެ ސަރުކާރުން އިޢުލާންކުރެއްވިއެވެ.
01 މޭ 1964:
ދިވެހި ދައުލަތުން ތަރައްޤީކުރައްވާން ނިންމެވި ދިވެހީންގެ ވައިގެ ބަނދަރު ހެދުމުގެ ޢަމަލީ މަސައްކަތް ފެށުނެވެ. މި ކަމަށް ޓަކައި ކުރެވުނު ފުރަތަމަ މަސައްކަތަކީ އިނގިރޭސި ރޯޔަލް އެއަރފޯސްގެ އެއަރ ސްޓިރިޕްގެ ދަގަނޑު ފިލާތައް ނެއްޓުމެވެ.
07 މޭ 1964:
ދިވެހީންގެ ވައިގެ ބަނދަރު ހެދުމަށް ޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ފެށުނެވެ. މި ކަމަށް ޓަކައި ކުރީން އަޅައިފައި އޮތް އެއަރ ސްޓްރިޕްގެ ކޮންމެ ފަރާތަކުން އިތުރަށް 200 ފޫޓު ސާފުކޮށް، ރުއްގަސް ކަނޑައި ބިންސާފުކުރުމުގެ މަސައްކަތްކުރެވުނެވެ.
01 ޖޫން 1964:
ދިވެހީންގެ ވައިގެ ބަނދަރު ހެދުމަށް ޓަކައި ބިން ސާފުކުރުމުގެ މަސައްކަތް ނިންމައިލިއެވެ.
18 ޖޫން 1964:
ދިވެހީންގެ ވައިގެ ބަނދަރު ހެދުމުގެ މަސައްކަތުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފެށުނެވެ. މިއީ ރަންވޭ ހަދާން ހަމަޖެހިފައިވާ ސަރަހައްދު ކޮންނާން ކުރެވުނު މަސައްކަތެވެ.
03 އޮގަސްޓް 1964:
ދިވެހީންގެ ވައިގެ ބަނދަރު ހެދުމުގައި އެހީތެރިވުމަށް ސްރީލަންކާގެ ތިން އިންޖިނޭރުން ސަރުކާރުން ގެންނެވިއެވެ. އެއީ ޑީޖޭއައިޓީ ޕަންޑިތަރަތުނަ، ކޭ. ސަމަރަތުނަމް އަދި ސީ.ސީ ޗިންނައްޕާއެވެ.
26 ފެބުރުވަރީ 1966:
ދިވެހީންގެ ވައިގެ ބަނދަރުގެ ޓާމިނަލް ބިލްޑިންގާއި ކޮންޓްރޯލް ޓަވަރުގެ ބިންގާއެޅުނެވެ.
12 އެޕްރީލް 1966:
ހުޅުލޭގައި ދިވެހީންގެ ބުރަ މިންނަތް މަސައްކަތުން ޤައުމީ ކަމެއްގެ ގޮތުގައި އެޅި ދިވެހީންގެ ފުރަތަމަ މަދަނީ ވައިގެ ބަނދަރު [ހުޅުލޭ އެއަރޕޯޓް]ގެ ނަމުގައި ރަސްމީކޮށް ހުޅުވުނެވެ. ވައިގެ ބަދަރު ހުޅުވުނީ ވަޒީރުލްއަޢުޡަމް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ވަޑައިގަތް އެއަރ ސިލޯނުގެ މަތިންދާ ބޯޓު ހުޅުލޭ އެއަރޕޯޓުގައި ޖެއްސުމުންނެވެ.
15 މާރިޗު 1978:
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު ހުޅުލޭ އެއަޕޯޓް ބޮޑުކޮށް އިންޓަރނޭޝަނަލް ފެންވަރަށް ތަރައްޤީކުރެއްވުމުގެ މަސައްކަތް ފަށްޓަވައިދެއްވިއެވެ. އެއަރބަސް މަތިންދާ ބޯޓު ޖެއްސޭ ވަރަށް، އެއަރޕޯޓް ތަރައްޤީކުރުމަށް ރަންވޭއާއި ޓާމިނަލްގެ ބިންގާ އެޅުއްވިއެވެ.
11 ނޮވެންބަރު 1981:
ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް "މާލޭ އިންޓަނޭޝަނަލް އެއަރޕޯޓް"ގެ ނަމުގައި އެއަރޕޯޓް ހުޅުވައިދެއްވިއެވެ. މި ފަހަރު އެއަރޕޯޓް ބައިނަލްއަޤުވާމީ ފެންވަރަށް ތަރައްޤީކުރެއްވީ ކުވައިތު ފަންޑުގެ ލޯނު އެހީގައެވެ.
21 ޑިސެންބަރު 2006:
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ހަތަރުވަނަ ފިޔަވަހީގެ ދަށުން އިމާރާތްކުރެވުނު ޑޮމެސްޓިކް ޓާމިނަލް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ހުޅުވައިދެއްވިއެވެ.
