އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
2 އޭޕްރިލް 2025
(2025 މާރިޗު 26ވަނަ ދުވަހުގެ ނޫހާ ގުޅޭ)
ކަންމަތީ ފިހާރައިގައި މަސައްކަތްކުރާ ކުދީންނަށް ގުދަނަށް ވަދެވޭނީ މޫސާފުޅުބެ ގުދަން ހުޅުވައިދިނީމައެވެ. ދަޅުދަނޑި އޮންނަނީ ނީނާގެ ޙަވާލުގައި ޝޯރޫމްގައެވެ.
ނުވައެއް ޖަހާން ދިހަ ވަރަކަށް މިނިޓް ހުއްޓައި ނީނާ އައިސް ޝޯރޫމް ހުޅުވައި ތަޅުދަނޑި މޫސާފުޅުބެޔާ ޙަވާލުކުރުމާ އެކު، ގުދަނާ ދިމާއަށް މޫސާފުޅުބެ ހިނގައްޖެއެވެ. ނީނާ ވެސް މަސައްކަތުގައި ޝާމިލުވެއްޖެއެވެ.
ކުރީ ދުވަހުގެ ސޭލްސާއި އިސްޓޮކް ޗެކުކޮށް ނިންމައިލަނީއެވެ. ކުއްލިއަކަށް ކުޑަ ކާރެއް އައިސް ކަންމަތީ ފިހާރައިގެ ޝޯރޫމާ ދިމާ ކުރިމަތީ މަގު އަނެއް ފަރާތުގައި މަޑުކޮށްލައިފިއެވެ. ނީނާ އެ ކާރާދިމާއަށް ބަލައިލިއެވެ. ނީނާއަށް ފެނުނީ ވަރަށް ރީތިކޮށް ހެދުންއަޅައިގެން ހުރި ރީތި އަންހެނަކު ކާރުން ފައިބައިގެން ނީނާއާ ދިމާއަށް އަންނަ ތަނެވެ. އެ އަންހެނެއްގެ ޢުމުރުން ބައްތިރީހަކަށް އަހަރަށް ވުރެ ދޮއްޓެއް ނުވާނެއެވެ. އެއީ ނީނާ ކޮންމެވެސް ތާކުން ދުށް މޫނެކެވެ. ދަންނަ މޫނެކެވެ. އެކަމަކު ފެނުނީ ކޮން ތާކުންކަމެއް ނީނާ ހަނދާނެއްނެތެވެ.
"އައްސަލާމް ޢަލައިކުމް" ނީނާއަށް އެއްޗެއް ނުބުނެވެނީސް އެ އަންހެނަކު ސަލާމް ގޮވައިލިއެވެ. "މިއީތޯ ދާއޫދުގެ ކަންމަތީ ފިހާރައަކީ؟"
"އާދެ! މިއީ ކަންމަތީ ފިހާރައިގެ ޝޯރޫމް." ނީނާ ޖަވާބުދިނެވެ. "ކޯއްޗެއްތޯ ބައްލަވައިގަންނާން ބޭނުންފުޅުވަނީ؟"
"އެއްޗެއް ގަންނާކަށް ނޫން." އެ މީހަކު ޖަވާބު ދިނެވެ. "ދާއޫދުގެ މިވާދަކަށް މިއައީ."
"ކޮން ބޭފުޅެއްތޯ؟" ނީނާ ސުވާލުކޮށްލިއެވެ. "ދާއޫދަށް އެނގިވަޑައިގަންނަވާނެތޯ؟"
"ހީވަނީ........." އެ މީހަކު ޖަވާބު ދިނެވެ. "އަޅުގަނޑަށް ކިޔަނީ ފަރަހަ. ފަރަޙަނާޒް"
"އޯހ. ތިޔައީ ފިލްމްސްޓާރ ފަރަޙަތޯ" ނީނާ ދަންނަ މޫނު އެނގުނު ގޮތް ހަނދާންވެގެން އަހައިލިއެވެ. "އާނ!........... މި ދަނީ ދާއޫދަށް ދަންނަވައިލާން."
މި ވާހަކަދައްކައި ނުނިމެނީސް ދާއޫދު ނުކުމެއްޖެއެވެ. "އައްސަލާމު ޢަލައިކުމް." ފަރަޙަ ސަލާމް ގޮވައިލިއެވެ.
