ad_banner
ބައިނަލްއަގުވާމީ ވައިގެބަނދަރުގެ އާ ގިމަތަ ނިންމުމުގެ "ޝަރަފު" ދޭން ޖެހެނީ ބިންލާދިން ގުރޫޕަށްތަ؟

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

15 ޖުލައި 2025

ވައިގެ ބަނދަރުގެ އާ ގިމަތަ

ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީޚުގައި އާ މޭލުގަލެއް ކަޑައްތުކުރަނީއެވެ. ރާއްޖެ ވައިގެ ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ޚިދުމަތަށް އިންގިލާބި ބަދަލުތަކެއް ގެންނާނެ އާ ގިމަތައެއް މި މަހު 26ގައި – ދިވެހިރާއްޖޭގެ މިނިވަން ދުވަހު – ހުޅުވަނީއެވެ.

އާ ގިމަތަ ރަސްމީކޮށް ހުޅުވާ އިރު، ގިމަތައިން މަތީންދާބޯޓަށް އަރާ، އަދި މަތީންދާބޯޓުން ގިމަތައަށް ފައިބާ ދާލަންތައް ވެސް ބޭނުންކުރާން ފެށޭނެއެވެ. ރާއްޖޭގައި ފުރަތަމަ ފަހަރަށް މަތީންދާބޯޓަށް އަރާ ދާލަމަކާއި މަތިންދާބޯޓެއް ގުޅުވައިލުމުގެ އަޖުމަބަލައި ކާމިޔާބުކަމާ އެކު، އިއްޔެ އެ ކަން ވަނީ ތަޖުރިބާކޮށްފައެވެ. މިއީ ވެލާނާ ބައިނަލްއަގުވާމީ ވައިގެބަނދަރު (ވބވ)ގެ އާ ގިމަތަ ހުޅުވުމުގެ ކުރީން ކޮންމެހެން ކުރިއަށް ގެންދާންޖެހޭ އިޖުރާތުގެ ތެރެއިން ތަޖުރިބާކުރި އަޖުމަބެލުމެއްކަމަށް ރާއްޖޭގެ މައި ވައިގެ ބަނދަރު ހިންގާ ކުންފުނި – މޯލްޑީވްސް އެއަރޕޯޓްސް ކޮމްޕެނީ – އިން ވިދާޅުވެފައިވެއެވެ.

ވަކި ތާވަލަކަށް ބައްސަވައިލައްވައިގެން އާ ގިމަތައިގެ ޚިދުމަތްތަކުގެ އަޖުމަބެލުމުގެ ތަޖުރިބާކުރުންތައް މިހާރު ފައްޓަވައިގެން އެ ކުންފުނީން ކުރިއަށް އެބަ ގެންދަވައެވެ. މި އަޖުމައަށް ފަހު ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޖުތަބާ ލަތީފު ވިދާޅުވީ، މިއީ ވައިގެބަނދަރާ ބެހޭ ކުންފުންޏާއި ރާއްޖޭގެ ހަޔާތުގައި މުހިންމު ޚިދުމަތެއްކަމަށާއި މިއީ އެ ކުންފުނީގެ މުވައްޒަފުންނަށް އުފާވެރިކަމެއް ލިބޭނެކަމެއްކަމަށެވެ. އަދި މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަސިންޖަރުން ގިމަތައަށް ބޭލޭނެ ގޮތް ކަށަވަރުކުރެވުނު ދުވަސްކަމަށެވެ.

ބައިނަލްއަގުވާމީ ވައިގެ ބަނދަރުގެ އާ ގިމަތަ ހުޅުވާ އިރު، މީސްމީޑިއާގައި މިހާރު އެންމެ ބޮޑަށް ވިރަވެފައިވާ ވާހަކައަކީ މި ގިމަތައަކީ ކާކު ހެދިތަކެއްތޯ ކުރެވޭ ސުވާލެވެ. ކޮންމެ މީހަކު ވެސް އެ ކަމުގެ ޝަރަފު އެ މީހަކު ތާއީދުކުރާ މީހަކަށް ދެވޭތޯ ވަރަށް އަވަދިނެތި މަސައްކަތްކުރާކަން ފާހަގަކޮށްލެވެއެވެ.

