އަބާ މުޙަންމަދު
22 މޭ 2025
އެނގިވަޑައިގަންނަވާނޭ ފަދައިން ބައިނަލްއަޤްވާމީ ފިއްތުންތައް ބޮޑުވުމާ ގުޅިގެން މޭ 19ވަނަ ދުވަހު އިސްރާއީލުން ވަނީ ޣައްޒާއަށް ފަސް ލޮރީގެ ކާބޯތަކެއްޗާއި ބޭސް އެތެރެކުރުމުގެ ފުރުޞަތު ދީފައެވެ. މިއީ، އެހީ ހިފައިގެން ކިޔޫގައި އޮތް އެތައް ސަތޭކަ ލޮރީގެ ތެރެއިން މަދު މިންވަރެކެވެ. ނިމަކެތިކޮށް ހައިހޫނުގައި ޖައްސައިފައިވާ ޣައްޒާގެ 2.3 މިލިޔަން ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެއްޗާ އަޅައި ބަލާ އިރު، އެއްވެސް އެއްޗެއް ނޫނެވެ.
އެހީ ވެއްދުމުގެ ފުރުޞަތު މި މިންވަރަކަށް ދިނުމަށް ފަހު، އިސްރާއީލު ސިފައިން ވަނީ ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޢުދުވާނުތައް ވަރުގަދަކޮށްފައެވެ. މި ޢުދުވާނުގައި ފާއިތުވި ދެތިން ދުވަހުގެ ތެރޭގައި އެކަނި ވެސް، 200 ވަރަކަށް މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
މި ކަމުގެ ސަބަބުން، ކުރީން އިސްރާއީލަށް މި ޢުދުވާނު ހިންގާން މަދަދުވެރިވި ފަރަންސޭސިވިލާތުން ވެސް ވަނީ މިހާރު އިސްރާއީލަށް ނުރުހުން ފާޅުކޮށްފައެވެ. ފަލަސްޠީނުގެ ޣައްޒާއަށް ވެއްދުމަށް އިސްރާއީލުން ޖާގަ ދިން އެހީ ނުފުދޭ ކަމަށް ބުނެ، ޣައްޒާގައި އިސްރާއީލުން ހިންގާ ނަސްލުހޭދާއި ޤަތުލުޢާންމު ހުއްޓައިލުމަށް ގޮވައިލައި އެ ކަމަށް އިންކާރުކުރާ ނަމަ، ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފަރަންސޭސިވިލާތުން ވަނީ ދީފައެވެ.
ފަރަންސޭސިވިލާތުގެ ޚާރިޖީ ވަޒީރު ޖޯން ނޮއެލް ބަރޯ، ފްރާންސް އިންޓަރ ރޭޑިޔޯއަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، އެއްވެސް ބެލުމެއް ނެތި އިސްރާއީލުން ޣައްޒާއަށް ދެމުންދާ ލާއިންސާނީ ޙަމަލާތަކުގެ ސަބަބުން، އެހީ ވެއްދޭނެ މަގުތައް ބަންދުކޮށްގެން މުޅި ޣައްޒާ ހިޞާރުކޮށްފައި ވާތީ، މުޅި ޣައްޒާ، ސަހަރާއަކަށް ބަދަލުކޮށްލާފައިވާކަމަށެވެ.
އަދި ވިލާތުގެ އިއްތިޙާދު (އީޔޫ)އާއި އިސްރާއީލާ ދެމެދު ސިޔާސީ ގުޅުން ދެމެހެއްޓުމާއި އިޤުތިޞާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށް އަމަލުކުރަމުންދާ އެއްބަސްވުން މުރާޖާކުރުމަށް ވިލާތު އިއްތިޙާދުން ވެސް ވަނީ ނިންމައިފައިކަމަށް ބުނެއެވެ. ވިލާތު އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ހާމަކުރައްވާ ގޮތުގައި އިސްރާއީލާ އެކު، ބާއްވަމުންދާ ގުޅުންތައް މުރާޖާކުރާން އެ އިއްތިޙާދުން ނިންމައިފައި މި ވަނީ، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދާއި ޤަތުލުޢާންމު ހުއްޓައިލާން އެ މީހުން އިންކާރުކުރަމުންދާތީއެވެ. އިސްރާއީލާ އެކު އޮތް ގުޅުންތައް މުރާޖާކުރުމަށް ވިލާތުގެ އިއްތިހާދުން ނިންމައިފައިވާ ކަން ކައްލާސް ހާމަކޮށްފައި މި ވަނީ، ޣައްޒާގައި ހިންގާ ޢުދުވާނު އިތުރަށް ފުޅާކުރުމުގެ ގޮތުން 'ގިޑިޔަންސް ޗެރިއަޓްސް'ގެ ނަމުގައި ނުރައްކާތި އަސްކަރީ ކެމްޕޭނެއް އިސްރާއީލުން ފަށައިފައިވާ ދަނޑިވަޅެއްގައެވެ.
