ޢަބްދުﷲ ސަޢީދު
20 މާރިޗް 2025
ދިވެހި ދޯަންޏެއް
15ވަނަ ގަރުނުގެ ފަހުކޮޅާއި 17ވަނަ ގަރުނުގެ ކުރީކޮޅު އިރުމަތީ ކަނޑުގެ ސަރަހައްދުތަކަށް ޔޫރަޕުގެ އުނދަޅުފަހަރު އައެވެ. ދިވެހިރާއްޖެއާއި އިރުމަތީ އެފުރިކާއާ ދެމެދު ދިވެހިބޮލީގެ ވިޔަފާރީގައި އަރަބީންގެ އޮތް ބާރު ފުރަތަމަ ފަހަތަށް ޖައްސައިލީ ޕޯޗުގީޒުންނެވެ. އޭގެ ފަހުން ޑަޗުންނެވެ. 17ވަނަ ގަރުނުގެ ތެރޭގައި އަދި އޭގެ ކުރީން ދިވެހިބޮލި ގަނޑުކޮށް ވިއްކަމުން ދިޔައީ ބަންގާޅަށެވެ. އެފުރިކާގެ އިރުމައްޗަށާއި ހުޅަނގު އައްސޭރިފަށަށް ރީއެކްސްޕޯޓް ކުރަމުން ދިޔައީ އެ ތަނުންނެވެ. 17ވަނަ ގަރުނުގެ ފަހުކޮޅު ދިވެހިބޮލީގެ ވިޔަފާރި ބޮޑަށް ހިނގަމުން އައީ ސިލޯނު (ސްރީލަންކާ) މަގުންނެވެ. އެއީ 1640 އާއި 1658 އާ ދެމެދު ޑަޗުން އެ ޤައުމު ހިފައިގެން ތިބި ދުވަސްވަރެވެ. ޑަޗުންނަށް މި ވިޔަފާރީން ވަރަށް ބޮޑު ފައިދާއެއް ލިބުނެވެ. އަދި އޭރު ސިލޯނުގެ ކޮންމެ ގަވަރުނަރަކަށް ވެސް ބަޓާވިޔާގެ ޑަޗް އޮތޯރިޓީތަކުން އެދެމުން ދިޔައީ ހުޅަނގު އެފުރިކާގެ އަޅުން ވިއްކުމުގެ ވިޔަފާރިއަށް އިތުރު އަދަދަކަށް ދިވެހި ބޮލި ފޯރުކޮށްދިނުމަށެވެ. (ބަޓާވިޔާއަކީ ރޯމަން އަންބަރާތޫރުގެ ޒަމާނުގައި ބަޓާވިއާގެ ރައްޔިތުން ދިރިއުޅުނު ނެދަލެންޑްސްގެ ގަދީމީ ރަށެކެވެ. އެއީ މިހާރު ނެދަލެންޑްސްގެ ބައެކެވެ. އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާއަށް ވެސް ކުރީން ކިޔަނީ ބަޓާވިޔާއެވެ.) 18ވަނަ ގަރުނުގެ މެދުތެރޭގައި، ހުޅަނގު އެފުރިކާގެ އަޅުން ވިއްކުމުގެ ވިޔަފާރި އެންމެ މަތީ ދަރަޖައިގައި އޮތް އިރު، އެ ވިޔަފާރީގައި ވެސް އެންމެ ބޮޑު ފައިދާއެއް ހޯދަމުން ދިޔައީ ދިވެހި ބޮލީގެ ވިޔަފާރީގެ މައްޗަށް ބާރު ހިންގަމުން އައި ޑަޗުންނެވެ. މި ބާރު ވަރަށް ދިގު މުއްދަތަކަށް ދެމިގެން ގޮސްފައި އޮތުމަށް ފަހު، އަދި ހުޅަނގު އެފުރިކާގައި ދިވެހިބޮލީގެ އަގު ވަރަށް މަތީގައި ހުރުމަށްފަހު ދަށަށްދާން ފެށިއެވެ. 1747ވަނަ އަހަރު ޝާއިޢުކުރެވުނު، (ޝާއިޢުކުރި ވަކި މީހެއްގެ ނަން ނޭނގޭ ޑަޗް) ލިޔުމެއްގައި މި ކަމަށް އަލިއަޅުވައިލައިފައިވަނީ މި ފަދައިންނެވެ.
