ad_banner
ފުރިހަމާ ބާރާ އެކު، އިސްރާއީލު ސިފައިން ޣައްޒާއަށް އަރައިގަންނާނަމޯ!!

އަބާ މުޙަންމަދު

15 މޭ 2025

ޣައްޒާއަށް އެއްގަމުމަގުން ޙަމަލަދޭ ބަރު ހަތިޔާރުތައް

އިސްރާއީލުން ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް ނުހިންގަނީ ކޮން ޢުދުވާނެއްހެއްޔެވެ؟ ވައިގެ މަގުންނާއި ކަނޑުންނާއި އެއްގަމު މަގުން އެ މީހުންގެ ހުރިހައި ބާރެއް ބޭނުންކޮށްގެން ތަޞައްވުރުކުރާން އުނދަގޫ މިންވަރަށް އިސްރާއީލު ސިފައިން ނަސްލުހޭދު ހިންގައި ފަލަސްޠީނުގެ މަޢުޞޫމު އެތައްހާސް ރައްޔިތުންނެއް ޝަހީދުކޮށްލައިފިއެވެ. ލައްކައަކަށްވެރެ ގިނަ ރައްޔިތުން ނުކުޅެޑެ މީހުންނަށް ހަދައިފިއެވެ. އެތައް މިލިޔަން ބަޔަކު އަމިއްލަ ވަޒަނުން ބޭރުކޮށްފިއެވެ. އެމެރިކާއާއި ވިލާތުގެ އެކި ގައުމުތަކުގެ މަދަދާއި އެހީތެރިކަން އެންމެ މަތީ ދަރަޖައަށް ލިބިގެންނެވެ. ދެން އިތުރަށް ހިންގާނެ ވަކި އިތުރު ޢުދުވާނެއް އޮންނާނެހެއްޔެވެ؟ 

ޣައްޒާގެ ބިނާރު އެކީއެކަށް ސުންނާފަތިކޮށްލައިފިއެވެ. ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ބަޔަކު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ހުރަސްއަޅައި ދިރި ތިބި ހުރިހައި އެންމެން ބަނޑަށް ޖައްސައިފިއެވެ. ޙަމާސް ނައްތައިލުމުގެ ނަމުގައެވެ. އެކަމަކު ޙަމާސް ނައްތައެއް ނުލެވެއެވެ. ޙާލުގައި ޖެހުނީ ފަލަސްޠީނުގެ ރައްޔިތުންނެވެ. ސުންނާފަތިވެ ނެތިދިޔައީ މުޅި ޣައްޒާގެ ބިނާރާއި ބިނާވެއްޓެވެ.

މި ވަރަކުން ވެސް އިސްރާއީލުގެ ނިރުބަވެރި ބޮޑުވަޒީރު ބިންޔާމީން ނަތަންޔާހޫއަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. އެ މުގައްދަސް ބިން އެކީއެކަށް އަދި އިސްރާއީލުގެ ޗާޓަށް އިތުރުނުކުރެވޭހައި ހިނދަކު އެކަލޭގެ ހިތްހަމައެއް ނުޖެހޭނެތާއެވެ.

މިހާރު އޭނާ ބުނަމުން ގެންދަނީ ކުރިއަށް އޮތް ދުވަސްތަކުގައި އަސްކަރީ ފުރިހަމަ ބާރާ އެކު، ޣައްޒާއަށް އަރައިގަނެ އެ ތަން ސުންނާފަތިކޮށްލާނެކަމަށެވެ.

މި ދިޔަ އަންގާރަ ދުވަހު ނަތަންޔާހޫގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ [އޮޕަރޭޝަން ފުރިހަމަކޮށް ނިންނައިލުމަށް ޓަކައި އެންމެ ފުރިހަމަ ބާރާ އެކު، އަހަރެމެން މި އުޅެނީ ޣައްޒާއަށް ވަދެގަންނާށެވެ.]

[އޮފަރޭޝަން ފުރިހަމަކުރުމުގެ މާނައަކީ ޙަމާސް ބަލިކޮށްލުމެވެ. އޭގެ މާނައަކީ ޙަމާސް ހަލާކުކޮށްލުމެވެ.] ނަތަންޔާހޫ ބުނެފައިވެއެވެ. ހަނގުރާމަ ހުއްޓައިލުމުގެ ވާހަކަދައްކަމުން ގެންދިޔަޔަސް އެ ކަން ނުކުރިޔަސް އެ ގޮތަށް ޢަމަލުކުރާނެކަމަށް ވެސް އޭނާ ބުނެއެވެ.

