ޙަސަން ލުޠުފީ، ރަންފަސް، ސ. ހިތަދޫ
2 އޯގަސްޓް 2026
އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގައި މަރުވި، އެމެރިކާ ސިފައިންގެ ޢަދަދާ މެދު ޕެންޓަގަނުން ހަދަނީ ބުހުތާނު ދޮގެވެ. އެމެރިކާ ސަރުކާރުން ބުނަނީ އީރާން ހަނގުރާމައިގައި މަރުވީ ގާތްގަނޑަކަށް 15 ސިފައިންކަމަށެވެ. އެންމެ 15އެވެ. އެއީ އެމެރިކާގެ އާންމު ރައްޔިތުންގެ ހަނދާނުގައި ބަހައްޓާން އެމެރިކާއިން ބޭނުންވާ ޢަދަދެވެ. އެކަމަކު މިއޮތީ ހިސާބުން އަސްލު ދައްކާ ޢަދަދެވެ. 2026ވަނަ އަހަރުގެ އޭޕްރީލް މަހު އީރާނާއި، އެމެރިކާއާ ދެމެދު ހަނގުރާމަ ހުއްޓައިލުމުގެ އެއްބަސްވުމަށް ޢަމަލުކުރާން ފެށި އިރު، ޕެންޓަގަންގެ އެތެރޭގެ ހިސާބުތަކުގައި އެމެރިކާގެ 385 މީހަކު މަރުވެފައިވާކަމަށް ނުވަތަ ޒަޚަމްވެފައިވާކަމަށް ލިސްޓުކޮށްފައިވެއެވެ. ހަނގުރާމަ ހުއްޓައިލައިފައި އޮތްކަމަށް ބުނާ ދުވަސްވަރު އެ ޢަދަދު 428އަށް އެރިއެވެ. ދެން އެއްވެސް ނޫސްވެރީންގެ ބައްދަލުވުމެއް ނެތި، އެއްވެސް ތަފުޞީލެއް ނުދީ، އަދި ރަސްމީ ބަޔާނެއް ވެސް ނުނެރެ، ޕެންޓަގަނުން އެ ލިސްޓުން 15 ނަން އުނިކޮށްލިއެވެ. އަދި ޖުމްލަ ޢަދަދު 413އަށް ދަށްކުރިއެވެ. ގަސްތުގައި ބަޔަކު ޢަދަދުތައް ބަދަލުނުކުރާ ނަމަ، ހަނގުރާމައެއްގެ ތެރޭގައި މަރުވާ މީހުންގެ ޢަދަދުތައް ދަށަކަށް ނުދާނެއެވެ.
އެމެރިކާގެ އެންމެ އިޙުތިރާމް ލިބިގެންވާ އެއް ތަޙުޤީޤީ އައުޓްލެޓްކަމަށްވާ "ދަ އިންޓަސެޕްޓުން" ވަނީ ސިހުން ގެނުވާނޭ ތަޙުޤީޤު ރިޕޯޓެއް ޝާއިޢުކޮށްފައެވެ. އެ ރިޕޯޓުގެ ނިންމުމުގައިވާ ގޮތުން، މި ހަނގުރާމަ ފެށުނު ފަހުން މެދުއިރުމަތީގައި، އެމެރިކާގެ ގާތްގަނޑަކަށް 750 ސިފައިން ވަނީ މަރުވެފައެވެ. ނުވަތަ ވަރަށް ބޮޑަށް ޒަޚަމުވެފައިވެއެވެ. މަރުވީ 15 މީހުންނެއް ނޫނެވެ. ޒަޚަމްވީ 300އެއް ވެސް ނޫނެވެ. 750 މީހުން މަރުވެފައިވެއެވެ. އެކަމަކު، ޕެންޓަގަނުން އެ ކަން ކަށަވަރުކޮށެއް ނުދޭނެއެވެ. އިންޓަސެޕްޓާ ވާހަކަ ދެއްކި ދިފާޢީ އޮފިޝަލަކު، އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް)ގެ ތެރޭގައި ހިނގަމުންދާ ކަންތައްތައް ސިފަކުރުމަށް ތިން ލަފުޒެއް ބޭނުންކުރިއެވެ. އެންމެ ތިން ލަފުޒެވެ. [ކެޝުއަލްޓީ ކަވަރ އަޕް]އެވެ. (މަރުވާ ނުވަތަ ޒަޚަމްވާ މީހުންގެ ޢަދަދުތައް ފޮރުވަނީއެވެ.) އެއީ އީރާނުގެ ދައުލަތުގެ ޓީވީ ޗެނަލެއްގެ ބަސްތަކެއް ނޫނެވެ. އެއީ އެމެރިކާގެ ދިފާޢީ އޮފިޝަލަކު ބުނި ބަސްތަކެކެވެ. ދެން އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޢަސްކަރިއްޔާއިން އެ މީހުންނަށް ލިބޭ ގެއްލުންތައް ފޮރުވަނީ ކީއްވެގެންހެއްޔެވެ؟ އޭގެ ޖަވާބު އަހުރެމެންނަށް ބުނެދެނީ ތާރީޚެވެ.

