ad_banner
ޝަކުވާ

އަސްމާ އަބޫބަކުރު

23 މާރިޗް 2025

ކާވެނީގެ އަހަރީ ކޭކު

ފެންނަ ފެނުމަށް އެއީ ހަމަޖެހޭ ދެމަފިރީންނެވެ. ދުނިޔޭގެ ނަޒަރުގައި ފުރިހަމަ ދެމަފިރީންނެވެ. ކައިވެނީގެ އަހަރީ ދުވަހު ކޮންމެހެން ވެސް އެކަކު އަނެކަކަށް އަގުބޮޑު ހަދިޔާ ބަދަލުކުރެއެވެ. ރައްޓެހީން ދެކޭ ގޮތުގައި އެއީ ނަމޫނާ ދެމަފިރީންނެވެ. ޢާއިލާގެ އެންމެންގެ މެދުގައި މަޤުބޫލު ވެފައި ވަނީ ވެސް އެ ސަބަބަށް ޓަކައެވެ. ޒިއުނާ ދެކޭ ގޮތުގައި ހައިތަމް އެއީ ޒިއުނާއަށް ލިބުނު ޖަވާހިރެކެވެ. ގޭތެރޭގައި ވެސް ޒިއުނާ ޢާއްމުކޮށް ދައްކާނީ ހައިތަމްގެ ރަނގަޅު ވާހަކައެވެ.

ދުވަސްތައް ފާއިތުވެ ދިޔައީ އެސްފިޔަ ޖަހައިލާހާ އަވަހަށެވެ. ޒިއުނާއާއި ހައިތަމްގެ ކައިވެންޏަށް ތިން އަހަރު ވެއްޖެއެވެ. ދެމަފިރީން ވަކީން ދިރިއުޅެން ލިބުނު ބިމުގައި ޢިމާރާތްކުރެވި އެ ގެއަށް ބަދަލުވެއްޖެއެވެ. އެ ދެމަފިރީންގެ ރީތި ދުނިޔޭގައި ވަކީން ދިރިއުޅެން ލިބުމުން އިތުރު ހިތްހަމަޖެހުމެއް ލިބެއެވެ. ޢާއިލާގެ އެންމެން ކޮންމެ ދުވަހަކު ޒިޔާރަތްކުރާ ގެއަށް ޒިއުނާގެ ގެ ހަމަޖެހުނެވެ. ވަރަށް ވެސް އުފާވެރި ވަގުތުތަކެއް ހޭދަކުރެވެމުން ދިޔައެވެ.  

"ޒިއުނާ. ކޮފީއެއް ބޭނުން ވެއްޖެ." ހައިތަމްގެ އަޑަށް ޒިއުނާ ކޮފީތަށްޓެއް ހިފައިގެން އައެވެ. ދެ މީހުން އެކީގައި ކޮފީތަށި ބޯން ތިބެގެން ތަފާތު ވާހަކަދެކެވެމުން ދިޔައެވެ. ދެމަފިރީންގެ ދެމެދުގައި ވަރުގަދަ ލޯތްބެއް އޮތް ނަމަވެސް ޝަކުވާތައް ވެސް ކުރެވެމުން ދިޔައެވެ. މަޑުމަޑުންނެވެ.

"މިހެން އެކަކު އަނެކަކަށް ލިބޭ މަދު ވަގުތު ކޮޅަކީ އެކުގައި ދެމަފިރީން ހޭދަކުރާ ވަރަށް ވުރެ މަދު ވަގުތުކޮޅެއް." ޒިއުނާ ޝަކުވާކުރިއެވެ. އެއީ ޙައްޤު ޝަކުވާއެއްކަމުގައި ހައިތަމް ވެސް ގަބޫލުކުރިއެވެ. އެކަމަކު ސަބަބު އެބަ އޮތެވެ.

