ad_banner
ކޮލަމް ހަމަ (33): ލަފުޒު ވަކިކުރުމަށް ގެންގުޅޭ އެންމެ ފަހުގެ އުޞޫލުގެ ކުރު ޚުލާސާއެއް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 ޖޫން 2025

ލަފޒު ދުރުކުރުމުގެ ގަވާއިދަށް ޢަމަލުކުރުމުން މާނައޮޅުމުން ސަލާމަތްވެއެވެ.

ލަފުޒުތައް ވަކިކޮށް ލިޔުމާ ބެހޭ ގޮތުން ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބަސް ކޮމެޓީއިން ވަނީ ގަވާއިދެއް އެކަށައަޅުއްވައި އާންމުކޮށް އިއުލާނުކުރައްވައިފައެވެ. އަދި އޭގެ ފަހުން ދިވެހިބަހުގެ އެކެޑަމީއިން އެ އުސޫލު އަލުން ތަފުސީލުކުރައްވައި އާންމުކުރެއްވިއެވެ. އެ އުޞޫލު އިތުރަށް ތަފުސީލުކުރެއްވުމަށް ފަހު، ބައެއް އިސްލާހުތަކާ އެކު، އަދި ދެނެގަންނާން ތަންކޮޅެއް ފަސޭހަ ގޮތަކަށް، [ލަފުޒު ދުރުކުރުމުގެ ގަވާއިދު] 2024ވަނަ އަހަރު ދިވެހިބަހުގެ އެކެޑަމީއިން ޝާއިޢުކުރިއެވެ.

މި މަގާލުގައި މި ބަލައިލަނީ އެ ގަވާއިދަށް ބަލާ އިރު، ދިވެހިބަސް ތާނައިން ލިޔެ އުޅުމުގައި ލަފުޒު ވަކިކޮށް ލިޔުމުގައި މިހާރު ޢަމަލުކުރާ މައިގަނޑު އުޞޫލުތަކުގެ ޚުލާސާއަށެވެ. މިއީ ވަރަށް ފަސޭހަ އުސޫލުތަކެކެވެ. މި މަގާލު ވިދާޅުވެއްޖެ ނަމަ، އެއީ އުނދަގޫ ކަމެއް ނޫންކަން އެނގިވަޑައިގަންނަވާނެއެވެ.

ލަފުޒުދުރުކޮށް ލިޔުމުގައި މައިގަނޑު ދެތިން ނުކުތާއަކަށް ސަމާލުކަން ދެވިއްޖެ ނަމަ، އެ ގަވާއިދުގައިވާ ގޮތުގެ މަތީން ލިޔެ ލިޔައި ހަދާކަށް އުނދަގުލެއް ނޫނެވެ.

ދިވެހި ބަސް ބެހިގެންވާ (ނަން، ކަން، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެ ނަން، އިތުރު، އަކުރު، މި) އަށް ބައިގެ ތެރެއިން [އަކުރު] ފިޔަވައި އެހެން ކޮންމެ ބައެއް މެ ކޮންމެ ޙާލަތެއްގައި ވެސް ކުރީ ލަފުޒާ ދުރުކޮށްގެން ވަކިވަކީން ލިޔުމަކީ މި ގަވާއިދުގެ އެންމެ އާންމު ހަމައެވެ.

މިސާލު: މި ޒަމާނުގެ ގިނަ ޒުވާނުންގެ އަޚުލާޤު ހުންނަ ގޮތް އަހަންނަށް ވަރަށް ރަނގަޅެވެ.

ދެން ހަނދާނުގައި ބަހައްޓާން ޖެހޭ އަނެއް ހަމައަކީ ގިނަ ކުރުމުގެ އަކުރުކަމުގައިވާ ("ތައް" "މެން" "ފަހަރު" މި ފަދަ) އަކުރުތައް ކުރީލަފުޒާ ގުޅުވައިގެން ދުރުނުކޮށް ލިޔާށެވެ.

މިސާލު: (1) ފޮތްތައް، މީހުންތައް، ގަލަންތައް
      (2) އަހަރެމެން، މަންމަމެން، ބައްޕަމެން
      (3) ދޯނިފަހަރު، ބޯޓުފަހަރު، އޮޑިފަހަރު

ހަމަ މި ފަދައިން ލަފުޒެއް އެކަހެރިކުރުމަށް ޓަކައި ނުވަތަ އާންމުކުރުމަށް ޓަކައި ބޭނުންކުރާ [އެއް]، [އަކު] އެއްވެސް ޙާލެއްގައި ކުރީ ލަފުޒާ ދުރެއް ނުކުރެވޭނެއެވެ.

މިސާލު: ގޮނޑިއެއް، މީހަކު،

ނިސްބަތުގެ ނުވަތަ މިލްކުވެރިކަން ދޭހަކޮށްދޭ އަކުރުކަމުގައިވާ [ގެ]އާއި ތަނާއި ޒަމާން ދޭހަކޮށްދޭ އަކުރު [ގައި] އަބަދު ވެސް ކުރީ ލަފުޒާ ދުރުކޮށްގެންނުވާނެއެވެ. (ލިޔާނީ ދުރުނުކޮށެވެ.) އެއްވެސް ހާލެއްގައި ދުރުކޮށްގެންނުވާނެއެވެ.

