ad_banner
ވިލާތާއި އެމެރިކާގެ ކޮންމެ އަމަލަކުން ފެންނަނީ މުނާފިގުކަމެވެ.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 އޮކްޓޯބަރު 2025

އެމެރިކާގެ ރައީސް ޓުރަންޕު(ކ) އާއި ރޫސީ ރައީސް ޕޫޓިން (ވ)

ޣައްޒާގައި އިސްރާއިލުން ހިންގި އަދި ހިންގަމުންދާ ނަސްލުހޭދުގެ ބޮޑު ޖަރީމާއާ ގުޅިގެން އިސްރާއީލާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތައް މަޑުޖައްސައިލުމަށް ޓަކައި ކުރެވޭ މަސައްކަތުގައި ވެސް ވިލާތުގެ ގައުމުތަކުން ފެންނަނީ ފަހަތު ފަޔަށް ބުރަވާ ތަނެވެ. އެ ފިޔަވަޅުއަޅާން ވިލާތުގެ މެންބަރު 27 ގައުމުގެ އަޣުލަބިއްޔަތު އަދިވެސް ނުލިބެއެވެ. އިސްރާއީލާ އެކު އޮންނަ ވިޔަފާރީގެ ގުޅުންތަކާއި ޑިޕްލޮމެޓިކް ގުޅުންތައް ވެސް ބަދަހިކުރަނީއެވެ. ނަމަވެސް އެމެރިކާއިން ރޫސީންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާން ހަމަ އިޢުލާނުކޮށްލުމާ އެކު ވިލާތުގެ ހުރިހައި ގައުމަކުން އެއްވެސް ފަސްޖެހުމެއް މަޑުޖެހުމެއް ނެތި އެމެރިކާއަށް ތަބަޢަވީއެވެ. ނަމަވެސް އިސްރާއީލަކީ މުޅި މެދުއިރުމައްޗަށް އޮތް ނުރައްކަލަކަށް ވިޔަސް ރޫސީން ޔޫކުރޭނަށް ޙަމަލާދިނީ، އެމެރިކާ އަޑީގައި އޮވެގެން ނޭޓޯ މެދުވެރިކޮށް މުޅި ރޫސީވިލާތަށް ނުރައްކާކުރުމުން އެތައް ދުވަހެއް ވަންދެން އެ ކަން އެހެން ނުކުރާން ނަސޭހަތްދީ ނަސޭހަތުން އަސަރެއް ނުކޮށްގެންނެވެ.

އަނެއްކޮޅުން އިސްރާއީލުން ޣައްޒާއާއި ޔަމަނަށާއި ލުބުނާނުގެ ޢާއްމުންނަށް އަނިޔާކުރަނީއެވެ. ޣައްޒާ ސުންނާފަތިކޮށްލީއެވެ. އެންމެން ބަނޑަށް ޖައްސައި ބޮންއަޅައި އަދި ތަޅައި މަރައިގެން ބޮޑު ނަސްލެއް ނައްތައިލަނީއެވެ. އިސްރާއީލުގެ އަނިޔާވެރިކަމާ ދިމާއަށް ބަލާނެ ލޮލެއް ނެތެވެ. ނަމަވެސް ރޫސީންނާ ދެކޮޅަށް އެކައްޗެއް ކިޔައިގެން އެ ތެދުވީއެވެ.

އާދޭހެވެ! އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަންޕު އެމެރިކާގެ ރައީސްކަމަށް ދެވަނަ ފަހަރަށް އައުމަށް ފަހު، ފުރަތަމަ ފަހަރަށް ރޫސީވިލާތާ ދެކޮޅަށް ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުއަޅަނީއެވެ. އެއީ އެ ގައުމުން ޔޫކުރޭނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ހުއްޓައިލުމާ ބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ނުލިބޭކަމަށް ބުނެއެވެ. އެމެރިކާގެ މި ނިންމުމާ އެކު، ހަމަ އެދުވަހު ވިލާތު އިއްތިހާދުގެ އިސްވާރުން އަވަސްވެގަތީ ރޫސީވިލާތަށް ދަތިކުރުމަށް ޓަކައި އަޅަމުން ގެންދާ ދަތިކުރުމުގެ 19ވަނަ ފިޔަވަޅުގެ [ޕެކޭޖު] ފާސްކުރާށެވެ. މިހާރު މި ވަނީ ފާސްކޮށްފައެވެ.

