Advertisement

ބާރަ އަހަރަށް ޢުމުރު ދަށްކުރަނީ ކުޑަކުދީން ޖަލަށްލާކަށެއްނޫނެވެ.

09 Apr 2024 | 00:22
ޕްރޮސެކިޔުޓަރ ޙުސައިން ޝަމީމް: ޖިނާއީ ޒިންމާ އުފުލާ އުމުރު ދަށްކުރުމާ ގުޅޭ ގޮތުން ދެއްކެވީ ޒިންމާދާރުކަން ކުޑަ ވާހަކަފުޅެކެވެ.

އަލްއުސްތާޒު އަޙުމަދު މާޖިދު

ޖިނާއީ ޒިންމާ އުފުލާން ވީ ޢުމުރާ ބެހޭ ގޮތުން ދެކެވެމުން މި ދާ ވާހަކަތަކާ ގުޅޭ ގޮތުން ބައެއް ކަންކަން ފާހަގަކޮށްލުން މުހިންމު ކަމަށް ދެކެމެވެ.

1. ބައެއް މީހުންގެ ވާހަކަތަކުގައި "އިސްލާމް ދީނުގައި އޮންނަ ގޮތަށް ޅަޢުމުރުގެ ކުދީން ކުރާ ކުށްތަކަށް ވެސް އަދަބު ދޭން ޖެހޭ" ކަމަށް އެބަ ބުނެއެވެ. މިއީ އިސްލާމް ދީނުގައި ޙަޤީޤަތުގައި ކަން އޮތް ގޮތް ނޭނގި ތިބެ ދެކެވޭ ވާހަކައެކެވެ.

މުޙައްމަދު ނަބީ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުނިޔެއަށް ފޮނުއްވުނު އިރު، ދުނިޔޭގެ ޤާނޫނީ ނިޒާމުތަކުގައެއް ކުޑަކުދީންނަކީ ވަކި ޚާއްޞަ އިމްތިޔާޒުތަކަކާއި ރައްކައުތެރިކަމެއް ލިބިގެންވާ ބަޔެއްކަމަކަށް ކަނޑައަޅައިފައެއް ނުވެއެވެ. ޚާއްޞަކޮށް، ޔޫރަޕުގެ ނިޒާމުތަކުގައި ކުޑަކުދީންނާއި ބޮޑެތި މީހުން ޤާނޫނީ ޒިންމާތަކުގައި އުޞޫލީ ގޮތެއްގައި ތަފާތެއް ނުކުރެއެވެ. ކުޑަ ކުއްޖަކު ވެސް، ކުށެއް ކޮށްފިއްޔާ ބޮޑެތި އަދަބުތައް ދެވެއެވެ. ނަމަވެސް މުޙައްމަދިއްޔަ ރިސާލަތާ އެކު އެ ކަން ބަދަލުވިއެވެ. އިތުރު އެކަލޭގެފާނުގެ ތަޢުލީމާތުގައި، "ކުޑަކުދީންގެ ކިބައިން ގަލަން އުފުއްލެވިގެންވާ"ކަމުގެ ރަން އުޞޫލު އެކަށައެޅި އިސްތިޤްރާރުވެގެން ދިޔައެވެ. ދުނިޔޭގެ ތާރީޚުގެ އެއްވެސް ދައުރެއްގައި، ކުޑަކުދީންނަށް ލިބިނުދެވޭ ފަދަ ރައްކައުތެރިކަމެއް ލިބިދެވި، ކުޑަކުދީންގެ ޙައްޤުތައް ޙިމާޔަތްކޮށް، އެ ކުދީންނަށް ހެވާއި ލާބަ ހޯދައިދީ، އެ ކުދީންގެ މަޞްލަޙަތުތައް ރައްކައުތެރި ކޮށްދީ، އެ ކުދީން ހެޔޮ ގޮތުގައި ތަރުބިއްޔަތުކޮށް، ލޯތްބާއި ރަޙުމާއި ހަމްދަރުދީއާ އެކު ހަރުދަނާ ގޮތްތަކެއްގެ މަތީން އެ ކުދީން ބޮޑެތިކުރުމަކީ މުޖުތަމަޢުގެ އެއް ބުންޔާދުކަމުގައި ކަނޑައެޅިގެން ދިޔައެވެ. ޔޫރަޕަށް ވެސް، ކުޑަކުދީންނަކީ ޚާއްޞަ އިމްތިޔާޒުތަކަކާއި ރައްކައުތެރިކަމެއް ލިބިދޭން ޖެހޭ ބަޔެއްކަމުގެ ވިސްނުން ދިޔައީ އިސްލާމީ މުޖުތަމަޢުތަކުން، މީލާދީން ތޭރަވަނަ ޤަރުނުގެ ތެރޭގައެވެ. މައިގަނޑު ގޮތެއްގައި މުސްލިމް ސްޕޭނުންނާއި، މުސްލިމް ސިސިލީއިންނާއި، ޝާމުކަރަޔާއި މިޞްރުންނެވެ.