28 ޖޫން 2010:
ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދުގެ ސަރުކާރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް އުސޫލުން މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް 25 އަހަރަށް އިންޑިއާގެ ޖީއެމްއާރު ގްރޫޕާ ހަވާލުކުރެއްވިއެވެ.
26 ޖުލައި 2011:
[މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް]ގެ ނަން، އެއަރޕޯޓުގެ ބާނީ ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާ އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލޭގެފާނުގެ ނަންފުޅަށް ނިސްބަތްކޮށް، [އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް]ގެ ނަމަށް ބަދަލުކުރެއްވިއެވެ.
19 ޑިސެންބަރު 2011:
އެއަރޕޯޓް ތަރައްޤީކޮށް ހިންގުމަށް ހަވާލުކުރެއްވި ޖީއެމްއާރު ގްރޫޕުން އާ ޓާމިނަލްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބޭއްވިއެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ބައިވެރިވެވަޑައިގަތެވެ. ޖީއެމްއާރުން އާ ޓާމިނަލް ހެދުމަށް އެޅި ބުޑުތައް ފަހުން ވަނީ ނަގައިފައެވެ.
27 ނޮވެންބަރު 2012:
މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު، ކުއްޔަށް ދިނުމަށް ޖީއެމްއާރުއެމްއޭއެޗްބީ ކޮންސޯޓިއަމްއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި، ދިވެހި ސަރުކާރާ ދެމެދު ވެވިފައިވާ އެއްބަސްވުން ރޫޅައިލުމަށް ދިވެހި ސަރުކާރުން ނިންމެވިއެވެ.
07 ޑިސެންބަރު 2012:
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ހިންގުން ޖީއެމްއާރާ ހަވާލުކުރެއްވި އެއްބަސްވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަޙީދު ޙަސަންގެ ސަރުކާރުން ބާޠިލްކުރެއްވިއެވެ. މި ބަދަލާ ގުޅިގެން އެއަރޕޯޓް ހިންގުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޑެޓަށް އަނެއްކާ ވެސް ބަދަލުވިއެވެ.
08 ޖުލައި 2013:
އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަދައިފައިވާ ފުޑް ކޯޓް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު ވަޙީދު، ރަސްމީކޮށް ހުޅުވައިދެއްވިއެވެ. މި މަޝްރޫޢުގެ ސަބަބުން ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް އެއަރޕޯޓްގައި ހުޅުވުނެވެ.
21 މޭ 2016:
އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފަށްޓަވައި ދެއްވިއެވެ. އައު އިންޓަރނޭޝަނަލް ޕެސެންޖަރ ޓާރމިނަލް ބިލްޑިންގުގެ މަޝްރޫޢުގެ ކޮންޓްރެކްޓްގައި ސޮއިކުރެއްވީ، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢާދިލް މޫސާއާއި، ސަޢުދީ ބިންލާދިން ގްރޫޕުގެ ރެޕްރެޒެންޓޭޓިވް ޢަބްދުލްޢަޒީޒު ބީ ބިންލާދިނެވެ.
06 އެޕްރީލް 2016:
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް އިތުރަށް ބޮޑުކޮށް ބައިނަލް އަޤްވާމީ ފެންވަރުގެ ޒަމާނީ އެއަރޕޯޓަކަށް ހެއްދެވުމަށް ޓަކައި ބޮޑު މަޝްރޫޢެއް ފެށްޓަވައި އާ ރަންވޭ އާއި އޭޕްރަން އާއި ފިއުލްފާމާއި، ކާގޯ ޓަރމިނަލްގެ ބިންގާ އެޅުއްވިއެވެ.
01 ޖަނަވަރީ 2017:
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓް ރީބްރޭންޑްކުރައްވައި، އެއަރޕޯޓުގެ ނަން [ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް] މި ނަމަށް ބަދަލުކުރައްވައި އެއަރޕޯޓް އިފުތިތާޙުކޮށްދެއްވިއެވެ.
27 ފެބުރުވަރީ 2017:
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ރަންވޭގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވިއެވެ. މި މަސައްކަތް ކުރުމަށް 800 މިލިއަން ޑޮލަރަށް މޯލްޑިވްސް އެއަރޕޯޓްސް ކޮންޕެނީ ލިމިޓެޑުން ހަވާލުކުރީ ޗައިނާގެ ބެއިޖިންގ އަރބަން ކޮންސްޓްރަކްޝަން ގްރޫޕާއެވެ.
29 ޖަނަވަރީ 2018:
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފެށުނެވެ. ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ)އާ ހަވާލުކޮށްގެން ކުރާ އާ ސީޕްލޭން ޓާމިނަލްގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ.
31 ޖަނަވަރީ 2018:
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގައި އާ ކާގޯ ޓާމިނަލްގެ ބިންގާ އިކޮނޮމިކް މިނިސްޓަރ މުޙައްމަދު ސަޢީދު އަޅުއްވައިދެއްވިއެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ބެއިޖިން އަރބަން ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރައްވައިގެން އަލަށް ޤާއިމްކުރާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްއަކީ 12000 އަކަމީޓަރުގެ ކޮމްޕްލެކްސްއެކެވެ.
