އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
12 ޖޫން 2026
ދުނިޔޭގެ ފުޓުބޯޅަ މުބާރާތް (ފީފާ ވޯލްޑުކަޕު) ރޭ ދަންވަރު މެކުސިޓީގައި ވަނީ ފެށީފައެވެ. މުބާރާތް ބާއްވާ އެއް ގައުމުކަމަށްވާ މެކުސިކޯގެ މެކުސިކޯ ސިޓީ ސްޓޭޑިއަމްގައި ވަރަށް ފުރިހަމަ ރަސްމިއްޔާތަކާ އެކު ފެށި މުބާރާތުގައި ފުރަތަމަ މެޗުގައި ދެކުނު އެފުރިކާއާއި މެކުސިކޯ ވަނީ ބައްދަލުކޮށްފައެވެ.
އާދޭހެވެ! ވޯލްޑުކަޕު މުބާރާތާ ދިމާކޮށް އެމެރިކާއާއި އީރާނާ ދެމެދު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ އަސަރު ފުޓުބޯޅައަށް ފޯރަމުންދާ މައްސަލައަކީ މި ވަގުތު ވަރަށް ބޮޑަށް ބަހުސްކުރެވެމުންދާ ކަމެކެވެ. މިއީ އެމެރިކާގެ ނާތަހުޒީބުކަމާއި ގޮތެއްފޮތެއް ނެތްކަން ދުނިޔޭގެ ގިނަ ގައުމުތަކުން ގަބޫލުކުރާ ކަމެކެވެ. ނަމަވެސް މި ކަމުގައި ކަން ހިނގައިފައިވާ ގޮތާއި ފީފާގެ ދައުރުގެ މައްޗަށް ބަލާ އިރު، ފާހަގަކޮށްލެވޭ މުހިންމު ކަންތައްތަކެއް އެބަ ހުއްޓެވެ.
މިހާރު ކުރިއަށްދާ 2026ގެ ވޯލްޑުކަޕު މުބާރާތުގައި އީރާނުގެ ގައުމީ ޓީމުގެ ކުޅުންތެރީންނާއި މުހިންމު ކޯޗުންނަށް އެމެރިކާއިން ވިސާ ދީފައިވާނެކަމަށް އެމެރިކާއިން ބުނެއެވެ. ނަމަވެސް، އީރާނުގެ ފުޓުބޯޅަ ފެޑެރޭޝަނުގެ ސެކުރެޓަރީ ޖެނެރަލް ހިމެނޭ ގޮތަށް ޓީމުގެ ބައެއް އިސް އޮފިޝަލުންނާއި ސަޕޯޓު ސުޓާފުންނަށް ވިސާ ނުދީ ހިފަހައްޓައިފައިވާތީ އީރާނުން ވަނީ އެ ކަމާ ނުރުހުންފާޅުކޮށްފައެވެ.
މި މައްސަލައިގައި އީރާނުން ބުނަނީ މިއީ ސިޔާސީ ގޮތުން ޖެއްސުންކުރުމުގެ ޢަމަލެއްކަމަށާއި، މީގެ ސަބަބުން ހަމަހަމަ މާހައުލެއްގައި ވާދަކުރުމުގެ ފުރުޞަތު ގެއްލޭކަމަށެވެ. އަނެއްކޮޅުން އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި ޓީމަށް ކޮންމެހެން ބޭނުންވާ މައިގަނޑު ހުރިހާ ސުޓާފުންނަށް ވިސާ ދޫކޮށްފައިވާނެއެވެ. ނަމަވެސް ޓީމަށް ކޮންމެހެން ބޭނުންވާ އޮފިޝަލުން ކަނޑައެޅުމުގައި އެމެރިކާއަށް އޮތީ ކޮން ހައްގެއްބާވައެވެ.
އެމެރިކާއިން އީރާނަށް މި ކުރާ ޖެއްސުމާ ދެކޮޅަށް ފީފާއިން ފިޔަވަޅު ނާޅަނީ ކީއްވެގެންތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ. އަޅުގަނޑު ވެސް އެ ސުވާލު އެބަ އުފައްދަމެވެ. ފީފާއަކީ ސިޔާސީ ކަންކަމުން އެއްކިބާވެފައިވާ މިނިވަން ޖަމްޢިއްޔާއެއްގެ ގޮތުގައި ހަރަކާތްތެރިވާ މިނިވަން މުއައްސަސާއެއްކަމަށް ފީފާއިން އަބަދުވެސް ދަޢުވާކުރެއެވެ. ނަމަވެސް، އެމެރިކާއާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފީފާ ފަހަތު ފަޔަށް ބުރެވެއެވެ. މުހައްލިލުން ބުނާ ގޮތުގައި އެމެރިކާއާ ދެކޮޅަށް ފިޔަވަޅުއަޅައި އެ މީހުން މުބާރާތުން ވަކިކުރުމުގެ ބާރު ފީފާއަށް އޮތަސް އެ ކަން ކުރާން ވަރަށް ގިނަ ހުރަސްތަކެއް ހުރެއެވެ.
