Advertisement

ހައްދުންމަތީ މާވަށް: ހިތްގައިމު ރަށެއް

25 Nov 2023 | 09:11
މާވަށު ކައުންސިލްގެ އިދާރީ މަރުކަޒު (މާވަށު ކައުންސިލްގެ އެފްބީ ސަފުހާ)

އަބާ މުޙަންމަދު

ހައްދުންމަތީ މާވަށަކީ އެ އަތޮޅު ހުޅަނގު ދުނީގައި، މީހުން އުޅޭ އެހެން ރަށްރަށާ އެ ކަހެރިކޮށް އޮންނަ ރަށެކެވެ. މި ރަށް އޮންނަނީ ހުޅަނގުދެކުނު ދުނީގެ އެންމެ ހުޅަނގުއުތުރު ކޮޅުގައެވެ. މި ރަށަށް މާވަށޭ ކިޔަނީ މަލެއްގެ ސިފައިގައި ތިން މުއްޔަކަށް އޮންނާތީކަމަށް ވެސް ކިޔައި އުޅެއެވެ. ނުވަތަ ރަށުގެ ކޮންމެ ފަރާތަކުން ދަތުރުކުރިޔަސް އަބަދު އެއް ދިގުމިނެއްގައި ފެންނާތީ، އިހުގެ ދަތުރުވެރީންނަށް މިއީ ހަގީގަތުގައި ވެސް ވަށްކޮށް އޮންނަ ރަށެއްކަމަށް ޤަބޫލުކުރެވިގެން ކިޔައިފައި އޮތް ނަމަކަށް ވެދާނެއެވެ. ނަމަވެސް ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މާވަށަށް "މާވަށް" މި ނަން ކިޔުނީ އެ ރަށުގައި ކަނޑޫ ފަލެއް އޮންނާތީއެވެ. މާވަށް މި ނަމުގެ މާނައެއްކަމަށް ދިރާސާކުރާކުރައްވާ ބޭފުޅުން ވިދާޅުވަނީ "ކަނޑޫފާ އޮންނަ ރަށް"ކަމުގައެވެ.

މާވަށު އެތެރޭ ބަނދަރު އެއްކޮޅުން: މާވަށު ބަނދަރަކީ ހުރިހާ މޫސުމެއްގައި ވެސް މަޑު ބަނދަރެކެވެ. (ފޮޓޯ: "ފަރަގު" (ފައިލް ފޮޓޯ))

ރަށްރަށަށް ނަންކިޔައިފައި ހުންނަނީ އެ ރަށަށް ލިބިފައިވާ ޚާއްޞިއްޔަތަކަށް ނުވަތަ ސިފައަކަށް ނުވަތަ އޮންނަ ތަނަކަށް ނިސްބަތްކޮށްކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމަށް ވާއިރު، ކަނޑޫފާ ޚާއްޞަވީ ކީއްވެގެންތޯ ބަޔަކު ސުވާލުކޮށްފާނެއެވެ. މާވަށަށް ކަނޑޫފާ ޚާއްޞަވާ ވަރަށް މުހިންމު ސަބަބެއް އެބަ އޮތެވެ. އާންމު ގޮތެއްގައި ކަނޑޫފަލަކީ ރާއްޖޭގެ އުތުރުގެ އަތޮޅުތަކުގައި ހުންނަ ތަންތަނެވެ. އެހެންކަމުން ދެކުނުގެ އަތޮޅެއްގައި ކަނޑޫފަލެއް އޮތުމަކީ ޚާއްސަ ކަމެކެވެ. އަދި ހައްދުންމަތީ ބައެއް ރަށްރަށުގައި ކުޅިތައް ހުއްޓަސް އެ ރަށްރަށުގައި ހުންނަނީ ރަނޑުލެވެ. މާވަށުގައި އޮތް ކަނޑޫފަލުގައި ރަނޑުލެއް ނުހުރެއެވެ. ހުންނަނީ ކަނޑުލެވެ. ކަނޑުލަކީ ކެއުމަށް ބޭނުންކުރާ އެއްޗަކަށް ވިޔަސް ރަނޑުލަކީ ކައިބޮއި ހަދާ ބާވަތެއް ނޫނެވެ. ވީމާ، ހައްދުންމަތީ ރަށެއްގައި ކަނޑޫފަލެއް އޮތުމަކީ ޚާއްޞަ ކަމަކަށް ވަނީއެވެ.