ވީމާ، އިސްލާމް ދީނުގައި ކުޑަކުދީންނަށް އަދަބުދިނުމެއް ނެތެވެ. ކުޑަކުދީންނާ މެދު އޮތީ އިޞްލާޙީ ފިޔަވަޅު އެޅުމާއި ތަރުބަވީ ފިޔަވަޅު އެޅުމެވެ.

ހަމަ އެޔާ އެކު، ކުޑަކުދީން ވެސް، ގޯސް ކަމެއް ކުރުމުން، އެއީ ގޯސް ކަމެއްކަމާއި، އެ ގޯހުގެ ނަތީޖާއަކީ ކޮބައިކަން އެ ކުދީންނަށް ޢަމަލީ ސިފައެއްގައި ވިސްނޭ ކަހަލަ ފިޔަވަޅުތަކެއް އެޅުން މުހިންމެވެ. ކުޑަކުދީން ކަމުގައި ބެލެވޭ ޢުމުރުގެ ކޮންމެ ކުއްޖަކު ކޮންމެ ކަމެއް ކުރިޔަސް، އެ ކުދީންނަށް "އަދަބު"ދީގެން ނުވާނެޔޭ ބުނުމަކީ މޮޔަ، ތާކުންތާކު ނުޖެހޭ، ފަނާ ކުރަނިވި ވިސްނުމެކެވެ. ޒިންމާއުފުލާން ޖެހޭ ޢުމުރު އައުމަށް ފަހު، ދެން ކުރާ ގޯސް ކަންކަމާ މެދު، އެ ކަންކަމުގެ ނަތީޖާއަކީ "އަދަބު"ކަން ކުދީންނަށް ވެސް އެނގޭނޭ ފަދައިން، ކުއްޖާ ކުރި ޢަމަލަކާ އެކަށޭނަ ތައުދީބީ ފިޔަވަޅު އެޅޭން ޖެހެއެވެ. ނިޒާމު އޮންނާން ވާނީ، ކޮންމެ ކުއްޖަކަށް ވެސް، ނުބަޔަކީ ކޮބައިކަމާއި، ނުބައިގެ ނަތީޖާއަކީ ނުބައި ކަމުގެ ޠަބީޢީ ޤާނޫނު ދަސްވާނޭ ގޮތަކަށެވެ. ނުބަޔަކީ، ޒުލްމަކީ، އަނިޔާއަކީ އިންސާނީ ކަރާމާތާ ޚިލާފު، އަދި އެއްވެސް ޙާލެއްގައި ތަޙައްމަލު ނުކުރެވޭނެ، އަދި މުޖުތަމަޢު ބަލައިނުގަންނާނޭ ކަންތައްތަކެއްކަން، ފިސާރި ރަނގަޅަށް ކުދީންނަށް ދަސްވާނޭ ފަދަ ގޮތަކަށެވެ.

2. ދެން އޮތީ ކުޑަކުއްޖެއްކަމުގެ ޢުމުރު ކަނޑައެޅުމުގެ ސުވާލެވެ. ބޮޑުވަމުން އަންނަ އިންސާނަކު ކުޑަކުއްޖެއްގެ މަރުޙަލާ މާޒީއަށް ދޫކޮށް، ބޮޑު މީހަކަށް ވަނީ ކިހައި ހިސާބަކުންކަން، މިއީ ޤަޠުޢީކޮށް އެނގޭނޭ ކަމެއް ނޫނެވެ. އެކި އިންސާނުންނަށް އެ ކަން ކުޑަކުޑައިކޮށް ވިޔަސް ތަފާތު ވެސް ވެއެވެ. ހަމަ އެހެންމެ، ބައެއް ޒިންމާތަކަށް އިންސާނާ ތައްޔާރު ވާ އިރު، ބައެއް އެހެން ޒިންމާތަކަށް ތައްޔާރު ވާ ވަރަށް އޭނާގެ ތަޞައްރަފު ނުފުދި ވެސް ހުރެއެވެ.

