އަބާ މުޙަންމަދު
26 ސެޕްޓެންބަރު 2026
އިޒުރޭލުގެ ބޮޑުވަޒީރު ބުންޔާމީން ނަތަންޔާހޫ އދ.ގެ އާންމު މަޖިލީހުގައި ތަގުރީރުކުރުމާ ގުޅިގެން ބައިނަލްއަގުވާމީ މަސްރަހުގައި ބޮޑެތި ބަހުސްތަކަކާއި ނުރުހުންތަކެއް ވަނީ އުފެދިފައެވެ. ޚާއްޞަކޮށް، ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ)އިން އޭނާ ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ދަނޑިވަޅެއްގައި، އދ. ފަދަ ދުނިޔޭގެ އެންމެ ބޮޑު މަޖިލީހުގައި ވާހަކަދެއްކެވުމުގެ ފުރުޞަތު އެ ފަދަ މުޖުރިމަކަށް ލިބުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.
މި ކަމާ މެދު އުފެދިފައިވާ މައިގަނޑު ކަންބޮޑުވުންތަކާއި އެކި ފަރާތްތަކުން ދެކޭ ގޮތް ތިރީގައި އެ ވަނީއެވެ:
1. ބައިނަލްއަގުވާމީ އިންސާފާއި އދ.ގެ ނިޒާމު:
ގިނަ ގައުމުތަކަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމުއިއްޔާތަކުން ދެކޭ ގޮތުގައި، ހަނގުރާމައިގެ ޖަރީމާތައް ހިންގާ މުޖުރިމަކަށް އދ.ގެ އާންމު ޖަލްސާގައި ތަގުރީރުކުރުމުގެ ފުރުޞަތު ދިނުމަކީ ބައިނަލްއަގުވާމީ އިންސާފުގެ ނިޒާމަށް ކުރެވޭ މަލާމާތެކެވެ. އދ.އަކީ އިންސާނީ ހައްގުތަކާއި ސުލްހަ ގާއިމުކުރުމުގެ ނަމުގައި އުފައްދައިފައިވާ މުއައްސަސާއަކަށްވާ އިރު، އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ ބޮޑު ތާރީޚެއް އޮތް މި ފަދަ މީހަކަށް އެ މަންސަ ބޭނުންކުރުމުގެ ހުއްދަ ލިބުމަކީ އދ.ގެ އިތުބާރު ގެއްލޭ ކަމެއްގެ ގޮތުގައި ސިފަކުރެއެވެ. އަދި އެއީ އދ.އަކީ ދުނިޔޭގެ ސުލްޙަ ގާއިމުކުރުމުގެ އެއްވެސް ބާރެއް ނެތް ބޭކާރު ތަނެއްގެ ގޮތުގައި ގިނަ ބަޔަކު މާނަކުރެއެވެ.
2. ނަތަންޔާހޫގެ ތަގުރީރު ބޮއިކޮޓްކުރުން - އިހުތިޖާޖުގެ ވަރުގަދަ މެސެޖެއް:
ނަތަންޔާހޫ ތަގުރީރުކުރާން ޕޯޑިއަމް ކައިރިއަށް އައުމާ އެކު ދުނިޔޭގެ 70 އަށްވުރެ ގިނަ ގައުމުގެ ވަފުދުތަކުން ޖަލްސާ އޮތް މާލަން ދޫކޮށް ނުކުތުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގެ ގިނަ ބަޔެއްގެ ނުރުހުން ނަތަންޔާހޫއަށް އޮތްކަން ހާމަކޮށްދިން ކަމެކެވެ. މިއީ އިޒުރޭލުން ހިންގަމުންދާ އަމަލުތަކާއި، އޭނާގެ ސިޔާސަތުތަކާ މެދު ދުނިޔޭގެ ގިނަ ގައުމުތަކުން ކަނޑައެޅިގެން ދެކޮޅުކަން އަންގައިދިން ސަރީޙަ މެސެޖެކެވެ.