"ކުރީގައި ބާރަ ހާސް ދިވެހިބޮއްޔަށް ފަސްސަތޭކަ ނުވަތަ ހަސަތޭކަ އަޅުން ގަނެވޭ އިރު، މިހާރު އެ ބޮޑު ފައިދާ ލިބުނު ދުވަސްވަރު ވަނީ ފާއިތުވެފައެވެ. އަދި މިހާރު އެފުރިކާގެ މީހުން އެމީހުންގެ އަގު އަންދާޒާކުރަނީ ވަރަށް މަތީންކަމަށްވުމާ އެކު، ބާރަ ނުވަތަ ސާދަ ޓަނުގެ ބޮލި ނުދީ އަޅުން ގަންނާކަށް ނުލިބެއެވެ."
ދިވެހިބޮލީން އެފުރިކާގެ އިރުމަތީ ސަރަހައްދަށް ކުރި އަސަރު ކުޑައެވެ. އެއީ އެ ސަރަހައްދުގައި ދެ ކަމެއްގެ ސަބަބުން ވީ ގޮތެއްކަމަށް ވެދާނެއެވެ. އެއް ކަމަކީ އެ ތަނުގެ ބޮލި (ސައިޕުރިއާ އެނިއުލަސް) އެ ސަރަހައްދުން ލިބެން ހުރުމާއި، ގިނަ އަދަދަކަށް ގެރިބަކަރި ގެންގުޅުމެވެ، ގެރިބަކަރި ގެންގުޅޭ ސަރަހައްދުތަކުގައި، ޚާއްޞަކޮށް ދަގަނޑު ފަދަ ތަކެތި ގިނައިން ލިބެން ހުންނަ ތަންތަނުގައި، ބޮލި ފަދަ އެތެރެކުރެވޭ ފައިސާގެ ބޭނުން ކުޑައެވެ. ނަމަވެސް އިރުމަތީ އެފުރިކާގެ އައްސޭރިފަށުގެ ސަރަހައްދުތަކުން ދިވެހިބޮލި ފުރަތަމަ ފެނުނު އިރު، ޒަންޒީބާރާއި ބަގަމޯޔޯގެ އަރަބި އަޅުންގެ ވިޔަފާރިވެރީންނަށް ކުރު މުއްދަތަކަށް ބޮޑު ފައިދާއެއް ލިބުނެވެ. މި ގޮތުން ރޮސްކޯ (1911ވަނަ އަހަރު) ލިޔުއްވައިފައިވާ ގޮތުގައި، 19ވަނަ ގަރުނުގެ ކުރީކޮޅު ބުގަންޑާ ސަރަހައްދުގައި ދެ ދިވެހިބޮއްޔަށް އަންހެނަކު ގަނެވުނެވެ. މި ސަރަޙައްދުގައި ދިވެހިބޮއްޔަކީ މިހާ އަގުހުރި އެއްޗެއްގެ ގޮތުގައި އޮތީ ކުރު މުއްދަތެއްގައެވެ. އެހެންނަމަވެސް، 1860ގެ އަހަރުތަކުގެ ތެރޭގައި އިމްޕޯޓްކުރާ ދިވެހި ބޮއްޔަށް ބުގަންޑާގެ ވެރިރަށުގައި ނުވަތަ މައި ވިޔަފާރި މަގުތަކުގައި 2,500 ދިވެހިބޮއްޔަށް ގެރިއެއް ގަނެވުނެވެ. އޭރު އަޅު އަންހެނެއްގެ އަގަކީ ހަތަރެއް ނުވަތަ ފަސް ގެރިއެވެ. 19 ގަރުނުގައި ޒަންޒިބާރު އަދި އިރުމަތީ އެފުރިކާގެ އެހެން ސަރަޙައްދުތަކުގައި އެފުރިކާއިން ލިބޭ ބޮލި (ސައިޕުރިއާ އެނިއުލަސް)އަށް ބިނާކޮށް އަމިއްލަ ބޮލީގެ ސިނާއަތެއް ތަރައްޤީ ކުރި ނަމަވެސް، ދިވެހި ބޮއްޔަށް އިރުމަތީ އެފުރިކާގައި ރަނގަޅު މާރުކޭޓެއް ލިބެމުން ދިޔައެވެ. މިހެންވީ ފަހަރެއްގައި ޒަންޒިބާރުގެ ނޫކުލައިގެ ބޮލި ދިވެހި ހުދު ބޮއްޔަށްވުރެ ބޮޑުވެފައި، އިރުމަތީ އެފުރިކާގެ އައްސޭރިއަށް ގެންދިއުމުގެ ދަތުރު ޚަރަދު ބޮޑުވެފައި ދިވެހިބޮލި ލުއިވެފައި އުފުލައި ހަދާން ފަސޭހަވުމުންކަމަށް ވެދާނެވެ.
