ad_banner
ކުރުވާހަކަ: ފަލްސަފާ (2)

އަސްމާ އަބޫބަކުރު

22 ޖޫން 2025

ފަލަސަފާ (2)

(2015 ޖޫން 15ވަނަ ދުވަހުގެ ޢަދަދާ ގުޅޭ)

އިތުރު ހިތްވަރެއްލުމަށް ފަހު، ހުންނަ ގޭގެ މަސައްކަތްކޮށް ނިންމައިލައިފައި އިސްކޫލަށް ދިއުމުގެ ކުރީން އާލިފްގެ އެޕާޓްމަންޓަށް ގޮސް ކައްކައިދީފައި އިސްކޫލަށްދާ އިރު ކޮންމެ ދުވަހަކު ވެސް ހުންނަނީ ވަރުބަލިވެފައެވެ. އެކަމަކުވެސް ލޯބިވާ މީހާއަށް ޓަކައި އަހަރެން މި ދަނީ ޤުރުބާންވަމުންނެވެ.

[ޖީލާން އަންނަ ހޮނިހިރުގައި އެބަ ކިޔާ އިސްކޫލްގެ ހުރިހާ މުވައްޒަފުން ޕިކްނިކު ދާ ވާހަކަ. އެ މެމޯގައި ސޮއިކޮށްފިންތަ؟]

[އަދި  ނުކުރަން .ފަހަރެއްގައި ނުދެވިދާނެ.] އޭރު ވެސް އަހަރެން ހުރީ ގެއަށް ނުދެވިގެން ލަސްވެފައެވެ. މިރޭ އާލިފާއެކު ބޭރަށްދާން އެއްބަސްވެފައި އޮތުމުން އަހަރެން ބޭނުންވީ އަވަހަށް ގެއަށްދާށެވެ.

އާލިފާ ގުޅީ ވެސް އެވަގުތުއެވެ.

[ޖީލާން ވަރަށް އުފާވެރި ޚަބަރެއް ދޭން މި ގުޅީ.]

[ކޮންކަހަލަ އުފާވެރި ޚަބަރެއް.] އަހަރެންގެ ހިތުގައި އުފާވެރިކަމުގެ ރާޅެއް ދުއްވައިގަތެވެ.

[ނިއުޒީލޭންޑުން ކިޔެވުމުގެ ފުރުޞަތު ލިބިއްޖެ.  މިކަހަލަ ފުރުސަތަކަށް އެދޭތާ ހާދަ ދުވަހެއް ވެއްޖޭ. އަހަންނާކު ހިނގައި ދާން، ޖީލާން ވެސް . . . ވަރަށްބޭނުން ޖީލާން ގެންދަން.]

އަހަރެންގެ ހިތަށް ތަދުވުން ނޫންކަމެއް ނުވިއެވެ. އެދިއެދި ހުރީ އިންނަން އަހާނެކަމަށެވެ. އެހެން ނޫނަސް  އާލިފްއާ އެކު އެ ގޮތަށް ތަންތަނަށް ދާކަށްނުކެރޭނެއެވެ. 

އެރޭ ނިދިނައިސް އެތަށް އިރަކު އޮންނަންޖެހުނެވެ. ހަތަރު އަހަރަށް ބޭރަށް ކިޔަވަން އާލިފު ދިޔައިމަ އަހަރެން އެކަނިވާނެއެވެ. އަނެއްކޮޅުން މިހާރު އަހަރެންގެ އުމުރުން ވިހި އަހަރު ވެއްޖެއެވެ. އާލިފު ދެކެ ވާ ލޯބީން އެހެން މީހަކާ ދިމާއަށް އަހަރެން ބަލައިލާ ހިތެއް ވެސް ނުވެއެވެ.