މިސާލު: އޭނާގެ، ހިތުގެ، ލޯބީގެ، ފޮތުގެ، މަދަރުސާގައި، ރަށުގައި، 8:30ގައި

މި ނުކުތާގައި ފާހަގަކޮށްލާން ޖެހޭ އެއް ކަމަކީ ނަމެއްގެ ގޮތުގައި [ގެ] ބޭނުންކުރާ ނަމަ، އެންމެ ފުރަތަމަ ދެންނެވި ހަމައިގެ މަތީން ލިޔާން ޖެހޭނީ ދުރުކޮށްގެންކަމެވެ.

މިސާލު: އަހަރެންގެ ގެ، އޭނާގެ ގެ

ލަފުޒުގެ ފަހަތައް ގުޅުވާ އަކުރާއި ލަފުޒާ ދެމެދަށް އެހެން އަކުރެއް ވަންކަމުގައި ވިޔަސް މި "ގެ" ލިޔާން ޖެހޭނީ ދުރުނުކޮށެވެ.  (އާންމުކޮށް މި ގޮތަށް ދިމާވާނީ އަބަފިއްޔަކުން ނިމިފައި ހުންނަ ލަފުޒުގެ ފަހަޔަށް [ގެ] ނުވަތަ [ގައި] ފަދަ އަކުރެއް ގުޅުވާއިރުއެވެ.)
މިސާލު: ފިހާރައިގެ، ހިތާމައިގެ، އަކައިގެ، އެއްވަނައިގައި،

އަކުރުތަކުގެ ތެރެއިން އެއްވެސް އަކުރެއް އެއްވެސް ޙާލަތެއްގައި ކުރީ ލަފުޒާ މެހޭ ނަމަ، ހުރިހައި ޙާލަތެއްގައި ވެސް (މެހުނަސް ނުމެހުނަސް) ދުރުނުކޮށް ލިޔުމަކީ އާ ގަވާއިދުން ފާހަގަކޮށްލެވޭ އެންމެ ބޮޑު ބަދަލެވެ. މި ފަދަ އަކުރުތަކުގެ ތެރޭގައި އާއި، އަކީ، އަކީ، އެއް، އިން، އަށް، ފަދަ ހުރިހައި ލަފުޒުތައް ހިމެނެއެވެ.

މިސާލު: (1) މަދަރުސާއެވެ.   ހިނގައްޖެއެވެ.  އަންނާނެއެވެ.
      (2) މަދަރުސާއެކެވެ.  އޭނާ މާ ހަގެވެ.  ދޮއްޓެވެ.

      (3) މަދަރުސާއިން، ސުކޫލަށް، މޫސާއަކީ، މީހަކާ،

އެހެންވީމާ، ލަފުޒަކާ ގުޅިގެން އަޔަސް އަދި ވަކީން އޮތަސް އިން، އެއް، އާއި، އަކީ، އަކު، ފަދަ އަކުރުތައް ވެސް އަބަދުވެސް ލިޔާން ޖެހޭނީ ދުރުނުކޮށެވެ. މިއީ ކުރީ ގަވާއިދާ ތަފާތު ހަމައެކެވެ.

މިސާލު: (1) އޮފީހުން، ފޮތެއް، ގަލަމާއި، ކަތީބަކީ، ފަހަރަކު،
     (2) ޖަލްސާއިން، ގޮނޑިއެއް، މަދަރުސާއާއި، އޭނާއަކީ، ގެއަކު

ކަމުން ނަންއިތުރު އުފެއްދުމަށްޓަކައި އިތުރުކުރެވޭ"ގެން" "މުން" "ފައި" ފަދަ އަކުރުތައް ލިޔާން ޖެހެނީ ކަމާ ގުޅުވައިގެން (ދުރުނުކޮށް) ލިޔުން
މިސާލު:  ނަގައިގެން ކަމުންކަމުން ދުވެފައި ހިނގައްޖެއެވެ.

ނަމަކާގުޅުވައިގެން ލަފުޒެއް އުފެއްދުމަށް ޓަކައި ބޭނުންކުރާ، ލުން، ވުން، ކުރުން، ވެރުން، ފަދަ [އަކުރު]ތައް ލިޔާންޖެހޭނީ ކުރީ ލަފުޒާ ގުޅުވައިގެން ދުރުނުކޮށެވެ.

މިސާލު: ކަމެއްކޮށްލުން، ކާހިތްވުން، ވުޟޫކުރުން، ފެންވެރުން 

އެއްވެސް ޙާލެއްގައި ލަފުޒަކާ މެހޭ ގޮތް ދިމާނުވާ ލަފުޒުތައް، އަބަދު ވެސް ލިޔާންވާނީ ދުރުކޮށްގެންނެވެ. މި ފަދަ އަކުރުތަކުގެ ތެރޭގައި، ވެސް، ނަމަވެސް، އެހެންނަމަވެސް، ޓަކައި ފަދަ ލަފުޒުތައް ހިމެނެއެވެ.  
ގިނަކުރުމުގެ ގޮތުން ނުވަތަ އަސަރުގަދަކުރުމަށް ޓަކައި ނަމަވެސް، ވިދިވިދިގެން ތަކުރާރުކުރާ ލަފުޒުތައް ލިޔާނީ ދުރުނުކޮށެވެ.

