އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ
10 ޖުލައި 2026
މި މަހުގެ 11ވަނަ ދުވަހަކީ ދުނިޔޭގެ އާބާދީ ދުވަހެވެ. އދ.ގެ ކަލަންޑަރުގައި މި ދުވަސް ފާހަގަކުރުމަށް ފަވައިފައިވަނީ މުހިންމު މުނާސަބަތަކަށް ވާތީއެއްނޫނެވެ. އެހެނެއްކަމަކު އެއީ އިންޒާރުދޭ އަހަރީ ޑަނޑޫރާއެކެވެ. އެއީ އިންސާނީ ވުޖޫދާމެދު ޖަމާޢީ ސިފައެއްގައި ވިސްނުމަށް ގޮވައިލާ ވަގުތުކޮޅަކަށް ދުނިޔެ ބޭނުންވާތީއެވެ. އަޅުގަނޑުމެން އެންމެހާ އިންސާނުން މި އުޅެނީ އަޅުގަނޑުމެންގެ ކުރިމަގު އެތަނެއްގައި އޮތް ގުރަހައެއްގައެވެ. މިއަދު އާބާދީގެ މަސްއަލައަކީ ވަކި ގައުމަކަށް ޚާއްޞަ މަސްއަލައެއްނޫނެވެ.ވަކި ދީނެއްގެ މަސައްލައެއްނޫނެވެ. ވަކި ނަސްލަކާ ކުރިމަތިލާން ޖެހިފައިވާ ކަމެއްނޫނެވެ. އެއީ އަޅުގަނޑުމެން އެންމެންގެ ގުޅިފައިވާ ޙާލަތު ރިވެލިކޮށްދޭ ލޯގަނޑެކެވެ. އާބާދީ އިތުރުވަމުންދާ މަސައްލައަކީ މި ގުރަހައަށް ލިބިފައިވާ ދިރިދެމިއޮތުމުގެ ޤާބިލުކަމާ ގުޅިފައިވާ ކަމެކެވެ. އެއީ އަޅުގަނޑުމެންގެ ޙަޔާތުގެ ފޭރާމުގެ ހެޔޮކަމާ ގުޅިފައިވާ ކަމެކެވެ.
2026ވަނަ އަހަރަކީ ދުނިޔޭގެ ތިމާވެށްޓަށާއި އިޤްތިޞާދަށާއި ފަންނިއްޔަތަށް އަންނަމުންދާ ހަލުވި ބަދަލުތަކާމެދު ވިސްނައި އެންމެން ގުޅިގެން އިންސާނާއާއި އޭނާ އުޅޭ ތަނާއި އެތަނުގެ މުއްސަނދިކަން ހެޔޮގޮތުގައި ބޭނުންކުރުމަށް ޢަޒުމު ކަނޑައަޅަންޖެހޭ ވަގުތެކެވެ. މި ބިމަށް އުފަންވާ ކޮންމެ ފަރްދަކަށް ޢަދްލުވެރި ޝަރަފުވެރި ޙަޔާތެއް ޖާމިނުކޮށްދޭނެ ވަސީލަތްތަކާމެދު ފިކުރުކުރާން ޖެހޭ ވަގުތެކެވެ.
