ad_banner
ސުމޭކީ ރައްހާލުންނަށް 2026ވަނަ އަހަރު އެންމެ ރަނގަޅު ގައުމަކީ މެލޭޝިއާ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

12 އޯގަސްޓް 2026

އާދޭހެވެ! ތިޔަ ހީފުޅުކުރެއްވި ފަދައިން [މެލޭޝިއާއަކީ 2026 ވަނަ އަހަރު ސުމޭކީ ރައްޙާލުންނަށް އެންމެ ރަނގަޅު ގައުމު]ކަމަށް ވަނީ މި އަހަރު ކަނޑައެޅިފައެވެ.

މެލޭޝިއާއަކީ ހުރިހައި މޫސުމެއްގައި ވެސް ފުރިހަމައަށް އިރުގެ އަލިކަން ލިބޭ، އާދައިގެ ފިނިހޫނުމިނެއްގައި އޮންނަ ގައުމެއް ނަމަ ވެސް، އެ މީހަކު ބޭނުން ފިނި ހޫނުމިނެއްގައި އެ ގައުމުގައި އުޅެވިދާނެއެވެ. ކެމަރޫން އުސްބިމާއި، ގެންޓިންގެ އުސް ބިމުގެ ސަރަހައްދަކީ އަބަދު ވެސް ފިނި ސަރަހައްދުތަކެކެވެ. އެހެން ސަރަހައްދުތަކަކީ ދިވެހިރާއްޖެ ފަދައިން ހޫނު ސަރަހައްދެވެ. ވައިގެ ތާޒާ ފިނި ރޯޅި ބޭނުން ނަމަ، އައްސޭރިފަށުގެ ސިޓީއެއް ޚިޔާލުކޮށްލާންވީއެވެ. މެލޭޝިއާގެ ޚާއްޞަ އެއް ސިފައަކީ ފިސާރި ސާފުތާހިރުކަމާ އެކު، ލޮލުގެ ކުރިމަތީގައި ތައްޔާރުކުރާ ތައްޔާރީ [މަގުމަތީގެ ކާބޯތަކެއްޗެވެ.] ވަރަށް ރަނގަޅު، ވައިފައި [ގުޅުމެއް] (ކަނެކްޝަނެއް) ބޭނުން ނަމަ، ޚިޔާރުކުރާންވީ ވެސް ހަމަ މެލޭޝިއާއެވެ. ދިވެހި ގިނަ ޒުވާނުންނަށް މެލޭޝިއާ އެ ހައި ކަމުދަނީ ވައިފައިގެ މި ހަލުވި އިސްޕީޑުގެ ސަބަބުންކަމަށް ވެދާނެއެވެ،

އާދޭހެވެ! ސުމޭކީ ރައްހާލުންނަށް (އިންޓަނެޓް މެދުވެރިކޮށް ދުރުގައި ތިބެގެން މަސައްކަތްކުރާ މީހުންނަށް) ދުނިޔޭގެ އެންމެ ރަނގަޅު ގައުމަކީ މެލޭޝިޔާކަމުގައި ދާދި ފަހުން ވަނީ ކަނޑައަޅައިފައެވެ. މިއީ ދިރިއުޅުމުގެ ޚަރަދާއި، ޓެކުހުގެ ގަވާއިދުތަކާއި، ރައްކާތެރިކަމާއި ވިސާ ލިބޭނެ މަގުތައް ހިމެނޭ ގޮތަށް ދިރިއުޅުމުގެ އެކި ބައިތަކަށް ބަލައި 192 ގައުމަކަށް މާކުސްދީފައިވާ 'ރުމާވީ ގްލޯބަލް ރީލޮކޭޝަން އިންޑެކްސް 2026'އަށް ބިނާކޮށް ކަނޑައަޅައިފައިވާ ކަނޑައެޅުމެކެވެ. މި އިންޑެކުހުގައި މާކުސް ދީފައިވަނީ ރިޓަޔާކޮށްފައިވާ މީހުންނާއި، އާއިލާތަކާއި، ނުވަތަ އެކަހެރިކޮށް (ދުރުގައި ތިބެ) މަސައްކަތްކުރާ މީހުންނަށް ބަލައި އެ އަސާސުތަކުގެ އިންސައްތައަށް ބަދަލުގެނެސްގެންނެވެ.