3. ނަތަންޔާހޫގެ ތަގުރީރު ބޮއިކޮޓުކޮށް އިހުތިޖާޖުކުރުމުގެ ގޮތުން ނުކުތް ގައުމުތައް:
އިހުތިޖާޖުކުރުމުގެ ގޮތުން ނުކުތް ހުރިހައި ގައުމުތަކުގެ ނަންތައް މީޑިއާތަކުން މުޅީން އާންމުކޮށްފައި ނުވި ނަމަވެސް، އެ ގައުމުތައް އެކި ފަރާތްތަކުން ހާމަކޮަށްފައި ވެއެވެ. މި ގައުމުތަކަކީ:
ޢަރަބި ގައުމުތައް (18): ސޫރިއާ، ފަލަސްތީން، އުރުދުން، ލުބުނާން، އިރާގު، ސައުދީ ޢަރަބިއްޔާ، ޤަޠަރު، ކުވައިތު، ޢުމާން، ޔަމްނަ، މިޞްރު، ސޫދާން، ޓިއުނީޝިއާ، އަލްޖީރިއާ، ލީބިއާ މޮރިޓޭނިއާ، ސޯމާލިއާ، ކޮމޯރޯސް،
އޭޝިއާގެ ގައުމުތަކާއި ތުރުކީވިލާތް (14): ތުރުކީވިލާތް، އީރާން، ޕާކިސްތާން، އަފުޣާނިސްތާން، ދިވެހިރާއްޖެ، ބަނގުލާދޭޝް، އިންޑޮނޭޝިއާ، މެލޭޝިއާ، ބުރޫނާއީ ދާރުއްސަލާން، މިޔަންމާރ، އުތުރުކޮރެއާ، ތުރުކުމެނިސްތާން، އުޒުބަކިސްތާން، ކިރިގިސްތާން
ޢަރަބި ނޫން އެފުރިކާގެ ގައުމުތައް (20): ދެކުނު އެފުރިކާ، ސެނެގާލް، ޖިބޫތީ، އެންގޯލާ، ކޮންގޯ، ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ، ލައިބީރިއާ، އެރިތުރިއާ، ޗާޑު، ސެންޓުރަލް އެފުރިކަން ރިޕަބްލިކު، މަޑަގަސްކަރަ، ނައިޖާރ، ބޮޓުސްވާނާ، ޔޫގެންޑާ، ލެސޯތޯ، އެސްވަތީނީ، އީކުއެޓޯރިއަލް ގިނީ، މޮޒަންބީކު، ނެމީބިއާ، ކެންޔާ
ލެޓިން އެމެރިކާއާއި ކެރީބިއަންގެ ގައުމުތައް (17): ސުރީނާމް، ޕެނަމާ، ވެނެޒުއޭލާ، އެންޓިގުއާ އެންޑް ބާބިއުޑާ، ބެލައިޒު، ބާބަޑޯސް، ކޮލަމްބިއާ، ޑޮމިނިކާ، ނިކަރާގުއާ، ޕެރޫ، ސެއިންޓް ލޫސިއާ، ބަހާމާސް، ބޮލީވިއާ، ކިއުބާ، ގަޔާނާ، ބުރެޒީލް، ޗިލީ،
ވިލާތުގެ ގައުމުތައް (6): ނޯތު މެސެޑޯނިއާ، ސޭން މެރީނޯ، ސްލޮވޭނިއާ، ބޮސްނިއާ އެންޑް ހެޒަގޮވީނާ، އިސްޕޭނު، އަޔަރލޭންޑް
އޯޝޭނިއާގެ ކުދި ގައުމުތައް (2): ތުވަލޫ، ޓޮންގާ
އިސްވެ ދަންނަވައިލެވުނު ލިސްޓުން އެނގިވަޑައިގަންނަވާނޭ ފަދައިން މި އިހުތިޖާޖުގައި ދިވެހިރާއްޖޭގެ ވަފުދުން ވެސް ވަނީ ނަތަންޔާހޫ ތަގުރީރުކުރާން ފެށުމާ އެކު އދ.ގެ އާންމު ޖަލްސާ އޮތް މާލަން ދޫކޮށް ނުކުމެފައެވެ.
މި ގައުމުތަކުން ޖަލްސާކުރާ މާލަން ދޫކޮށް ނުކުތީ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ނަސްލުހޭދާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުންނެވެ.
4. ބޮޑެތި ބާރުތަކުގެ ނުފޫޒާއި ދެ މީޔާރު (ޑަބަލް އިސްޓޭންޑަޑު):
މި މައްސަލައިގައި އެމެރިކާ ފަދަ ދުނިޔޭގެ ބޮޑެތި ބާރުތަކުން އިޒުރޭލަށް ދެމުންދާ ސިޔާސީ އަދި ދިފާއީ އެހީތެރިކަމުގެ ސަބަބުން، އދ.ގެ ނިންމުންތަކަށް އެމެރިކާގެ ނުފޫޒު ފޯރާކަން އޮޅުމެއް ނެތި ސާފުވެއެވެ. ބައިނަލްއަގުވާމީ ގާނޫނުތައް ހިންގުމުގައި ވަކި ގައުމަކަށް ބަލައި ތަފާތުކުރުންތައް ގެންގުޅޭކަމުގެ ތުހުމަތު (ދެ މީޔާރު) އުފެދެނީ މިފަދަ ސަބަބުތަކާ ހުރެއެވެ. ކުޑަކުޑަ ގައުމަކުން ގާނޫނާ ޚިލާފުވުމުން (އަދި ޚިލާފު ނުވިޔަސް އެމެރިކާ ނުރިހިއްޖެ ނަމަ) ފިޔަވަޅު އަޅާއިރު، ބޮޑެތި ބާރުތަކުގެ ހިމާޔަތް ލިބޭ ގައުމުތަކުން ގާނޫނާ ޚިލާފުވިޔަސް ފިޔަވަޅު ނޭޅޭކަން ދުނިޔޭގ ގައުމުތަކަށް ވަނީ ތަޖުރިބާކުރެވިފައެވެ.