ވިއެޓްނާމު ހަނގުރާމައިގައި، ޕެންޓަގަންގެ ކަރުދާސްތަކުން ހާމަވި ގޮތުގައި ޖޯންސަންގެ ވެރިކަމުގައި ހަނގުރާމައިގެ މައިދާނުގެ ޙަޤީޤަތާ ބެހޭ ގޮތުން ކޮންގްރެސްއަށާއި، އެމެރިކާގެ އާންމުންނަށް ގަސްތުގައި އޮޅުވައިލައި، ލިބުނު ގެއްލުންތައް ކުޑަކަމަށް ހަދައި، ދުޝްމަނުންގެ މަރުގެ ޢަދަދު އިތުރުކޮށްފައިވެއެވެ. އޭގެ އިތުރަށް އެމެރިކާގެ އެތައް ހާސް ސިފައިންނެއް މަރުވަމުން ދިޔަ އިރު، ކާމިޔާބީގެ ދޮގު ތަސްވީރެއް ހުށަހަޅައިދެމުން ގެންދިޔައެވެ. ޙަޤީޤަތް ފަޅައިއެރި ހިސާބުން ހަނގުރާމައާ ދެކޮޅު ޙަރަކާތް ފެށުނެވެ. ސަރުކާރަށް އާންމުން ކުރި ތާއީދު ގެއްލުނެއެވެ. ހަނގުރާމަ ނިމުނީ ބޮޑު ލަދެއްގައި ބެދިގެންނެވެ. އެ ފިލާވަޅުގެ މަތީން ވޮޝިންޓަން ހަނދާނެއްނުނެތެއެވެ. އީރާނު-އެމެރިކާ ހަނގުރާމަ ކަވަރުކުރާ މުޙައްލިލުން ވަނީ އެ ކަން ސާފުކޮށް ބަޔާންކޮށްދީފައެވެ. ހަނގުރާމައިގައި މަރުވާ މީހުންގެ ޢަދަދުތައް މަތިވެއްޖެ ނަމަ، އެމެރިކާގެ އާންމު ރައްޔިތުންގެ ތެރޭގައި ހަނގުރާމައާ ދެކޮޅު ބޮޑު އިޙުތިޖާޖެއް ވަގުތުން އުފެދިދާނެއެވެ. އަދި ހަނގުރާމަ ކުރިއަށްގެންދާންވީތޯ ނުވަތަ ނޫންތޯ ސުވާލު އުފައްދައި، ޚުދު ރިޕަބްލިކަން ޕާޓީ ވެސް ބައިބައިވެގެން ހިނގައިދާނެއެވެ. މަރުވާ މީހުންގެ ޢަދަދުތައް މަތިވުމުގެ ބަދަލުގައި ދަށްވަނީ (މަދުކުރަނީ) އެހެންވެގެންނެވެ.