މި އިންޑެކުހުގައި ދިރިއުޅޭން އެންމެ ރަނގަޅު ގައުމެއްގެ ގޮތުގައި އެސްޓޯނިއާ ހޮވިފައި ވިޔަސް، މެލޭޝިޔާއަކީ ރައްހާލުން (ދުރުގައި ތިބެ ސުމޭކުކޮށް މަސައްކަތްކުރާ މީހުން)ގެ މެދުގައި ޚާއްސަ މަގުބޫލުކަމެއް ލިބިފައިވާ ގައުމެކެވެ. މެލޭޝިޔާއިން ވަނީ ސުމޭކީ ބިނާރު (ޑިޖިޓަލް އިންފްރާސްޓްރަކްޗަރ)ގެ ބައިން 100 އިން 80 މާކުސް ހޯދައިފައެވެ. މީގެ މާނައަކީ އިންޓަނެޓްގެ ގުޅުން ކެނޑިދާނެތީ މެލޭޝިއާގައި ކަންބޮޑުވާކަށް ނުޖެހޭނެއެވެ. މީގެއިތުރަށް، 'ޑީއީ ރަންތައު'(DE Rantau) ގެ ނަމުގައި ސުމޭކީ ރައްހާލުންނަށް (އިންޓަނެޓް މެދުވެރިކޮށް ދުރުގައި ތިބެގެން މަސައްކަތްކުރާ މީހުންނަށް) ޚާއްސަ ވިސާއެއް ތަޢާރަފުކޮށްފައި އޮތުމުގެ ސަބަބުން، ފަތުރުވެރިކަމުގެ ވިސާއަށް ބަރޯސާވުމުގެ ބަދަލުގައި، މި ދެންނެވި ފަދަ ސުމޭކީ ރައްހާލުންނަށް އެއް އަހަރު ދުވަހުގެ މުއްދަތަކަށް އެ ގައުމުގައި ތިބެގެން މަސައްކަތްކުރުމުގެ ހުއްދަ ގާނޫނީ ގޮތުން ލިބިދެއެވެ. ([ޑީއީ ރަންތައު]ގެ އަސްލު މާނައަކީ [ސުމޭކީ އިގުތިސާދީ ސަރަހައްދު]ކަމަށް ބެލެވެއެވެ. އެހެނީ ޑީއީއިން ރަމްރުކޮށްދެނީ [ސުމޭކީ އިގުތިސާދު (ޑިޖިޓަލް އިކޮނޮމީ)]އެވެ. މެލޭ ބަހުން [ރަންތައު]ގެ މާނައަކީ ސަރަހައްދު ނުވަތަ ސިޓީ ނުވަތަ އަވަށެވެ. މި ލަފުޒަކީ މެލޭޝިއާއިން ވަރަށް ގިނައިން ފެންނަ އަދި އަޑުއިވޭ ލަފުޒެއްކަން ފާހަގަކޮށްލެވެއެވެ.)

އަދި މެލޭޝިއާއަކީ އަހަރުގެ ހުރިހައި ދުވަހަކު އަވިދޭ، އެއް ފިނިހޫނުމިނެއް އޮންނަ ގައުމަކަށްވާތީ ކޮންމެ ތަނެއްގައި ހުރެގެން ވެސް މަސައްކަތްކުރުމުގެ ފުރުޞަތު މެލޭޝިއާގައި އޮވެއެވެ. ވިލާތުގެ ގައުމުތައް ފަދައިން ހަ މަސް ދުވަހުގެ ފިނީގެ މޫސުމަކަށް ބަލައިގެން ދިރިއުޅުން ރޭވުމުގެ ބޭނުމެއް ނެތެވެ. މީގެ އިތުރަށް، ދިރިއުޅުމުގެ ޚަރަދުތައް ކުޑަވުމާއި، ބޭރުގެ ކަމޭދުންގެ އަތުން ލިބޭ ފައިސާއަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާތީ މި ބައިން ވެސް މެލޭޝިއާއަށް ވަނީ މަތީ މާކުހެއް ލިބިފައެވެ.