ޖިނާއީ ކުށުގެ ޒިންމާ އުފުލާނޭ ޢުމުރު ކަނޑައަޅާން ވާނީ މި ހުރިހައި ކަމަކަށް ވެސް ވިސްނުމަށް ފަހުގައެވެ. އެ ގޮތުން ޢުމުރެއް ކަނޑައަޅާ އިރު، ކޮންމެހެން ވެސް ބައެއް ކަންކަމަށް ރިޢާޔަތް ކުރާން ވާނެއެވެ.

ފުރަތަމަ ކަމަކީ، ކީރިތި މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތަޢުލީމާ އެއް ގޮތަށް، ގަލަން އުފުއްލެވިގެންވާ ޢުމުރުގެ ކުދީންނަށް ޖިނާއީ އެއްވެސް އަދަބެއް ނުދިނުމެވެ. އެ ޢުމުރަކީ ކޮބައިކަމާ މެދު ޢިލްމުވެރީންގެ މެދުގައި ޚިލާފު އެބަހުއްޓެވެ. މިއީ އެ ޚިލާފުތަކާ މެދު ވާހަކަދެއްކުމަށް ލިޔާ ލިޔުމަކަށް ނުވާތީ، އޭގެ ތަފުސީލުތަކަކަށް ނުދާނަމެވެ. ނަމަވެސް، އެ ޢުމުރާ މެދު ދެކެވިފައި ހުރި ވާހަކަތަކުން ފެންނަނީ، މީލާދީ ގޮތުން ކިޔަންޏާ، 9 އަހަރާއި 14 އަހަރާ ދެމެދުގެ އެކިއެކި ޢަދަދުތަކެވެ. ޒަމާނީ ފިޤްހާއި އެހެނިހެން ޢިލްމުތަކުގެ އަލީގައި، އަޅުގަނޑުމެންނަށް ކޮންމެވެސް އެއް ޢުމުރެއް ޤާނޫނީ ގޮތުން ކަނޑައެޅިދާނެއެވެ. ދުނިޔޭގެ ޤައުމުތަކުގައި ކުދީން އެއްވެސް ކަހަލަ ޖިނާއީ ޒިންމާއެއް އުފުލާން ނުޖެހޭކަމަށް މިހާރު ކަނޑައަޅައިފައި އޮންނަނީ، އިސްލާމީ ފިޤްހާ ވަރަށް ބޮޑަށް ދިމާ ވާ ޢަދަދުތަކެކެވެ. ޢާއްމުކޮށް ފެންނަނީ 10 ނުވަތަ 12 ނުވަތަ 14 ވަރަކަށް އަހަރެވެ. އެހެންކަމުން، ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް އެއްވެސް ސިފައެއްގައި ކުދީން ވެއްދޭނީ މި ޢުމުރުފުރުމަށް ފަހުގައެވެ. މި ޢުމުރުން ދަށުގެ ކުދީން ކުރާ ކުށްތަކާ ގުޅިގެން އިޞްލާޙީ ފިޔަވަޅުތަކެއް އެޅޭން ވާނީ މައިންބަފައިން، ޢާއިލާ، މަދަރުސާ، ނުވަތަ މަދަރުސާތަކާ އެއްފަދަ އިޞްލާޙީ ނިޒާމެއްގެ ތެރެއިންނެވެ.