ނިއުޔޯކުގެ އާމީ ނޭޝަނަލް ގާޑުގެ ސިގްނަލްސް އޮފިސަރެއްކަމަށްވާ މޭޖަރ ސޮރފްލީ ޑެވިއަސް ކިޔާ މީހަކު [އޮޕަރޭޝަން އެޕިކް ފިއުރީ]އަށް އެހީތެރިވުމަށް ކުވައިތަށް ފުރުވައިލިއެވެ. ޚިދުމަތުގައި އުޅެނިކޮށް 2026 މާރިޗު 26ގައި އޭނާ މަރުވިއެވެ. އެމެރިކާގެ ކޮންގްރެސްގެ މެންބަރުން އޭނާގެ ޖަނާޒާގައި ބައިވެރިވެ، އެންމެ ފަހުގެ އިޙުތިރާމްއަދާކުރިއެވެ. އެކަމަކު، ޕެންޓަގަންގެ ރަސްމީ [ކެޝުއަލްޓީ ޑޭޓާބޭސް]ގައި (މަރުވި މީހުންގެ ލިސްޓަކު) އޭނާގެ ނަމެއް ނެތެވެ. އެއީ ހަމައެކަނި ޢަދަދުތަކެއް ފޮރުވުމެއް ނޫނެވެ. އެއީ އިންސާނުންތަކެއް ގެއްލުވައިލުމެވެ. ދެން މި އޮތީ އެ ޢަދަދުތައް ފޮރުވާން ޕެންޓަގަނުން އެހައި ބޮޑަށް ކެތްމަދުވެފައި ތިބި ސަބަބެވެ. ޢަދަދުތަކަކީ ވާހަކައިގެ ދެބައިކުޅަ އެއްބައެވެ. އަނެއް ބަޔަކީ މިއީއެވެ.
މެދުއިރުމަތީގެ ހުރިހައި ހިސާބެއްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް، އީރާނުގެ ޙަމަލާތަކުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ، ސިފައިން ވަނީ އެ ތަންތަނަށް ދިއުމަށް ދެކޮޅުހަދައިފައެވެ. އެމެރިކާގެ ޢަސްކަރީ އޮފިޝަލުންނާ ޙަވާލާދީ ނިއުޔޯކް ޓައިމްސްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، މެދުއިރުމަތީގައި ހުރި އެމެރިކާގެ ޢަސްކަރީ 13 މަރުކަޒެއް ވަނީ ގާތްގަނޑަކަށް މީހުންނަށް ދިރިނުއުޅެވޭ ވަރުވެގެން ދޫކޮށްލައިފައެވެ. އީރާނުގެ މިސައިލްތަކުން ހަމައެކަނި ޢިމާރާތްތަކަށް ގެއްލުން ދިނީކީއެއް ނޫނެވެ. އީރާނުން ވަނީ ރާޑަރު ނިޒާމުތަކާއި، ކޮމިއުނިކޭޝަން ވަސީލަތްތަކާއި، ކޮމާންޑް ސެންޓަރުތަކާއި، ސިފައިން ދިރިއުޅޭ ތަންތަން ނައްތައިލައިފައެވެ. ބައެއް ފަހަރު އެއް މަރުކަޒަކަށް އެތައް ފަހަރަކު ޙަމަލާދިނެވެ. އެހެންވީމާ އެ ހުރިހާ ސިފައިން ގެންދިޔައީ ކޮންތާކަށްހެއްޔެވެ؟ ހޮޓާތަކާއި، އޮފީސް ޢިމާރާތްތަކާއި، ވަގުތީ ހިޔާތަކަށެވެ. މި ހަނގުރާމަ ފެށުނު އިރު މެދުއިރުމަތީގައި، އެމެރިކާގެ 40،000 ސިފައިން ޙަރަކާތްތެރިވިއެވެ. އޭގެ ތެރެއިން އެތައް ހާސް ސިފައިން މިއަދު ޚަލީޖުގެ ސަހަރުތަކުގެ ހޮޓާހޮޓަލުގެ ކޮޓަރިތަކުގައި މާދުރުގައި ތިބެގެން ހަނގުރާމައިގެ އޮޕަރޭޝަންތައް ހިންގަމުން އެ ދަނީ އެ މީހުންގެ ޢަސްކަރީ މަރުކަޒުތަކަށް އެނބުރި ދިއުމުގެ ނުރައްކާތެރިކަން ބޮޑުކަމުންނެވެ. އެމެރިކާއިން ބައެއް ސިފައިން ވިލާތުގެ ޤައުމުތަކަށް ވެސް ބަދަލުކުރިއެވެ. ސީ.