މާވަށުގެ ފޮޓޯއެއް (ފައިލް ފޮޓޯ: ދެކުނު މީޑިއާ)

މާވަށް މި ލަފުޒުގެ އަސްލަކީ "މާވަޓާ"ކަމަށް ލަފާކުރެވެއެވެ. ހުވަދު އަތޮޅު ބައެއް ރަށްރަށުގައި ކަނޑުލުގެ ބާވަތަކަށް "މާވަޓާ"ކިޔާކަމަށް ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ ވިދާޅުވެފައިވެއެވެ. ހުވަދު އަތޮޅު ބައެއް މީހުން މާވަށު މީހުންނާ މުޚާޠަބުކޮށް "މީބޫ މާވަޓާ މީހެކޭ" (މިއީ މާވަށު މީހެކޭ) ބުނެ އުޅެއެވެ. ހުވަދޫ ބަހުރުވައިގައި (ގިނަ ރަށްރަށުގައި) ށަވިޔަނި ޓަވިޔަންޏަށް ބަދަލުވުމަކީ އެ ބަހުގެ ޚާއްޞިއްޔަތެކެވެ. އެހެންވީމާ މާވަށަށް އެ ނަން ކިޔުނީ ކަނޑޫފަލަ ގުޅިގެންކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވެއެވެ. ދިރާސާތަކުން ދައްކާނީ އެ ގޮތަށެވެ.

މާވަށް އޮންނަ ދުނީގައި މާވަށުގެ އުތުރުން އޮންނަނީ މާވަށް ކަނޑެވެ. ވަރަށް ހަނި އަދި ގުދުކޮށް އޮންނަ ކަނޑުއޮޅިއެކެވެ. ކަނޑު އޮޅީގެ އިރުއުތުރުން މާވަށާ ވަރަށް ކައިރީގައި ވަރަށް ރީތި ފަޅުރަށްތަކެއް އެބަ ހުއްޓެވެ. ގުރައިދުއާއި ކަށިދުއާއި ހަންހުށި މިއީ ފާހަގަކޮށްލެވޭ ފަދަ ރީތި ރަށްތަކެކެވެ. މާވަށް އޮންނަ ދުނީގެ ދެކުނަށް ވީ ފަޅީގައި ވަރަށް ގިނަ ފަޅުރަށްތައް އެބަ ހުއްޓެވެ. މި ދުނީގައި މާވަށް އޮންނަ ކޮޅު ނޫން އަނެއް ކޮޅުގައި (އެ ފަޅުގައި އެންމެ ދުރުގައި) އޮންނަނީ ހިތަދުވެވެ. ހިތަދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10.5 ނޯޓިކަލް މޭލެވެ. ހިތަދޫގެ ހުޅަގުން އޮންނަ، މީހުން އުޅޭ ރަށަކީ ކުނަހަންދޫ ކިޔާ ރަށެކެއެވެ. ކުނަހަންދުވާއި މާވަށާ ދެމެދުގެ ދުރުމިނަކީ 10 ނޯޓިކަލް މޭލެވެ. އެއީ ވެސް ހަމަ އެ ފަޅުގައި (އެ ދުނީގައި) އޮންނަ ރަށެކެވެ. މާވަށް އޮންނަ ސަރަހައްދަކީ ފަޅު ވެސް ވަރަށް ފުޅާ ސަރަހައްދެކެވެ. މި ސަރަހައްދުގައި އެކަނި ވެސް އެތައް ލައްކަ ބަޔަކަށް ދިރިއުޅެވޭ ވަރުގެ ބިން ވަރަށް ފަސޭހަކަމާއެކު ހިއްކައިލެވިދާނެއެވެ. އެ ފަޅު އެހާ ވެސް ތިލައެވެ. ބޮޑެވެ.