ދެވަނަ ކަމަކީ، ޖިނާއީ ޒިންމާ ކޮންމެވެސް ސިފައެއްގައި އުފުލާން ފަށާ ޢުމުރު - މިސާލަކަށް މިހާރު ބަންޑާރަ ނާއިބު ހުށައަޅުއްވައިފައި ވާ ފަދައިން 12 އަހަރު - ކަނޑައެޅުމަށް ފަހު، އެ ޢުމުރު ހަމަވުމަކީ، ހުރިހައި ޖިނާއީ ޒިންމާއެއް އުފުލުމުގެ ތަކުލީފު ކުއްޖާގެ ކޮނޑުގައި އެޅުވޭ ކަމަކަށް ނުހެދުމެވެ. ކުއްޖަކުގެ ޢުމުރުން 11 އަހަރާއި 364 ދުވަސް ވާ އިރު ކުއްޖާ ހުންނަ ނަފްސާނީ، ޢަޤްލީ، އަދި ޖިސްމާނީ ޙާލަތު، 12 އަހަރު ފުރިހަމަ ވާ ދުވަހު ކުއްލިޔަކަށް ބަދަލެއް ނުވާނެއެވެ. ހަމަ އެހެންމެ، މި ޢުމުރަކީ ކުއްޖާގެ ކިބައިގައި ޖިނާއީ ޒިންމާ ބޮޑު މީހެކޭ އެއްފަދައިން އުފުލުމުގެ ނަފްސާނީ އަދި ޢަޤްލީ ޤާބިލިއްޔަތު ފުރިހަމަ ވެފައި ހުންނާނޭ ޢުމުރެއް ވެސް ނޫނެވެ. ވީމާ، 12 އަހަރު ވާ ހިސާބުން ކުއްޖާ އުފުލާން ޖެހޭ ޖިނާއީ ޒިންމާ ވާން ވާނީ ލުއި ޒިންމާއަކަށެވެ. ފުރަތަމަ މަރުޙަލާގެ ޒިންމާއަކަށެވެ. ބައެއް ކުށްތަކަށް، ބައެއް ޙާލަތްތަކުގައި ޖިނާއީ ޢަދުލުގެ ނިޒާމުން ފިޔަވަޅު އެޅޭ ގޮތަށް އެކަށައެޅޭ ޒިންމާއަކަށެވެ. އެހެން ކަންތައްތަކުގައި ކުއްޖާ ދެން ވެސް ކުރިމަތިލާން ޖެހޭނީ ޢާއިލާ ނުވަތަ މަދަރުސާގެ ތައުދީބީ ފިޔަވަޅުތަކާއެވެ. އެންމެ ރަނގަޅު ގޮތަކީ، 12 އަހަރާއި 18 ވަރަކަށް އަހަރާ ދެމެދުގައި، ކުއްޖާގެ ޖިނާއީ ކުށުގެ ޒިންމާ އުފުލުމުގެ ތަކުލީފުގެ ދާއިރާ މަޑުމަޑުން، މަރުޙަލާތަކަކުން، ފުޅާ ވެގެން ގޮސް، 18 އަހަރުން އެ ތަކުލީފު ބޮޑު މީހަކާ އެއްވަރު ވާ ގޮތަށް އޮތުމެވެ. ކޮންމެ ގޮތެއްގައި ވެސް، 12 ވަރަކަށް އަހަރު ވުމަށް ފަހު، ދެން ބައެއް ކުށްތަކަށް ކުދީން ވެސް ހަމަ ކުށަށް ޒިންމާ ވުމުގެ އުޞޫލުގެ ދަށުން ޒިންމާ ވާން ޖެހޭނެއެވެ. މި ކުރެވުނީ ކުށެއް ކަމާއި، އޭގެ ނަތީޖާ ވަރަށް ހިތިކަން ކުއްޖާއަށް ރަނގަޅަށް އިޙުސާސް ކުރެވޭ ފަދަ ފިޔަވަޅުތަކެއް އަޅާން ވާނެއެވެ. އެކަމަކު، އެ ފިޔަވަޅުތައް އަޅާން ވާނީ "ރުޖޫޢީ އިންޞާފު"(restorative justice) ގެ އުޞޫލުތަކާއި ހަމަތައްކަން ފާހަގަކުރާން ޖެހެއެވެ.

ތިންވަނަ ކަމަކީ، ބައެއް ކަހަލަ ޖަރީމާތައް - މިސާލަކަށް ތުއްތު ކުއްޖަކު ރޭޕު ކޮށްފައި މަރައިލުން - ފަދަ ކަމެއް "ކުޑަ ކުއްޖަކު" (މިސާލަކަށް ޢުމުރުން 13އަހަރުގެ ކުއްޖަކު) ކުރާ ޙާލަތަކީ ވެސް ޚާއްޞަ ޙާލަތެއް ކަމުގައި ބަލައި، އެ ކުއްޖާއާ މެދު ޚާއްޞަ އުޞޫލުތަކަކުން، ހަރުކަށިކޮށް ކަންތައްތައް ކުރާން ވާނޭކަމެވެ. މިއީވެސް ދުނިޔޭގެ ކުރި އަރައިފައިވާ ޤާނޫނީ ނިޒާމުތަކުގައި ކަން އޮންނަ ގޮތެވެ.