"އަހަރެން ބޭރުގައި ގިނަ ވަގުތު ހޭދަކުރަނީ އަހަރެމެންގެ ދިރިއުޅުން ތަރައްގީކުރުމަށް ޓަކައި ކުރާންޖެހޭ މަސައްކަތަށް. ވަޒީފާގެ ގޮތުން އަހަރެން އުޅޭންޖެހިފައިވަނީ މި ގޮތަށް." ހައިތަމް ކުށް ގަބޫލުކުރާ ގޮތަކަށް ޒިއުނާއަށް ބަލައިލިއެވެ.

"މިއަދު އަހަރެން ގަތިން ދެ ޑައިރީ. އަންނަ އަހަރު ކައިވެންޏަށް އަހަރު ފުރޭ ދުވަހު ހިނގާ ޑައިރީގައި ލިޔަން އަހަރެމެންގެ ޝަކުވާތައް." ޒިއުނާގެ ވާހަކަ ހައިތަމް އުފަލުން ގަބޫލު ކުރިއެވެ.

"ތިޔައީ އެއްވެސް މައްސަލައެއް ނޫން." ހައިތަމްގެ ޑައިރީ ގެންދިޔައީ އޭނާގެ އޮފީހަށެވެ. ޒިއުނާގެ ޑައިރީ ފޮރުވީ އެހެން ކޮޓަރިއެއްގައެވެ. 

އެއް އަހަރު ވަންދެން ދެ މީހުންގެ ޑައިރީ، އެކަކު އަނެކަކަށް ނުދައްކައި، ލިޔުމުގައި ކުޑަ ވަގުތުކޮޅެއް ނަމަވެސް ހޭދަކުރިއެވެ. އެ ދުވަސްތަކުގައި ދެ މީހުންނަށް ކުއްޖަކު ވެސް ލިބިއްޖެއެވެ. ދިރިއުޅުން ވޭތުކުރުމުގައި އެކަކު އަނެކަކަށް ނުހަނު އެހީތެރިކަން ބޭނުންވެއެވެ. އެކީގައި އެތައް ވަގުތެއް ހޭދަކުރާން ވެސް ޖެހެއެވެ. އެހެންނަމަވެސް ހައިތަމަށް އިތުރަށް މަސައްކަތް ކުރާން ޖެހިފައި ވަނީ ލިބޭން އުޅޭ ދަރިފުޅަށް ބޭނުންވާ ތަކެތި ގަތުމަށެވެ. އަނބިމީހާއަށް ބޭނުންވާ ތަކެތި ހޯދައިދިނުމަށެވެ. 

ކުރިއަށްވުރެ އިތުރަށް މަސައްކަތުގައި އުޅޭން ޖެހުމުން ޒިއުނާގެ ހިތްހަމަ ނުޖެހުމާ ކުރިމަތި ލާން ޖެހެއެވެ. ހައިތަމްގެ ހިތަށް ކިތަންމެ ފަހަރަކު އަރައެވެ.

"އަންހެނުންނަށް އަހަރެމެން މި އުޅޭ ޙާލު އެނގޭނަމަ ޝަކުވާތަކެއް ނުކުރާނެ. މިއަދު މި ހުރިހައި މަސައްކަތެއް ކުރުމުގައި އެތައް ވަގުތެއް ހޭދަކުރަމުން މި ގެންދަނީ އަހަރެންގެ ކުޑަކުޑަ ޢާއިލާއަށް ޓަކައި." އޮފީހުގައި އިނދެ ހައިތަމުގެ ޑައިރީ ހުޅުވައިލިއެވެ. އެއަށްފަހު ލިޔަން ބޭނުންވާ ވާހަކަތައް ލިޔެ އެ ޑައިރީ ލައްޕައިލިއެވެ.