"ވަޢަލައިކުމް ސަލާމް." ދާއޫދު ޖަވާބު ދިނެވެ. "ގަޑިޖެހުނީނު؟"
"ވަރަށް ބޮޑަށް މާފު." ފަރަޙަނާޒު ޖަވާބު ދިނެވެ. "ފުށިކަނޑު ދާލަންމަތީގައި އެކްސިޑެންޓެއް ވެފައި އޮވެގެން ކުޑަކޮށް ލަސްވީ. މިއަދު ބައްދަލުވާނެތޯ؟"
"އާދޭ!" ދާއޫދު ފަރަހައާ ވާހަކަދައްކަނީ ވަރަށް އާދައިގެ މީހަކާ ވާހަކަދައްކާ ފަދައިންނެވެ. "ޖޫރިމަނާވެފައި ތިހިރީ."
މިހެން ބުނެފައި ފަރަޙަ ގޮވައިގެން ދާއޫދުގެ އޮފީހަށް ވަދެއްޖެއެވެ.
ފަރަޙަ ބޭނުންވާ ކަންތަކާއި ބޭނުމާ ބެހޭ ގޮތުން ވަރަށް ތަފުޞީލުކޮށް ދާއޫދަށް ކިޔައިދިނެވެ. ވަރަށް ސަމާލުކަން ދީގެން އަޑުއަހާން އިނދެފައި ދާއޫދު ބުނެފިއެވެ.
"ތިޔައީ އެހާ އުނދަގޫ ކަމެއް ނޫން." ދާއޫދު ބުންޏެވެ. "އެކަމަކު އަގު ދެވޭނެތަ؟"
"މާ ބޮޑު އަގެއް ނުދެވޭނެ" ފަރަޙަބުންޏެވެ. "އަގު ވިދާޅުވީމަތާ އެނގޭނީ ވެސް."
"މާ ބޮޑު އަގެއް ވެސް ނުކިޔާނަން." ދާއޫދު ބުނެލިއެވެ. "އެންމެ އެއްލައްކަ ރުފިޔާ."
"އެއްލައްކަ؟" ފަރަހަ ހައިރާންވިއެވެ. "އަޅުގަނޑު އައީ އެހާ ފައިސާ ހިފައިގެނެއް ނޫން."
"ކިހާވަރެއް ގެނައީ؟" ދާއޫދު ސުވާލުކުރިއެވެ. "ގެނައިވަރެއް ބުނެބަލަ!"
"ނަގުދު ފައިސާއެއް ނުގެންނަން." ފަރަޙަ ޖަވާބު ދިނެވެ. "އެކަމަކު ފަންސާސްހާސް ޓްރާންސްފާރ ކުރެވިދާނެ މިހާރު. ބާކީބައި މި ކަންތައް ނިމުނީމާ."
"ނޫން. އަގު ދިނީމާ މަސައްކަތް ފެށޭނީ ވެސް." ދާއޫދު ބުނެލިއެވެ. "ވެރީ ސޮރީ!"
"އެހެން ގޮތެއް ހުށަހަޅަންތޯ" ފަރަޙަ އަހައިލިއެވެ. "ފަންސާސް ހާސް ރުފިޔާ އާއި އަޅުގަނޑު ގަބޫލުކުރައްވާ މި ފަހަރު. ފަންސާސް ހާސް ރުފިޔާއަށް ވުރެ އަޅުގަނޑުގެ އަގު ދަށެއް ނުވާނެ."
"ނުވިސްނުނު." ދާއޫދު ބުންޏެވެ. "ފަރަޙަ ފިހާރައިގައި ގެންގުޅެންވީތަ؟"
"ދެން މި ވަރަށް ދެންނެވޭނީ." ފަރަހަ އިސްޖަހައިލިއެވެ. "އެ ގޮތަށް ވިސްނައިގެން އަޞްލު މިއައީ ވެސް."
"އޯހް! އިޒް ދެޓް ވަޓް ޔޫމީންޓް؟" ދާއޫދު ކުޑަކޮށް ހިތް ހަމަޖެހިލައިފައި ބުނެލިއެވެ. "އާރ ޔޫ ރެޑީ ފޯރ.....؟"
"ޔެސް........." ޖެހިޖުންވަމުން ފަރަހަ ބުނެލިއެވެ. "ކޮންމެ އަގަކަށް ވެސް މަޤުޞަދު ޙާޞިލުކުރަން ބޭނުން."
