Advertisement

ބެލެނިވެރިންގެ ދުވަހުގެ ޝުޢޫރު

31 Oct 2023 | 10:00
.

ސާދުނާ ޢަބްދުލްކަރީމް

ފުރަތަމަ ޙަމްދުން ފަށްޓައި، ފުރިހަމަ ޞަލަވާތް ކިޔަވައި

ކަރުގައި  މާފަތި އަޅުވައި، މަރުޙަބާގެ  "ކާ"  ފަށަށް

ދުވަހުގެ ހެޔޮ އެދުންތަކާ، ހުވަނދުން ކުޅަ  ވެދުންތަކާ

ސުވަރުގެ ފައިދަށުގައި ވާ، މަންމާއަށް  އަރިސްކުރަން

ހުކުރެއް ޙައްޖެއް  ނުބަލާ، ފިކުރު މަށާ މެދު  ހިންގާ

އިތުރު މަގޭ  މާތް ބައްޕާ، ދުވަހުގެ  ތަހުނިޔާ ކިޔަން

ބަސް ހެޔޮކޮށް ދަސްކޮށްދީ، ފަސްއިރުގައި ކާންބޯންދީ

ރަސްކަމުގައި ބައިންދާތީ، ކަސްތޫރިން  ވެދުންކުރަން

ފަތިހު ނަގައި ފެންވަރުވައި، އަތަރުން ގައި ކަޅިކުރުވައި

ހަތަރު ފުށުން ބަލަހައްޓާ  ބަޠަލުންނަށް ދަރުމަ އެދެން

ވިޔަކަސް ބަލި ފިރުމައިލާ ފިޔަ ވެސް އެސް ނުމެ ޖެހިލާ

ނިޔަނެތި  މައިބަފައިންނަށް ހިޔަހާސް ހެޔޮ ދުޢާކުރަން

ހާދަ ހެވޭ  މަންމާއިން  މާވަހަރެއް ފަދަ  ބަފައިން

ވާގި ދެޔޭ  މާމާއިން،  ލާބަ އެދޭ  ކާފާއިން

ޢިލްމުގެ މަގު ހޯދައިދޭ، ޚުލްޤު މަށަށް ދަސްކޮށްދޭ

ޞުލްޙަ މަގަށް ހާނައިދޭ، ޒުލްމުތަކުން ފޭ ކޮށްދޭ

އަރުތަވެރިންކަމުގައި ވާން، ވަރުގަދަ ހިތްވަރު ލާނަން

ތަރުބިއްޔަތު ދެއްވި ގޮތަށް، މަރުދުވަހަށް ހުރެ ދޭނަން

މައިބަފައިން މަރުވެ ދިޔަސް، ގައިމު ކުށެއް ނުކުރާނަން

ޅަ އިރު މި ހިނގި ހެޔޮ މަގުގައި، ފައިހަރުލައި ހުންނާނަން

ހެޔޮކަމަކަށް  ބަދަލެއް ކަމު  ތެޔޮ ހަނު ދީ ނުހަދާނަން

ކެޔޮގަނޑު ކެނޑި ގަހަށް ހަދައި، ކެޔޮވަލަކަށް ނުޖަހާނަން

ކާފާއޭ   މުންނާއޭ،  ވާ ލޯތްބަށް  ޝުކުރިއްޔާ!

މާފައަށާ  މާމައަށާ،   މާ ބޯކޮށް  ޝުކުރިއްޔާ!

މަންމައިބޭ ބައްޕައިބޭ،  ދަންމަރު ހެން އަލިކޮށްދޭ

މަންމައިތާ ބައްޕައިތާ، މަންމަ ފަދައެ ޝުކުރިއްޔާ!

ނިޔަނެތި ހެޔޮ ފަހަރިންނާ، ޅިޔަނުން ވެސް ހާދަ ހެވޭ

ތިޔަ ދޭ ލޯތްބާ ކުލުނަށް،  ވިޔަނުމެވާ ޝުކުރިއްޔާ!

މަންމާއޭ ބައްޕާއޭ،   ކަން ހުރިމަގު އެނގުނީމާ

ވަން ކިޔަމަން އެންމެންނަށް، ނަންގަނެފައި ޝުކުރިއްޔާ!

________________

އެޑިޓަރުގެ ނޯޓް
ސާދުނާ ޢަބްދުލްކަރީމަކީ ދިވެހި ބަހާއި އަދަބަށް ޚާއްޞަކޮށް ޅެންވެރިކަމަށް ލޯބިކުރައްވާ ބޭފުޅެކެވެ. ކުރު ވާހަކައާއި ރައިވަރާއި ކާ، ބަނދި، ޅެން ފަދަ ވަޒަންބަހުރުވައިގެ އުފެއްދުންތައް ވެސް އޭނާ ވަނީ އުފައްދަވައިފައެވެ. ސާދުނާއަކީ އުނގަންނައިދިނުމުގެ ދަންނުގައި މިހާރަު ވެސް ވަރަށް ޚިދުމަތްތެރި ޓީޗަރެކެވެ.

Advertisement

ކޮމެންޓް