ކޮންމެ އަހަރެއްގެ ކައިވެނީގެ އަހަރީ ދުވަސް ޚާއްޞަވާ ފަދައިން މި އަހަރު އިތުރަށް ޚާއްޞަކުރިއެވެ. ދަރިފުޅު ނިންދެވުމަށް ފަހު ދެމަފިރީން އުފާވެރި ދުނިޔެކަމުގައިވާ ގޭގެ ބެލްކަނީގައި މޭޒެއް ބަހައްޓައި ފަސްވަނަ އަހަރީ ކޭކު ފަޅާން ތައްޔާރުވިއެވެ. ހިތްގައިމު ހަނދުވަރުގެ ރިހި އަލީން މުޅި ހިސާބު ދިއްލައިފައި ވުމުން އެ ދެމީހުން ފެންނަނީ ކަޅު ދެ ހިޔަނީގެ ގޮތުގައެވެ. ބޭނުންވާ ގޮތަށް ތައްޔާރުވުމާ އެކު ދެމީހުން ވެސް ޑައިރީ ހިފައިގެން އައިސް މޭޒު ކައިރީ އިށީނެވެ.

"ފުރަތަމަ އަހަރެން ކިޔާނީ" ހައިތަމް ބުނެލިއެވެ. އަނބިމީހާގެ ޑައިރީ ނަގައި ހައިތަމް ކިޔާން ފެށިއެވެ. ފުރަތަމަ ތިންސަފުހާ ގައި ވެސް އޮތީ ޝަކުވާއެވެ. އެއީ ކައިވެނީގެ ހަތަރުވަނަ އަހަރު ފާހަގަކުރި އިރު އަހަރެން ބޭނުންވާ ސަޅި ހަދިޔާއެއް އަހަރެން ފިރިމީހާގެ ފަރާތުން ލިބިފައެއް ނުވެއެވެ. ދެވަނަ ސަފުޙާ ގައި އޮތީ އެހެން ޝަކުވާއެކެވެ. އަންހެނުންގެ ރީތި އަތުފޮންޓުން ލިޔެފައި ވަނީ ވޭތުވެ ދިޔަ އަހަރު އަހަރެން ގޮވައިގެން ރެސްޓޯރެންޓަކަށް ދެވުނީ ތިންފަހަރު ކަމަށެވެ. އެވަރުން އަހަރެން ހިތްހަމައެއް ނުޖެހެއެވެ. 

ތިންވަނަ ސަފުހާ ވެސް ހައިތަމް ކިޔައިލިއެވެ. މިއިން ދުވަހަކު އަހަންނާ އެކީ ފިލްމެއް ބަލައިލާކަށް ހައިތަމަކަށް ވަގުތެއް ނުވެއެވެ. އަދި އަހަރެންގެ އުފަންދުވަހު ގަނެދިން ހެދުން ރީއްޗެއް ވެސް ނޫނެވެ. އެހެން ސަފުހާއެއްގައި ލިޔެފައިވެއެވެ. އަހަރެން ބަނޑުބޮޑުވުމުން މި އަޅާ ވޭނާ ކެކުޅުން ހައިތަމަށް ނުވިސްނެއެވެ. އަބަދު އުޅެނީ މަސައްކަތުގައޭ ބުނެ ގެއިން ބޭރުގައެވެ.

ހައިތަމްގެ ލޮލުން ކަރުނަ ފައިބާން ފެށިއެވެ. އެއީ ގަސްދުގައި ކުރެވިފައިވާ ކަންކަމެއް ނޫންކަން އަނބިމީހާއަށް ބަޔާން ކޮށްދޭން އެތައް ވަގުތެއް ހޭދަވިއެވެ.

"ދެން އެހެނެއް ނުވާނެ. މިހާރަށް ވުރެ ގިނަ ވަގުތު ހޭދަކުރާނަން." ހައިތަމް އަސަރާއެކު ބުނެލިއެވެ. ދެން އޮތީ ޒިއުނާގެ ފަހަރެވެ. ހައިތަމްގެ ޑައިރީ ކިޔުމެވެ.

