އަބާ މުޙަންމަދު
3 އޭޕްރިލް 2025
މާވަށާއި މާލެއާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި އަލިފާން ރޯވެ އަނދައި ހުލިވެ، ރަށުގެ އަގުހުރި ޒުވާނަކު ގެއްލުމާ ގުޅިގެން މެދުކަނޑައިލި އީދު ފިއެސްޓާ (ފިޠުރު ޢީދު ކުޅިވަރު މުބާރާތްތައް) ދެން އަލުން ފެށޭނެކަމުގެ އުންމީދެއް ނެތެވެ.
މާވަށުގައި ފޯރިއާ އެކު ކުޅެމުން ދިޔަ އީދުކުޅިވަރުތައް، ބޯޓުގައި އަލިފާން ރޯވެ އަނދަމުންދާ ޚަބަރު ލިބުމާއެކު، ހުރިހައި މެޗުތަކެއް ހަމަވަގުތުން ހުއްޓައިލާން ކައުންސިލުގެ ރައީސް އަމުރުކުރެއްއެވެ. އެ ހުއްޓައިލި ގޮތަށް އަދިވެސް މާވަށް އޮތީ ހިމޭންކަމުގައެވެ. ބޯޓުން ގެއްލުނު މާވަށުގެ ޒުވާނާ ނުފެންނަނީސް ނުވަތަ ނުވަތަ ނުފެނުނަކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނުނިންމަނީހެއް މާވަށުގައި އުފާ ފާޅުކުރުމުގެ އެއްވެސް ޙަރަކާތެއް ހިންގާކަށް މާވަށު ކައުންސިލްގެ ރައީސް ބޭނުންފުޅެއް ނުވެއެވެ.
މި ކަމާ ގުޅޭ ގޮތުން ޓީމުތަކުގެ މެނޭޖަރުންނާ އެކު, މިއަދު މާވަށު ކައުންސިލުން ބޭއްވެވި މަޝްވަރާތަކުން ވެސް އެނގުނީ، ދެން އެ ފޯރީއަކާއި ޖޯޝެއް އަވަހަކަށް ޓީމުތަކަކަށް ނުލިބޭނެކަމެވެ. އެ ހިތްވަރެއް އެ މޫޑެއް ނެތްކަމެވެ. އެހެނަސް މާ ލަސްވަންދެން މުބާރާތްތައް މެދުކަނޑައިލައިގެން ތިބުމަކީ ވެސް ކުރެވޭކަށް އޮތް ކަމެއް ނޫނެވެ. އެހެނީ ބައެއް ޓީމުތަކުގެ ގިނަ ކުޅުންތެރީންނަކީ ވަޒީފާގައި އުޅޭތީ ޗުއްޓީނަގައިގެން އައިސްތިބި ކުޅުންތެރީންނެވެ. އަނެއްބައި ކުޅުންތެރީންނަކީ ރަމަޟާންމަހުގެ ފަހު ދިހައިގެ ޗުއްޓީއާއި ޢީދު ޗުއްޓީގައި ކުޅެން އައި ކުޅުންތެރީންނެވެ. ވީމާ ބަންދު ދުވަސްތައް ހަމަވުމުން ނުވަތަ ޗުއްޓީ ހަމަވުމުން ކުޅޭކަށް އެ ފަދަ ކުޅުންތެރީންނަކަށް ނުތިބެވޭނެއެވެ.
ވީމާ، މިއަދުގެ މަޝްވަރާއަށް ފަހު، މިއަދުން ފެށިގެން ހުރިހައި މުބާރާތްތަކެއް ދެން އަންނަ އީދަކާ ހަމައަށް މަޑުޖައްސައިލާން އެއްބަސްވެ އެ ގޮތަށް ވަނީ މުޅީން ނިންމައިފައެވެ. މި ގޮތަށް ނިންމި އިރު، ފުޓުސަލާއި ހޭންޑްބޯޅައިގެ މެޗްތައްވަނީ ސެމީ ފައިނަލާ ހަމައަށް ފޯރައިފައެވެ. ނަމަވެސް...
މި އަހަރު މި މުބާރާތްތައް ދެން އިތުރަކަށް ކުރިއަކަށް ނުގެންދާނެއެވެ. މާވަށުގައި މި ކުޅިވަރުތައް ދެން އަލުން ފަށާނީ އަންނަ އީދުން ފެށިގެންނެވެ.
މުޝްފިޤް ހޯދުމުގެ މަސައްކަތް ވެސް ތ. އަތޮޅު ޕޮލިސް އިސްޓޭޝަނާ ގުޅިގެން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން ކުރައްވަމުން އެބަ ގެންދަވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އާދޭހެވެ! އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއާއި "އެފްއައިސީ މާފަތް"އާއި "އެޗްޕީ 114"އާއި ޑައިވަރުންނާއި އެއާރ ކޯރގެ ޑްރޯންތަކާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ޢަލީ މުޝްފިޤް ޝަރީފް ހޯދުމުގެ މަސައްކަތް، ކަނޑުމަތީންނާއި ކަނޑަށް ފީނައިގެންނާއި ވައިގެ މަގުން ވެސް، މިހާރު ވެސް ކުރަމުން އެބަ ގެންދެއެވެ. މުޝްފިޤް ހޯދުމުގެ މަސައްކަތް ކޮޅެއްގައި ނުޖެހެނީސް މާވަށުގައި ކުޅިވަރު މުބާރާތްތައް ބާއްވައި އުފާފާޅުކުރުމުގެ ހަރަކާތެއް ދެން ނޯންނާނެއެވެ.
މާވަށުގައި އީދު ފިއެސްޓާ މިއަހަރު މި ނިންމައިލާން ޖެހުނީ ވަރަށް ހިތާމަވެރި ހާދިސާއަކާ ގުޅިގެން ވަރަށް ހިތްދަތި ގޮތަކަށްކަމަށް ވިޔަސް އަންނަ އީދުގައި މި ކުޅިވަރު ފިއެސްޓާ އޮންނާނެކަމަށް ޚަބަރު ލިބިފައިވެއެވެ.