ދުނިޔޭގެ އާބާދީ ދުވަސް
ދުނިޔޭގެ އާބާދީދުވަހަކީ 1989ވަނަ އަހަރު އދ.ގެ އާންމު ޖަމްޢިއްޔާއިން ކަނޑައަޅައިފައިވާ ބައިނަލްއަޤްވާމީ ދުވަހެކެވެ. ބޭނުމަކީ ދުނިޔޭގެ އާބާދީގެ ތަފާތު މަސްއަލަތަކަށް ސަމާލުކަން ދިނުމާއި އާބާދީގެ ތަރައްޤީއާ ބެހޭ މަސްއަލަތަކާމެދު ވިސްނައި އެ މަސްއަލަތައް ޙައްލުކުރެވޭނެ މަގުތަކާއި ވަސީލަތްތަކާއި އަދާތުތައް ހޯދުމެވެ. ދުނިޔޭގެ އާބާދީއަށް ހިތްހަމަޖެހުން ތަނަވަސްކޮށްދިނުމެވެ. މި ދުވަސް އިޙްތިފާލުކުރަން ނިންމީ 1987ވަނަ އަހަރު 11 ޖުލައިގައި ދުނިޔޭގެ އާބާދީ ފަސް ބިލިޔަނަށް އިތުރުވުމުން ލިބުނު ކުއްލި ސިހުމާ ވިދިގެންނެވެ. މި ދުވަހަށް "ފަސް ބިލިޔަން ދުވަސް"އެވެ، ކިޔުނެވެ. 1990 ވަނަ އަހަރުގެ ޑިސެންބަރު މަހު އދ.ގެ އާންމު ޖަމްޢިއްޔާއިން ފާސްކުރި ޤަރާރާ ވިދިގެން ކޮންމެ އަހަރެއްގެ 11 ޖުލައިގައި މި ދުވަސް ފާހަގަކުރުމަށް ކަނޑައެޅިއެވެ. އެއީ އާބާދީއާ ބެހޭ މަސްއަލަތަކާއި އާބާދީއާއި ތިމާވެށްޓާއި ދެމެހެއްޓެނިވި ތަރައްޤީއާ މެދު ދުނިޔޭގެ ރައްޔިތުން ހޭލުންތެރިކުރުވުމަށް ޓަކައެވެ. އެ ހިސާބުން ފެށިގެން ދުނިޔޭގެ އާބާދީއާ ބެހޭ ފަންޑުން (UNFPA)ދަނީ ދުނިޔޭގެ ގައުމުތަކާއި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ޖަމާޢަތްތަކާ ގުޅިގެން މި ދުވަސް ފާހަގަކުރަމުންނެވެ.
ތަފާސްހިސާބުތައް ބުނާގޮތުގައި
· 1987ވަނަ އަހަރު ދުނިޔޭގެ އާބާދީގެ އަދަދު ވަނީ 5 ބިލިޔަނަށް އިތުރުވެފައެވެ.
· 2011ވަނަ އަހަރު ވަނީ މި އަދަދު ހަތް ބިޔަނަށް އިތުރުވެފައެވެ.
· 2021 ގައި ވަނީ މި އަދަދު 7.9 ބިލިޔަނަށް އަރައިފައެވެ.
· މި އަހަރު 2026 ގައި މި އަދަދު ވަނީ 8.5 ބިލިއަންގެ އިން ފަހަނަޅައިދިޔުމާ ވަރަށް ކައިރިވެފައެވެ.
· ލަފާކުރަމުންދާ ގޮތުގައި މި އަދަދު 2050 ގައި 9.7 ބިލިޔަނަށް ވާޞިލުވާނެއެވެ.
· އަދި މި ރޭޓުގައި އާބާދީ އިތުރުވަމުންދާ ނަމަ 2100 ވަނަ އަހަރު ދުނިޔޭގެ އާބާދީ 10.9 އަށް އިތުރުވާނެއެވެ.
އާބާދީގެ މައްސަލަތައް
ދުނިޔޭގެ އާބާދީއާ މިއަދު ކުރިމަތިވެފައިވާ މަސްއަލަތަކަކީ އެމީހުންގެ ވުޖޫދާ ކުރިމަތިވެފައިވާ މަސްއަލައެކެވެ. މިއީ ޖޯގުރަފީއާ ބެހޭ ކަމެއްނޫނެވެ. އެއީ ޖިންސާއި ނަސްލާއި ދީނާ ބެހޭ ކަމެއް ވެސް ނޫނެވެ. ޑިމޮގުރަފީގެ ގޮންޖެހުންތަކަކީ އިންސާނީ ޙައްޤުތަކާއި ދެމެހެއްޓެނިވި ތިމާވެށީގެ މަސްއަލަތަކާ ގުޅިފައިވާ ކަންތައްތަކެކެވެ.