ހަނދާންކުރާންޖެހޭ ކަމަކީ، ރާއްޖޭގައި ފުރަތަމަ ފަހަރަށް އިނގިރޭސީން ދަގަނޑުފިލާ އަޅައިގެން ހެދި ރަންވޭއާއި، އެ ތަން ބޭނުންކުރުމުގައި ދިވެހީންނަށް އިނގިރޭސީން ކުރި ޖެއްސުންތަކުގެ ސަބަބުން ހުޅުލޭ އެއަރޕޯޓުގެ ނަމުގައި ފުތަރަމަ ވައިގެބަނދަރެއް ހެއްދެވީ ކޮން ބޭފުޅެއްކަމާއި، އެ ތަން އަލުން ތަރައްގީކުރައްވައި ބައިނަލްއަގުވާމީކުރައްވައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު ގާއިމުކުރެއްވީ ކޮން ބޭފުޅެއްކަން ރާއްޖޭގެ ތާރީޚުގައި ފުރޭފުކުރެވިފައިވާކަމެވެ. އަދި ނުއަގުގައި ނާޖާއިޒު ގޮތެއްގައި ބޭރު ބަޔަކަށް ދިގު މުއްދަތަކަށް އެ ތަން ކުއްޔަށްދީ އެ ތަނުގެ ނަފާ ބޭރުބަޔަކަށް ލިބޭ ގޮތް ހަދައި، ޖީއެމްއާރު އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ ނަމަށް އެ ތަން ބަދަލުކުރީ ކޮން ބޭފުޅެއްކަން ވެސް ފުރޭފުކުރެވިފައިވާކަމެވެ. އަދި ރަންވޭ ހަލާކުވެ ދިޔަ އިރު ވެސް ރަންވޭ ހެދުމުގެ ޚިޔާލެއް ވެސް ނުގެންގުޅެ، އަލުން ރަނވޭއެއް ހަދާން އޮތް ސަރަހައްދުގައި ކުނިވަޅުލަމުން ގެންދިޔައީ ކޮން ބަޔެއްކަން ވެސް ރާއްޖޭގެ އެންމެން ދަންނަކަމެވެ.

މީގެ އިތުރަށް، ދައުލަތުން އެތައް ފައިސާއެއް ޚަރަދުކޮށްގެން ނަމަވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކުރައްވައިގެން ޖީއެމްއާރު އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓު ދިވެހީންގެ އަތްމައްޗަށް އަލުން ގެންނެވީ ކޮން ބޭފުޅެއްކަން ވެސް ތާރީޚުގައި ފުރޭފުކުރެވިފައިވާކަމެވެ.

