އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
31 މޭ 2026
މިހާރު އީރާނާއި އެމެރިކާއާ ދެމެދު އޮތް ނުތަނަވަސްކަން މި އަހަރުގެ ވޯލްކަޕުން ވެސް ވަނީ ފެންނާން ފަށައިފައެވެ. އީރާން ގައުމީ ޓީމުން އެމެރިކާގެ އެރިޒޯނާގައި ކޭންޕުކުރާން ކުރީން ހަމަޖެހިފައި އޮތަސް އެމެރިކާއިން ވަނީ އީރާނުގެ ޓީމަށް ވީޒާ ދިނުމުގައި ފަސްޖެހިފައެވެ. އެހެންކަމުން ވަގުތު ކުޑަތަންވަމުން އަންނާތީ އީރާނުން ގަސްތުކުރީ، އެމެރިކާއިން ވީޒާ ނުދިނުމުގެ ސަބަބުންނާއި އަދި ސިޔާސީ ނުތަނަވަސްކަމާ ހުރެ މެކްސިކޯގެ ޓިޔުއާނާ (Tijuana)ގައި އެ މީހުންގެ ޓީމު ކޭންޕުކުރާށެވެ. މި ބަދަލުގެންނާން މިހާރު ފީފާއިން ވަނީ ހުއްދަ ވެސް ދީފައެވެ. މިއީ ޓީމުތަކުގެ ސަލާމަތާއި ފަސޭހައަށް ޓަކައި އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ބެލިދާނެއެވެ.
ދުނިޔޭގެ އެންމެ މަގުބޫލު އަދި އެންމެ ފޯރިގަދަ ކުޅިވަރު މުބާރާތްކަމަށްވާ [ފީފާ ވޯލްޑް ކަޕް 2026] ބޭއްވުމަށް ޓަކައި އެމެރިކާއާއި ކެނެޑާއާއި މެކްސިކޯއިން ވެސް ވަނީ އެންމެ ފަހުގެ ތައްޔާރީތައް ނިންމައިލައި، ޓީމުތަކަށް މަރުހަބާކިޔާން ތައްޔާރުވެފައިކަމަށް ކުޅިވަރުގެ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. މިއީ މުޅި ތާރީޚުގައި ވެސް ތިން ގައުމެއްގައި ވޯލްޑް ކަޕް ބާއްވާ ފުރަތަމަ ފަހަރެވެ. އަދި މިއީ ކުރިއާ ޚިލާފަށް ޖުމްލަ 48 ގައުމަކުން ބައިވެރިވާ، އެންމެ ބޮޑު، އެންމެ ގިނަ ޓީމު ވާދަކުރާ މުބާރާތަށް ވާނެއެވެ. އަންނަ ޖޫން 11އިން ޖުލައި 19އަށް ކުރިއަށްދާ މި ބިޔަ މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަކުގެ އަދާހަމައަށް ބަލައިލަމާތޯއެވެ!
އާދޭހެވެ! މި މުބާރާތް ބާއްވާނީ ތިން ގައުމުގެ ޖުމްލަ 16 ސިޓީއެއްގެ ދަނޑުތަކުގައެވެ. އެއީ، އެމެރިކާގެ 11 ސިޓީއަކާއި، މެކްސިކޯގެ ތިން ސިޓީއަކާއި ކެނެޑާގެ ދެ ސިޓީއެއްގައެވެ.
މި ދަނޑުތަކުގެ ތެރެއިން އެޓްލާންޓާއާއި ޑަލަހާއި، ނިއު ޖާޒީއާއި ވެންކޫވަރު ފަދަ ސިޓީތަކުގެ ދަނޑުތަކަކީ އާންމުކޮށް މަސްނޫޢީ ދޫލަ ވިނަ (އާޓިފިޝަލް ޓާފު) އަޅައިފައި ހުންނަ ދަނޑުތަކެކެވެ. ނަމަވެސް، ފީފާއިން މި ފަދަ މުބާރާތެއް ބާއްވާން ހުއްދަދެނީ ތަބީއީ ވިނަ ހުންނަ ދަނޑުތަކަށް އެކަންޏެވެ. އެހެންކަމުން ފީފާގެ ގަވާއިދުތަކާ އެއްގޮތަށް، މި ހުރިހައި ދަނޑުތަކެއްގައި މިހާރު ވަނީ ވަގުތީ ގޮތުން ތަބީޢީ ވިނަ އިންދައި، ފެންވަރު މަތިކޮށް ފީފާގެ މީޔާރުތަކާ އެއް ފެންވަރަށް ތަރައްގީކޮށް ނިންމައިފައެވެ. މީގެ އިތުރަށް، މެކްސިކޯގެ ތާރީޚީ އެސްޓާޑިއޯ އަޒްޓެކާ ދަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސް، މުޅީން އާބާތުރަ ފިލުވައި، 83,000އަށް ވުރެ ގިނަ ހާޒިރީންނަށް އެއް ފަހަރާ ވަދެވޭނެހެން ވަނީ ތައްޔާރުކޮށް ނިންމައިފައެވެ.