އެން.އެންގެ ތަޙުޤީޤަކުން އެ ކަމުގެ ބޮޑުމިން ވަނީ ކަށަވަރުކޮށްދީފައިވެއެވެ. މެދުއިރުމަތީގެ 08 ޤައުމެއްގައި ހުރި އެމެރިކާގެ ޢަސްކަރީ 16 އިންސްޓޯލޭޝަނަކަށް ގެއްލުން ލިބިފައިވެއެވެ. މުޅި މެދުއިރުމަތީގައި އެމެރިކާގެ ފުޓްޕްރިންޓްގެ ބޮޑު ބައެއް ވަނީ ހަލާކުވެފައެވެ. އެމެރިކާގެ މަސްދަރަކުން ސީ.އެން.އެން.އާ ވާހަކަދައްކަމުން ބުނެފައިވެއެވެ. [މީގެ ކުރިން މިފަދަ ކަމެއް ނުދެކެމެވެ. މިއީ ޒަމާނީ ފަންނިއްޔާތާ އެކު އަމާޒަށް ދިން އަވަސް ޙަމަލާތަކެކެވެ.]
ދެން އޮތީ މަތިންދާބޯޓު އުފުލާ މަނަވަރު، [ދަ ޔޫ.އެސް.އެސް ޖެރަލްޑް އާރު ފޯޑް]އެވެ. ދުނިޔޭގެ އެންމެ ބޮޑު ހަނގުރާމަމަތީ މަނަވަރެވެ. އެ މަނަވަރުގައި 5000 ސިފައިންނާއި، ހަނގުރާމަމަތީ 75 މަތިންދާބޯޓު ވެއެވެ. އެއީ އެމެރިކާގެ ކަނޑުގެ ބާރުގެ ފްލެގްޝިޕެވެ. ރަތް ކަނޑަށް އަތްގަދަކުރުމަށް އެ މަނަވަރު ފޮނުވައިލިއެވެ. މަނަވަރުގައި އަލިފާން ރޯވިއެވެ. ޕެންޓަގަނުން ބުނަނީ ލޯންޑްރީގައި އެކްސިޑެންޓެއް ހިނގީކަމަށެވެ. 200 ސިފައިންނަށް ދުމުގެ ސަބަބުން ހާނިއްކަވެގެން ފަރުވާދިނެވެ. ސިފައިން ނިދާން ބޭނުންކުރާ 600އަށް ވުރެ ގިނަ ބައިތައް ހަލާކުވިއެވެ. ރޯވި އަލިފާންގަނޑު ނިއްވައިލާން އެތައް ގަޑިއެއް ހޭދަވިއެވެ. އަދި އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ އެޑްމިރަލްއަކު ފަހުން އިޢުތިރާފުވި ގޮތުގައި، އެ މަނަވަރުން ދެ ދުވަސް ވަންދެން އެއްވެސް ޙަމަލާއެއް ދީފައެއްނުވެއެވެ. އެމެރިކާގެ ކަނޑުގެ ލަޝްކަރުގެ ފްލެގްޝިޕް އެންމެ ފަހުން ހަނގުރާމައިގެ މެދުތެރޭގައި ގްރައުންޑްވީއެވެ. އަދި އެ ބިޔަ މަނަވަރު ހަނގުރާމައިގެ މައިދާނުން މަޑުމަޑުން މުޅީން ބޭރުކޮށް، މަރާމާތުކުރުމަށްޓަކާ ޔޫނާނުގެ ކުރީޓަށް އެހެލީއެވެ. 13 ބިލިއަން ޑޮލަރު ޚަރަދުކޮށްގެން އުފެއްދި ދުނިޔޭގެ އެންމެ ބޮޑު އެއަރކުރާފުޓު ކެރިއަރު، ކާމިޔާބުވެފައިވާކަމަށް ޓުރަމްޕު ބުނާ ހަނގުރާމައެއްގެ މެދުތެރޭގައި ކޮރުޖަހަމުން މައިދާން ދޫކޮށް އެންމެފަހުން ދިޔައީއެވެ.