މީގެ އިތުރަށް ވެސް ކިތަންމެ ވާހަކައެއް އެ މީހުން ދެއްކިއެވެ. ނަމަވެސް އެ މީހުން ދެއްކި ވާހަކައެއް އެނގޭނޭ މީހަކު ނެތެވެ.
ދާއޫދާ ބައްދަލުކުރާން އަންނަ އެހެން މެހުމާނުންނާ ޚިލާފަށް ފަރަޙަ، މާ ގިނަ އިރު ދާއޫދާ އެކީ ހޭދަކުރާތީ ނީނާގެ ހިތުގައި އިތުރު ސުވާލުތައް އުފެދުނެވެ. ދެ ފަހަރަކު "ޚާއްޞަ ދިރާސާތަކާއި ބޮޑެތި އޯޑަރުތަކާ ބެހޭ އޮފީހު"ގެ ދޮރު ކައިރިއަށް ވެސް ދެވުނެވެ. ވާހަކަދައްކާ އަޑު އިވޭތޯ ކަންފަތް ވެސް ދިއްކުރިއެވެ. ނީނާއަށް އިވުނު އަޑެއް އިވުނެވެ. އެ ވާހަކަ ނީނާ ސިއްރުކުރާން ބޭނުންވާތީ ކިޔުންތެރީންނަށް ވެސް އެ ވާހަކައިގެ ތަފުޞީލު ދޭކަށް ގަސްތެއް ނުކުރަމެވެ. ސިއްރެއްގެ ގޮތުގައި އޮތަދެއްވާށެވެ!
ދިހައެއްޖެހި ފަހުން ފަރަޙަ ނުކުމެގެން އެބަހަރަ އާދެއެވެ. އިސްތަށިގަނޑު ހުރީ ފާޑަކަށް ހޭވިފައެވެ. ދެކޮލާއި ތުންފަތުގައި ހުރި ކުލައެއް ވެސް ނެތެވެ. މީހާ ހުރީ ދާހިއްލައި ފޯވެފައެވެ. އެކަމަކު މޫނުމަތީން ފެންނަނީ ހާސްކަމެވެ. އަނެއްކާ ދާއޫދަށް ކަމެއް ކޮށްފައި ދާނީބާވައޭ ނީނާ ހިތަށްއެރިއެވެ. ނަމަވެސް ނީނާއާ ދިމާއަށް ބަލައިލުމަށް ފަހު، އެއްވެސް އެއްޗެކޭ ނުބުނެ ކާރަށް އަރައިގެން މާބައިދޫ ދާލަމާ ދިމާއަށް ވަރަށް ބާރަށް ދުއްވައިލައިފައި ހިނގައްޖެއެވެ.
ނީނާ ޖަވާބު ހޯދާންޖެހޭ ސުވާލުތަކުގެ ލިސްޓް ހައްތާ ވެސް ދިގުވަނީއެވެ. ދާއޫދާ ބައްދަލުކޮށްފައި ދާ ކޮންމެ މީހަކާ ބެހޭ ކޮންމެވެސް ޚަބަރެއް މީޑިއާގައި އަދި މީސްމީޑީއާގައި ފެތުރުމަކީ ވަރަށް އާންމުކަމެކެވެ. އަދި ފަރަޙަގެ ބައްދަލުވުން ތަފާތުވީމާ މި ކަމާ ވިސްނޭ ގޮތް ވެސް ތަފާތެވެ. އެހެން މީހުން ދާއޫދާ އެކު ބާއްވާ ބައްދަލުވުމުގައި ހޭދަވަނީ ގިނަވެގެން ފަނަރަވަރަކަށް މިނިޓެވެ. ނަމަވެސް ފަރަޙައާއި ދާއޫދުގެ ބައްދަލުވުން ގަޑިއެއްގެ އިރަށް ވުރެ، ގިނަ އިރުވުމަކީ އެ ބައްދަލުވުން ޚާއްޞަވި ސަބަބެކެވެ. އަދި ނީނާއާ ދާއޫދާ ދެމެދު ވެސް މިހާރު ޚާއްޞަ ގުޅުމެއް އުފެދެމުން އަންނަ ދުވަސްވަރެއްކަމަށް ވާތީ، ފަރަޙައިގެ ބައްދަލުވުމާ ގުޅިގެން ނީނާ ހުރީ ވަރަށް ހިތްހަމަ ނުޖެހިފައެވެ. އެ ކަމާ ދާއޫދު ދެކެ ވެސް ފާޑަކަށް ފޫހިވެފައެވެ. ދާއޫދަކީ އެހާ އަގުދަށް މީހެއްކަމެއް ނީނާއަކަށް ކުރިޔަކުން ނޭނގެއެވެ. އެހެންވެ ނީނާ ހުރީ ހިސާބަކަށް ފޫހިވެފައެވެ. ރުޅި އާދެވިފައެވެ.
