Advertisement

ކުޅިވަރުގެ މައިދާނުގައި ދިވެހި އަންހެނުން އިތުރު ހަރުފަތެއް ގިރާކޮށްފި

Photo: FAM

އަންހެނުންނަކީ އުންމަތުގެ ލާބައަށް ޓަކައި އަދި މުޖުތަމަޢުގެ ފައިދާއަށް ޓަކައި އަގު ނުކުރެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުން ގެންދާ ބަޔެކެވެ. އިސްލާމީ ތާރީޚު ދައްކައިދީފައިވަނީ މި ހަގީގަތެވެ. އިސްލާމީ ތާރީޚަށް ބެއްޔަސް މި ހަގީގަތް ފެންނާން އެބަހުއްޓެވެ. ކީރިތި ރަސޫލާ މުޙަންމަދު (ﷺ) މައްކާއިން މަދީނާއަށް ގެމަށްވޮޑިގަތް ހާދިސާގައި އަސްމާގެފާނު އަދާކުރެއްވި ދައުރަކީ ލާމަސީލު ދައުރެކެވެ. މުސްލިމުންގެ މެދުގައި އުފެދުނު ބައެއް މައްސަލަތައް ޙައްލުކުރުމުގައި އެކަލޭގެފާނުގެ އެކިއެކި އަނބިކަނބަލުން އަދާކުރައްވި ޚިދުމަތްތެރި ދައުރު އެހެރީ ރީތިކޮށް ފެންނާށެވެ. ޖިހާދުގެ މައިދާނުގައި އަންހެން ބޭފުޅުން މުޖާހިދުންނަށް ކުރެއްވި ހޭހަމާއި ބެހެއްޓެވި އޯގާވެރިކަން އެހެރީ ތާރީޚުގައި ލިޔެވިފައެވެ.

ޢިލްމުގެ މައިދާނުގައި ވެސް އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ. ދުނިޔޭގައި ހުރި އެންމެ ދޮށީ ޔުނިވަރުސިޓީގެ މުއައްސިސާއަކީ އަންހެން ބޭފުޅެކެވެ. ޢިލްމު ފެތުރުމުގައި އަންހެނުންގެ ދައުރަކީ ތާރީޚުގައި ފަނޑުކޮށްލެވޭން ނެތް ކުލަގަދަ ދައުރެކެވެ. މާތްﷲ ރުއްސުންލެއްވި ސިއްތުނާ ޢާއިޝަތުގެފާނުގެ ޢިލްމުވެރިކަމާއި އެ ކަމަނާ ޢިލްމު ފެތުރުއްވުމަށް ޓަކައި ކުރެއްވި މަތިވެރި ޚިދުމަތްތައް އެންމެންނަށް ވެސް އެނގެއެވެ.

ދިގުނުކޮށް، މި ދިވެހި އުންމަތުގެ އިޖުތިމާޢީ ވެށިގެ ތާރީޚަށް ބަލައިލާ އިރު، ދިވެހިރާއްޖޭގެ ވައިގެބަދަރު ހެދުމުގައި އަންހެނުން އަދާކުރި ދައުރާއި ދިވެހިރާއްޖެ އިނގިރޭސި އިސްތިޢުމާރުން ސަލާމަތްކުރެއްވުމަށް ޓަކައި އެ މީހުން ކުރި މަސައްކަތް ތާރީޚުން ފެންނާން އެބަހުއްޓެވެ. މަސްވެރިކަމާއި ފަރުހިލުމާއި ބޮނބިތަޅައި ރޯނުވެށުމާއި ފަންގިވިނުމުގައި ދިވެހި އަންހެނުން އުފުއްލި ބުރައިގެ ސަބަބުން ދިވެހި އިގުތިސާދިއްޔަތަށް ލިބުނު ރޫފައާއި، އެ މީހުން އަދާކުރި ނަމޫނާ ޚިދުމަތް ދިވެހި ތާރީޚުގައި ވަނީ ބިންވަޅު ނެގިފައެވެ.

މުޙަންމަދު އަމީން ދައުރުން ފެށިގެން ރަށުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުމުގައި 99 އިންސައްތަ ޙިއްސާ އޮތީ އަންހެނުންނަށެވެ. ވަކި ކަމެއް ނެތެވެ. ދާދި ފަހަކާ ޖެހެންދެން އޮޑިދޯނިފަހަރު އެހެލައި ބޭލުމުގައި ވެސް އެ މީހުން މުހިންމު ދައުރެއް އަދާކުރިއެވެ. މުޖުތަމަޢުގެ ތަރައްގީއަށް ޓަކައި ދިވެހި އަންހެނުން އަދާކުރި ދައުރަކީ މުހިންމު ދައުރެކެވެ.