އިސްރާއީލާ އެކު ބާއްވަމުންދާ ގުޅުންތައް މުރާޖާކުރާން ވިލާތުގެ އިއްތިހާދުން ނިންމައިފައި މި ވަނީ، އެ އިއްތިޙާދުގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ މުހިންމު ބައްދަލުވުމެއްގައެވެ. ޔަހޫދީންގެ މެދުކެނޑުމެއް ނެތް ޢުދުވާނާއި، ޣައްޒާގެ ރައްޔިތުން ގަސްދުގައި ހައިހޫނުގައި ޖެއްސުމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުންތަކާ އަމާޒުވެފައިވާ ޖަރީމާއެކެވެ. އިސްރާއިލުގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އދ.ގެ އިދާރާތަކާއި އެހީދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާތައް ވެސް ހިމެނެއެވެ.
ވިލާތުގެ އިއްތިހާދުން ބުނެފައިވަނީ އިސްރާއީލާއި އީޔޫގެ މެންބަރު ޤައުމުތަކާ ދެމެދު ސިޔާސީ، އިޤުތިޞާދީ ގުޅުން ބޭއްވުމާ ގުޅޭ އެއްބަސްވުން މުރާޖާކުރާން، އެ އިއްތިޙާދުގެ ގިނަ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުން ތާއީދުކޮށްފައިވާކަމަށެވެ. 27 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ އިއްތިޙާދުގެ 17 ޤައުމަކުން އެ ކަމާ ރުހޭ ކަމުގައި އެކި މަރުޖާތަކުން ބުނެއެވެ. އިސްރާއީލުން އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ހިންގަމުންދާތީ، އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއަޅާން އިސްވެ ހުށަހެޅީ ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ފެލްޑްކަމްޕެވެ.
"ޣައްޒާގައި އޮތީ ކާރިސާއަކާ އެއްފަދަ ހާލަތެއް. ޣައްޒާއަށް (ކޮންމެވެސް މިންވަރަކަށް) އެހީ އެތެރެކުރާން އިސްރާއީލުން ފުރުޞަތުދިނީތީ (އެ ކަމަށް) މަރުޙަބާ ކިޔަން. ނަމަވެސް އެއީ ވަރަށް ކުޑަކުޑަ މިންވަރެއް. (ޣައްޒާއަށް) އެހީ ވެއްދުމަށް އޮތް ހުރަސްތައް ވަގުތުން ނައްތައިލަން ޖެހޭ. ސަބަބަކީ މި ވަގުތު އޮތް އެންމެ ބޮޑު ބޭނުމަކީ އެއީކަމަށް ވާތީ." ވިލާތު އިއްތިޙާދުގެ ޚާރިޖީ ސިޔާސަތާ ބެހޭ އިސް މުޝީރު ކާޔާ ކައްލާސް ބުނެފައި ވެއެވެ.
"މުރާޖާކުރުމަށް އީޔޫގެ ޚާރިޖީ ވަޒީރުން ހުށަހަޅާފައި ވަނީ 2000ވަނަ އަހަރު އަމަލުކުރާން ފެށި އެއްބަސްވުމެކެވެ. އެ އެއްބަސްވުމުގެ ދަށުން އިންސާނީ ޙައްޤުތަކާއި ޑިމޮކުރަސީގެ އުންސުރުތަކަށް އިސްރާއީލުން އިޙުތިރާމުކުރާން ޖެހެއެވެ. އަދި، ބައިނަލްއަޤްވާމީ ސިޔާސަތުތަކަށް ބޯލަނބާން ވެސް ޖެހެއެވެ. ނަމަވެސް، ޣައްޒާގައި ހިންގާ ޢުދުވާނުގައި އިސްރާއީލުން ގެންދަނީ އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންނެވެ. ހިތާމައަކީ މި ކަން ވިލާތު އިއްތިޙާދަށް ފެނިފައި މި ވަނީ، މެދުކެނޑުމެއް ނެތި ޢުދުވާން ހިންގަމުން ގެންދާތާ 592 ދުވަސް ފަހުންކަމަށް ވާތީއެވެ. އަދި މިއީ ވެސް އިޚުލާސްތެރިކަމާ އެކު ދައްކާ ވާހަކައެއްކަމަށް ގަބޫލުކުރެވޭނީ މި ކަމުން ފެންނަ ނަތީޖާއަކުންނެވެ.
ޔަހޫދީންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ހުށަހަޅުއްވައި ނެދަރލޭންދްސްގެ ޚާރިޖީ ވަޒީރު ފެލްޑްކަމްޕް ފޮނުވި ސިޓީގައި ޔަހޫދީންގެ ޖަރީމާތައް ކުށްވެރިކޮށްފައިވެއެވެ. އޭނާ ބުނީ ޣައްޒާގެ ޢުދުވާނު ފުޅާކުރުމާ އެކު އެ ސަހަރުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ މުސީބާތުގެ ހާލަތު އެތަކެއް ގުނައަކަށް ގޯސްވެފައިވާ ކަމުގައެވެ. އަދި، ޣައްޒާގެ އިތުރަށް ސޫރިޔާއާއި ލުބްނާންގެ ބައެއް ބިންތައް ފޭރިގަންނާން ވަކާލާތުކޮށް، އިސްރާއީލުގެ ކެބިނެޓުގެ ހައްދުފަހަނައަޅައިފައިވާ ބައެއް މެންބަރުން ދައްކައިފައިވާ ވާހަކަތައް ވެސް ފެލްޑްކަމްޕް ކުށްވެރިކުރިއެވެ. މީގެ އިތުރަށް، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނަށް ވެސް ނުރައްކާތެރި ހާލަތެއް ކުރިމަތި ކުރުވާފައިވާކަން އޭނާ ފާހަގަކުރިއެވެ.
އަނެއްކޮޅުން، ލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދާއި ޤަތުލުޢާންމު ހުއްޓުވުމުގެ ގޮތުން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ގޮވައިލައި އެތައް ހާސް ބަޔަކު ނެދަރލެންޑްސްގެ ދި ހޭގްގައި ވަނީ މުޒާހަރާކޮށްފައެވެ. އެ މުޒާހަރާ އިންތިޒާމު ކޮށްފައި ވަނީ، ހަމަހަމަކަން ޤާއިމުކުރުމަށާއި ފަޤީރުކަން ނައްތައިލުމަށް ވަކާލާތުކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ، އޮކްސްފެމްގެ ނެދަރލެންޑްސްގެ ގޮފި، އޮކްސްފެމް ކޮވީބުންނެވެ. މި ކަމުގައި ދެމި ތިބޭނެކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ.
އިސްރާއީލާ އެކު، ބާއްވަމުންދާ ގުޅުންތައް މުރާޖާކުރުމަށް ވިލާތުގެ އިއްތިހާދުގެ މެންބަރު ޤައުމުތަކަށް ގޮވައިލައިފައިވަނީ ނެދަރލެންޑްސްގެ ޚާރިޖީ ވަޒީރު ކަސްޕަރ ފެލްޑްކަމްޕް ނަމަވެސް، ނެދަރލެންޑްސްގައި މި ވަގުތު ވެރިކަންކުރާ އިއްތިޙާދުގައި ހިމެނޭ މައި ޕާޓީ ކަމުގައިވާ ޕާޓީ ފޯ ފްރީޑަމް (ޕީވީވީ)ގެ ވެރިޔާ ހިޔަރޓް ވިލްޑަރސަކީ އިސްރާއީލަށް ތާއީދުކޮށް، މުސްލިމުންގެ ޙައްޤުތައް ނިގުޅައިގަތުމަށް ވަކާލާތުކުރާ ހައްދުފަހަނައަޅައިފައިވާ ނުލަފާ މީހެކެވެ. ދި ހޭގްގައި މުޒާހަރާ މީހުން ވެސް މީނާ ސިފަކުރަނީ ޙަމާސަށް ތާއީދުކުރާ ބަޔެއްގެ ގޮތުގައެވެ. އެހެންކަމުން އިސްރާއީލާ ދެކޮޅަށް މި އިއްވާ އަޑުތަކުން މުސްލިމުންނަށް ކުރާނެ ފައިދާއަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.
ޣައްޒާގެ ރައްޔިތުންގެ ވުޖޫދު ނައްތައިލުމަށް ޓަކައި އެމެރިކާގެ އެއްބާރުލުމާއި މަދަދާ އެކު، އިސްރާއީލުން ހިންގާ ނަސްލުހޭދުގައި ޝަހީދު ކޮށްލައިފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައި ވެއެވެ. އަދި، ލާއިންސާނީ ޖަރީމާތަކުގައި ޒަޚަމުކޮށްލައިފައިވާ މީހުންގެ އަދަދު 120,673އަށް ވުރެ އިތުރުކަމަށް މަރުޖާތަކުން މަޢުލޫމާތު ލިބެއެވެ.