އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
16 މޭ 2025
ދިވެހިބަހުގެ ބައިތަކުގެ ތެރޭގައި ނަން ކިއިގެންވާ ނަން، ކަން، މަސްދަރު، ނަންއިތުރު، ކަންއިތުރު، ނަންއިތުރުގެނަން، މި ހަތްބައިގެ ތެރޭގައި ނުހިމެނޭ ކޮންމެ ލަފުޒެއް ހިމެނިފައިވަނީ ]އަކުރު[ގެ ތެރޭގައެވެ. އަށްވަނަ ބައިގައެވެ. މިހެންވުމުން އަކުރުގެ ތަޢާރަފުގައި ލިޔުއްވައިފައި އޮންނަ އެއްޗަކާ ދިމާނުވާ ފަހަރު ވެސް އާދެއެވެ. ދިވެހިބަހުގެ ގަވާއިދުގެ ތެރޭގައި ]އަކުރު[ ކަމަށް ބަލަނީ އެ ލަފުޒެއް އެކަނި، ޖުމުލައަކާ ވަކީން އޮންނަ އިރު ފުރިހަމަ މާނައެއް ދޭހަ ނުވާ، އެހެން ނަމަވެސް ޖުމުލައިގެ ތެރޭގައި އެހެން ލަފުޒުތަކާ ގުޅުވައިގެން އައުމުން މުޅި ޖުމުލައަށް ފުރިހަމަ މާނަ ގެނެސްދޭ މަސައްކަތުގެ ލަފުޒުގެ ގޮތުގައެވެ. އިނގިރޭސި ބަހުން ކިޔާ ]ފަންކްޝަނަލް[ ލަފުޒަށެވެ.
ދިވެހިބަހުގެ ބައިތަކުގެ ތެރެއިން ]ތޯ[ މި ލަފުޒަށް ޖާގަ ލިބެނީ ]އަކުރު[ގެ ގިންތީންނެވެ. އެއީ އެ ލަފުޒު ވަކީން އޮންނަ އިރު، ފުރިހަމަ މާނައެއް ދޭހަނުވާތީއެވެ. އެހެންވީމާ މިއީ އެންމެ އަކުރަކާއި ފިއްޔަކުން އޮތަސް [އަކުރެއް]ކަމަށް ބަލާން ޖެހެއެވެ. މި ކަމާ އަޅުގަނޑު ވެސް ޝައްކެއް ނުކުރަމެވެ. ނަމަވެސް ދިވެހިބަހުގެ ބައެއް ބަހުރުވަތަކުގައި ބަދަލުނަމެއްގެ ގޮތުގައި ވެސް [ތޯ] ބޭނުންކުރާކަމަށް އަޅުގަނޑަށް ވެސް އިވެއެވެ. ނަމަވެސް މިއަދު އަޅުގަނޑު މަސައްކަތްކޮށްލެވޭތޯ މި ބަލަނީ، އަކުރެއްގެ ގޮތުގައި [ތޯ] އަދާކުރަނީ ކޮން ދައުރެއްތޯ ބަލައިލެވޭތޯއެވެ.
1. [ތޯ] މި އަކުރު ބޭނުންކުރެވޭ އެއް ގޮތްކަމަށް ފާހަގަކުރެވެނީ މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިން ވާހަކަދައްކާ އިރު، ސުވާލުގެ އަކުރެއްގެ ގޮތުން މި އަކުރު ބޭނުންކުރާ ކަމެވެ. އެހެންކަމުން ސުވާލުގެ އަކުރެއްގެ ގޮތުން [ތޯ] ބޭނުންކުރެއެވެ. އާދައިގެ ދަރަޖައިން ވާހަކަދައްކާއިރު ބޭނުންކުރާ [ތަ]ގެ ބަދަލުގައެވެ.
މިސާލު: ދެން މި ގެއަށް ވަޑައިގަންނަވާނީ ކޮންއިރަކުތޯ؟
ދެން މި ގެއަށް ދުރުވާނީ ކޮން އިރަކުތޯ؟
2. އާންމު އިސްތިއުމާލަށް ބަލާ އިރު، އެ އަކުރު އަދާކުރާ އެހެން ދައުރެއްކަމަށް ފެންނަނީ ކަމަކަށް އުންމީދުކުރުމުގެ މާނައިގައި ބޭނުންކުރާ ބަޔާނުގެ ޖުމުލައިގައި އެ އުންމީދުކުރާ ކަމަކާ ވިދިގެން ފަހަތަށް ގެންނަ އަކުރެއްގެ ދައުރެވެ. އެކަމަކު ސުވާލުގެ އަކުރެއްގެ ގޮތުގައެއް ނޫނެވެ.
މިސާލު: އަޅުގަނޑު މި ގެއަށް މި އައީ މުހަންމަދާ ބައްދަލުވޭތޯއެވެ.
މި މިސާލަށް ބަލާއިރު، އަޅުގަނޑު (ކޮންމެ ވެސް މީހަކު) އެ ގެޔަށް ދިޔައީ މުހަންމަދާ ބައްދަލުވާނެ ކަމުގެ އުންމީދުގައިކަން އެނގެއެވެ.
3. [ތޯ] އަދާކުރާ އަނެއް ދައުރެއްކަމަށް ފެންނަނީ ކަމަކަށް އެދުމުގެ ގޮތުން ނުވަތަ ކަމެއް އޮޅުންފިލުވުމުގެ ގޮތުން ބޭނުންކުރާ ޖުމުލައިގައި އެ އޮޅުންފިލުވާން ބޭނުންވާ ނުވަތަ އެދޭ ކަމެއްގެ ފަހަތަށް އެ އެދުން ފާޅުކުރުމުގެ ގޮތުން ބޭނުންކުރުމެވެ.