ކުޅިވަރުގެ މައިދާނަކީ އަންހެނުންގެ ބައިވެރިވުން ވަކި ކުޑަ ދާއިރާއެއް ނޫނެވެ. ބަށިކުޅުމާއި ބަނޑިޔާޖެހުން ފަދަ ކުޅިވަރާއި ތަމްސީލާއި ފިލްމީ ދާއިރާގައި އަންހެނުންގެ ހިއްސާ ބޮޑެވެ. މުނިފޫހިފިލުވުމުގެ ދަންނުގައި އަންހެނުންގެ ދައުރު ވަރަށް ބޮޑެވެ. ފަހަކަށް އައިސް، ފުޓުބޯޅައާއި ވޮލީއާއި ހޭންޑްބޯޅައާއި ޓޭބަލްޓެނިހާއި ބެޑްމިންޓަނުގައްޔާއި ފެތުމާއި ފުންމުމާއި ދުވުމުގައި ވެސް އަންހެނުންގެ ޙިއްސާ އަންނަނީ އިތުރުވަމުންނެވެ. ހޯދާ އަރުތަ އަންނަނީ ގިނަވަމުން ގުނަވަމުންނެވެ. ނަމަވެސް ވަރަށް ފަހަކާ ޖެހެންދެން އަންހެނުން ނުފެންނަ ދާއިރާއަކީ ކުޅިވަރު އެނަލައިޒްކޮށް ހުށަހަޅައިދޭ ދާއިރާއެވެ. ކޯޗުންނާއި ރެފުރީއިންގެ ތެރޭގައި އަންހެން ބޭފުޅުން ހިމެނިވަޑައިގަތަސް އެނަލިސްޓުންގެ ތެރޭގައި އަންހެން ބޭފުޅުން މީގެ ކުރިއަކުން އަޅުގަނޑަކަށް ފެނިފައެއް ނެތެވެ. ނަމަވެސް މި އަހަރު ޖުލައި 20އިން އޮގަސްޓް 20އަށް އޮސްޓްރޭލިއާއާއި ނިއުޒީލޭންޑްގައި ބޭއްވި އަންހެނުންގެ "ވޯލްޑްކަޕް"ގެ މެޗުތައް ދިވެހިރާއްޖޭގައި އައިސް ޓީވީއިން ހުށަހަޅައިދިން އިރު އެނަލިސްޓުންގެ ގޮތުގައި މުޅީން ވެސް އަންހެން ބޭފުޅުން ފެނުނުކަމީ ހަމަ ގައިމު ވެސް އެ ކަނބަލުންގެ ތަރައްގީގައި އިތުރަށް އެޅުއްވި ފިޔަވަޅެކެވެ. ގިރާކުރެއްވި އިތުރު ހަރުފަތެކެވެ. ޓީވީގައި ވަރަށް ފުރިހަމައަށް އެ ދައުރު އެ ކަނބަލުން އަދާކޮށްދެއްވިއެވެ. އުފާވެރި މަންޒަރެކެވެ. ތަހުނިޔާއާއި ޝުކުރެވެ!

މިއީ މީޑީއާނެޓާއި އައިސްޓީވީއިން އިސްނަގައިގެން އަންހެނުންނަށް ފަހިކޮށްދިން އަގު ހުރި ފުރުޞަތެކެވެ. ކޮންމެ ބަޔަކަށް ވެސް ކުރިއަށް ދެވޭނީ އެ ބަޔަކަށް އެހީތެރިވެދީ މަގުދައްކާނޭ ބަޔަކު ވެސް ތިބެގެންނެވެ. އިންސާނުން ކުރާ ކޮންމެ ކަމެއްގައި ވެސް އެއްބާރުލުމާއި އެހީތެރިކަން އެހެން ބަޔެއްގެ ފުށުން ބޭނުންވާ ފަދައިންނެވެ. އެހެންކަމުން އަންހެނުންގެ ތަރައްގީއަށް ޓަކައި މިޑިއާނެޓާއި އައިސް ޓީވީއިން މި އެޅުއްވި މުހިންމު ފިޔަވަޅަށް ޓަކައި "ފަރަގު"ގެ ފަރާތުން ތަހުނިޔާ އަދާކުރަމެވެ. އަދި ކުޅިވަރުގެ މައިދާނުގައި އަންހެނުން އިތުރު ހަރުފަތަކަށް އަރައިފިކަމަށް އަޅުގަނޑުމެން "ފަރަގު" މި އިޢުތިރާފުވަނީ ފަޚުރުވެރިކަމާއެކުގައެވެ. ކަނބަލުންނަށް ތަހުނިޔާއެވެ! އައިސްޓީވީއަށް ޝުކުރިއްޔާއެވެ!

Advertisement

ކޮމެންޓް