މީޑިއާއިން ފަރަޙައިގެ ޚަބަރެއް އިވޭތޯ ނީނާ އިންތިޒާރުކުރަނީއެވެ. ކޮންމެވެސް ޚަބަރެއް ވާނެކަމަށް ޔަގީނާ ގާތަށް ހީވެއެވެ. ކުރީގެ ތަޖުރިބާއަށް ބަލާ ނަމަ އެހެން ހީކުރެވިދާނެތާއެވެ.
(9)
ލަންކާ ދަތުރު
އެއް ދުވަހެއްގެ ހަވީރެވެ. ނީނާ އިނީ ޝޯރޫމްގައެވެ. ފޯނުން މީސްމީޑިއާ ޗެކުކޮށްލަނީއެވެ. މާ ބޮޑު މަސައްކަތެއް ނެތީމައެވެ. ފަރަޙައާ ބެހޭ ޚަބަރެއް ފެނޭތޯއެވެ. ކުރީގެ ތަޖުރިބާތަކަށް ބަލާ އިރު، ދާއޫދާ ބައްދަލުކުރާ ކޮންމެ މީހަކާ ބެހޭ ޚަބަރެއް ހަފުތާއެއްހައި ދުވަހުގެ ތެރޭގައި މީޑިއާގައި ވިރަވެއެވެ.
ކުއްލިއަކަށް ނީނާގެ ލޮލުގައި އަޅައިގަތީ "ފަރަގު"ގައި އޮތް މަގާލެކެވެ. މަގާލެއްގެ ސުރުޚީއެވެ. "ފިލްމު އެސޯސިއޭޝަންގެ ރައީސަކަށް ފަރަހަ." ޝައުޤުވެރިކަމާ އެކު، ނީނާ އެ ޚަބަރުގެ ތަފުޞީލަށް ފިއްތައިލިއެވެ. "ފިލްމު އެސޯސިއޭޝަންގެ ރައީސްކަން މަޝްހޫރު ފިލްމީ ތަރި ފަރަހަނާޒަށް އިންތިޚާބަކާ ނުލައި ކާމިޔާބުވެއްޖެއެވެ. އޭނާ މި މަޤާމް ކަށަވަރުވީ ފަރަޙައާ ވާދަކުރެއްވި ފިލްމީ ތަރި ފިރުޝާނާ ޖަލީލް ކުއްލި ގޮތަކަށް އަވަހާރަވުމާއި އެހެން ކެންޑިޑޭޓަކު އެ މަޤާމަށް ވާދަކޮށްފައި ނުވާތީ އިންތިޚާބީ ކޮމިޓީއިން ޢާންމުކޮށްފައިވާ ގަވާއިދުގައި ވާ ގޮތުގެ މަތީން އެ މަޤާމަށް ވާދަކުރެއްވި އަނެއް ކެންޑިޑޭޓް އިންތިޚާބަކާ ނުލައި އެ މަޤާމަށް އިންތިޚާބުވީއެވެ. ފަރަޙަނާޒަކީ ފިލްމު ޕްރޮޑަކްޝަނާއި ސިނަމޮޓޮގްރޮފީގެ ދާއިރާއިން މަތީތަޢުލީމު ޙާޞިލުކުރައްވައިފައިވާ ބޭފުޅެކެވެ. ފިލްމު އެސޯސިއޭޝަންގެ އެހެން މަޤާމުތަކަށް މެންބަރުން ހޮވުމަށްޓަކައި ބާއްވާ އިންތިޚާބުގެ ވޯޓުލުން މާދަމާ މެންދުރުފަހު 2:00ން ފެށިގެން ހަވީރު 6:00އާ ހަމައަށް އޮލިމްޕަހުގައި އޮންނާނެއެވެ.............................."