އާލިފް ފުރައިގެން ދިއުމުން އަހަރެން ވަރަށް އެކަނިވެރިވިއެވެ. ހަތަރު އަހަރަކީ މަދު ދުވަސްކޮޅެއް ނޫނެވެ. އާލިފް އެންމެ ފަހުން ދިއުމުގެ ކުރީން ފަހު ޖުމްލައަކަށް ބުނީ އިންތިޒާރު ކުރުމަށެވެ. އިންތިޒާރަކީ ބައެއް ފަހަރު ވޭނެކެވެ. އަހަރެން ހުންނަނީ އާލިފުގެ ކޯލަކަށް އެދިއެދިއެވެ. އެކަމަކު ހަފުތާއަކު އެއް ފަހަރު ނޫނީ  އާލިފަކަށް ވަގުތެއް ނުލިބެއެވެ.

[މިއަދު ހަވީރު އޮންނާނެ ގާލްގައިޑު ހުވައިކުރުމުގެ ރަސްމިއްޔާތު. ޖީލާން ތައްޔާރުތަ؟] ގައިޑުގައި އެކީގައި މަސައްކަތްކުރާ އަމީނާ އެހިއެވެ.

[ހަނދާން ނެތިފައި މިހުރީ ވެސް. މާބޮޑު ތައްޔާރީތަކެއް ނޯންނާނެތާ. ދިގުހެދުން އިސްތިރިކުރުންތާ ކަމަކަށް އޮންނާނީ.]

[މިހާރު ދެން ޖީލާން ހުންނަނީ އަބަދު ވެސް ކަމަކަށް ގެއްލިފައި. އާލިފު ނެތީމަ އެ ކަމާ ކަންބޮޑުވެފައި އަބަދު ތިޔަ ހުންނަނީ. އެހެން މީހަކާ މެރީކުރާކަށް ޖީލާން ކީއްވެތަ ނޫޅެނީ.]

އިސްކޫލުގައި އުޅޭ ހުރިހައި މުވައްޒަފުންނަށް ވަނީ އަހަރެން އާލިފާ އެކު  ބޭރަށް ގޮސް އުޅޭ އިރު ފެނިފައެވެ. އަދި އިސްކޫލުގެ ރަސްމިއްޔާތަކަށް އާލިފަށް ދަޢުވަތުދިން ދުވަހު ވެސް އެންމެން އޭނާގެ ވަނަވަރު ނެގި އިރު ހީވީ އިންޓަވިއުއަކަށް ތައްޔާރު ވާން އުޅުނުހެންނެވެ.

ނުސީދާކޮށް ނަމަވެސް އަމީނާ ބުނި ޖުމްލައަކީ އަހަރެން ވިސްނަން ޖެހޭ ކަމެކެވެ. ހިތަށް ވެސް އުނދަގޫ ޖުމްލަ އަކަށް ވެއްޖެއެވެ. އަމީނާ އެހެން ބުނި ސަބަބު ހޯދާން އެބަޖެހެއެވެ.

"ކީއްވެ ތިހެން ތިބުނީ؟] އެ މީހަކު ކުރިއަރަން ބޭނުންވާ ދާއިރާ އަކުން ކިޔަވަން ފުރުސަތު ލިބުނީމާ އޭގެ ބޭނުން ހިފާނެއެއްނު؟] އަހަރެން އެހެން ބުނުމުން އަމީނާ ކިޔައިދިން ބައެއް ވާހަކަތަކަކީ އަހަންނަށް ގަބޫލުކުރާން ދަތި ވާހަކަތަކެކެވެ.

[ޖީލާން. ހުންއައިސްގެން އުޅުނު ހަފުތާ އަހަރެން ދުށިން އާލިފް އެހެން އަންހެން ކުއްޖަކު ގޮވައިގެން ސައިކަލްގައި ދަނިކޮށް. އެ ވަރުން ނިމުނީކީ ނޫނޭ. ރެސްޓޯރެންޓަކުން ވެސް ދުށީން. އެހެން ފެނުނީމާ ހިތަށް އަރަނީ އާލިފު އެ އުޅެނީ ޖީލާނާ އެކީގައި ކީއްކުރަންހޭ؟ އަސްލު ވެސް ހިތަށް އަރާ ޖީލާންގެ ޙަޔާތް ބަރުބާދުނުކޮށް އަވަހަށް މެރީކުރުން މާ ބުއްދިވެރިއޭ. އަދި މިހާތަނަށް އާލިފް ބުނިތަ ޖީލާން ގާތުގައި މެރީކުރަން.]