މާވަށް އޮތީ އުތުރު ޢަރުޟުން ގާތްގަނޑަކަށް '53.º01އާއި '50.º01އާއި އިރުމަތީ ޠޫލުން ގާތްގަނޑަކަށް '15.º73އާއި '13.º73އާ ދެމެދުގައެވެ. ރަށުގެ ވަށައިގެން ވަރަށް ބޮޑު ތިލަ ފަޅު އޮންނަ މި ރަށުގެ ދިގުމިނަކީ ގާތްގަނޑަކަށް 1000 މީޓަރެވެ. ފުޅާ މިނަކީ 800 މީޓަރެވެ. މި ރަށުގެ އާބާދީއަކީ (2023 ފެބްރުއަރީގައި) 2030އެވެ. މިއީ މިހާރު އަތޮޅުގައި ތިންވަނައަށް އެންމެ ބޮޑު އާބާދީއެވެ.

މާވަށާ އެންމެ ކައިރީގައި އޮންނަ، މީހުން އުޅޭ ރަށަކީ މާމެންދޫއެވެ. މި ދެ ރަށުގެ ދުރުމިނަކީ 9.5 ނޯޓިކަލް މޭލެވެ. މާވަށާ އެންމެ ދުރު ރަށަކީ އިސްދޫއެވެ. އިސްދުވާއި މާވަށާ ދެމެދު 25 ނޯޓިކަލް މޭލު ހުރެއެވެ. ރާއްޖޭގެ ވެރިކަންކުރާ ރަށް މާލެއާއި މާވަށާ ދެމެދުގެ ދުރުމިނަކީ 137 ނޯޓިކަލް މޭލެވެ.

މާވަށު ކަނޑުފަލުގެ އަރިމަތި: އެންމެ ކައިރީން ތިޔަ ފެނިވަޑައިގަންނަވަނީ ދެ ކަނޑޫގަހެވެ. އެ ބޮޑު ކަނޑޫފާ މިއަދު ވަނީ އަލުން އިޢާދަކުރާން ޖެހިފައެވެ. (ފައިލް ފޮޓޯ)

މޮރަސްބީގެ ޗާޓުގައި ފާހަގަކޮށްފައިވާ ގޮތުން މާވަށަކީ ފެން ހެޔޮ މަދިރި ނޫޅޭ (No mosquito, Good water) ރަށެކެވެ. ދާދި ފަހަކާ ޖެހެންދެން ވެސް، ހަގީގަތުގައި މާވަށަކު މަދިރިއެއް ނޫޅޭއެވެ. ނަމަވެސް ރާއްޖޭގެ އެހެން ރަށްރަށެކޭ އެއް ފަދައިން މި ރަށުގައި މިހާރު ހިސާބަކަށް މަދިރިއުޅެއެވެ. ނަމަވެސް އަދިވެސް ޢާންމު ގޮތެއްގައި ރަށުގެ ފެން ރަނގަޅެވެ.

މާވަށަކީ އިހުޒަމާނުގައި ހައްދުމަތީގެ "ހިތް"ކަމަށް ބަލައިއުޅުނެވެ. އަތޮޅުގެ އިރުމަތީ ބިތުގެ ރަށްރަށުގެ މީހުން ކާބޯތަކެތި ހޯދުމަށާއި އެހެނިހެން ބޭނުންތަކަށް މި ރަށަށް ވަރަށް ގިނައިން އައިސް އުޅެއެވެ. ހައްދުންމަތީގައި އެއަރޕޯޓާއި މި ނޫނަސް އެހެނިހެން ބިނާރުތައް އަތޮޅުގެ އިރުމަތީ ބިތުގައި ގާއިމުކުރެވެންދެން ވަރަށް ގިނަ ރަށްރަށުގެ މީހުން ދިރިއުޅުމަށް ޓަކައި އާމްދަނީ ހޯދާ ރަށެއްކަމަށް މާވަށް ބަލައި އުޅުނެވެ. މިއަދުގެ ޖީލަށް މި ކަން އެނގިފައި ނެތަސް އަދި ގަބޫލުކުރާން ފަސޭހަ ނުވިޔަސް މިއީ ހަގީގަތެކެވެ.