އަދި އަހަރަކު ހަތް މިލިއަން ފަތުރުވެރީންނަށް އަމާޒުކުރައްވައިގެން އެ ވައިގެ ބަނދަރު ތަރައްގީކުރެއްވުމުގެ ތަދުބީރެއް ހައްދަވައި އެ ކަމަށް ބޭނުންވާ ފައިސާ ހޯއްދަވައި އެ މަޝްރޫހިންގަވާން ފެއްޓެވީ ކޮން ބޭފުޅެއްކަން ވެސް އެންމެންނަށް އެނގެއެވެ. އަދި ދުނީގައި މަދަނީ އުދުހުންތަކަށް ބޭނުންކުރެވޭ ވަރުގެ ވަރުގަދަ ބޮޑު ރަންވޭއެއް ހައްދަވައި އެ ރަންވޭއަށް މަތީންދާބޯޓުޖައްސައި، [ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު]ގެ ނަމުގައި އެ ތަން ތަރައްގީކުރެއްވީ ކޮން ބޭފުޅެއްކަން ވެސް އޮޅުވައި ނުލެވޭ ވަރަށް ހުރީ ފުރޭފުކުރެވިފައެވެ. ހަމަ މި ފަދައިން އަހަރަކު ހަތް މިލިއަން ފަތުރުވެރީންނަށް އަމާޒުކުރައްވައިގެން މަތީންދާބޯޓާ ގުޅައިލާ ބުރިޖުތަކާ އެކު ޒަމާނީ އާ ގިމަތައެއް ހައްދަވާން ފެއްޓެވީ ކޮން ބޭފުޅެއްގެ ޒަޢާމަތުގައިކަން ވެސް އޮޅުވައި ނުލެވޭ ވަރަށް ހުރީ ފުރޭފުކުރެވިފައެވެ. ފައިސާގެ އެހީ ދިން ފަރާތާއި މަސައްކަތްކުރި ކުންފުނި ވެސް އެނގޭން އެބަހުއްޓެވެ. މި ހުރިހައި މަސައްކަތެއް ޢަމަލީ ގޮތުން ހިންގަވައި ބަލަހައްޓަވާން އުޅުއްވީ ކޮން ވަޒީރެއްކަން ވެސް އެކަކަށް ވެސް އޮޅިފައެއް ނެތެވެ. އަދި އެ ވަޒީރު މިހާރު ހުންނެވީ ކޮން މަގާމެއްގައިކަން ވެސް ރާއްޖޭގެ ރައްޔިތަކަށް އޮޅިފައެއް ނެތެވެ. އަދި އާ ރަންވޭގައި ދުނިޔޭގެ އެންމެ ބޮޑެތި މަތީންދާބޯޓު ޖެއްސުމުގެ އަޖުމަބައްލަވައި ކާމިޔާބުކަމާއެކު އެ ރަންވޭ ހުޅުވިކަމުގައި ވިޔަސް އެ ރަންވޭ ބޭނުންނުކޮށް އެތައް އަހަރަކަށް ބާއްވައިގެން އިގުތިސާދީ ގޮތުން ލިބުނު ގެއްލުން ގައުމަށް ލިބުނީ ކޮން ދުވަސްވަރެއްގައިކަން ވެސް ނުދަންނަ މީހަކު ނެތެވެ.

18 މަސްދުވަހުން ބޯލްޓު ޖަހައިގެން ރާވައިލެވޭ ގޮތަށް ބިނާކުރާން ފަރުމާކުރެވިފައިވާ އެ ގިމަތައިގެ މަސައްކަތް ކޮންމެވެސް ސަބަބަކާ ހުރެ، ނުކޮށް އެތައް އަހަރަކަށް ދިގުދެންމީ ކޮން ސަބަބަކާ ހުރެކަން ސީދާ ނޭނގުނަސް އެ ކަން ކުރެއްވީ ކޮން ބޭފުޅެއްކަން ނޭނގޭ ދިވެއްސަކު ނެތެވެ. އަދި ކުރިން ކުރި ފަރުމާ ބަދަލުކޮށް ގިމަތަ ކުޑަކޮށް ފަރުބާ ބަދަލުކޮށްލީ ވެސް ކޮން ބޭފުޅެއްކަން ނޭނގިއެއް ނުދާނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރުޕޯޓުގެ މަސައްކަތް ނުމިޔެ ނުދިރި ފިނިހައް އިސްޕީޑުގައި ކުރިއަށް ދަނިކޮށް އެ ކަމަށް ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން އެ މަސައްކަތް މެކުހައް ޖެއްސެވީ ކޮން ބޭފުޅެއްކަން ވެސް މިއަދު ނޭނގޭ މީހަކު ނެތެވެ. އަދި މި ޒަމާނީ އެއަރޕޯޓު މަޝްރޫޢުގައި އެ ބޭފުޅެއްގެ ޙިއްސާ އޮތީ ކިހައި މިންވަރަކަށްކަން ވެސް އެންމެންނަށް އެނގެއެވެ. އަދި އެ ސަރަހައްދުގައި މި ވަގުތައް އެ ތަން ބޮޑުކުރެވެން އޮތް އެންމެ ބޮޑަށް އެ ތަން ދިގުކޮށް މަސައްކަތް ނިންމައިލެއްވީ އެންމެ ފުރަތަމަ އެ މަސައްކަތުގައި އެހެން ހައިސިއްޔަތަކުން އިސް ދައުރެއް އަދާކުރެއްވި ކޮން ބޭފުޅެއްކަން މިއަދު އެނމެންނަށް ވެސް އެނގޭނެއެވެ.