މިސާލު: ގަސްގަސް، ފޮތްފޮތް، ކިރިޔަކިރިޔާ، ކައިރިކައިރީ

ނިންމުން:

ލަފުޒު ދުރުކުރުމަށް ގެންގުޅޭ މައިގަނޑު އުޞޫލުތައް މި ދަންނަވައިލެވުނީ އެވެ. މިއީ ވަރަށް ފަސޭހަ އުޞޫލެކެވެ. އެންމެ ބޮޑަށް ހަނދާން ބަހައްޓަން ޖެހެނީ ދިވެހި ބަހުގެ 8 ބައިގެ ތެރެއިން ކޮންމެ ބައެއް ގައި ހިމެނޭ ހަމަ ކޮންމެ ލަފުޒެއްވެސް ހަމަ ކޮންމެ ޙާލަތެއްގައިވެސް ދުރުކޮށްގެން ލިޔުމަށެވެ. (މި، އެ، ތިޔަ، ފަދަ ކުރު ލަފުޒުތަކަކީ ވެސް މި ދެންނެވި ހަމައިގެ މަތީން (އެއީ އިޝާރާތުގެ ނަންތަކެއް ކަމަށް ވާތީ) ލިޔާން ޖެހޭނީ ހަމަ ދުރުކޮށްގެންނެވެ. (މިސާލު: މި އޮފީހުގެ، ތިޔަ މިނިސްޓްރީގެ.

ދެން ހަނދާނުގައި ބަހައްޓާން ޖެހޭ އަނެއް ނުކުރާއަކީ އެއްވެސް ޙާލެއްގައި ކުރީ ލަފުޒާ މެހޭ ލަފުޒެއް ނަމަ، ހުރިހައި ޙާލަތެއްގައި ވެސް (މެހުނަސް ނުމެހުނަސް) ދުރުކޮށްގެން ލިޔުމަށާއި، އެއްވެސް ޙާލަތެއްގައި ނުމެހޭ އަކުރުތައް އަބަދު ވެސް ދުރުކޮށްގެން ލިޔުމަށެވެ. އެހެންނަމަވެސް، ނިސްބަތުގެ [ގ]އާއި، ތަނާއި ޒަމާން ބަޔާންކުރުމަށް ބޭނުންކުރާ [ގައި]އާއި ގިނަކުރާ އަކުރުތަކާއި އެކަހެރިކުރާ އަކުރުތައް އަބަދުވެސް ލިޔާންވާނީ ދުރުނުކޮށްކަން ހަނދާނުގައި ބަހައްޓާންވާނެއެވެ. ދެން ގިނަކުރުމަށް ޓަކައި ނުވަތަ އެހެން ސަބަބަކާ ހުރެ ނަމަ ވެސް އެއްވެސް ދެ ލަފުޒެއް ތަކުރާރުކުރާ ނަމަ، އެ ދެ ލަފުޒު ލިޔާންވާނީ ދުރުނުކޮށެވެ.

ލަފުޒު ދުރުކުރުމުގެ އުޞޫލުގައި އަދިވެސް ވަރަށް ގިނަ ތަފުސީލުތައް އެބަ ހުއްޓެވެ. ނަމަވެސް މި ދަންނަވައިލި މިންވަރަށް ޢަމަލުކުރެއްވިޔަސް ލިޔުއްވާ ލިޔުންތައް ހުންނާނީ ގާތްގަނޑަކަށް 90 އިންސައްތަ ރަނގަޅަށްކަމުގެ ޔަގީންކަން އަރުވަމެވެ. ހަމައެކަނި މި މިންވަރު ހިތުގައި ހަރުލުމުން ދެން ހުރި ކުދިކުދި އެހެން އުޞޫލުތައް ދަސްކޮށްލާން ވަރަށް ފަސޭހަވާނެއެވެ. ދެން ހުންނާނީ ވަރަށް މަދު ކުދިކުދި ހަމަތަކެކެވެ.

ސައްތައިން ސައްތަ ރަނގަޅަށް ލިޔުއްވާން ބޭނުންފުޅު ނަމަ، އެންމެ ފަހުގެ ގަވާއިދު ބައްލަވައިލެއްވުން އެދެމެވެ. ދިވެހިބަހުގެ އެކެޑަމީގައި އެދިއްޖެ ނަމަ، އެ ގަވާއިދުގެ ސުމޭކު ކޮޕީއެއް ލިބުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ.

މި ލިންކުން ލަފުޒު ދުރުކުރުމުގެ ގަވާއިދު ލިބވަޑައިގަންނަވާނެއެވެ.

ކޮމެންޓު