ނީނާގެ ޚިޔާލު ހުއްޓިއްޖެއެވެ. "މިއީ ކޮންފަދަ ބޮޑު އިއްތިފާޤެއްބާވައެވެ! ދާއޫދާ ބައްދަލުކޮށްފި ކޮންމެ މީހަކާ ބެހޭ ކޮންމެ ވެސް ކާމިޔާބީއެއްގެ ވާހަކަ ދެތިން ދުވަހުގެ ތެރޭގައި މީޑިއާގައި ވިރަވެއެވެ. އަދި އެ ކާމިޔާބީއާ ގުޅިފައިވަނީ ކޮންމެވެސް އެހެން މީހެއްގެ ހިތާމަވެރި ނިމުމަކާއެވެ. ކޮން ފަދަ ކަމެއް ބާވައެވެ! އެކަމަކު މިއިން އެއްވެސް ވާހަކައެއް ދާއޫދު ފިޔަވައި އެހެން މީހެއްގެ ގާތުގައި ދެއްކޭކަށް ވެސް ނެތެވެ......................."
ތެދެކެވެ. އެ ގޮތަށް ނީނާ ވަނީ ވަޢުދުވެފައެވެ. ވަޢުދަކީ ދަރަންޏެކެވެ. އެ ކަން ނީނާއަށް ރަނގަޅަށް އެނގެއެވެ. ނީނާއަކީ ވެސް ހަރުދަނާ، ގޮތް ހުރި، ތަޢުލީމީ ޒުވާނެކެވެ. ބުނާ ބަހުގެ އިތުބާރު ދެމެހެއްޓުމަކީ ހަރުދަނާ މީހުންގެ ސިފައެކެވެ. މި ވަޢުދާ ނީނާ ޚިލާފެއް ނުވާނެއެވެ.
ނީނާ ފިކުރެއްގެ ތެރެއަށް ގެނބިފައި އިންދައި ދާއޫދު އައިސް ކަންމަތީ ފިހާރައަށް ވަދެއްޖެއެވެ. ނީނާ އިޙުތިރާމުގެ ގޮތުން ކޮޅަށް ތެދުވެއްޖެއެވެ. ދާއޫދު އައިސް އިށީނީ ކައުންޓަރުގެ ކުރިމަތީގައި ހުރި ގޮނޑިއެއްގައެވެ. އިށީންނަމުން ނީނާއަށް ވެސް އިށީންނާން އިޝާރާތްކޮށްލިއެވެ.
ނީނާ އިށީންދެފައި މި ޚަބަރު ދުށީންހޭ ބުނެ ފޯނުން ފަރަޙަގެ ޚަބަރު ދައްކައިލިއެވެ.
ދާއޫދު ބަލައިލައިފައި އެއްވެސް އެއްޗެއް ނުބުނެ ހީނލިއެވެ.
"ފަރަޙައަށް ކާމިޔާބު ލިބުނީމާ ސެލެބްރޭޓެއް ނުކުރަންތަ؟" ރައްޓެއްސަކާ ވާހަކަދައްކާ ބީދައިން ނީނާ ވާހަކަދައްކާން ފަށައިފިއެވެ. "ފަރަޙައަކީ ދާއޫދުގެ ވަރަށް ސްޕެޝަލް މީހެއްނު؟"
"ނޫން. މަށާ އެއްވެސް ކްލޯޒް މީހެއް ނޫން." ވަރަށް އަވަސް އަވަހަށް ބުނެލިއެވެ. "އޭނާ އަކީ ކަސްޓަމަރެއް."