- އެއް މިސާލަކީ، އެލީޝާ މެކްފެއިލް ކިޔާ ޢުމުރުން ހަ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ވަގަށް ނަގައިގެން ގެންގޮސް، ރޭޕުކޮށްފައި މަރައިލުމުގެ ޖަރީމާ ހިންގި، ޢުމުރުން 16 އަހަރުގެ އާރޮން ކެމްބެލްއާ މެދު ސްކޮޓްލެންޑުގެ ޖިނާއީ ޢަދުލުގެ ނިޒާމުން ކަން ކުރެވުނު ގޮތެވެ. ބޮޑު މީހެއްގެ ގޮތުގައި އޭނާގެ މައްޗަށް ޝަރީޢަތް ހިންގި، ފުރަތަމަ ޙުކުމް އިއްވުނީ 27 އަހަރުގެ ޖަލުޙުކުމެކެވެ. އިސްތިޢުނާފުގައި އެ ޙުކުމް 24 އަހަރަށް ކުޑަ ކުރެވުނު ނަމަވެސް، އިސްތިޢުނާފު ކޯޓުގެ ފަނޑިޔާރުން ވެސް އޭނާއަށް ޙުކުމް ފުރިހަމަ ނުކޮށް މުޖުތަމަޢަށް ނައުދެވޭނެކަމަށް އިއްތިފާޤު ވެވަޑައިގަތެވެ.

 - ދެވަނަ މިސާލަކީ، އެމެރިކާގެ ފްލޮރިޑާގައި، ބޮޑު މީހެއްގެ ގޮތުގައި ޝަރީޢަތްކުރެވި ޢުމުރަށް ޖަލަށް ލެވުނު ޖޮޝުއާ ފިލިޕްސްއެވެ. ޢުމުރުން އަށް އަހަރުގެ މެޑީ ކްލިފްޓަންއަށް އޭނާގެ އަތުން އޮޅުމަކުން ލިބުނު އަނިޔާއަށް ފަހު، އޭނާގެ ބައްޕަ ދީފާނޭ އަދަބަކަށް ބިރުން ފޯނު ވާގަނޑަކުން ކަރަށް ފިތައި ބާރު ކޮށް، ހަށިގަނޑުގެ އެގާރަ ތަނަކަށް ވަޅި ހަރައިގެން މެޑީ މަރައިލުމުން، ޖޮޝުއާ ފިލިޕްސްގެ މައްޗަށް ޝަރީޢަތް ކުރެވި ޢުމުރަށް ޖަލަށް ލެވުނު އިރު، ޢުމުރަކީ 14 އަހަރެވެ.