ދިރާސާތައް ބުނާގޮތުގައި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ބިރުވެރިކަމުގެ ސަބަބުން ދުނިޔޭގެ ކޮންމެ ފަސް މީހަކުން އެކަކު ދަރިން ހޯދުމަށް ޖެހިލުންވެއެވެ.
މީގެއިތުރަށް އިޤްތިޞާދީ ބަހާތަކަކީ ވެސް ޢާއިލާތައް އުފެއްދުމަށް ހުރަސްއަޅާ ކަންތައްތަކެކެވެ. މި ދިރާސާތައް ބުނާގޮތުގައި ދުނިޔޭގެ އާބާދީގެ 39 % މީހުން ދަނީ އިޤްތިޞާދީ އެތައް ގޮންޖެހުންތަކަކާ ކުރިމަތިލަމުންނެވެ. އޭގެތެރޭގައި ސާބިތު ވަޒީފާއެއް ނުލިބުމާއި ބޯހިޔާވަހިކަމުގެ ދަތިކަން ވެއެވެ. ދަރިންލިބުމުގެ ޢުމުރަށް ގޮސްފައިފައިވާ 20 % މީހުން ބުނާގޮތުގައި އިޤްތިޞާދީ ދަތިތަކުގެ ސަބަބުން އެމީހުންނަށް ދަރިން ހޯދުމުގެ އުންމީދުތަކާ ހަމައަށް ވަނީ ވާޞިލުވުމަށް ހުރަސްއެޅިފައެވެ.
ދެން އޮތް މަސްއަލައަކީ ރަށްފުށް ދޫކޮށް ސަހަރުތަކުގައި ވަޒަންވެރިވުމާއި ހިޖުރަކުރުމުގެ މަސްއަލައެވެ. މި ދިރާސަތައް ނިމުތުކުރާ ގޮތުގައި 2050 ވަނަ އަހަރާ ހަމައަށް ދެވޭއިރު ދުނިޔޭގެ އާބާދީގެ 66 % މީހުން ވާނީ ސަހަރުތަކުގެ ބަސްތީގައި ދިރިއުޅޭ ބަޔަކަށެވެ . މިއީ ވަރަށް ބޮޑެތި މާލީ ބުރަތަކެއް ކުރިމަތިކުރުވާނެ ކަމެކެވެ. އެމީހުންނަށް ބޭނުންވާ ބިނާރުތައް ހެދުމަށާއި ފެނާއިފާޚާނާގެ ޚިދްމަތް ފޯރުކޮށްދިނުމަށާއި ބޯހިޔާވަހިކަން ތަނަވަސްކޮށްދިނުމަށް ބަޖެޓުން ބޮޑެތި ހޭދަތަކެއް ކުރަންޖެހޭނެއެވެ. ދާޚިލީ ހަނގުރާމަތަކާއި ވެށްޓަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކުރާ ހިޖުރަކުރުމުގެ މަސްއަލައަކީ ވެސް ކުރިމަތިލާންޖެހިފައިވާ ގޮންޖެހުމެކެވެ. މި ކަމުގެ ސަބަބުން ހިޖުރަކުރާ ތަނަށާއި ހިޖުރަކުރެވޭ ތަނަށް އިޖުތިމާޢީ ގޮންޖެހުންތައް ކުރިމަތިވެއެވެ.
ބައެއް ގައުމުތަކާ ކުރިމަތިވެފައިވާ އާބާދީ މަސްއަލަތަކުގެ ތެރޭގައި އާބާދީ މުސްކުޅިވެ ގައިބާރު ދެރަވުން ވެއެވެ. މި ކަމުގެ ސަބަބުން މަސައްކަތުގެ ބާޒާރަށާއި އިޖުތިމާޢީ ޙިމާޔަތުގެ ނިޒާމަށް ވަނީ ހިރާސްތަކެއް ކުރިމަތިވެފައެވެ. އަނެއްކޮޅުން ތަރައްޤީ ވުމަށް މަސައްކަތްކުރާ ބައެއް ގައުމުތަކުގައި އާބާދީ އަންނަނީ ޒުވާންވަމުންނެވެ. މި އާބާދީއަށް ބޭނުންވާ ތަޢުލީމުދިނުމާއި ވަޒީފާ ތަނަވަސްކޮށްދިނުމުގެ މަސްއަލައަކީ ބޮޑެތި ގޮންޖެހުންތަކެއް ހިމެނޭ ކަންތައްތަކެކެވެ.