ފުރަތަމަ ކަމަކީ ކޮންމެ ގައުމަކަށް ވެސް އެ ގައުމަކަށް އެތެރެވުމުގެ ހުއްދަދޭނެ މީހުން ކަނޑައެޅުމުގެ ފުރިހަމަ ބާރު (ވިސާ ދިނުމާއި ނުދިނުން) އޮވެއެވެ. މިއީ ބައިނަލްއަޤްވާމީ ޤާނޫނުތަކުގެ ދަށުން ގައުމުތަކަށް ލިބިގެންވާ ބާރަކަށްވާތީ، މިއީ އީރާނަށް ޖެއްސުންކުރުމުގެ ގޮތުން ބޭ އިންސާފުން ކުރި ކަމެއްކަމަށް ވިޔަސް، އަދި މިއީ އަޚުލާގީ ގޮތުން ކިތަންމެ ދަށު ދަރަޖައިގެ ކަމެއްކަމަށް ވިޔަސް ފީފާ ފަދަ ކުޅިވަރު ޖަމްޢިއްޔާއަކަށް އެއްވެސް ގައުމެއްގެ އިމިގްރޭޝަން ޤާނޫނުތަކުގެ މައްޗަށް ބާރު ފޯރުވުމަކީ ކުރެވޭނެ ކަމެއްނޫނެވެ.
މި ކަމުގައި އެމެރިކާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި ފީފާއަށް އުނދަގޫވާ އަނެއް ސަބަބަކީ އިގުތިސާދީ ސަބަބެވެ. އެމެރިކާއަކީ ވޯލްޑުކަޕުގެ މި ފަހަރުގެ މެހުމާނުދާރީއަދާކުރާ މައި ގައުމަށްވުމުގެ އިތުރަށް، ފީފާއަށް މާލީ އެހީދޭ ބޮޑެތި ސުޕޮންސަރުންނާއި މާލީ މާރުކޭޓުތައް ނިސްބަތްވަނީ އެމެރިކާއަށެވެ. އެހެންކަމުން އެމެރިކާއާ ސީދާ ދެކޮޅުވުމަކީ ފީފާގެ މާލީ މަޞްލަހަތަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެކެވެ. މީގެ މާނައަކީ އިގުތިސާދީ ބޮޑެތި ބާރުތަކުގެ ކުރިމަތީގައި ފީފާގެ ސިޔާސީ ނުފޫޒު ކުޑަވުމެވެ.
ވޯލްޑުކަޕު ބާއްވާ ގައުމުތަކުން މުބާރާތުގެ ބައިވެރީންނަށާއި ސަޕޯޓަރުންނަށް ވިސާ ދޭންޖެހޭނެ ކަމަށް މުބާރަތް ބާއްވާ ގައުމުތަކަށް ވަރަށް ބޮޑަށް ލާޒިމުކުރެއެވެ. މި ކަން ހިނގާގޮތް ދެނެގަތުމަށް ޓަކައި، ފީފާގެ ގަވާއިދުތަކާއި ބައިނަލްއަގުވާމީ ގާނޫނުތައް ބިނާވެފައިވާ ގޮތް ބަލައިލުން މުހިންމެވެ.
ވޯލްޑުކަޕު ބޭއްވާން އެދި ގައުމުތަކުން ބިޑު ހުށަހަޅާ އިރު، ފީފާގެ އެންމެ މުހިންމު އެއް ޝަރުޠަކީ އެ ގައުމެއްގެ ސަރުކާރުން މުހިންމު އެތައް ކަމެއްގައި ކަށަވަރުކަން (ގެރެންޓީ) ދިނުމެވެ. މީގެ ތެރޭގައި މުބާރާތުގައި ވާދަކުރާ ހުރިހާ ޓީމުތަކެއްގެ ކުޅުންތެރިންނަށާއި، އޮފިޝަލުންނަށާއި، ފީފާގެ މަންދޫބުންނަށް އެއްވެސް ތަފާތުކުރުމެއް ނެތި ވިސާ ފަހިކޮށްދިނުން، މުބާރާތް ބާއްވާ ގައުމުތަކުގެ ސަރުކާރުތަކަށް ލާޒިމުކުރެއެވެ.