ވީ ދެރައިން އަހަރެން އެއްޗެއް ނުބުނަމެވެ. އަމީނާ ނޫނަސް އެހެން މީހުން ވެސް ބުނާ ވާހަކައަކީ އަހަންނަށް ރަނގަޅު މީހަކު ލިބިއްޖެ ނަމަ، އަވަހަށް މެރީކުރުމަށެވެ. އެހެން ބުނާނީ ވެސް ސަބަބެއް އޮވެގެންކަން އެނގެއެވެ. އެކަމަކު އަހަރެން އެހެން މީހަކާ ގުޅޭ ހިތެއް ނުވެއެވެ. އަހަރެންގެ ހިތެއް އެހެންމީހަކަށް ނޭދެއެވެ. އަބަދު ވެސް މި ހިތް ގޮވަނީ އާލިފަށެވެ. މިހާތަނަށް އާލިފް ދުވަހަކު ވެސް އަހަރެން ގާތު އެ ކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ދެކޭ ގޮތުގައި މީހެއްގެ ވިއްޔާ ގޮތެއް ހުންނާން ވާނެއެވެ. އާލިފު ދިޔައީ އަހަރެންގެ ގާތުގައި އިންތިޒާރުކުރާން ބުނެފައެވެ. އަހަރެން އިންތިޒާރުކުރާނަމެވެ.

[ޖީއްތާ. މަންމަ ބުނެގެން މި ގުޅީ. މާދަން މެންދުރު ކެއުމަށް މިގެއަށް އާދެވޭނެތަ؟" އެއީ އާފިޔާއެވެ. އާލިފުގެ ކޮއްކޮއެވެ. އާލިފްގެ މަންމައާއި ބައްޕަ އަހަންނަށް ވަރަށް ހެޔޮވާނެއެވެ. މާލެ އަންނަ ކޮންމެ ފަހަރަކު ހަދިޔާ ގެނެސްދޭނެއެވެ. އާފިޔާގެ ފޯނުކޯލުން ވެސް އެހެންޏާ ހިތް އުފާވާ ވަރަށް މި ފަހަރު ހިތް އުފަލެއް ނުވިއެވެ. އެންމެން ވެސް ދެކޭ ގޮތުގައި އަހަރެން ދެން އާލިފަށް ޓަކައި ހުރުމުގެ ބޭނުމެއް ނެތެވެ.

އަނެއް ދުވަހު ރާއްޖެ ގަޑިން ފަހެއް ޖެހީ އާލިފުގެ ކޯލަކާއެކުއެވެ. މި ގަޑީގައި އެހެން ނޫނީ ނުގުޅާނެއެވެ. އަހަރެން ލޯ އުނގުޅަމުން ތެދުވެ އެނދުގައި އިށީނީ ނިދި ފިލުވުމަށެވެ.

"ހަލޯ.. ޖީލާން. ނިދާފަ އޮއްވައިތަ މި ގުޅުނީ. އެހެން ނޫނީ ބޮޑު ފަތިހާ ހޭލާނެ. ކިހިނެއްވީ މިއަދު؟ އަނެއްކާ ޖީލާން ބަލީތަ؟" އާލިފްގެ އެއްފަހަރާ އެތައް ސުވާލެއްކުރިއެވެ. އެކަމަކު އަހަރެން އެ ހުރިހާ ސުވާލުތަކަށް ޖަވާބު ދިނުމުގެ ބަދަލުގައި ބޭނުންވީ އެހެން ވާހަކައެއް ދައްކާށެވެ. މިހާ ދުވަސްވީ އިރު ލޯބިވޭ ވެސް ބުނާންނުކެރިގެން އާލިފް ތިޔަ އުޅެނީ ކީއްވެހޭ އަހާފާނަމޭ ހިތަށް އެރިއެވެ. އެކަމަކު ދޫ ވެސް ހުންނަނީ ތަޅުލެވިފައި ކަންނޭގެއެވެ.