ދުނިޔޭގެ މުސްލިމުންގެ އާބާދީ
ދުނިޔޭގެ އާބާދީއަށް ބަލާއިރު އެންމެ ބޮޑަށް އިތުރުވަމުން އަންނަ އެއް އާބާދިއަކީ މުސްލިމުންނެވެ. ދިރާސާތައް ބުނާގޮތުގައި މުސްލިމު އާބާދީގެ މިއަދުގެ އަދަދަކީ 1.6 ބިލިޔަނެވެ. އެއީ ދުނިޔޭގެ އާބާދީގެ 23 % އެވެ. އެހެންކަމުން އިސްލާމްދީނަކީ ދެވަނައަށް އެންމެ އާބާދީ ބޮޑު ދީނެވެ. މުސްލިމުން ވަޒަންވެރިވެފައިވާ އެންމެ ބޮޑު ސަރަޙައްދަކީ މެދުއިރުމައްޗެއް ނޫނެވެ. މުސްލިމުންގެ އާބާދީގެ 60 % މީހުން އުޅެނީ އޭޝިޔާއާއި ޕެސިފިކު ކަނޑުގައެވެ. މި އަހަރު ނިމޭއިރު މުސްލިމުންގެ އަދަދު ދެ ބިޔަނަށް އިތުރުވެގެންދާނެއެވެ.
މުސްލިމު އާބާދީއަށް ބަލާއިރު އެމީހުންގެ އާބާދީއަށް ދެ މީޒާއެއް ލިބިގެންވެއެވެ. އެއް މީޒާއަކީ މުސްލިމު އާބާދީގެ ޒުވާންކަމެވެ. މުސްލިމު އާބާދީއަކީ ދުނިޔޭގެ އާބާދީގެ ނިސްބަތުން ޒުވާން އާބާދީއެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ އުފެއްދުންތެރިކަމާއި އީޖާދުކުރުން އިތުރުވެގެންދާނެ ކަމެކެވެ. ދެވަނަ މީޒާކީ މުސްލިމުންގެ ސަޤާފަތާއި ޙަޟާރަތުގެ ސިންދަފާތު ކަމެވެ. މުސްލިމުންގެ އާބާދީއަކީ ތަފާތު ނަސްލުތަކަކާއި ބަސްތަކަކާއި ސަގާފަތްތަކެއްގެ ފޭރާމެކެވެ. އެމީހުން ތިބީ ހުޅަނގު އެފްރިކާއާއި ދެކުނުއިރުމަތީ އޭޝިޔާގެ ސަރަހައްދުތަކުގައެވެ.
އިންސާނުންނަކީ ވިޔައަކުރުތަކެއްނޫން
2026 ވަނައަހަރުގެ އާބާދީދުވަސް ގޮވައިލަނީ [މުއްސަނދިކަން]ގެ މަފުހޫމު އަލުން ތާރީފުކުރުމަށެވެ. އިންސާނުންނަކީ އަދަދުކުރެވޭ ވިޔައަކުރުތަކެއްނޫނެވެ. ނުވަތަ އެއީ ތިމާވެށީގެ ކޮނޑަށް ބުރަކުރާ ބަރުތަކެއް ވެސް ނޫނެވެ. އެހެނަސް އިންސާނާއަކީ ވިސްނައި ފިކުރުކޮށް އީޖާދުކުރާ ސިކުނޑިތަކެވެ. އެއީ ބިނާކުރާ އަތްތަކެވެ. އެއީ ބިން އާރާސްތުކޮށް ދިރުވާ ފުރާނަތަކެވެ. އިންސާނީ ޝާމިލު ދުރިމިއަކުން ބަލައިގެން މެނުވީ އާބާދީގެ ގޮންޖެހުންތައް ޙައްލެއް ނުކުރެވޭނެތެވެ. ދުނިޔޭގެ މުއްސަނދިކަން ހިއްސާކުރުމުގައި ޢަދްލުވެރިވެގެން މެނުވީ އެ މަސްއަލަތައް ޙައްލެއް ނުކުރެވޭނެތެވެ. ދަރިން ހޯދުމުގެ ޙައްޤުތައް ޖާމިނުކޮށްދީގެންނެވެ. ޙައްޤުތަކާއި ވާޖިބުތަކުގައި ދެ ޖިންސު ހަމަހަމަކޮށްގެންނެވެ.