އިރުމަތީ އެފުރިކާގެ ބައެއް ސަރަޙައްދުތަކުގައި ފައިސާގެ ގޮތުގައި ދިވެހިބޮލި ގާތްގަނޑަކަށް 1921ވަނަ އަހަރާ ހަމައަށް ބޭނުންކުރަމުން ދިޔައެވެ. އޭގެފަހުން އެ ތަންތަނުގައި ފައިސާ ބޭނުންކުރާން ފެށިއެވެ.
އިރުމަތީ އެފުރިކާއިން ދިވެހިރާއްޖެއަށް ފޯރައިފައިވާ ނުފޫޒުތައް
އިރުމަތީ އެފުރިކާގެ ނުފޫޒު ދިވެހިރާއްޖެއަށް ފޯރާފައިވަނީ ދިވެހިރާއްޖެ އިސްލާމްވި ދުވަސްވަރުން ފެށިގެން ނުވަތަ އޭގެ ވެސް މާ ކުރީންނެވެ. (ދިވެހި ދައުލަތުން ދިވެހީންގެ ދީނަކީ އިސްލާމް ދީންކަމުގައި ކަނޑައެޅުއްވީ މީލާދީން 1153ވަނަ އަހަރުއެވެ.) މީލާދުން 4-1343ވަނަ އަހަރު އިބްނު ބަޠޫޠާ ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ޒިޔާރަތުގައި ފާހަގަކުރައްވައިފައިވާ ގޮތުގައި އޭރު ވެސް ދިވެހީން ސޯމާލިއާގެ މޮގަދިޝޫގެ މިސްކު ލައި އުޅެއެވެ. އިބްނު ބަޠޫޠާގެ މި ޒިޔާރަތުގައި އޭނާއަށް ދިވެހިރާއްޖޭގެ ވަޒީރަކު ފަސް ކަންބަޅި ހަދިޔާކުރެއްވިކަމަށް ލިޔުއްވައިފައިވެއެވެ. އިބްނު ބަޠޫޠާ ފާހަގަކުރައްވައިފައިވާ ގޮތުގައި މިއީ "ރާއްޖޭގައި ވަރަށް މަދުން އުޅޭ ޖަނަވާރެކެވެ. މިއީ މަލަބާރާއި މޮގަދިޝޫއިން ގެންނަ ޖަނަވާރެކެވެ."
އިބްނު ބަޠޫޠާގެ ޒަމާނުގައި އެފުރިކާގެ އަޅުން ރާއްޖޭގެ އާބާދީގެ ބަޔެއްގެ ގޮތުގައި ދިރިއުޅުނެވެ. މޮރޮކޯގެ (މަޣުރިބުކަރައިގެ) މި ޢިލްމުވެރިޔާ ދިވެހިރާއްޖޭގައި ހުންނެވި ދުވަސްވަރު ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ މަޤާމަށް އައްޔަންކުރެވުނެވެ. އަދި އެއް ފަހަރަކު ރާއްޖޭގެ ރަސްގެފާނުގެ ތިމާގެ އަންހެން ބޭފުޅަކާ އެކު، އެފުރިކާގެ އަޅު ފިރިހެނަކު "ޒިނޭގެ ގުޅުމެއް" ހިންގިކަމުގެ ތުހުމަތުގައި ޝަރީޢަތް ކުރައްވަން ޖެހިވަޑައިގަތެވެ.