މި ހަނގުރާމައިގެ ފުރަތަމަ ދެ ހަފުތާގައި އެކަނި ވެސް އެމެރިކާގެ ޢަސްކަރީ މަރުކަޒުތަކަށް 800 މިލިއަން ޑޮލަރުގެ ގެއްލުންލިބުނެވެ. ހަނގުރާމައިގެ ޖުމްލަ ޚަރަދު ވަނީ 25 ބިލިއަން ޑޮލަރަށް އަރައިފައެވެ. އަދި އެ ޢަދަދުގެ ތެރޭގައި ހަލާކުވި ޢަސްކަރީ މަރުކަޒުތައް މަރާމާތުކުރުމުގެ ޚަރަދެއް ނުހިމެނެއެވެ. ދެން ހުރިހައި އެއްޗެއް އެއްކޮށްލާށެވެ. 13 ޢަސްކަރީ މަރުކަޒު ހަލާކުވެއްޖެއެވެ. އެތައް ހާސް ސިފައިން އެތިބީ ހޮޓާހޮޓަލުގައެވެ. މަތިންދާބޯޓު އުފުލާ، ދުނިޔޭގެ އެންމެ ބޮޑު މަނަވަރު ހަނގުރާމައިގެ މައިދާނުން ބޭރަށް ނުކުތުމަށް މަޖުބޫރުވީއެވެ. އެ މަނަވަރުގެ 200 ސިފައިންނަށް ހާނިއްކަވިއެވެ. އެކަމަކު، ވޮޝިންޓަނުން ބުނަނީ އެމެރިކާގެ ޢަސްކަރިއްޔާ އޮތީ ފުރިހަމަ އޮޕަރޭޝަނަލް ޙާލަތުގައި ކަމަށެވެ. މޭޖަރ ސޮރފްލީ ޑެވިއަސް ކިޔާ ސިފައިންގެ މީހަކު ރަސްމީ ގުނުންތަކުން ފޮހެލިއެވެ. އަދި ދިފާޢީ އޮފިޝަލަކު [ކެޝުއަލްޓީ ކަވަރ އަޕް] މި ތިން ލަފުޒު ބޭނުންކޮށްގެން އޭނާގެ އަމިއްލަ ޢަސްކަރިއްޔާގެ ޙާލަތު ސިފަކޮށްދިނެވެ. އަދި މަރުވި މީހުންގެ ޢަދަދަކީ ރަސްމީކޮށް 15އެވެ. 15 އަކީ އާންމުން ބަލައިގަންނާނެ ޢަދަދެވެ. 750އަކީ އިޙުތިޖާޖީ ޙަރަކާތެއް ފެށިދާނެ ޢަދަދެކެވެ. 750އަކީ، ބައެއްގެ ސިޔާސީ ކެރިއަރު ނިންމައިލާނެ ޢަދަދެކެވެ. 750އަކީ، ރައީސަކު ޖަވާބުދާރީވާން ބޭނުންނުވާ ސުވާލުތަކަށް ޖަވާބު ދިނުމަށް މަޖުބޫރުކުރާނެ ޢަދަދެކެވެ. އެހެންވީމާ ރަސްމީ ގުނުމުގައި އޮތީ 15އެވެ. އެމީހުން ކިޔައިދޭ ވާހަކައާއި، ޙަޤީޤަތުގައި ހިނގަމުންދާ ހަނގުރާމައިގެ ވާހަކައަކީ މުޅީން ތަފާތު ދެ ވާހަކައެކެވެ. ދުނިޔޭގެ އެންމެ ބާރުގަދަ ޢަސްކަރިއްޔާ ޣައިރުޤާނޫނީ ހަނގުރާމައަކަށް އަމިއްލައަށް ބޯމަހައިލައި، ސިފައިންތަކެއް މަރުވެ، އީރާނުގެ ނިއުކްލިއަރު މަރުކަޒެއް ހަލާކުކޮށްނުލެވި، އެންމެ ފަހުން މަރުވި މީހުންގެ ޢަދަދު ވަންހަނާކުރަނީއެވެ.