"ކަސްޓަމަރެކޭ؟ އެކަމަކު..........." ނީނާ ޙައިރާންވެ ސުވާލުކޮށްލިއެވެ. "އެކަމަކު ވަޓް ދިޑް ޔޫ ޑޫ ވިތު ހަރ އޮން ދި އަދަރ ޑޭ"؟
"އޭނާ ނީނާ ގާތު އެއްވެސް ވާހަކައެއް ދެއްކީތަ؟" ދާއޫދު ރައްޓެއްސަކާ ވާހަކަދައްކާ ގޮތަށް ވާހަކަ ކުރިޔަށް ގެންދިޔައެވެ. "ކީކޭ އޭނާ ބުނީ އަނެއްކާ؟"
"އޭނާ އެއްޗެކޭ ނުބުނޭ" ނީނާ ބުންޏެވެ. "އެކަމަކު ...... ވީ އިރާ ..... އިވުނު އަޑާ..... ފަރަހައަށް ވެފައި ހުރި ގޮތް...... ފެނުނީމާ........! ނީނާއަކީ ވެސް ކުޑަކުއްޖެއް ނޫނެއްނު ދޯ؟"
"އަދި ނޭނގޭ ކުޑަކުއްޖެއް ނޫންކަމެއް." ދާއޫދު ހީނގަތެވެ. "އަނެއްކާ އެ ކަމާ ހިތްހަމަ ނުޖެހުނީތަ؟ ވަރަށް ސޮރީ! .... މީރު އެއްޗެއް ސަމްސަލަކަށް އަޅައިފައި އެހާ ފަސޭހައިން ދިނީމާ ބަނޑުހައިވެގެން ހުންނަ މީހަކަށް ބޮވިދާނެ ދޯ؟.... ސޮރީ ނީނާ!"
"އިޓްސް އޯކޭ ފޮރ މީ. ޔޫއާރ ނޮޓް މައި ހަބީއެއްނު؟" ނީނާ ވެސް ހީނގަތެވެ. "އެކަމަކު ދާއޫދު......" ނީނާ ބުނާން އުޅުނު ޖުމުލަ ނިންމައިއެއްނުލިއެވެ.
"ދެން އެ ވާހަކައެއް ނޫނޭ. ހައުޒް ލައިފް؟ އެސްޕެޝިއަލީ ލަވް ލައިފް؟" ދާއޫދު މައުޟޫޢު ބަދަލުކޮށްލިއެވެ. "ކޮބާ އަލޫފް؟ އަދި ވެސް ރިސޯޓްގައިތަ؟'
"ޔެސް. އޭނާ އުޅެނީ އަދިވެސް ރިސޯޓްގައި." ނީނާ ކުރު ގޮތަކަށް ޖަވާބު ދިނެވެ. "މައި ލައިފްޒް ކަންމަތީ ފިހާރަ."
"ތިބުނީ ލައިފް އެހާ ހެޕީއެއް ނޫނޭތަ؟" ދާއޫދު ޖަވާބު ބޭނުންނުވާ ސުވާލެއް ކޮށްލިއެވެ. "އެހެންވިއްޔާ ހިނގާ ވީކެންޑްއަކަށް ދާން. ކެރޭނެތަ؟"
"ކޮންތާކަށް؟" ނީނާ ސުވާލުކޮށްލިއެވެ. "އަލޫފަށް ޝައްކުވެދާނެތީ ދާކަށް ނުކެރޭނެ. މާލެ ދިޔަ ފަހަރު ވެސް އާދެވެންދެން ހުރީ ބިރުންބިރުން."
"ސާބަސް. އެ ކަމާ ނުވިސްނަބަލަ! ނީނާ ވެސް ހިތްހަމަޖައްސައިލައި ޝޮޕިންގ ހަދައިލާން ޖެހޭނެނު ދޭތެރެދޭތެރެއިން." ދާއުދު އޮޅުންފިލުވައިދިނެވެ. "ހިނގާ މި ހަފުތާ ބަންދުގައި ލަންކާއަށް ޖައްސައިލާން."
"ލަންކާއަށް؟" ނީނާ ޙައިރާންކަމާ އެކު ސުވާލުކޮށްލިއެވެ. "އަދި އަލަށް ވެސް ލަންކާއަކަށް ނުދަން. ދާން ބޭނުން. އެކަމަކު .............................."
"ކޮން އެކަމަކު އެއް؟" ނީނާގެ އަނގައިގައި އެއްބުރި އޮއްވައި ދާއޫދު ވާހަކަދައްކާންފެށިއެވެ. "ދާން ބޭނުމިއްޔާ އާނއެކޭ ބުނޭ!"