މާވަށު ފަޅަށް ވަން ދެ ކޯމަސް ދިޔަވަރު ހިކުނީމާ ބަންދުވެފައި: ޒުވާނުންތަކެއް އެ މަންޒަރު ބަލާން ގޮސް

މާވަށު މީހުން ދިރިއުޅުމަށް ޓަކައި ޒަމާނުއްސުރެ ކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމެވެ. އަދި ދަނޑުވެރިކަމަކީ ވެސް ފުޅާ ދާއިރާއެއްގައި އެ މީހުން ކޮށް އުޅުނު މަސައްކަތެކެވެ. މާވަށާއި މާވަށް ފަޅު ތެރޭގައި އަދި މާވަށާ ކައިރި ފަޅުރަށްރަށުގައި ބިންބިއާއި ކުދިމަތާއި ދޮނޮޅައާއި ޒުވާރި ފަދަ ގޮވާމުގެ ބާވަތްތައް ވަރަށް ފުޅާ ދާއިރާއެއްގައި، ބޮޑެތި ދަނޑުތަކުގައި ހައްދައި ކޮށާރުތަކުގައި ޖަމާކޮށްފައި އަބަދު ވެސް އޭރު ހުރެއެވެ. މީހުން ގިނަވެ ބިން ފުރެމުން ދިޔުމުގެ ސަބަބުންނާއި ޒަމާނަށް އައި ބަދަލުގެ ސަބަބުން ކުރީން ކޮށް އުޅުނު ދަނޑުގޮވާމުގެ މަސައްކަތް ހުއްޓިފައިވީ ނަމަވެސް މިއަދު ވެސް ތަފާތު ބާވަތްބާވަތުގެ ތަރުކާރީއާއި މޭވާ ހައްދައި އުޅެއެވެ. މާވަށަކީ އަނބުގަސް ގިނަ ހިޔާ ބޮޑު ރަށެކެވެ. އަދި ހުރިހައި ބާވަތެއްގެ ވަޑާމާއި ޢިމާރާތްކުރުމުގެ މަސައްކަތަކީ ވެސް އާމްދަނީ ހޯދުމަށް ޓަކައި މި ރަށު މީހުން ކޮށް އުޅޭ މަސައްކަތްތަކެވެ. މި ޒަމާނުގެ މަސައްކަތްތަކަށް ބަލާ އިރު ވެސް ވެލްޑިންގކުރުމާއި ފައިބަރުގެ މަސައްކަތުގެ މާހިރުން މިއަދު ވެސް މާވަށުގައި އެބަ ތިއްބެވިއެވެ. ފަތުރުވެރިކަމުގެ ދާއިރާގައި ވެސް މި ރަށުގެ ވަރަށް ގިނަ ޒުވާނުން އެކި ދާއިރާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޙަރަކާތްތެރިވަމުން އެބަ ގެންދެއެވެ.

އެންމެ އިހު ޒަމާނުއްސުރެ މީހުން ރީތިކަމުގެ ގޮތުން، ޚާއްޞަކޮށް އަންހެން ކުދީންގެ ރީތިކަމުގެ ގޮތުން، މާވަށް ވަރަށް ބޮޑަށް މަޝްހޫރުވެފައި ވެއެވެ. އަދި މި ރަށަކީ ސާފުތާހިރުކަމުގެ ގޮތުންނާއި މެހުމާނުދާރީ އަދާކުރުމުގެ މިސާލެއްކަމަށް ވެސް މާވަށަށް ޒިޔާރަތްކުރާ ވަރަށް ގިނަ މެހުމާނުން އަޅުގަނޑު ގާތު ބުނެ އުޅެއެވެ.