މިއީ "ރުމާވީ ގްލޯބަލް ރީލޮކޭޝަން އިންޑެކްސް 2026" އިން ހާމަވެފައިވާ ގޮތެވެ. މި އިންޑެކުހުގައި ދިރިއުޅުމުގެ ޚަރަދުތަކާއި، ޓެކުހުގެ ގަވާއިދުތަކާއި، ރައްކާތެރިކަމާއި ވިސާ ހޯދުމުގެ ފަސޭހަކަން ހިމެނޭހެން، ދިރިއުޅުމުގެ އެކި ބައިތަކަށް ބަލައި 192 ގައުމަކަށް މާކުސް ދީފައިވެއެވެ.

މި ދަރަޖަކުރުމުގައި ހިމެނޭ ގައުމުތަކުގެ ތެރެއިން ގިނަ ގޮތް ގޮތުން ބަލާ އިރު، އެންމެ ގިނަ މާކުސް ލިބިފައިވާ ގައުމަކީ މެލޭޝިއާއެވެ. ނަމަވެސް މިއީ ހުރިހައި ކަމެއް މެލޭޝިއާއަށް މުޅީން ފަހި ރިޕޯޓެއް ނޫނެވެ. ވިޔަފާރީގެ ފުރުސަތުތަކުގެ ބައިން މެލޭޝިއާއަށް ލިބުނީ 100އަކުން އެންމެ 39 މާކުހެވެ. އެހެންކަމުން ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި ކުއާލާލުމްޕޫރުގެ ޖާގައެއްގައި އަމިއްލަ އާ ވިޔަފާރިއެއް ނުވަތަ މަސައްކަތެއް ފަށާން ގަސްތުކުރާ ނަމަ، އެ ވިސްނުން ބަދަލުކޮށް އެހެން ގައުމަކަށް ވިސްނުން ބުއްދިވެރިއެވެ. ބޭރު މީހަކު އަލަށް ކުޑަ ވިޔަފާރިއެއް ފަށާން މެލޭޝިއާއަކީ އަދި އެހައި ފަހި ގައުމަކަށް ނުވެއެވެ.

މެލޭޝިއާއަށް ދަރަޖަކުރުމުގައި އެއްވަނަ ލިބުނު ރިޕޯޓުގައި ދެވަނަ ލިބެނީ ޕޯޗުގަލައަށެވެ. އެ ގައުމުގައި ވެސް ޚާއްސަ ސުމޭކީ ރައްހާލު ވިސާއެއް ތައާރަފުކޮށްފައި އޮތުމުގެ ސަބަބުން، ވިލާތުގައި ރައްހާލުންގެ ގޮތުގައި މަސައްކަތްކުރާ މީހުންގެ އެންމެ މަގުބޫލު މަންޒިލަށް ޕޯޗުގަލް ވެފައިވާތީ މިއީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

މި ލިސްޓުން ތިންވަނަ ލިބެނީ ތައިލެންޑަށެވެ. ތައިލެންޑްގެ އާ "ޑެސްޓިނޭޝަން ތައިލެންޑް ވިސާ" (ޑީޓީވީ) ގެ ދަށުން މަސައްކަތްކުރާ ރައްހާލުންނަށް ފަސް އަހަރު ދުވަހު އެ ގައުމުގައި ތިބެވޭނެއެވެ. ހަތަރުވަނައިގައި އޮތީ ޖޯޖިއާއެވެ. ގިނަ ގައުމުތަކެއްގެ މީހުންނަށް ވިސާއާ ނުލައި އެއް އަހަރު ދުވަހު ތިބެވޭތީ، މިއީ ރައްހާލުންގެ މެދުގައި ވަރަށް މަގުބޫލު ގައުމަކަށް ވަނީ ވެފައެވެ. ފަސްވަނައިގައި އޮތީ ތައިވާނެވެ. އެ ގައުމުގައި މޮޅު ސިއްހީ ޚިދުމަތްތަކާއި، ދުނިޔޭގެ އެންމެ އަވަސް އިންޓަނެޓްގެ އިތުރަށް މީރު ބުބުޅި ސައި ("ބަބްލް ޓީ") ލިބޭން ހުރެއެވެ. މި ސަބަބުތަކުގެ ސަބަބުން މީހުންގެ މަގުބޫލުކަން އެ ގައުމަށް ލިބެއެވެ.