"ދާން ބޭނުން ވަރަށް ބޮޑަށް. އެ ކަމަކު އަލޫފާ މެދު ވެސް ވިސްނާން ޖެހޭނެނު." ނީނާ ކުރީ ދަތުރު ވެސް ދެއްކި ބަހަނާ ދައްކާން އުޅުނެވެ. "އެނގިއްޖިއްޔާ .................؟"
"އެނގިއްޖިއްޔާ ކޮންކަމެއް ވާނީ؟" ދާއޫދު ސުވާލެއް ކޮށްލިއެވެ. "ބޮޑުވަރަކަށް ބްރޭކްވާނީނު! ކޮން ގެއްލުމެއް ނީނާއަށް އޮތީ؟ އޭނާ ނީނާއަށް ކޮން ކަމެއް ކޮށްދިނީ؟ ކޯއްޗެއް ދިނީ؟ ކޮން އުފައެއް ކޮން ލޯތްބެއް ދިނީ؟ އޭނާ ރަށަށް އަޔަސް އުޅޭނީ ކުޅިވަރާ. ނީނާއަށް ފެނި ލަނީ ވެސް މަދު ފަހަރަކު. ނޫންތަ....؟
ނީނާ ވިސްނައިލިއެވެ. އަލޫފު ނީނާގެ އުފާތަކަށް އެއް ގޮތަކަށް ވެސް ނުވިސްނައެވެ. ވިސްނަނީ ހަމައެކަނި އޭނާގެ އުފަލަށެވެ. އެކަނި ދިމާވިޔަސް އުޅެނީ އޭނާގެ މަޤުޞަދު ޙާޞިލުކޮށްލެވޭތޯއެވެ؟ ނީނާގެ ބޭނުންތަކާ މެދު ނުއެއް ވިސްނައެވެ. ދުވަހަކު ހަދިޔާއެއް ވެސް ނުދެއެވެ. ނުވެސް ދެވޭނެއެވެ. ޢާއިލާ ބަލަހައްޓަމުން ކުޑަކުޑަ މުސާރައަކުން މީހަކަށް ދޭނީ ކޮން އެއްޗެއް ހެއްޔެވެ؟ އޭނާއަށް ހަދިޔާ ދީފައި ހުންނާނީ ވެސް ނީނާއެވެ..........
މި ފަދަ ފިކުރުތަކެއްގައި ނީނާ އެއްޗެކޭ ނުބުނެ ހަމަހިމޭނުން އިންދައި އެ ހިމޭންކަން މެދުކަނޑައިލީ ފިހާރައަށް ވަން ކަސްޓަމަރެކެވެ.
"ސިމެންތި އެބަ ހުރި؟" އެ މީހަކު ސުވާލުކޮށްލިއެވެ. "ކިހާވަރެއް ލިބިދާނެ؟"
"އެބަހުރި." ނީނާއަށް އެއްޗެކޭ ނުބުނެވެނީސް މި ފަހަރު ޖަވާބު ދިނީ ވެސް ދާއޫދެވެ. "ބޭނުން ވަރަކަށް ލިބިދާނެ."
"ދުއިސައްތަ ކޮތަޅު ބޭނުންވޭ. ކިހާވަރަކަށް އަގު އުޅެނީ؟" އެ މީހަކު ސުވާލުކޮށްލިއެވެ. "ޑިސްކައުންޓެއް ލިބޭނެތަ؟"
"މިހާރު ވިއްކަނީ -/147 ރުފިޔާ އަށް ކޮތަޅެއް." ނީނާ އަގު ކިޔައިލިއެވެ. "މިއީ އަސްލު ޑިސްކައުންޓް އަގު. އަޞްލު އަގަކީ -/150ރުފިޔާ. ފަންސާހަށްވުރެ ގިނައިން ނަގާތީ މި އަގުގައި މިދިނީ."
"ޖުމުލަ ކިހާވަރެއް ވަނީ؟" އެ މީހަކު ކުޑަކޮށް ހެމުން ސުވާލުކޮށްލިއެވެ. "މިހާ ގިނައިން ނަގާތީ ހީކުރީ އަދި އިތުރު ގޮތެއް ހަދައިލަދޭނެކަމަށް. ހެހެހެހެ................."
"އެހެންތަ؟" ނީނާ އަގު ބުނުމުގެ ކުރީން އޭނާއަށް ހިނިތުންވުމެއް ދިނެވެ. " އޮނަތިރީސް ހާސް ހަތަރު ސަތޭކަ ޖުމުލައަކީ".