މަސައްކަތްތެރިކަމުގެ ގޮތުން ވެސް މާވަށަކީ މަޝްހޫރުވެފައިވާ ރަށެކެވެ. ހުރިހާ ބާވަތެއްގެ މަސައްކަތްތެރިކަމާއި އަތު މަސައްކަތަކީ މި ރަށުގެ މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި މި ރަށު މީހުންނަކީ އަތުލިޔުމުގެ ފަންނުގައި ޚާއްޞަ ބަޔެކެވެ. އާންމު ގޮތެއްގައި ގިނަ މީހުން ރީތިކޮށް ޢަރަބި ތާނަ ލިޔެ އުޅެއެވެ. މިއަދު ވެސް ރާއްޖޭގެ އެންމެ މަޝްހޫރު އަތުލިޔުންތެރީންގެ ތެރޭގައި މި ރަށު މީހުން ހިމެނެއެވެ. ރާއްޖެއަށް ކޮންޕިޔުޓަރު ތަޢާރަފުވުމުގެ ކުރީން މި ފަދަ އަތުލިޔުންތެރީން މާލޭގައި ޗާފުކޮށްގެން ނެރުނު ނޫސްތަކަށް ޗާޕަށް ލިޔުމުގެ މަސައްކަތުގައި ގިނަ ދުވަސްތަކަކަށް ޚިދުމަތްކުރިއެވެ.

މާވަށު ކަނޑުފާ އޮތް ކުޅި: މިހާރު މި ސަރަހައްދުން ފެންނަނީ ދަނޑުވެރިކަމުގެ ބާވަތްތައް އިންދައިފައިވާ ތަނެވެ. (މަރިޔަމް ރަފީޢުގެ އެފްބީ ސަފުޙާއިން ނަގައިފައި) (ފައިލް ފޮޓޯ)

ތަޢުލީމީ ގޮތުން ބެއްޔަސް މާވަށަކީ އަބަދު ވެސް ހައްދުންމަތީގައި ފާހަގަކޮށްލެވޭ ރަށެކެވެ. މި އަތޮޅުގައި އެންމެ ގިނަ ދުވަސްވީ މަދަރުސާ ހުރީ ވެސް މި ރަށުގައެވެ. އަދި މިހާރު މި ސްކޫލުގައި މަތީ ސާނަވީ ތަޢުލީމު ދެމުން ގެންދެއެވެ. ތަފާތު ދާއިރާތަކުން މަތީތަޢުލީމު ޙާޞިލުކޮށްފައިވާ ޢިލްމުވެރީން މިއަދު ވެސް މި ރަށުގެ ދަރީންގެ ތެރޭގައި ހިމެނެއެވެ. އަދި މީގެ އިތުރަށް ބަސްމޮށުންތެރިކަމަކީ ވެސް މާވަށު މީހުންގެ ޚާއްޞަ ފަންނެކެވެ. އަދި ބަހަށް ކުޅަދާނަ ބަސްވާރުން މި ރަށަށް ނިސްބަތްވާކަން އެއީ މި ދެންނެވި ބަހުގެ ހެތްކެކެވެ. ދިވެހިބަހަށް ޚިދުމަތްކުރުމުގެ ގޮތުން ޢާންމު ޚިދުމަތުގެ ގައުމީ އިނާމާއި ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅުން ވެސް މާވަށު ރައްޔިތުންގެ ތެރޭގައި ހިމެނޭކަމީ މި ކަމަށް އިތުރަށް ދަލީލު ލިބޭ ކަމެކެވެ. އަދި ގައުމީ އަދަބީ މުބާރާތްތަކުން އެއް ވަނަ ހާސިލުކޮށްފައިވާ ފަންނުވެރި ރައްޔިތުން މި ރަށުގެ ރައްޔިތުންގެ ތެރޭގައި އެބަ ހިމެނިވަޑައިގަންނަވައެވެ. ދީނީ ރޮނގުން ތަޢުލީމު ޙާޞިލުކުރައްވައިގެން ތިއްބެވި ޝައިޚުން ވެސް މި ރަށު ރައްޔިތުންގެ ތެރޭގައި އެބަ ތިއްބެވިއެވެ. ގިނަ ޢަދަދެއްގެ ގާނޫނީ ވަކީލުން ވެސް މި ރަށުގެ ރަޖިސްޓަރީގައި އެބަ ތިއްބެވިއެވެ.