ސުމޭކީ ރައްޙާލުންނަށް އެންމެ ކަމުދާ 10 ގައުމު، ތަރުތީބުން:

ދެން މި ދަންނަވައިލަނީ މި ހުރިހައި ގައުމުތަކެއްގެ ނަންތައް ތަރުތީބުންނެވެ.

1.     މެލޭޝިއާ

2.     ޕޯޗުގަލް

3.     ތައިލެންޑް

4.     ޖޯޖިއާ

5.     ތައިވާން

6.     އެސްޓޯނިއާ

7.     އަރަބި އިމާރާތް (ޔޫއޭއީ)

8.     ސްޕެއިން

9.     ކްރޮއޭޝިއާ

10.ލިތުއޭނިއާ

މި ދަރަޖަކުރުން ބިނާވެފައިވަނީ ސުމޭކީ ބިނާރާއި ދިރިއުޅުމުގެ ޚަރަދާއި ވިސާ ލިބުމުގެ ލުއިފަސޭހަކަމާއި ބޭރުން ލިބޭ އާމްދަނީގެ ޓެކުހުގެ ގަވާއިދުތަކަށް ބަލައި ތައްޔާރުކޮށްފައިވާ [ރުމާވީ ގްލޯބަލް ރީލޮކޭޝަން އިންޑެކްސް 2026]ގެ މައްޗަށެވެ.

 

ބައެއް ލަފުޒުގެ މާނަ:

ރައްހާލު     ނ.       އިންޓަނެޓް މެދުވެރިކޮށް ދުރުގައި ތިބެގެން މަސައްކަތްކުރާ މީހުން. nomad  (ނޯޓު: މިއީ ރަދީފުގައި އޮންނަ ލަފުޒެއްނޫނެވެ. ނަމަވެސް މި ލަފުޒަށް ބޭނުންކުރާނެ ލަފުޒެއް އުފެދި ރަދީފުކުރެވެންދެން އަޅުގަނޑަށް ވިސްނުނު ލަފުޒަކީ މިއީއެވެ.)

ބިނާރު     ނ.       ގައުމަކަށް ނުވަތަ ރަށަކަށް ނުވަތަ ސަރަހައްދަކަށް ބޭނުންވާ މާއްދީ ތަރައްގީގެ އަސާސީ އޮނިގަނޑު. މީގެ ތެރޭގައި މަގުތަކާއި އިމާރާތް ތަކާއި ބަނދަރުތަކާއި ކަރަންޓު ނިޒާމު ފަދަ މި ބާވަތުގެ ހުރިހާ ޚިދުމަތްތަކެއް ދިނުމަށް ޓަކައި ގާއިމްކުރާ މާއްދީ ވަސީލަތްތައް ހިމެނެއެވެ. infrastructure

ބުބުޅި     ނ.       ފެނާއި އެހެނިހެން ދިޔާއެއްޗެހީގެ ތެރޭގައި ހުންނަ ވައިގެ ބަޑިބަޑި.  bubble  (މިއީ ހައްދޫމަތީ ބަހުރުވައިގެ ލަފުޒެކެވެ. މީޔާރު ބަހުރުވައިގައި މިއަށް ވެސް ކިޔަނީ [ބޮކި]އެވެ. ނަމަވެސް މި ލަފުޒުގެ މާނަ އޮޅޭތީ [ބުބުޅި] މި ލަފުޒު ބޭނުންކޮށްލީއެވެ.) 

ކަމޭދު     ނ.       މުދަލެއް ނުވަތަ ޚިދުމަތެއް ހޯދާ ނުވަތަ ލިބިގަންނަ މީހާ. customer

ކޮމެންޓު