ޒިއުނާ ހުރީ ކެތްމަދުވެފައެވެ. ފިރިމީހާ ލިޔެފައިވާ ޝަކުވާތައް ކިޔައި އެއަށް ރައްދު ދިނުމަށެވެ. ކިތަންމެ ލޯބިވިއަސް ފިރިމީހާ ކަންތައްކުރާ ގޮތުން ޒިއުނާ ޝަކުވާކުރި ފަދައިން ފިރިމީހާގެ ވެސް ޝަކުވާ އޮންނާނެކަން ޒިއުނާއަށް ޔަގީންކުރެވެއެވެ. ކުދި ކޫސަނި ޒުވާބު ނެތް ހަޔާތެއް މިދުނިޔޭގައި ނުވާނެކަން ޒިއުނާއަށް ޔަގީން ކުރެވެއެވެ.

ހައިތަމްގެ ޑައިރީން ފުރަތަމަ ސަފުހާ ހުޅުވައިލިއެވެ. ހުސް ސަފުހާއެވެ. ދެވަނަ ތިންވަނަ އެހެން ގޮސް ފަންސާސް ވަނަ ސަފުހާއާ ހަމައަށް ވެސް ޑައިރީ އޮތީ ހުސްކޮށެވެ. ޒިއުނާ ހައިރާންވެ ހުރެގެން ހައިތަމްއަށް ބަލައިލިއެވެ. އަދި އެހާ ބޮޑަށް ރުޅިއަތުވެއްޖެއެވެ.

"މި ވަރު ވެސް ހައިތަމަށް ނުވި. ތިޔައީ ކީއްކުރާ މީހެއް؟ އޭރު ވެސް މަށަށް އެނގޭ ހައިތަމް ހަދާނީ މިހެންކަން. ކަންނެތްކަން އިންތިހާ. އޮފީހުގައި މޭޒު ކައިރީ އިންނަ ވަގުތު މީގައި ބަހެއް ލިޔެލާން ވެސް ހަމަ ނުކުޅަދާނައީ؟" ޒިއުނާ ރުޅި އައިސްގެން ކެކިގަތެވެ.

"އެންމެ ފަހު ސަފުހާ ބަލައިލަބަލަ. އެ ސަފުހާގައި ލިޔުނިން." ހައިތަމް ހިނިއައިސް ބުނެލިއެވެ. ޒިއުނާ ކީއެއްޗިއްސަށް ހައިތަމް އަޅައެއް ނުލައެވެ. ހައިތަމްގެ ނަޒަރުގައި އަނބީން ޝަކުވާކުރާން ޖެހެއެވެ. އެ މީހުންގެ ޝަކުވާ ފިރީން އަހާން ވެސް ޖެހެއެވެ. އެ ކަމަށް ޓަކައި އަބަދު ވެސް ހައިތަމް ހުންނަނީ ތައްޔާރުވެގެންނެވެ.

ޒިއުނާ އަވަސްއަވަހަށް ހައިތަމް ލިޔުނު ޑައިރީގެ ފަހު ސަފުހާ ހުޅުވައިލިއެވެ. އަދި ހައިތަމަށް އިވޭ ވަރަށް ކިޔަން ފެށިއެވެ.

"ތިޔަ މޫނުމަތިން ކިތަންމެ ވަރަކަށް ޝަކުވާގެ އަސަރު ފެނުނަސް ޒިއުނާގެ ފަރާތުން އަހަންނާއި އަހަރެންގެ އާއިލާއަށް ލިބުނު ލޯބި ދުވަހަކު ވެސް ހަނދާން ނުނެތޭނެއެވެ. ތިޔައީ އަހަންނަށް ޓަކައި ފިނިފެންމަލެކެވެ. ތިޔަ މަލުގެ މީރު ވަހުން އަހަރެން އަބަދު ވެސް ހިތްފުރެއެވެ. އަހަރެންގެ ދަރިފުޅާ އަހަންނަށް ތިޔަދޭ ހިފެހެއްޓުމެއް ނުވާ ލޯތްބަކީ އަހަރެންގެ ދިރުމެވެ. އަހަރެން ވެސް އަބަދުމެ ޒިއުނާ ދެކެ ލޯބިވާނަމެވެ." ޒިއުނާ އަށް އެންމެ ޕެރެގްރާފެއް ކިޔުނު އިރު ވެސް ލޮލުން ކަރުނަ ފައިބަން ފަށައިފިއެވެ.