އެ ދުވަސްވަރު ރާއްޖޭގައި ތިބި އެފުރިކާގެ ހުރިހައި މީހުންނަކީ އަޅުންނެއް ނޫނެވެ. އިބްނު ބަޠޫޠާ ދެވަނަ ފަހަރަށް (1346ވަނަ އަހަރު) ދިވެހިރާއްޖެއަށް އެނބުރި ވަޑައިގަތް އިރު، ފައިބައިވަޑައިގަތީ މާޅޮސްމަޑުލު ކިނޮޅަހަށެވެ. އިބްނު ބަޠޫޠައަށް ކިނޮޅަހުން "އިޙުތިރާމާއެކު މަރުޙަބާ" ދެންނެވީ ރަށުގެ ވެރިޔާ ޢަބްދުލް ޢަޒީޒް އަލް-މަޤްދަޝާވީ (މޮގަދިޝޫ) ކަމަށް ލިޔުއްވައިފައިވެއެވެ. މި ނަމަށް ބަލާއިރު މިއީ އެފުރިކާގެ ސޯމާލިޔާގެ މޮގަދިޝޫއާ ގުޅުން ހުރި ނަމެކެވެ. ނަމަވެސް މިއީ އެފުރިކާގެ ނަސްލަކަށް ނިސްބަތްވާ ބޭފުޅެއްކަން ކަށަވަރެއް ނުވެއެވެ. (މި ހާދިސާއިން އެނގެނީ އޭރު ކިނޮޅަހަކީ ބޭރުގެ އޮޑިދޯނިފަހަރު މަޑުކުރާ ބަނދަރެއްކަމެވެ. ދިވެހިރާއްޖޭގެ ވެރިކަންކުރާ މާލެ، ނޫނަސް ބޭރުގެ ދަތުރުވެރީން ވިޔަފާރިކުރާ ބަނދަތުތައް އެ ޒަމާނުގައި ދިވެހިރާއްޖޭގައި ހުރިކަމެވެ.)
އިބްނު ބަޠޫޠާ އިތުރަށް ލިޔުއްވައިފައިވާ ގޮތުގައި "(މާލޭގެ) އެންމެ ކޮޅުގައި (ހެންވޭރުކޮޅުގައި) ހުރި، ހެޔޮލަފާ ޝައިޚު ނަޖީބު އިމާރާތްކުރެއްވި މިޙުރާބުގެއަށް "އޭނާ ޒިޔާރަތްކުރެއްވިއެވެ. މިއީ ޙަބްޝީގެފާނު މަގާންފުޅަށް ނުވަތަ "އެފުރިކާގެ ޢިއްޒަތްތެރިޔާގެ މަހާނަފުޅަށް" ކުރެވޭ ސާފު އިޝާރާތެކެވެ. (ލޮނު ޒިޔާރަތުގެ ނަން ދެވިފައިވާ މި ޒިޔާރަތަކީ) ޝައިޚް ނަޖީބުގެ ހަނދާނުގައި ބިނާކޮށްފައިވާ ޒިޔާރަތެކެވެ. (ޝައިޚު ނަޖީބަކީ އައްޝައިޚު އަލްޙާފިޒު ޔޫސުފު ނަޖީބުލް ޙަބްޝީއެވެ. މި ކަލޭގެފާނަކީ އެފުރިކާގެ ޙަބުޝް ކަރައިގެ ބޭކަލެކެވެ. ޙަބުޝްކަރައަކީ މިހާރުގެ އެތިއޯޕިއާއެވެ.)