18 ސެޕްޓެންބަރު 2018:
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ތަރައްޤީކުރި ކޯޑް އެފްގެ އާ ރަންވޭ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހުޅުވައިދެއްވިއެވެ. އާ ރަންވޭ ހުޅުއްވައިދެއްވުމާ އެކު އާ ރަންވޭއަށް އެންމެ ފުރަތަމަ ޖައްސާފައިވަނީ ދުނިޔޭގައި މިހާރު ދުއްވާ އެންމެ ބިޔަ މަތިންދާބޯޓުތަކުގެ ތެރޭގައި ހިމެނޭ އޭ 380 މަރުކާގެ މަތީންދާބޯޓެކެވެ.
07 ޖަނަވަރީ 2022:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ވީއައިޕީ ޓާމިނަލް ހުޅުވައި، ޚިދުމަތްދޭން ފެށިއެވެ.
06 އޮކްޓޫބަރު 2022:
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހެދި އާ ސީޕްލޭން ޓާމިނަލް 'ނޫވިލު' ރަސްމީކޮށް ހުޅުވުނެވެ. ޓާމިނަލް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި އެމްއޭސީއެލްގެ ޗެއާމަން މުޙައްމަދު ޢުމަރު މަނިކާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަން ލީޝިންއެވެ. މިއީ މުޅި ދުނިޔޭގައި ވެސް ހުރި އެންމެ ބޮޑު ސީޕްލޭން ޓާމިނަލެވެ.
15 ޖަނަވަރީ 2024:
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓާމިނަލް ރަސްމީގޮތުން ހުޅުވައިދެއްވިއެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ތެރޭގައި ހިމެނިގެން ތަރައްޤީކޮށްފައިވާ މި އައު ކާގޯ ޓާމިނަލަކީ ކުރީގެ ޓާމިނަލަށް ވުރެ ކާގޯ ހޭންޑްލިންގގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލެކެވެ.
07 ނޮވެންބަރު 2024:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ސިސްޓަމް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހުޅުއްވައިދެއްވިއެވެ. މި ފިއުލް ފާމްގެ ސަބަބުން ފިއުލް ރައްކާކުރެވޭ ކެޕޭސިޓީ 13.5 މިލިއަން ލީޓަރުން 45 މިލިއަން ލީޓަރަށް އިތުރުވެގެންދިޔައެވެ. މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މި މަޝްރޫއު ފުރިހަމަ ކުރެއްވީ ޗައިނާގެ އެގްޒިމް ބޭންކްގެ ލޯން އެހީއާ އެކުއެވެ.
26 ޖުލައި 2025:
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި އެންމެ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވުނު ފަސިންޖަރުންގެ އާ ގިމަތަ ރަސްމީކޮށް ހުޅުވާ ގޮތަށް ވަނީ ހަމަޖައްސަވައިފައެވެ. މިއީ އެންމެ ފަހުގެ ޒަމާނީ ވަސީލަތްތަކާ އެކު ހުޅުވޭ ގިމަތައެކެވެ. މި ގިމަތައިގައި މަތީންދާބޯޓަށް އަރައި ފައިބާ 12 ބުރިޖާއި، (އޭރޯ ބްރިޖް) ފޮށިތަންމަތި ލިބިގަންނަ އެންމެ ފަހުގެ ޒަމާނީ ނިޒާމު (ބެގޭޖް ހޭންޑްލިން ސިސްޓަމްތައް) މި ގިމަތައިގައި ހުންނާނެއެވެ. އަދި ކާނާ ވިއްކާ (އެފް އެންޑް ބީ) ގިނަ ތަންތަން (އައުޓްލެޓް)އާއި، ވިޔަފާރިކުރާ ޖާގަ (ރީޓެއިލް ސްޕޭސް)ތަކާއި، މާލަން (ލައުންޖް)ތަކާއި އެހެނިހެން ޚިދުމަތްތައް ޤާއިމުކުރެވިފައިވާނެއެވެ.
ބައެއް ލަފުޒުގެ މާނަ:
މާލަން ނ. ގިނަބަޔަކު ޖަލްސާއެއް ކުރުމަށް ބައްދަލުވުމަށް ނުވަތަ ޝޯ އެއް ބެލުމަށް ނުވަތަ ޕާޓީއެއް ބޭއްވުމަށް ބޭނުންކުރާ ބޮޑު ކޮޓަރިއެއް ނުވަތަ އިމާރާތެއް.
މޭލުގާ ނ. ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް.
ގިމަތަ ނ. ދަތުރަށް އެރުމަށާއި ދަތުރު ނިންމުމަށާއި ދަތުރުވެރިންގެ ކަންތައް ހަމަޖެއްސުމަށް ބޭނުންކުރާ ތަން.