މިއަދު އަޅުގނޑުމެން ހަނދާންކުރަންވީ މި ގުރަހައިގެ ކުރިމަގު މަޖުބޫރީ ސިޔާސަތުތަކަކުން ނުކުރެހޭނެތެވެ. އެ ކަން ކުރެވޭނީ އިންސާނާ ޤާބިލުކުރުވައިގެންނެވެ. އޭނާއަށް ތަޢުލީމުދީގެންނެވެ. އޭނާއަށް ގަދަރުވެރި ޙަޔާތެއް ތަނަވަސްކޮށްދީގެންނެވެ.
ހުރިހައި އިންސާނުން ވެސް އަރައި މި ތިބީ މާ ސިންގާ ކަނޑެއްގައި ބިޔަ ރާޅުތަކެއްގެ މަތީގައި ދަތުރުކުރަމުންދާ ނަވެއްގައެވެ. އެއްބަޔަކު އަނެއް ބަޔަކަށް އޯގާވެރިވެ، އެއްބާރުލައި އެކަތިގަނޑަކަށް ވެގެންނޫނީ ސަލާމަތެއް ނެތެވެ. މިއަދުގެ ޖީލުތަކަށާއި ކުރިމަގުގެ ޖީލުތަކުގެ ޙައްޤުތައް ރިޢާޔަތްކުރާ ދެމެހެއްޓެނިވި ރޭވުންތަކުންނެވެ.
ބައެއް ލަފުޒުގެ މާނަ
ހިރާސް ނ. (1) ގެއްލުމެއް ލިބިދާނޭ ފަދަ ނުވަތަ ނުރައްކަލަކާ ކުރިމަތިލާން ޖެހިދާނޭ ފަދަ ކަމެއް. (2) ނޭދެވޭ ކަމެއް މެދުވެރިވުމުގެ ފުރުސަތު. (3) ނުރައްކަލަކަށް ހުޅުވިދާނޭ ފަދަ ޙާލަތެއް. risk
ހިޖުރަކުރުން މ. ތިމާގެ އަމިއްލަ ރަށްދޫކޮށް އެހެން ރަށަކަށް ވަޒަންވެރިވާން ދިޔުން. migration
ނަވު ނ. (1) ޗާނދާލައިފައި ހުންނަ ހަތަރެސްކަން ރިޔާ ނުވަތަ ގޯސީ ނަގައިގެން ދުއްވާ އުޅަނދު. (2) ނައު
ނަސްލު ނ. (1) ދަރިކޮޅު (2) ދަރިފަސްކޮޅު (3) ދަރިންނާއި ދަރީންގެ ދަރި މިނިމިނީން.
ރިވެލިކުރން މ. އަލި ނުވަތަ އަޑު ނުވަތަ ހޫނު ނުވަތަ ފެނުގެ ރާޅުތައް ދަތުރުކުރަމުންދާ ދިއުމުގައި ސަތަހައެއްގައި ޖެހުމުން އައި ފަޅިއަށް އަނބުރައި ދިއުން. reflect
ރިޢާޔަތް ކުރުން ނ. ކަމެއް ނިންމާ އިރު އެކަމަކާ ގުޅުން ހުރި އެހެން ކަމަކަށް ބެލުން. consider
ކުރިމަގު ނ. (1) ކުރިއަށް އޮތް ތަން. (2) އަންނާން އޮތް ތަން. (3) ކާމިޔާބު ކުރެވޭނެގޮތް.