އެމެރިކާއިން ބުނާ ގޮތުގައި [ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުވާނީ ރަޝިޔާގެ އެންމެ ބޮޑު ދެ ތެޔޮ ކުންފުނިކަމަށްވާ "ލުކޮއިލް"އާއި ރޮސްނެފްޓަށްކަމަށާއި އެއީ ޔޫކްރޭންގައި ހަނގުރާމަ ނިމުމަށް ގެންނާން ރަޝިޔާގެ ރައީސް ވްލަޑިމީރް ޕޫޓިން ދެކޮޅުހެދުމާއި އަދި ސުލްހައިގެ މަރުހަލާއަށް މޮސްކޯއިން ސީރިއަސް ކަށަވެތިކަމެއް ނެތުމުން]ކަމަށެވެ.

[މިއަދުގެ މި އެޅި ފިޔަވަޅުގެ ސަބަބުން ރަޝިޔާގެ ހަކަތައިގެ ދާއިރާއަށް ފިއްތުންތައް އިތުރުވެ، ހަނގުރާމައަށް ޚަރަދުކުރާން ބޭނުންވާ އާމްދަނީ ހޯދާން ދަތިވެ، ބަލިކަށިވެފައިވާ އިގުތިސާދު އިތުރަށް ބަލިކަށިކޮށްލުމުގެ ބާރަކަށްވާނެއެވެ.] މި ދިޔަ ބުދަ ދުވަކު އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

[އަހަރެމެންގެ އެކުވެރީން އަޅުގަނޑުމެންނާ ގުޅިގެން މި ދަތިކުރުމުގެ ފިޔަވަޅުތަކަށް ތަބާވުމަށް އަޅުގަނޑުމެން ބާރުއަޅަމެވެ. އޭނާ ބުނެފައި ވެއެވެ.

[އަހަރެމެން މި އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގައި ބައިވެރިވެ އެ ފިޔަވަޅުތައް ތަންފީޒުކުރާން އަހަރެމެންނާ ގުޅިފައިވާ ހުރިހައި ގައުމުތަކަކަށް ހިތްވަރުދެމެވެ.] އެމެރިކާގެ ޚަޒާނާއާ ބެހޭ ވަޒީރު ބުނެފައިވެއެވެ.

ރޮސްނެފްޓް އަދި ލުކޮއިލްގެ ދިހަވަރަކަށް ސަބްސިޑަރީ ކުންފުނިތައް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމެރިކާ މީހުންނަށް އެ ކުންފުނިތަކާއި އެ ދެ ކުންފުނީގެ ދަރި ކުންފުނިތަކާ އެކު ވިޔަފާރިކުރުން މަނާވާނެއެވެ. އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކަށް ޢަމަލުނުކުރާނެކަން ފާހަގަކޮށްލެވޭ މުހިންމު ދެ ގައުމަކީ ރަޝިޔާގެ ތެޔޮ ގަންނަ ޗައިނާއާއި އިންޑިއާއެވެ.

އަންނަ ހަފުތާގެ ކުރީކޮޅު ދެކުނު ކޮރެއާގައި ބާއްވާ 2025ވަނަ އަހަރުގެ އޭޕެކް ސަމިޓުގައި ޗައިނާއިން ރަޝިޔާގެ ތެޔޮ ގަތުމާ ގުޅޭ ކަންބޮޑުވުންތަކާ ބެހޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިނާ މަޝްވަރާކުރާނެކަމަށް ބުދަ ދުވަހު ޓުރަންޕު ބުނެފައި ވެއެވެ.

އެމެރިކާގެ ޚަޒާނާއާ ބެހޭ ވުޒާރާއިން ބުނެފައިވަނީ ރަޝިޔާއިން ޔޫކުރޭނުގައި ކުރާ ހަނގުރާމަ އިތުރަށް ކުރިއަށް ގެންދާ ނަމަ، އިތުރު ފިޔަވަޅު އަޅަން ތައްޔާރަށް އޮތްކަމަށެވެ.

ނަމަވެސް އެމެރިކާއިން އަޅައިފައިވާ ފިޔަވަޅުތަކަށް ރަޝިޔާއިން އަދި މިހައި ތަނަށް އާންމު އިޖާބައެއް ދީފައެއްނުވެއެވެ.

އާދޭހެވެ! ވިލާތާއި އެމެރިކާގެ ކޮންމެ ޢަމަލަކުން ފެންނަނީ މުނާފިގުކަމެވެ. އަދި އިންސާފާއި ހަމަހަމަކަމެއް ނެތްކަމެވެ.

ކޮމެންޓު