-----------------------

ދެން އޮތީ، ކުޑަކުދީން ޖަލަށް ލާ ވާހަކައެވެ. މި ކަމާ ގުޅިގެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި އިސްލާމީ ޝަރީޢަތާ ޚިލާފަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވާ އަލްއުސްތާޛު ޙުސައިން ޝަމީމު ދެއްކެވި ވާހަކަފުޅު ފާހަގަ ކޮށްލާން ޖެހެއެވެ. ޖިނާއީ ޒިންމާ އުފުލާން ފަށާ ޢުމުރަކީ 12 ކަމުގައި ކަނޑައެޅުމަށް ގަސްތުކުރައްވާކަން ބަންޑާރަ ނާއިބު ހާމަ ކުރެއްވުމުން، ޝަމީމު ކުއްލިޔަކަށް ދެއްކެވީ ކުޑަކުދީން ޖަލަށްލުމަކީ ގޯހެކޭ ވިދާޅުވެ ދެއްކެވި ވާހަކަފުޅެކެވެ. މި ވާހަކައާ މެދު ފުރަތަމަ ވެސް ޙައިރާން ވާން ޖެހޭ ސަބަބަކީ، ކުޑަކުދީން ޖަލަށް ލާ ވާހަކަ ބަންޑާރަ ނާއިބު ވިދާޅުވެފައި ނުވާތީއެވެ. "ސްޓްރޯވ މޭން" ޒުވާބަކާ އެކު، ޝަމީމު ދެއްކެވި ވާހަކައަކީ އޭނާ ޕްރޮސިކިޔުޓަރ-ޖެނެރަލްގެ މަޤާމަށް ކުފޫ ހަމަ ނޫންކަން އަނެއްކާ ވެސް ހާމަ ވެގެން ދިޔަ ސަބަބެކެވެ. ވީމާ، ދިވެހި ޤައުމުގެ މަޞްލަޙަތަށް ޓަކައި، އެ މަޤާމަށް ޤާބިލު ބެއިފުޅަކު ގެނައުމަށް މަގުފަހިކުރުމުގެ ގޮތުން ޝަމީމު އިސްތިޢުފާ ދެއްވުމަށް ނަޞޭޙަތްތެރިވަމެވެ. އެޔާ އެކު، ފާހަގަކުރާން ޖެހޭ ކަމަކީ، ޢުމުރުން އެއްވެސް އަހަރެއްގެ މީހަކު ޖަލަށް ލުމަކީ އިޞްލާޙީ ފިޔަވަޅެއް ނޫންކަމާއި، ޖިނާއީ ޢާންމު އަދަބެއްގެ ގޮތުގައި ޖަލަށް މީސްތަކުން ލުމަކީ ޔޫރަޕުގެ ބަރުބަރީ ޒަމާނުއްސުރެ ދެމި އޮތް، ބަރުބަރީ، އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލެއްކަމެވެ. ތަޙުޤީޤަށް ޓަކައި ބައެއް ޙާލަތުތަކުގައި ބައެއް މީހުން ބަންދުކުރެވުނަސް، އަދަބުދިނުމުގައި އެންމެ އިންޞާފުވެރި ނިޒާމަކީ އިސްލާމީ އަދަބުތަކުގެ ނިޒާމެވެ. ވަރަށް އިސްތިސްނާ ޙާލަތެއްގައި ޖަލު ޙުކުމް ބޭނުން ކުރެވުނަސް، އެއީ ޢާންމު އަދަބެއްގެ ގޮތުގައި ބޭއްވުން ރަނގަޅު އަދަބެއް ނޫންކަމެވެ.

ޢުމުރުން 12 އަހަރުން ފެށިގެން ޖިނާއީ ޒިންމާ އުފުލާން ޖެހޭ ގޮތަށް ޤާނޫނު ބަދަލު ކުރެވުނަސް، ޝަމީމު އެ ހީފުޅު ކުރައްވާ ހެން، 12 ނުވަތަ 13 އަހަރުގެ ކުދީން ޖަލަށްލާކަށް ނުޖެހެއެވެ. އެ ފަދަ ކުދީންނަށް ދެވިދާނޭ އެހެނިހެން އަދަބުތައް ވެސް އެބަހުއްޓެވެ.

ކޮންމެއަކަސް، މިއީ ވަރަށް ފުޅާ މައުޟޫޢެއް ކަމުގައި ވާތީ، މި ނުކުތާތަކާ އެކު ކުރުކޮށްލަމެވެ. ޤާބިލު ބަޔަކު މި ކަމާ މެދު ފުރިހަމަ ދިރާސާތަކެއް ކޮށް، ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ތަޢާރަފުކުރެވޭނެކަމަށް އުންމީދުކުރަމެވެ. އެ ޤާބިލިއްޔަތު ހުންނާނީ، މިޞްރުގެ ޖާމިޢުލްއަޒްހަރު ފަދަ ހަރުދަނާ އިސްލާމީ ޔުނިވަރުސިޓީއަކުން ޝަރީޢަތާއި ޤާނޫނު (މި ދެ ބައި) ކިޔަވައިވިދާޅުވެގެން ތިއްބެވި ބެއިފުޅުންގެއެވެ. ބައެއް ކަހަލަ އިސްތިޢުމާރީ ވިސްނުންތަކަށް އަޅުވެތި، ނުވަތަ ދީނުގެ ނަމުގައި ހަރުކަށިކަމުގައި ޙައްދުފަހަނައަޅައިފައި ތިބޭ މީހުންނަކަށް އެ ކަމެއް ނުވާނެއެވެ. (ނިމުނީ)

_______________________________________

އެޑިޓަރުގެ ނޯޓް
އަލްއުސްތާޒު އަޙުމަދު މާޖިދަކީ ބަހަވީ ޤާނޫނީ ދާއިރާގެ ޢިލްމީ ލިޔުންތެރިއެކެވެ. މިހާރު އޭނާ ގެންދަވަނީ އެ ދާއިރާއިން ޕީއެޗްޑީ ފުރިހަމަކުރައްވަމުންނެވެ.

Advertisement

ކޮމެންޓް