[މިއަދު ހޭލެވުނީ އާލިފްގެ ކޯލްގެ އަޑަށް. ރޭގަ ތަންކޯލެއް ލަހުން ނިދުނީމަ މިހެން މިވީ.] އަހަރެންގެ އަޑުގައި އެއްވެސް އުފާވެރިކަމެއް ނެތްކަން އާލިފަށް ފާހަގަވެއްޖެއެވެ.

[ކިހިނެއްވީ ޖީލާނަށް. އެބަ އޮތް އުފާވެރި ޚަބަރެއް. ހަފުތާ އަކަށް ޗުއްޓީއަށް އެބަ ދަން. މިއަދު މެންދުރު ފަހު ރާއްޖެއަށް ދެވޭނެ.] އަހަރެންގެ ހިތަށް އުފާވެރިކަން ލިބުނަސް އަޑުން އެ ކަމެއް ނާންގަމެވެ.

އާލިފާ އިރުކޮޅަކު ވާހަކަދެއްކުނީތީ މި ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އަދި މެންދުރު ފަހު، އެ ގެންދަނީ އާލިފު އަންނާތީއްއޭ ހިތަށްއެރިއެވެ. އަހަރެން އެ ގެއަށް ދާ ވާހަކަ ނުބުނީ އާލިފަށް ސަޕްރައިޒެއް ދިނުމަށެވެ.

ގޭތެރެ ޒީނަތްތެރިކޮށް ހެދީ އާފިޔާ އާއި އަހަންނެވެ. އާލިފު ރާއްޖެ ނައިސް ދެ އަހަރުވީއެވެ. އެންމެންގެ ހިތުގައި އޮތް ލޯބި އުތުރިއަރާ ކަހަލައެވެ. އެކަމަކު އަހަރެން އިންތިޒާރުކުރަނީ އެންމެ ކަމަކަށެވެ. އެއީ ކައިވެންޏަށް އެދި އާލިފުގެ އަތް ދިއްކޮށްލާނެ ވަގުތަކަށެވެ. އެ ބަސް ދުލުން ބޭރުކުރޭތޯއެވެ. އަހަރެން ކިތަންމެ ފަހަރަކު އެހެން ބުނާން ހިތަށްއަރައެވެ. އެކަމަކު ހަމަޖެހިލުން ވަނީއެވެ. ރާއްޖޭގެ މާހައުލުގައި އަންހެނަކު ފިރިހެނަކަށް އަދި ވެސް ލޯބި ނުވަތަ ކައިވެންޏަށް ހުށަހެޅުމަކީ ހުތުރުކަމެކެވެ. ބޮއްކުރާ ދޮށަށް އޮޑި ކެނބުމެވެ.

 

އާލިފު މާލެ އައިސް ތިން ދުވަސް ފާއިތުވީ ކޮންމެ ރެއަކު އަހަރެން ގޮވައިގެން ކޮންމެ ވެސް ތަނަކަށް ދެއެވެ. އެކީގައި އެތައް ވަގުތެއް ހޭދަކުރެވުނެވެ. އުފާވެރިކަމުގެ ވަގުތުތަކެވެ. އެހެންނަމަވެސް އަހަރެންގެ ހިތުގައި ބިރުވެރިކަމެއް އުފެދޭން ފެށިތާ ދުވަސްކޮޅެއް ވެއްޖެއެވެ. އިސްކޫލުގެ ސްޓާފް ރޫމްގައި އެންމެން ތިބެގެން ވާހަކަދެއްކި ދުވަހު ވެސް އިވުނު އަޑެކެވެ. ގާލްގައިޑް ޓްރެއިނިންގއެއް ނިންމައިފައި އެންމެން އެކީ ކާން ދިޔަ ދުވަހެއްގައި ވެސް އިވުނު އަޑެކެވެ.