ޒިއުނާ ލޯފުހެލިއެވެ. އަނެއްކާ ވެސް އެ ޑައިރީ ކިޔާން ފެށިއެވެ.

"އުނިކަމެއް ނެތް މީހަކު މި ދުނިޔޭގައި ނުވެއެވެ. އެހެނަސް އަހަރެމެންގެ ލޯބީގައި ތިޔައީ އިޚްލާސްތެރިއެކެވެ. ޒިއުނާގެ ޤުރުބާނީ އެހެން ހުރިހައި ކަމަކަށް ވުރެ މަތިވެރިއެވެ. އަހަރެމެންގެ ދަރިފުޅު ތިޔަ ބަނޑުގައި އޮތް ދުވަސްތަކުގައި ޒިއުނާގެ ކެތްތެރިކަމަށް އަހަރެން ޝުކުރުވެރިވަމެވެ. އަހަރެންގެ ފަރާތުން ވެވިފައިވާ ގުނައި ޢަދަދު ނުކުރެވޭހައި ކުށްތަކަށް މަޢާފު އެދެމެވެ. އަހަރެންގެ ހިޔަނީގެ ގޮތުގައި ހުރީ ޒިއުނާއެވެ. އަހަންނަކަށް ޒިއުނާގެ ފަރާތުން އެއްވެސް ކުށެއް ނުފެނެއެވެ. އެހެންކަމުން އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތެވެ."

ޒިއުނާ ދެލޮލުން ރޮނގެއްގެ ގޮތުގައި ކަރުނަ ފައިބާން ފަށައިފިއެވެ. އެހާ މާތް ފިރިއެއް ލިބިފައި ހުއްޓައި ޝަކުވާކުރެވުނީތީ ޒިއުނާއަށް ގިސްލައި ރޮވޭން ފެށިއެވެ. ދެ ޑައިރީ ގެންގޮސް ވަގުތުން އަންދައިލިއެވެ. ޒިއުނާގެ ލޮލުން ފޭބި ކަރުނަ ހައިތަމް ފޮހެދިނެވެ. އަދި އެއް ގޮތަކަށް ވެސް ރޮއި ހިތާމަނުކުރުމަށް އެދުނެވެ.

"ހިނގާ ކޭކު ފަޅާން. މިއޮތް އުފާވެރި ރޭ ރުއިމުގެ ބަދަލުގައި ހޭންވާނެ ދޯ." ހައިތަމް އެހެން ބުނުމުން ޒިއުނާއަށް ހެވުނެވެ. ދެމީހުން އެކީގައި އެކަކު އަނެކަކަށް ހަދިޔާ ބަދަލުކުރިއެވެ.

"ކަމުނުދާ އެއްޗެއް އޮތިއްޔާ ބުނައްޗޭ. އޭރުންތާ ރަނގަޅުކުރާން އެނގޭނީ." އަނެއްކާ ވެސް ވާހަކަ ދެއްކީ ހައިތަމެވެ. ޒިއުނާ ނޯށް ދަމައިލަދަމައިލައި ހުއްޓެވެ.

"އަހަރެންގެ ފިރިމީހާ ދޭ ކޮންމެ އެއްޗެއް އުފަލާ އެކު ގަބޫލު ކުރާނަން." ޒިއުނާ އަށް ބުނެވުނެވެ. ޒިއުނާގެ މައުސޫމްކަމަށް ޓަކައި ހައިތަމް އުފަލުން ޒިއުނާ ގެނެސް ގަޔާ ކައިރި ކޮށްލިއެވެ. އެ ރެއަށް ފަހު ޒިއުނާގެ ޝަކުވާ ހުސްވި ކަހަލައެވެ. ކުރިއަށް ވުރެ އެ ދެމީހުންގެ ގުޅުން ވަރުގަދަ ވިއެވެ. (ނިމުނީ)

ކޮމެންޓު