މާވަށު ހޭޅިފަންނު: ރަށުގެ ޒުވާން ކުދީންކޮޅަކާއި މާވަށު ކައުންސިލް ގުޅިގެން، ރައްޔިތުން ދަތުރު ގޮސް އުޅޭން ތަރައްގީކޮށްފައިވާ ސަރަހައްދެއް (ފޮޓޯ: އެފްބީ)

މާވަށު އެތެރޭ ބަނދަރާއި ބޭރު ބަނދަރަކީ ވެސް އާދަޔާ ޚިލާފަށް މަޑު ބަނދަރެކެވެ. އާދަޔާ ޚިލާފަށް ވިއްސާރަކުރާން ފަށައިފި ނަމަ، އަތޮޅުގެ އެހެން ސަރަހައްދުތަކުގައި ހުންނަ މަސްކިރާ ބޮޑެތި ބޯޓުފަހަރު މާވަށާ ދިމާއަށް މިސްރާބު ޖަހަނީ އެހެންވެގެންނެވެ. ކޮންމެ ދިމާއަކުން ވައިޖެހުނަސް މާވަށު ބަނދަރެއް ގަދައެއް ނުވާނެއެވެ. މާވަށުގައި ރަނގަޅު ފެންވަރުގެ ބޯހިޔާވަހިކަމާއި ގިނަ ކެފޭތަކާއި ރެސްޓޯރަންޓްތައް ވެސް މިހާރު ހުރެއެވެ.

ކޮންމެއަކަސް މާވަށަކީ ހުރިހާ ގޮތަކުންވެސް ހައްދުންމަތީގައި މަގުބޫލުކަން ލިބިފައިވާ އަދި އެ ރަށަށް ޒިޔާރަތްކުރާ މީހުން ވަރަށް ލޯބިވާ ޚާއްޞަ ރަށެކެވެ. ކަނޑުމަގުން ދަތުރުކުރާ ނަމަ، މާލެއިން ފުރައިގެން ހަތަރު ވަރަކަށް ގަޑިއިރުން ދަތުރުކުރާ ލާންޗު ފެރީގައި ދަތުރުކުރެވެއެވެ. ވައިގެ މަގުން ނަމަ، ކައްދޫ އިސްކަންދަރު ވައިގެ ބަނދަރަށް 35 މިނިޓުން ނުވަތަ 45 މިނިޓުން އައުމަށް ފަހު، އާދައިގެ ފެރީގައި ނުވަތަ ލާންޗު ފެރީގައި މާވަށަށް ދަތުރުކުރެވެއެވެ. ލާންޗުގައި ގިނަވެގެން 45 މިނިޓްގެ ތެރޭގައި މަވަށާ ހަމައަށް ފޯރައެވެ.

ވީމާ، މާވަށުގެ މެހުމާނުދާރީ ބަލައިލުމަށް ޓަކައި މާވަށަށް ޒިޔާރަތްކޮށްލަމާތޯއެވެ!

އެޑިޓަރުގެ ނޯޓް
އަބާ މުޙަންމަދަކީ މީގެ ކުރީން ވެސް ބައެއް ނޫސްތަކަށް ލިޔެފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

Advertisement

ކޮމެންޓް
ހަމްދާން
ވަރަށް ދާހިތް ވެއްހެ
29 Nov 2023
މާވަށު މީހާ
މި ލިޔުންކޮޅު ކިޔުމުންވެސް ދޭހަވާ އެއްކަމަކީ ލ. އަތޮޅުގައި ހުރިހާ ރޮނގަކުން ބެލިޔަސް މިއަދުވެސް މާވަށަށް ގޮންޖަހާލެވޭ ވަރުގެ ދެވަނަ ރަށެއް ލ . އަތޮޅުގަ ނޯންނާނެކަން ފަހުރު ވެރި ކަމާއެކު ބުނެލަން ކެރުމެވެ. މީ ހަޤީގަތެކެވެ.
09 May 2024
ޢަލީ ނަދީމް
ތިޔަ ރަށަށް ދިޔައިން. މީހުން ވަރަށް ހިތްހެޔޮކަން އަޅުގަނޑަށް ފާހަގަކުރެވުނު. އަނބު މޫސުމުގައި ވަރަށް އަނބު ތިޔާގި.
07 Sep 2024