މިސާލު: މިއަދު މި މަސައްކަތް ނިންމައިލެވޭތޯ ބަލައިދެއްޗެވެ!
ގޭގައި މީހަކު އުޅޭތޯ ބަލައިދޭށެވެ!
މި ދެ މިސާލަށް ބަލާ އިރު ވެސް މި ޖުމުލަތަކުގައި [ތޯ] ބޭނުންކޮށްފައި އެ ވަނީ ކަމެއް އޮޅުންފިލުވާން ނުވަތަ ކަމަކަށް އެދުމުގެ މާނައިގައިކަން އެނގެއެވެ. މި ޙާލަތުގައި މިއީ ވެސް ސުވާލުގެ އަކުރެއް ނޫނެވެ.
މި ނޫން ބައެއް ޙާލަތްތަކުގައި ވެސް މި އަކުރު ބޭނުން ކުރެވިފައި ހުރެދާނެކަމަށް ލަފާކުރެވެއެވެ. ނަމަވެސް މިއީ [ތޯ] މި އަކުރު އާންމު އިސްތިއުމާލުގައި ބޭނުންކުރާ ތަފާތު ގޮތްގޮތަށް މަތިމަތީން ބަލައިލި ބަލައިލުމުން އަޅުގަނޑަށް ފާހަގަކުރެވުނު ބައެއް ކަންކަމެވެ.
އެހެން ނަޒަރަކުން ވިސްނާއިރު، ބައެއް ހާލަތުގައި މި [ތޯ]އަކީ، ކަން އެކި ޒަމާންތަކަށް ފުރޮޅިގެންދާ ދިޔުމުގައި، ކަމަށް ގެނެވޭ ބަދަލެއްގެ ގޮތުން އަންނަ ބަދަލެއްކަމަށް ވެސް ވިސްނެއެވެ. އެ ފަދަ ހާލަތުގައި ހިތަށް އަރަނީ އެއީ ވަކި އަކުރެއްނޫންކަމަށެވެ. ނަމަވެސް ފުންކޮށް ވިސްނައިލުމުން އަޅުގަނޑަށް ބޮޑަށް ގަބޫލުކުރެވެނީ އެ ފަދަ ހާލަތުގައި ނަމަވެސް ކަމުގެ ފަހަތަށް އެ ގެނެވެނީ [ތޯ] މި އަކުރުކަމެވެ. އެއީ އަކުރެކެވެ. ކޮންމެ ސަބަބަކަށް ޓަކއި ނަމަވެހެވެ.
އަކުރުތައް އަދާކުރާ ދައުރުކަމަށް އަޅުގަނޑު ބަޔާންކޮށްފައިވާ ގޮތުގެ ފުރަތަމަ މިސާލުގައި އެ ވަނީ ސުވާލުގެ އަކުރެއްގެ ގޮތުގައި މާތް ދަރަޖައާއި އެންމެ މާތް ދަރަޖައިން ވާހަކަ ދައްކާއިރުގައިކަމާ މެދަކު އެކަކު ވެސް ސުވާލެއް ނުއުފައްދާނެއެވެ.
ދެވަނަ ނަންބަރުގައި ބޭނުންކޮށްފައިވާ މިސާލުން ދޭހަވަނީ އޭނާ އެ ގެއަށް ދިޔައީ މުހަންމަދާ ބައްދަލުވާނެ ކަމުގެ އުންމީދުގައިކަމެވެ.
ތިންވަނަ ނަންބަރުގައި އަޅުގަނޑު ގެނެސްފައިވާ ފުރަތަމަ މިސާލުގައި އެ ވަނީ ވަކި މުއްދަތަކަށް މަސައްކަތް ނިންމައިލާން އެދިފައެވެ. އެ ނަންބަރުގެ އަނެއް މިސާލުގައި އެ ވަނީ ގޭގައި މީހަކު އުޅޭތޯ އޮޅުންފިލުވުމުގެ ގޮތުން ބުނެފައިވާ ބުނުމެކެވެ.
މި މިސާލުތަކަށް ބަލާއިރު، އަކުރެއްގެ ގޮތުން [ތޯ] ބޭނުންކުރެވެނީ ސުވާލުކުރުމުގެ ގޮތުން ޖުމުލައިގެ ފަހަތުގައްޔާއި، ކަމަކަށް އުންމީދުކުރުމުގެ މާނައިގައި ބޭނުންކުރާ ބަޔާނުގެ ޖުމުލައިގައި އެ އުންމީދުކުރާ ކަމަކާ ވިދިގެން ފަހަތަށް ގެންނަ އަކުރެއްގެ ގޮތުގައެވެ. [ތޯ] މި އަކުރު ބޭނުންކުރާ އަނެއް ގޮތެއްކަމަށް ފެންނަނީ، ކަމަކަށް އެދުމުގެ ގޮތުން ނުވަތަ ކަމެއް އޮޅުންފިލުވުމުގެ ގޮތުން ބޭނުންކުރާ ޖުމުލައިގައި އެ އޮޅުންފިލުވާން ބޭނުންވާ ނުވަތަ އެދޭ ކަމެއްގެ ފަހަތަށް އެ އެދުން ފާޅުކުރުމުގެ ގޮތުންކަމަށެވެ. މިއީ ހަމައެކަނި ޚިޔާލެކެވެ. މި އަކުރު ބޭނުންކޮށްފައި ހުންނަ ގޮތްތައް އިތުރަށް ދިރާސާކޮށްފި ނަމަ، އެ އަކުރު ބޭނުންކޮށްފައި ހުންނަ ތަފާތު އިތުރު ގޮތްގޮތް ފެނުމަކީ ވެސް ވަރަށް އެކަށީގެންވާ ކަމެކެވެ.