[ހަނގުރާމަ ހުއްޓައިލުމުގެ އެއްވެސް ޙާލަތެއް ނާންނާނެއެވެ. (އެއީ ނުވާނެ ކަމެކެވެ.) ވަގުތީ ގޮތުން ހަނގުރާމަ ހުއްޓައިލުމަކީ ވެދާނެ ކަމެކެވެ. ނަމަވެސް އަހަރެމެން ކުރިއަށް ދާނަމެވެ.] ނަތަންޔާހޫ ބުންޏެވެ.

ނަތަންޔާހޫގެ މި ބަޔާން އާންމުކޮށްފައި މިވަނީ 2023 އޮކްޓޫބަރު 7ން ފެށިގެން ޙަމާސްގެ ގައިދުގައި ހުރި، (އިސްރާއީލުގެ އަސްރިއްޔާގެ، އުމުރުން 21 އަހަރުގެ) އެޑާން އެލެގްޒެންޑަރ މި ދިޔަ ހޯމަ ދުވަހު މިނިވަންކުރުމާ ވިދިގެންނެވެ.

އެލެގްޒެންޑާރ މިނިވަންވުމުގެ ހުރިހައި ތަޢުރީފެއް، ނަތަންޔާހޫ ރައްދުކުރީ އެމެރިކާގެ ރައީސް ޓުރަންޕަށެވެ. [މި ކަން މި ވީ އަހަރެމެންގެ އަސްކަރީ ފިއްތުންތަކާއި (ޑޮނަލްޑް) ޓުރަންޕުގެ ސިޔާސީ ފިއްތުންތަކުގެ ސަބަބުންނެވެ.]

ނަމަވެސް ނަތަންޔާހޫގެ މި ފޮނިކެނޑުމަށް ޙަމާސުން ވަނީ މި ދިޔަ އަންގާރަ ދުވަހު ރައްދުދީފައެވެ. ޙަމާސުން ނެރުނު ބަޔާނުގައި ބުނެފައިވަނީ [އެޑާން އެލެގްޒެންޑާރ އަނބުރައި ރައްދުކުރީ އެމެރިކާގެ އިދާރިއްޔަތާ އެކު ކުރެވުނު ސީރިއަސް މަޝްވަރާތަކެއްގެ ނަތީޖާއެއްގެ ގޮތުންނެވެ. މެދުވެރީންގެ ދައުރު އަދާކުރި ގައުމުތަކުން ކުރި ބުރަ މަސައްކަތުންނެވެ. އެއީ އެއްވެސް ހާލެއްގައި އިސްރާއީލު ސިފައިންގެ އަނިޔާވެރި ޢުދުވާނުގެ ނަތީޖާއެއް ނޫނެވެ.] 

ޖަނަވަރީ 19ގައި ސުލްހަ ގާއިމުކުރުމުގެ އެއްބަސްވުމެއް އެކުލަވައިލައި ސޮއިކުރުމަށް ފަހު، އިސްރާއީލުން ވަނީ އެ އެއްބަސްވުމާ ޚިލާފަށް މާރިޗު 18ވަނަ ދުވަހު އަލުން ޢުދުވާނު ހިންގާން ފަށައިފައެވެ.

މި މަހު ކުރީކޮޅު އިސްރާއީލުގެ އިދާރިއްޔަތުން ނިންމައިފައިވަނީ އެ މީހުންގެ ޢުދުވާނު ފުޅާކޮށް އިސްރާއީލު ސިފައިންނަށް ޣައްޒާގައި ދިގު މުއްދަތެއްގައި ތިބެވޭނޭ ގޮތެއް ހަދާށެވެ.

އިސްރާއީލުން ބުނަނީ ޙަމަލާތައް އަލުން އާކުރީ ޙަމާސުން ހިފަހައްޓައިފައިވާ އަސީރުން މިނިވަންކުރުމަށް ޓަކައިކަމަށެވެ.

އަސީރުންގެ ތެރެއިން ދިރިހުރި އެންމެ ފަހު މީހާކަމަށްވާ އެލެގްޒެންޑަރ މިނިވަންކުރީ ޙަމާސުން މި މައްސަލައިގައި އެމެރިކާއާ، އެކު ވާހަކަދައްކާން ފެށި ދުވަހު ނޫން އަނެއް ދުވަހުއެވެ. އެއް ދުވަސްވީ ފަހުންނެވެ.

