މުޅީން ވެސް އަމިއްލަ އެދުން
އަމިއްލަ އެދުންތަކަށް ނޫނީ ޢަމަލުކުރަނީ މި ތާނގައި ކާކު؟
ދެ މިއްލަތަކަށް ވިޔަސް މި ގޮތާ ޚިލާފުވަނީ ވަކީން ފަހެ ކާކު؟
ލަޠީފީ ކަރުގަނޑަށް ބަޅިނދާ ކޮކާ ވެސް ތިރިވަނީ މި ގޮތަށް
އޮތީމާ ރީތިކަން ދެކެފައި އެކަނި، ފުއްދައިލަނީ ފަހެ، ކާކު؟
ލިބޭ ގިނަގުނަ އެހީތަކަކާ ޢިނާޔަތަކާއި ގިނަ ފައިސާ-
ގެ ބޭނުމުގައިމެ ނޫން ގޮތަކަށް ވަފާތެރިވާން ހުރީ ވެސް ކާކު؟
ވެރިންގެ ކަރާމަތާ ޖާހާ، ނުވާ ނަމަ، ޢިއްޒަތާ މާލާ
ވެރިއަކަށް ވާން އެހައި ވަރަކުން މި ދުނިޔޭގައި އުޅޭނީ ކާކު؟
ކިޔާލައިފައި އެއަށް ތާރީފު ނުލިބޭ ނަމަ، ސިކުނޑި ގާނައި
ޚިޔާލުން ޅެން ހަދާން ފަހެ ޝާޢިރުން ތެރެއިން އުޅޭނީ ކާކު؟
ނަރަކަ/ސުވަރުގެ ނުވާނަމަ މަޙުޝަރުން ލިބިދާނެކަން އެނގިފައި
ދެ ރަކުޢަތް ނަމަ ވިޔަސް އީމާނުގައި ކޮށްލައި ހަދާނީ ކާކު؟
ކުރާ ޢަމަލެއް ރަނގަޅު، ނުބަޔަސް ކުރާކަމުގައި ވަނީ ދުނިޔޭން
މުރާދު ތިމާގެ ޙާޞިލު ކޮށްލުމަށް ނޫނޭ ބުނާނީ ކާކު؟
ވަފާތެރިކަން، ވިއެކުވެރިކަން، ހިތުގެ ލޯތްބާއި އަޅުވެރިކަން
މުރާދު ތިމާގެ ޙާޞިލުކޮށްލުމަށް ނޫނޭ ބުނާނީ ކާކު؟
އެހެންވީމާ އެދޭންވާނީ ރަނގަޅު ގޮތުގައި އަމިއްލަ އެދުން
އެހެން ދުވަހެއް އެބޯތްކަން އެނގި އުޅޭން ދުނިޔޭން ނުޖެހެނީ ކާކު؟
_________________________