މުބާރާތުގައި ވާދަކުރާ 48 ގައުމުގެ ޓީމުތައް ކޭންޕުކުރާނެ ތަންތަން ކަނޑައަޅައި ފީފާ އިން މިހާރު ވަނީ ރަސްމީކޮށް އެ ތަންތަން ނިހާއީކޮށް އިޢުލާނުކޮށްފައެވެ. ޓީމުތަކުގެ ފަސޭހައަށާއި ދަތުރުފަތުރުގެ ވަގުތު ކުޑަކުރުމަށްޓަކައި 39 ޓީމެއް އެމެރިކާގެ އެކި ސަރަހައްދުތަކުގައި ކޭންޕުކުރާން ވަނީ ނިންމައިފައެވެ. ބާކީ އެހެން ޓީމުތައް ކޭންޕުކުރާނީ މެކްސިކޯއައި ކެނެޑާގައެވެ.
މި ކަމުގައި ފާހަގަކޮށްލެވޭ އެންމެ ބޮޑު ނިންމުމަކީ އީރާނުގެ ގައުމީ ޓީމުން އެމެރިކާގެ އެރިޒޯނާގައި ކޭންޕުކުރާން ކުރީން ހަމަޖައްސައިފައި އޮތަސް، އެމެރިކާއިން ވީޒާގެ މައްސަލައިގައި އެ ގައުމަށް ވަނީ ހުރަސްތައް ކުރިމަތިކޮށްފައެވެ. މިއީ އެމެރިކާގެ ހަމައެއް ނެތްކަން ހާމަކޮށްދޭ އެތައް ކަމެއްގެ ތެރެއިން ކަމެކެވެ. ކުރީން ޓުރަންޕު ވަނީ އީރާނާ އެކު ހަނގުރާމަ ހިނގިޔަސް ފުޓުބޯޅަ ޓީމުތަކަށް ވީޒާ ދިނުމުގައި އެއްވެސް ހުރަހެއް ނެތްކަމަށެވެ. ކޮންމެއަކަސް އެމެރިކާއިން ވީޒާއަށް ކުރިމަތިކުރި ދަތިތަކާއި ސިޔާސީ ނުތަނަވަސްކަމާ ހުރެ އީރާނުގެ ޓީމު ވަނީ ކުރީން ވެސް ދެންނެވި ފަދައިން މެކްސިކޯގެ ޓިޔުއާނާ (Tijuana)ގައި ކޭންޕުރާ ގޮތަށް ބަދަލުކޮށްފައެވެ. އަދި މި ބަދަލަށް ފީފާ އިން ވަނީ ހުއްދަ ވެސް ދީފައެވެ.
މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ހުރިހައި ގައުމަކުން ވެސް މިހާރު އަންނަނީ އެ ގައުމުތަކުގެ ގައުމީ ޓީމުގެ ނިހާއީ 26 ކުޅުންތެރީންގެ ސުކޮޑުތައް އިއުލާނުކުރަމުންނެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން މި މުބާރާތުގެ ކުޅުންތެރީންގެ ނިހާއީ ލިސްޓު މިއަދުގެ ނިޔަލަށް ހުރިހައި ގައުމަކުން ވެސް ފިފާއަށް ހުށައަޅާން ޖެހެއެވެ.
މި އަހަރުގެ ވޯލްޑް ކަޕަކީ ގިނަ ތަރިންތަކެއްގެ ވަދާޢީ މުބާރާތްކަމަށް ބެލެވެއެވެ. އެހެނީ އުމުރުން 39 އަހަރުގެ ލިއޮނަލް މެސީ އާ އެކު އާޖެންޓީނާ އިން ތަށި ދިފާއުކުރަން ނުކުންނަ އިރު،ދެން އޮންނަ ވޯލްޑުކަޕު އަންނާންވާ އިރަށް އޭނާގެ ޢުމުރު މާ މައްޗަށްދާނެއެވެ. ވީމާ މިއީ މެއްސީގެ އެންމެ ފަހު ވޯލްޑްކަމަށް ބެލެވެއެވެ. ހަމަ މި ފަދައިން ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެކު، އެ ގައުމު ވެސް އޮތީ ޗެންޕިއަންކަން ހޯދުމުގެ ވަރުގަދަ އަޒުމެއްގައެވެ. މި ދެ ކުޅުންތެރީންގެ ޖިސްމާނީ ޙާލަތު ރަނގަޅުކަމަށް ރިޕޯޓުތައް ލިބުނު ނަމަވެސް ބައެއް ޓީމުތަކުގެ މަޝްހޫރު ކުޅުންތެރީންނަށް އަނިޔާގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ. މިސާލަކަށް ކެނެޑާގެ ކެޕްޓަން އަލްފޮންސޯ ޑޭވީސްއަށް އަނިޔާއާ ކުރިމަތިވެފައިވާތީ، ފުރަތަމަ މެޗު ގެއްލުމުގެ ބިރު އެ މީހުންނަށް އެބަ އޮތެވެ. އަދި ސުޕޭނުގެ ޒުވާން ތަރި ލަމީން ޔަމާލްގެ ޖިމްމާނީ ލަޔާގަތާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ.