ދިވެހީން ޤަބޫލުކުރާ ގޮތުގައި ޝައިޚު ނަޖީބަކީ ދިވެހިރާއްޖޭގެ އަތޮޅުތަކުގައި އިސްލާމްދީން ފަތުރުއްވަމުން ދަތުރުކުރެއްވި (ވަލީވެރި) ބޭކަލެކެވެ. (ޙަބްޝީގެ ފާނުގެ ނަމުން މަޝްހޫރުވެފައިވާ މި ވަލީވެރިޔާ) އަވަހާރަވީ ފާދިއްޕޮޅު ކުރެންދޫގައެވެ. (ޙަބްޝީގެފާނު މަގުބަރާ ހުންނަ ޒިޔާރަތް ހުންނަނީ އެ ރަށުގައެވެ. ނަމަވެސް މާލޭ ލޮނުޒިޔާރަތް ކޮޅުގައި ހުރީ އެ ކަލޭގެފާނު މާލޭގައި ހުންނެވިއިރު ނަމާދު ކުރެއްވުމަށް ބިނާކުރެއްވި ތަނުގައި) ހެދި ކަލޭފާނުގެ މަގާންކޮޅެވެ. މާލޭ ލޮނު ޒިޔާރަތް (1966 ވަނަ އަހަރު) ތަޅައިލެވެންދެން އެ ސަރަޙައްދުގައި އެ މަގާމުކޮޅު ހުއްޓެވެ.
ޢަރަބި އޮޑިފަހަރުގައި އެފުރިކާގެ އަޅުން ރާއްޖެއަށް ގެނައުން، މައިގަނޑު ގޮތެއްގައި މީލާދުން 19 ވަނަ ޤަރުނުގެ މެދާ ހަމައަށް ކުރިއަށް ގެންދިޔައެވެ. މި ގޮތުން ދިވެހިރާއްޖެއަށް ގެނެވުނު އެފުރިކާގެ މީހުންގެ އަދަދު މާގިނައެއް ނޫނެވެ. (ކަނޑު ދަތުރުފަތުރުގެ ތެރެއިން ބެހިގެން ރާއްޖެ އާދެވުނު އެފުރިކާގެ ބައެއް ސަރަޙައްދުތަކުގެ މީހުން ރާއްޖެއިން މީހުންނާ އިނދެގެން ވަޒަންވެރިވެފައި ވެސް ވެއެވެ.)
ވުމާއެކު މާލެ އާއި އުތުރުގެ އަތޮޅުތަކުގެ ބައެއް ދިވެހީންގެ ސިފަތަކުން އެ ނަސްލީ ސިފަތައް ސާފުކޮށް ފެންނަން އެބަހުއްޓެވެ. ދިވެހިރާއްޖެއަށް ގެނެވުނު ގިނަ އަޅުން ގެނެސްފައި ވަނީ ޒަންޒިބާރާއި އޮމާނުގެ ބަނދަރު މަސްކަޓް މެދުވެރިކޮށް އިރުމަތީ އެފުރިކާއިންނެވެ. ނަމަވެސް އޭގެތެރެއިން ބައެއް އަޅުން ގަނެގެން ގެނެސްފައި ވަނީ ސަޢުދީ ޢަރަބިއްޔާގެ ޖިއްދާއިންނެވެ.