މީގެ އިތުރުން ޓިކެޓު ގަންނަ ސަޕޯޓަރުންނަށް ވެސް ވިސާގެ ކަންކަން ލުއިފަހިކޮށްދޭނެ ނިޒާމެއް ގާއިމުކުރާންޖެހެއެވެ. މި ފަހަރު އެމެރިކާއާއި ކެނެޑާއާއި މެކުސިކޯގައި ބާއްވާ 2026ގެ ވޯލްޑުކަޕަށް ޚާއްޞަކޮށް ވިސާ އަވަސްކޮށްދޭނެ ނިޒާމެއް (FIFA PASS) ވަނީ ތަޢާރަފުކޮށްފައެވެ.
ފީފާއިން މިފަދަ ހަރުދަނާ ގަވާއިދުތަކެއް ހަދައިފައިވީ ނަމަވެސް، އަމަލީ ގޮތުން ކަންތައްތައް ތަންފީޒުކުރުމުގައި ފީފާގެ ބާރު ކެނޑޭ ހިސާބެއް އާދެއެވެ.
ބައިނަލްއަޤްވާމީ ޤާނޫނުތައް ބުނާ ގޮތުން، ކޮންމެ ގައުމެއްގެ ވެސް ސަރަހައްދީ ރޮނގު ބެލެހެއްޓުމާއި، ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބެލެވޭ މީހުންނަށް ވިސާ ނުދިނުމުގެ ފުރިހަމަ ބާރު އެ ގައުމެއްގެ ސަރުކާރަށް އޮވެއެވެ. ފީފާއަކަށް ގައުމެއްގެ މި ސިޔާދަތީ ބާރުގެ މައްޗަކަށް ނުފޫޒެއް ނުފޯރުވޭނެއެވެ.
ކުޅުންތެރީންނަށް ވިސާ ދިން ނަމަވެސް، ޓީމުތަކުގެ ބައެއް އޮފިޝަލުންނަކީ ސިޔާސީ ނުވަތަ އަސްކަރީ ފަސްމަންޒަރެއް އޮންނަ މީހުންކަމަށް ބުނެ އެމެރިކާގެ ހޯމްލޭންޑު ސެކިއުރިޓީން އެ މީހުން ހިފަހައްޓަނީއެވެ. މި ކަމާ ދެކޮޅަށް ފީފާއަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.
ވިސާ ނުދީ ހިފަހައްޓާ ނަމަ، މުބާރާތް ބާއްވާ ގައުމު ބަދަލުކުރުމުގެ ބާރު ވެސް ފީފާއަށް އޮވެއެވެ. ނަމަވެސް އެމެރިކާ ފަދަ ބޮޑެތި ގައުމުތަކާ މެދު މި ފަދަ ފިޔަވަޅެއް އެޅުމަކީ ފީފާއަށް ކުރާން ފަސޭހަ ކަމަކަށް ނުވާނެއެވެ.
އާދޭހެވެ! ފީފާއިން ގަވާއިދު ހަދައިފައިވަނީ ދޯދިޔާކޮށެއް ނޫނެވެ. ނަމަވެސް، އެމެރިކާ ފަދަ، ދުނިޔޭގެ ސިޔާސީ ބާރުގަދަ ގައުމުތަކުން އެ ގައުމުތަކުގެ ޤާނޫނީ ބާރު ނާޖާއިޒު ގޮތެއްގައި ބޭނުންކޮށްގެން ބައެއް އޮފިޝަލުން ހިފަހައްޓާ އިރު، ސިޔާސީ ގޮތުން މުޢާމަލާތްކޮށްގެން އެކަން ހައްލުކުރުން ފިޔަވައި އިތުރު ޤާނޫނީ ބާރެއް ފީފާއަކަށް ނޯންނާނެއެވެ. މިއީ ދުނިޔޭގެ ސިޔާސީ ނުފޫޒު ކުޅިވަރުގެ މައްޗަށް ގަދަވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. ހަގީގަތުގައި މިއީ ފީފާގެ ގަވާއިދުތައް ދޯދިޔާކަމުން ދިމާވާ ކަމެއްނޫނެވެ.