މިހައި ސާފުކޮށް މި ކަންކަން ފުރޭފުކުރެވި އެންމެންނަށް އެނގިފައި ވިޔަސް މި ކަން އެހެން ގޮތަކަށް މީހުންގެ  ސިކުނޑިތަކަށް ވައްދައިދެވޭތޯ މަސައްކަތްކުރާ ބަޔަކު މީސްމީޑީއާގައި ވަރަށް އަވަދިނެތި އެބަ މަސައްކަތްކުރެއެވެ. އަދި އެއީ ތިމަންނަ ނުވަތަ ތިމަން ތާއީދުކުރާ މީހަކު ކުރި ކަމެއްކަމަށް ދިވެހީންނަށް ވިސްނައިދެވޭތޯ ލައްކަ މަސައްކަތް އެބަ ކުރެއެވެ. އެއީ ދިވެހީންނަށް ހެޔޮ އެދިގެން އައިސް ބިންލާދިން ގުރޫޕުން ކޮށްދިން ކަމެއްތޯ ވެސް ސުވާލުކޮށްފާނެތާއެވެ!

ނަމަވެސް މި ފަދަ މީހުން އެ ގޮތަށް މަސައްކަތް އެ ކުރަނީ ހަގީގަތް ނޭނގޭތީއެއް ވެސް ނޫނެވެ. އޮޅުވައިލެވޭތޯއެވެ. މި ގޮތަށް މަސައްކަތްކުރުމުން ހަގީގަތުގައި ވާ ގޮތަކީ، މި ކަންކަމުގެ އަސްލު އަލުން ހަނދާނަށް އައިސް އެ ކަމުގެ ހަގީގަތްތައް ފާހަގަވާން ފެށުމެވެ. އަބަދުވެސް ހައްގު ފާޅުވާނެއެވެ. ބާޠިލު ނެތިގެންދާނެއެވެ. ބާޠިލަކީ ނެތިގެންދާން ޖެހޭ އެއްޗެކެވެ.

ބައެއް ލަފުޒުގެ މާނަ:

ބާޠިލު      ނ.    (1) ހައްގުގެ އިދިކޮޅު. (2) ކަމުނުދާ ނުދިއުން. (3) އުވޭ އުވުން

މޭލުގާ      ނ.    (1) ކަމެއްގެ ތާރީޚުގައި ނުވަތަ މީހެއްގެ ހަޔާތުގައި ހިނގައިފައިވާ މުހިންމު ހާދިސާއެއް. (2) ތަނަކާ ހުރި ދުރުމިން އަންގައިދޭން މަގުމަގުގެ އަރިމަތީގައި ހުންނަ ގާ ނުވަތަ ބޯޑު ހަރުކޮށްފައި ހުންނަ ދަނޑި.

މީސްމީޑިއާ   ނ.    ގިނަ ބަޔެއްގެ މެދުގައި މައުލޫމާތާއި ޚިޔާލު ބަދަލުކޮށް، ގުޅުންތައް އުފައްދައި ދަމަހައްޓާން ބޭނުންކުރާ އިންޓަނެޓުގެ ވަސީލަތްތައް.

ފަރުމާ      ނ.    (1) އެއްޗެއްގެ ނަމޫނާ. (2) ގޭގެ ފަދަ ތަންތަން ޢިމާރާތްކުރުމުގެ ކުރީން ކުރަހާ ނަމޫނާ.

ފުރޭފުކުރުން  މ.   ލިޔެ ރެކޯޑުކުރާ ކުރުން.

ގިމަތަ      ނ.    ދަތުރަށް އެރުމަށާއި ދަތުރު ނިންމުމަށާއި ދަތުރުވެރީންގެ ކަންތައް ހަމަޖެއްސުމަށް ޓަކައި ބޭނުންކުރާ ތަން ނުވަތަ ޢިމާރާތް.

ކޮމެންޓު