އެމެރިކާގެ ގައުމީ ޓީމަށް ބަލާ އިރު، އެ ޓީމުގެ އެންމެ މަޝްހޫރި އަދި އެންމެ މުހިންމު ކުޅުންތެރިއަކީ ކުރިސްޓިއަން ޕުލިސިޗުކަމަށް ބުނެވެއެވެ. މިއީ އެމެރިކާ ޓީމުގެ ކެޕުޓަނުކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ. މިއީ އިޓަލީގެ އެސީމިލާނަށް ކުޅޭ ކުޅުންތެރިއެކެވެ. މީނާގެ ޖިސްމާނީ ޙާލަތު ރަނގަޅުކަމަށް ޚަބަރު ލިބެއެވެ.
އީރާނުގެ ޓީމަށް ބަލާ އިރު، މަޝްހޫރު ދެ ކުޅުންތެރިއެއް ފާހަގަކުރެވެއެވެ. އެއީ ޓީމުގެ ރަސްމީ ކެޕުޓަން ޢަލީ ރިޒާ ޖަހާން މަޚުޝްއާއި އިސް ފޯވަޑެއްކަމަށްވާ މަހުދީ ތަރަމީއެވެ. ބައެއް މެޗްތަކުގައި މީނާ ވެސް ކެޕްޓަންކަން ކުރާނެކަމަށް ބެލެވެއެވެ. މި ދެ ކުޅުންތެރީނަށް ވެސް އަނިޔާގެ މައްސަލަ ކުރިމަތިވެފައެއް ނެތެވެ.
އާދޭހެވެ! އުތުރު އެމެރިކާގެ ބޮޑު ތިން ގައުމުކަމަށްވާ އެމެރިކާއާއި ކެނެޑާއާއި މެކްސިކޯއިން މިހާރު ވަނީ ވޯލްޑް ކަޕްގެ ހުރިހައި އިންތިޒާމުތަކެއް ފުރިހަމަކޮށްފައިކަމަށް ޚަބަރު ލިބިފައެވެ. ދަނޑުތަކުގެ ފެންވަރު މަތިކުރުމާއި، ސަލާމަތީ ކަންކަން ވަރުގަދަކުރުމާއި، ސަޕޯޓަރުންނަށް ބޭނުންވާނެ ޚިދުމަތްތައް ގާއިމުކުރުމުގެ މަސައްކަތް ވަނީ ގާތްގަނޑަކަށް މުޅީން ނިމިފައެވެ. ކުރިއަށް އޮތް މަދު ދުވަސްކޮޅުގެ ތެރޭގައި މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓޭނީ އުތުރު އެމެރިކާގެ ދަނޑުތަކަށެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައި ވެސް މިހައި ތަނަށް ފެންނާނެ އެންމެ ކުލަގަދަ އަދި އެންމެ ފޯރިގަދަ މުބާރާތަށް ހެދުމަށް ޓަކައި ފީފާއާ ގުޅިގެން އެމެރިކާއާއި ކެނެޑާއާއި މެކުސިކޯއިން އަންނަނީ މަސައްކަތްކުރަމުންނެވެ. މާދަމާ ފެށޭ ޖޫންމަހު 11އަށް އިންތިޒާރުކުރަމާތޯއެވެ!
ބައެއް ލަފުޒުގެ މާނަ:
ނިހާއީ ނއ. ބަދަލުނުކުރެވޭ ގޮތަށް، އެންމެ ފަހުން ނިމިފައިވާ. final
އަދާހަމަ ނ. (1) އެއްޗަކާ ނުވަތަ ކަމަކާބެހޭ އެންމެ ފަހުގެ މަޢުލޫމާތު. (2) އެއްޗެއް ނުވަތަ ކަމެއް ނުވަތަ މަޢުލޫމާތެއްގެ އެންމެ ފަހުގެ ފެންވަރު. update
މީޔާރު ނ. (1) އިޚުތިޔާރުލިބިގެންވާ ފަރާތަކުން އެއްޗަކާ މެދު ނުވަތަ ކަމަކާ މެދު ކަނޑައަޅައިފައިވާ ފެންވަރު ވަޒަންކުރުމުގެ މިންގަނޑު. (2) އާންމު ހަމަ. satandard
ދޫލަ ނ. ތަޅުމުގައި ނުވަތަ ތަށިމުށިމަތީގައި އަޅާން އުއިން ވިޔެފައި އޮންނަ ބޯ ފޭރާމެއް carpet
ތަބީއީ ނއ. އުފެދުމުގައި ނުވަތަ ތަބީޢަތުގައި ހުރި. natural