[އާލިފް އެއީ މަޤާމުގެ ބޮޑުކަން ދައްކައިގެން އެތައް އަންހެން ކުދީންނަކާ ރައްޓެވި މީހެއްނު. ޖީލާނާ ކައިވެނިކުރާނެ ކަމަކަށް އިންތިޒާރުކުރުމަކީ މޮޔަކަމެއް." ކުރީން ވެސް އިވިފައި ހުރި އަޑުތަކެކެވެ. މިހާރު ވެސް އެންމެން ދެކެނީ އެ ގޮތަށެވެ. އެކަމަކު އަހަރެންގެ ހިތްބުނަނީ އާލިފު މެރީ ކުރަނީ އަހަންނާއެވެ.

އާލިފު ފުރާން އެއް ދުވަހަށް ވެއްޖެއެވެ. އެކަމަކު މި ފަހަރު ވެސް އެކަހަލަ އެއްވެސް ވާހަކައެއް ނުދައްކައެވެ. އަހަރެން ކަންބޮޑުވަނީ މިހާރު އަހަރެންގެ ޢުމުރުން ބާވީސް އަހަރު ފާއިތުވެ ދިޔައިމައެވެ. އާލިފުގެ ޢަމަލުން ލޯބިވާކަން އެނގެއެވެ. ދުލުން އެ ވާހަކަ ނުބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ.

ފުރާން އޮތް ރޭ އަހަރެމެން ކާން ދިޔައީ މޫދު ފެންނަ ހިތްފަސޭހަ ޖައްވެއް އޮތް ރެސްޓޯރެންޓަކަށެވެ. އެ ރޭ ކޮންމެ ގޮތެއްވިއަސް އަހަރެން އާލިފާ ދައްކާން ބޭނުންވެގެން އުޅޭ ވާހަކަދައްކާން ނިންމީމެވެ.

[އަހަރެން ބޭނުން ވަރަށް ބޮޑު ވާހަކައެއް ބުނަން.]

[އަވަހަށް ބުނޭ. އަހަރެން މި އިނީ އަޑު އަހަން.] އަލިފުގެ ސަމާލުކަން ހުއްޓުނީ އަހަރެންގެ މޫނަށެވެ.

[އަހަރެން މި ފަހަރު ބޮޑު ޗުއްޓީގައި ރަށަށް ގޮސް މި އުޅެނީ މީހަކާ މެރީކުރާން.] އާލިފްގެ މޫނަށް ބަލަން އިނދެ އަހަރެން ބުނީމެވެ. އެ މޫނުމަތީން އަހަންނަށް ފެނުނީ ވަރަށް ކަންބޮޑުވި މަންޒަރެވެ.

[ދެން ކީއްވެ ތިޔަ ވާހަކަ އަހަރެން ގާތު ތިޔަ ބުނީ.]

[އަހަރެމެން ދެމީހުންނަކީ ބެސްޓު ފްރެންޑުން ވީމަ އެންމެ ފުރަތަމަ ބުނަން ބޭނުންވީ އާލިފްގާތު.] އަހަރެން އެހެން ބުނުމާއެކު އާލިފް ތެދުވެ މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ރެއިލިންގައި ހިފަހައްޓައިގެން އިރުކޮޅަކު ހުރުމަށްފަހު އަހަންނާ ދިމާއަށް އެނބުރުނެވެ. އެވަގުތު އެ ދެލޮލުން ފެނުނީ ކޮންކަހަލަ ކަރުނައެއްކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން ހިތަށް އުނދަގޫ ވަގުތަކަށް ވިއެވެ. [އަހަރެން ވެސް ވާހަކައެއް ބުނާން ބޭނުން.]  (ނުނިމޭ)

ކޮމެންޓު