ނަމަވެސް 2025ވަނަ އަހަރުގެ ޑިސެންބަރު މަހު ފީފާއިން އެމެރިކާގެ ރައީސް ޑޮނަލްޑު ޓުރަންޕަށް ފުރަތަމަ ފަހަރަށް ދިން [ފީފާ ޕީސް ޕުރައިޒް]އަކީ ފީފާ އެމެރިކާގެ ދަށުވެފައިވާކަމުގެ ހެތްކެއްގެ ގޮތުގައި ވަރަށް ގިނަ މީހުން ބަލައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މި އެވޯޑު ދިނީ ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ސުލްހަ ގާއިމުކުރުމަށް ޓުރަންޕުކުރި މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންކަމަށް ބުނެއެވެ. ނަމަވެސް ޓުރަންޕުގެ ފަރާތުން ދުނިޔޭގައި ގާއިމުކުރި ސުލްހައެއް ދުނިޔޭގައި ދިރިއުޅޭ މީހުންނަށް ފެނުނުހެނެއް ހިޔެއްނުވެއެވެ.
މިއީ ފީފާއިން ބޭނުންކުރި ޑިޕުލޮމެޓިކު އުކުޅެކެވެ. ނޮބެލް ސުލްހައިގެ އިނާމު ހޯދާން ޓުރަންޕު މަސައްކަތްކޮށް ނުލިބުނު ދަނޑިވަޅުގައި އެމެރިކާގެ ރައީސުގެ ރުހުން ފީފާއަށް ހޯދާން ފީފާއިން ބޭނުންކުރި ކުޅިވަރުގެ ސިޔާސީ އުކުޅެކެވެ. މުބާރާތް ބާއްވާ ގައުމުގެ ސަރުކާރާ ފީފާއިން ގާތް ގުޅުމެއް ބޭއްވުމަކީ، މުބާރާތް އޮމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ފީފާއިން އަބަދު ވެސް ބޭނުންކުރާ އުކުޅެކެވެ. އެހެންވީމާ، މިއީ ވޯލްޑުކަޕު ބޭއްވުމުގައި ފީފާއަށް ފަސޭހަކުރުމަށް ޓަކައި ބޭނުންކުރި ޑިޕުލޮމެސީއެއްކަމަށް ގަބޫލުކުރެވެއެވެ.
ކުޅިވަރަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، އަދި ހުރިހައި ގައުމުތަކަށް ހަމަހަމަ ފުރުޞަތު ލިބޭ އެއްޗަކަށް ވާންޖެހެއެވެ. ނަމަވެސް ހަގީގަތަކީ، ވޯލްޑުކަޕު ފަދަ ބޮޑެތި މުބާރާތްތަކަކީ ބިލިއަނުން ފައިސާ ޚަރަދުކުރާންޖެހޭ މުބާރާތަކަށްވާތީ، ދުނިޔޭގެ އިގުތިސާދީ ބޮޑެތި ބާރުތަކުގެ ނުފޫޒު މި ކަމުގެ ތެރެއަށް ވަންނަކަމެވެ. ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ސިޔާސީ މަޞްލަހަތުތަކާ މި ކަމާ ގުޅިފައިވާކަމެވެ.
އީރާނުގެ ޓީމަށް ދިމާވި ހުރަސްތަކަކީ ހިތާމަހުރި ކަމެކެވެ. ނަމަވެސް ފީފާއިން އެމެރިކާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅެއް ނާޅަނީ ފީފާގެ މާލީ މަޞްލަހަތު ހިމާޔަތްކުރުމަށް ޓަކައްޔާއި، ގައުމުތަކުގެ ވިސާގެ ޤާނޫނުތަކުގެ ތެރެއަށް ވަނުމުގެ ޤާނޫނީ ބާރު ފީފާއަށް ލިބިގެން ނުވާތީކަމަށް ބެލެވެއެވެ. ޓުރަންޕަށް ފީފާއިން ކުއްލި ގޮތަކަށް ދިން އެވޯޑަކީ ވެސް މިފަދަ ބޮޑެތި ސިޔާސީ ބާރުތަކާ އެކު، ފަސޭހަކަމާ އެކު މުޢާމަލާތުކުރެވޭނެ މަގު ފަހިކުރުމުގެ ގޮތުން ފީފާއިން ނިންމި ނިންމުމެއްގެ ގޮތުގައި ބެލެވިދާނެއެވެ.