5. އދ. ގެ ބަސް:
އދ. ގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތުން، އދ. ގެ މެންބަރު އެއްވެސް ގައުމެއްގެ ވެރިޔަކު އާންމު މަޖިލީހުގައި ވާހަކަދައްކަން އެދިއްޖެ ނަމަ، އެ ފުރުޞަތު ދޭންޖެހޭކަމަށް އދ. ބުނެއެވެ. އދ.އަކީ ހަމައެކަނި އެއްބަސްވާ ގައުމުތަކުގެ އެއްވުމެއް ނޫންކަމަށާއި، އިދިކޮޅު އަދި ހަނގުރާމައިގެ ހާލަތްތަކުގައިވާ ގައުމުތަކުގެ އަޑުވެސް އަހާންޖެހޭ މަންސައެއްކަމަށް އދ. އިން ދެކެއެވެ. ނަމަވެސް އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫނެވެ. ބައިނަލްއަގުވާމީ ކޯޓަކުން ކުށްވެރިއެއްކަމަށް ކަނޑައަޅައިފައިވާ މީހަކު ޖެހޭނީ އެ މީހަކު ދާ ގައުމަކުން ހައްޔަރުކުރާށެވެ. އދ.ގެ މައި އިދާރާ ހުންނަނީ އެމެރިކާގައިކަމަށްވާތީ އޭނާ ހައްޔަރުކުރާންޖެހޭނީ އެމެރިކާއިންނެވެ. ނަމަވެސް އެމެރިކާއަކީ އިޒުރޭލުގެ ޙިމާޔަތުގައިވާ އެމެރިކާގެ އެންމެ އިތުބާރުކުރެވޭ މަދަދުގާރެވެ.
މުޅި މަންޒަރަށް ބަލާއިރު، އިޒުރޭލުގެ ބޮޑުވަޒީރު އދ.ގައި ތަގުރީރުކުރުމާއި، އެ ކަމާ ދެކޮޅަށް ގިނަ ގައުމުތަކަކުން ޖަލްސާކުރާ މާލަން ދޫކޮށް ދިއުމަކީ ދުނިޔޭގެ ސިޔާސީ ނިޒާމުގައި ހުރި ބޮޑެތި ހުރަސްތަކާއި އިންސާފު ގާއިމުކުރުމުގައި ހުރި ގޮންޖެހުންތައް ސާފުކޮށް ހާމަކޮށްދިން ހާދިސާއެކެވެ. ބައިނަލްއަގުވާމީ ގާނޫނުތަކާއި އިންސާނީ ހައްގުތައް ކަށަވަރުކުރުމަށް ޓަކައި އދ. ފަދަ އިދާރާތަކުގެ ނިޒާމު އިސްލާހުކޮށް، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ އިންސާފެއް ގާއިމުކުރުމަކީ މިއަދު ދުނިޔެއަށް ކުރާން ލާޒިމު ކަމެކެވެ. ނަމަވެސް މި ހުރިހައި ތަނެއްގައި ވެސް އެމެރިކާގެ ނުފޫޒު ބޮޑުކަމުން ދުނިޔޭގައި އިންސާފު ގާއިމުކުރުމަށް ބޮޑެތި ހުރަސްތައް ވަނީ ކުރިމަތިވެފައެވެ. އެހެންކަމުން އެމެރިކާއާ ދެކޮޅަށް، އީރާނު ފަދައިން އިސްލާމީ ހުރިހައި ގައުމަކުން ކެރިގެން ނުކުމެ އެމެރިކާއަށް ނޫނެކޭ ބުނާން އެބަ ޖެހެއެވެ. ނަމަވެސް އިސްލާމީ ގިނަ ގައުމުތަކުން ފެންނަނީ އިޒުރޭލާއި އެމެރިކާއަށް ތާއީދުކުރުމުގެ މުނާފިގު ސިޔާސަތެކެވެ.