ނަތަންޔާހޫ ވަނީ [އޭނާ މިނިވަންކުރުމުގައި ޓުރަންޕު ވެދިން އެހީތެރިކަމަށް ޓަކައި] ޝުކުރުއަދާކޮށްފައެވެ.

ޓުރަންޕު މިހާރު ވަނީ އޭނާ ގަލްފަށް ކުރާ ދަތުރުގެ ފުރަތަމަ މަންޒިލެއްގެ ގޮތުން ސުޢޫދީ ޢަރަބިއްޔާއަށް އަންގާރަދުވަހު ޒިޔާރަތްކޮށްފައެވެ.

އަންގާރަދުވަހު ނަތަންޔާހޫ ވަނީ މިނިވަންވި އަސީރު އެލެގްޒެންޑަރާ ފޯނުން ބައްދަލުކޮށްފައެވެ. އޭނާ އެލެގްޒެންޑަރ ގާތު ބުނި ގޮތުގައި [އެލެގްޒެންޑަރ މިނިވަންވީތީ މުޅި އިސްރާއީލު އެބަ އުފާކުރެއެވެ.]

[އެމެރިކާގެ އެހިތެރިކަމަށާއި އިސްރާއީލު ސިފައިންގެ ޚިދުމަތަށް ޓަކައި އަހަރެނެން ޝުކުރުވެރިވަމެވެ.] ނަތަންޔާހޫ ބުންޏެވެ.

އެ ދުވަހު ނަތަންޔާހޫ ބުނެފައިވަނީ، [އިސްރާއީލު މިހާރު މަސައްކަތްކުރަނީ ފަލަސްޠީނު ރައްޔިތުން ޣައްޒާއިން ބޭރުކުރުމުގައި އެހީތެރިވެދޭނެ ގައުމުތައް ހޯދާށެވެ.]

ޓުރަންޕު މިހާރު ގަލްފަށް ކުރަމުން އެ ގެންދާ ޒިޔާރަތަކީ ނަތަންޔާހޫގެ އެ މަގުސަދު ހާސިލުކޮށްދިނުމަށް ޓަކައި ކުރާ ދަތުރަކަށް ވެސް ވެދާނެއެވެ.

ޣައްޒާގެ ރައްޔިތުން ޣައްޒާއިން އަމިއްލަ އިޚުތިޔާރުގައި ބޭރުވުމުގެ މައްޗަށް ޓުރަންޕު ކުރީން ހުށަހަޅައިފައިވާ ހުށަހެޅުމަކާ މެދު އިސްރާއީލުގެ ވަޒީރުން ގެންދަނީ މަޝްވަރާކުރަމުންނެވެ.

ޤާހިރާއާއި ޢަންމާނާއި ޢަރަބި ގިނަ ގައުމުތަކުގެ އިއްތިޙާދާއި ޚުދު ޣައްޒާގެ ރައްޔިތުން ވެސް ވަނީ މި ހުށަހެޅުމާ ދެކޮޅުހަދައިފައެވެ.

[ޣައްޒާގެ ރައްޔިތުން ރަށުން ބޭރުވުމުގެ އިދާރިއްޔަތެއް މިހާރު އަހަރެމެން ވާނީ ތައްޔާރުކޮށްފައެވެ. ނަމަވެސް އެ މީހުން ބަލައިގަންނާނެ ގައުމުތަކެއް އަހަރެމެން ހޯދާން ބޭނުންވެއެވެ. މިހާރު އަހަރެމެން މަސައްކަތް މި ކުރަނީ އެ ކަމަށް ޓަކައެވެ.] އޭނާ ބުނެފައި ވެއެވެ. [މި އިޚުތިޔާރު ދީފި ނަމަ ޣައްޒާގެ %50 (ދެބައިކުޅަ އެއްބައި) ރައްޔިތުން ޣައްޒާ ދޫކޮށް ދާނެކަމަށް ލަފާކުރެވެއެވެ.

އޭއެފްޕީގެ ރިޕޯޓުތައް ބުނާ ގޮތުގައި ޣައްޒާގައި އިސްރާއީލުން ޢުދުވާނު ހިންގާން ފެށި ފަހުން 1218 މީހުން އިސްރާއީލުނ މަރުވެފައި ވެއެވެ. ޣައްޒާއިން 60 ހާހަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.

ކޮމެންޓު