އެއް ފަހަރަކު ދިވެހިރާއްޖޭގެ ރަސްކަލެއްކަމަށްވާ އައްސުލްޠާން ޙަސަން (ތިންވަނަ) ޙިޖާޒުން މާލެއަށް 70 އަޅުން ގެންނެވިއެވެ. އެއީ 15ވަނަ ޤަރުނުގެ މެދުތެރޭގައެވެ. (އައްސުލްޠާން ޙާޖީ ޙަސަން (ތިންވަނަ) ސިރީ ރާދަވީރު މަހާރަދުން ނުވަތަ ހަނދި ޙަސަން ރަސްގެފާނަކީ މީލާދީން 1426ވަނަ އަހަރުން 1453ވަނަ އަހަރަށް، އަދި 1454ވަނަ އަހަރުން 1456ވަނަ އަހަރަށް، ދިވެހި ރަސްކަން ކުރެއްވި ރަސްކަލެކެވެ.) 19 ވަނަ ޤަރުނުގެ ކުރީކޮޅު ލިޔެފައިވާ ދިވެހި ތާރީޚުގައިވާ ގޮތުން، މި ރަދުން (ޙައްޖުން) އެނބުރި މާލެ ވަޑައިގަތް އިރު، ގެންނެވި މި އަޅުންނާއި ދިވެހީންނާ މައްސަލައެއް ޖެހުނެވެ. އެއީ އޭގެ ތެރެއިން އަޅަކު ދިވެއްސަކު މަރާލުމުންނެވެ. ތާރީޚަށް ބަލާއިރު، ރަސްގެފާނު މި އަޅުން ބައްލަވައިގެންފައި ވަނީ ވަރަށް ބޮޑު އަގެއް ދެއްވައިގެންކަން ދޭހަވެއެވެ. އެހެނީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މި މަރުގެ އަދަބު އެ އަޅުކަލޭގެއަށް ދިނުމަށް ޙުކުމްކުރެއްވި ހިނދު، ރަސްގެފާނު އެ ކަމަށް އިންކާރުކުރެއްވިއެވެ. އަދި އޭގެ ބަދަލުގައި ފަނޑިޔާރު އަލިފާނުގައި އަންދައިލެއްވިއެވެ. ނަމަވެސް ޢާންމު ގޮތެއްގައި، ރާއްޖެއަށް ގެނެވުނު އެފުރިކާގެ އަޅުން އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކުގައި ދިރިއުޅެމުން އައީ ޞުލްޙަވެރިކަމާއެކުގައެވެ. މި އަޅުން އެ ރަށްރަށުގެ މީހުންނާ ކައިވެނިކޮށްގެން، މައިގަނޑު ގޮތެއްގައި ދިރިއުޅުމަށް ކުރި މަސައްކަތަކީ ރުއްއަރައި ރުއްގަނޑުތައް ބެލެހެއްޓުމެވެ. (ރާވެރީން ހިމެނެނީ ދިވެހީންގެ ތެރޭގައި ކުރީ ޒަމާނުގައި އޮތް ދަރަޖަތަކުގެ ތެރެއިން އެންމެ ދަށް ދަރަޖައިގެ މީހުންގެ ތެރޭގައެވެ.)
އެފުރިކާގެ އަޅުންގެ ވިޔަފާރި، 19ވަނަ ޤަރުނުގެ ފެށުމާ ހަމައަށް ވަނީ ވަރަށް ބޮޑަށް ހުއްޓިފައެވެ. 1834 ވަނަ އަހަރު މާލެއަށް ޒިޔާރަތްކުރެއްވި އިނގިރޭސިވިލާގެ ނޭވީ ލެފުޓިނެންޓަކު (އިނގިރޭސި ކަނޑުމަތީ ސިފައިންގެ އޮފިސަރަކު) ރާއްޖޭގައި ކުރެވުނު އަޅުންގެ ވިޔަފާރިއާ ބެހޭ ގޮތުން ރިޕޯޓުކޮށްފައިވެއެވެ.
"އަޅުގަނޑުމެންނަށް ލިބުނު މަޢުލޫމާތަށް ބަލާ އިރު، މަސްކަޓުގެ އުޅަނދުފަހަރު މި ތަނަށް (ދިވެހިރާއްޖެއަށް) އާދޭ. އެމީހުން އަންނަ އިރު، އާންމުކޮށް މުދަލުގެ ގޮތުގައި އަޅުން ގެނެއެވެ. ފަސް އަހަރު ކުރީން، އެއް އުޅަނދު އައިސް 25 ކުދީން ވިއްކިއެވެ. އެވްރެޖްކޮށް ކޮންމެ ކުއްޖަކަށް 80 ރުފިޔާ ލިބުނެވެ." (އަދި ނުނިމޭ)