އިންޒާރު ނ. ކުރިމަތި ވެދާނެ ދެރައަކުން ނުވަތަ ނުރައްކަލަކުން ސަލާމަތްކުރުމުގެ ގޮތުން ކުރާން އުޅޭ ނުވަތަ ކުރާ ކަމެއް ހުއްޓުވާން ދޭ ނަސޭހަތް.
އީޖާދުކުރުން މ. އެއްޗެއް ނުވަތަ ކަމެއް އަމިއްލަ ޚިޔާލާއި ފިކުރުން އަލަށް އުފެއްދުން. invent
މަފުހޫމު ނ. (1) ވިސްނިފައިވާ ގޮތް. (2) ދޭހަވާ ގޮތް. (3) މޭރުންވާ ގޮތް.
މީޒާ ނ. (1) ޚާއްސަ ސިފަ. (2) ވަކި މީހަކަށް ނުވަތަ ތަނަކަށް ނުވަތަ ކަމަކަށް ބިނާކޮށް ހުށަހަޅާ ޚާއްސަ ރިޕޯޓު ނުވަތަ ފިލްމު. feature
ތާރީފު ނ. މީހެއްގެ ނުވަތަ ކަމެއްގެ ނުވަތަ އެއްޗެއްގެ ރަނގަޅުކަމާއި ފުރިހަމަކަމުގެ ވާހަކަ. praise
ގުރަހަ ނ. ނާރެސް ތަރިއެއްގެ ވަށައިގެން ދައުރުކުރާ، އޭގެ އަމިއްލަ ދަމާބާރުގެ ސަބަބުން ވަށް ބައްޓަމެއް ހިފެހެއްޓުމާ އެކު އޭގެ ފަލަކު މުޅިން ސާފުކޮށް، އަމިއްލަކޮށްފައިވާ ކައުނީ ޖިސްމެއް.
ސަގާފަތް ނ. އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި، މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާއި މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަ. culture
ސިންދަފާތު ނ. އިންސާނުންނާއި އެއްޗެއްސާއި ކަންކަމާއި ތަންތަނުގެ ނިސްބަތުގައި، މައިގަނޑު ގިންތިއެއް ނުވަތަ ޖަމާޢަތެއްގެ ތެރޭގައި ހިމެނޭ ބާވަތްތަކާއި ވައްތަރުތައް ނުވަތަ ގޮތްތައް ތަފާތުވެ ގިނަގުނަ ވެގެންވާ ވުން. diversity
ޝާމިލު ނއ. އެއްޗަކަށް ނުވަތަ ކަމަކަށް ބޭނުންވާ އެންމެހައި އުންސުރުތައް ހިމެނޭ. inclusive
ޑަނޑޫރާ ނ. އެލުވައިފައި ހުންނަ ބޮޑެތި ރަނގަބީލު.
ޖީލު ނ. ވިހި އަހަރާއި ތިރީސް އަހަރާ ދެމެދުގެ މުއްދަތެއް. (2) އެއް ދުވަސްވަރެއްގައި ދުނިޔެއަށް އަންނަ މީހުން، ނުވަތަ އެއް އުމުރުފުރައެއްގެ މީހުން. (3) މެޝިނާއި އާލާތްތައް ފަދަ އުފެއްދުންތައް ތަރައްގީކުރަމުން އަންނަ މަރުހަލާތަކުގައި އެއް ފެންވަރެއްގައި ވުޖޫދުކޮށްފައިވާ އުފެއްދުންތައް. generation
މަރުޖާތައް:
1. އދ. ގެ (World Population Prospects) ރިޕޯޓު
2. ދުނިޔޭގެ އާބާދީގެ ޙާލަތާ ބެހޭ (UNFPA) ގެ ރިޕޯޓު
3. (Pew Research Center) ގެ ރިޕޯޓު
4. ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރުމާ ބެހޭ އދ.ގެ އާންމު ޖަމްޢިއްޔާގެ ޤަރާރު ނަންބަރު: 45/216