އެ މީހާ އަގުކަނޑާން ކޭޝްކާޑް ދިއްކޮށްލިއެވެ. އަދި ބިލްހަދައިލައިދީފައި ސިމެންތި ފޮނުވާންވީ އެޑްރެސް ދިނެވެ. އެ ވަގުތު ދާއޫދު ބުނެލިއެވެ.
"ނީނާ! އޭނާއަށް އަދި އިތުރު ޑިސްކައުންޓެއް ނުދެވޭނެތަ؟"
"ނޫން. އެހެންވީމާ ހަތަރު ސަތޭކަ ކަނޑައިލީ. ދައްކާން ޖެހެނީ ނަވާވީސް ހާސް. އެވަރު ދެން ކެނޑޭނީ." ނީނާ ކަލްކިޔުލޭޓަރުން އަދަދުތަކަކަށް ފިއްތައިލުމަށްފަހު ބުންޏެވެ. "ވަރަށް އަވަހަށް ސިމެންތި ފޮނުވާނަން. މި އޮތީ ބިލުކޮޅު. މި ދެ ކޮޕީ ހިފައިގެން ގުދަނަށް ގޮސް އެއް ކޮޕީ އެ ތަނަށް ދެއްވައިފައި ވަޑައިގަންނަވާ!"
ގުދަނަށް ސިމެންތީގެ އޯޑަރު ފޮނުވައިލުމަށް ފަހު ހަމަޖެހިލިއެވެ. ސިމެންތި ގަންނާން ފޮނަދޫން އައި މީހާ ސައިކަލަކަށް އަރައިގެން ހިނގައްޖެއެވެ.
"ނީނާ!" ކަސްޓަމަރު ނުކުމެގެން ދިޔުމުން އަނެއްކާ ވެސް ދާއޫދު ނީނާއަށް ގޮވައިލިއެވެ. "ދެން ކީކޭ ބުނަނީ؟ ލަންކާއަށް ދާނަންތަ؟"
"ދެވިދާނެ." ނީނާ ވިސްނައިލައިފައި ބުނެލިއެވެ. "އެކަމަކު މަ ކުރާ ސުވާލެއްގެ ޖަވާބު ދިނީމާ."
"އެންމެ ރަނގަޅު. ނީނާ ވެސް ހަދިޔާއެއް ދޭންވާނެ." ދާއޫދު އެއްބަސްވިއެވެ. އަދި ޝަރުޠެއް ވެސް ކޮށްފިއެވެ. "ކުރާންވާނީ އެންމެ ސުވާލެއް".
"އެހެންވިއްޔާ ލިބޭނީ ވެސް އެންމެ ހަދިޔާއެއް" ނީނާ ސަމާސާކޮށްލިއެވެ. "އެންމެ ރަނގަޅުތަ؟"
"ރަނގަޅު ނޫނަސް ދިން އެއްޗެއްތާ ލިބޭނީ ދޯ؟" ދާއޫދު ވެސް ސަމާސާ ފާޑަކަށް ބުނެލިއެވެ. "ކޮބާ ސުވާލަކީ؟ އެންމެ ސުވާލެއް އިނގޭ."
(ނުނިމޭ)
ބައެއް ލަފުޒުގެ މާނަ
މަގާލު ނ. ނޫހެއްގައި ނުވަތަ މަޖައްލާއެއްގައި ނުވަތަ އޮންލައިން ސަފުހާއެއްގައި ލިޔާ ކުރު ލިޔުމެއް.
މިވާދު ނ. (1) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ކަނޑައަޅާ ކަނޑައެޅުން. (2) ވަކި ވަގުތެއްގައި ވަކި ތަނެއްގައި ބައްދަލުވުމަށް ދޭ ނުވަތަ ލިބޭ ފުރުސަތު.
މީޑީއާ ނ. ޚަބަރާއި މައުލޫމާތު ފަތުރާ ވަސީލަތްތަކަށް ކިޔާ ޖަމާނަން.
ވިރަވުން މ. ޚަބަރެއް ނުވަތަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ފަދަ އެއްޗެއް ޖާލުގެ ޒަރީއާއިން ހަލުވިކޮށް ފެތުރިގެން ދިއުން.