އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
30 ސެޕްޓެންބަރު 2025
ދިވެހިބަސް
މިއަދު އަޅުގަނޑު މި ނަކަލުކޮށްލީ ތަންކޮޅެއް ކުރީން އޮންލައިނު ނޫހަކުން ފެނުނު ސުރުޚީއެކެވެ. އެ ސުރުޚީއަކީ "ބަލި ފެތުރުން ހުއްޓުވަން ވެކްސިނަށް އަދި ބަރޯސާނުވެވޭނެ: ޓެގް ޓީމް" މިއެވެ. މި އިބާރާތުން އަޅުގަނޑު ފާހަގަކޮށްލާނީ ރަނގަޅުކޮށްލާން ޖެހޭ ދެތިންކަމެއްގެ ތެރެއިން، އިޞްލާޙުކޮށްލައްވާންވީ ހަމަ އެންމެ ކަމެއްގެ ވާހަކައެވެ. ފުރަތަމަ ލަފުޒަކީ "ހުއްޓުވަން" މި ލަފުޒެވެ. "ހުއްޓުވަން" މިއީ "ހުއްޓުވުން" މި މަޞްދަރުން އުފައްދައިފައިވާ ކަމެކެވެ. ވާކަމުގެ ޒަމާނުގައި އޮތް ކަމެކެވެ. ވަކި ޒަމާނެއް ނެތް ގޮތަށް ކަމުގެ "މާދަ"އެއްގެ ގޮތުގައި (އިނގިރޭސިބަހުގެ ގަވާއިދުން ދަންނަވާނަމަ އިންފިނިޓިވް ފޯމުގައި) މި"މާދަ" ބޭނުންކުރާ ނަމަ، އޮންނާން ޖެހޭނީ ވާވުގައި ދަމާފިލި ޖަހައިގެން، "ހުއްޓުވާން" މިހެންނެވެ. އިނގިރޭސިބަހުގައި އޮންނަހެން "ޓު"ގެ ފަހަތަށް "ވަރބް" އަންނަ ގޮތަށް، "ކަން"ގެ ފަހަތަށް "އަށް" އިތުރުކޮށްގެނެއް ނޫނެވެ. ވާކަމުގެ ޒަމާނުގައި ކަން އޮންނަ ގޮތަށް ނޫނު ސުކުނުގެ ކުރިއަށް އޮންނަ އަކުރުގެ ފިލި، ދަމާފިއްޔަކަށް ބަދަލުކޮށްލައިގެންނެވެ. ދިވެހިބަހުގެ އުޞޫލަކީ މިއީއެވެ. "މަސައްކަތް ކުރުމަށް" ނުވަތަ "މޫދަށް އެރުމަށް"އެއް ނޫނެވެ. "މަސައްކަތްކުރާން" ނުވަތަ "މޫދަށް އެރޭން" މި އުޞޫލުންނެވެ. ކަމުގެ ފަހަތަށް [އަށް] އިތުރުކޮށްގެން [މަސައްކަތްކުރުމަށް]، [މޫދަށް އެރުމަށް] މި ގޮތަށް ބޭނުންކުރާ ނަމަ، އޭގެ ފަހަތަށް [ޓަކައި] އިތުރުކުރުމުން ވެސް އިބާރާތުގެ ކޮރުކަން ފިލާނެއެވެ.
މިސާލަކަށް: މޫދަށް އެރުމަށް ޓަކައި ދިޔައީ ގުރައިދުވަށެވެ. މަސައްކަތްކުރުމަށް ޓަކައި ބޭނުންވާ އާލަތް ހަމަކުރާށެވެ! މޫދަށް އެރޭން ދިޔައީ ގުރައިދުވަށެވެ. މަސައްކަތްކުރާން ބޭނުންވާ އާލަތްތައް ހަމަކުރާށެވެ!
ކަމުގެ މާދައާއި ވާކަމުގެ ތަފާތު ފާހަގަކުރައްވާން ފަސޭހަފުޅުވެދާނެ ކަމަށް ޓަކައި، ވާކަމުގެ ޒަމާނުގެ ބައެއް މިސާލުތައް ދަންނަވައިލާނަމެވެ. ވާހަކަދައްކާ ފުރަތަމަ މީހާގެ ނަޒަރުން ވާހަކަދައްކާ އިރުގައެވެ.
1. އަހަރެން ބަލިފެތުރުން ހުއްޓުވަން.
2. އަހަރެން އަބަދުވެސް ފޮތް ކިޔަން.
3. އަހަރެން ކޮންމެ ދުވަހަކު ވެސް ދުވާން ދަން.
4. އަހަރެން ކޮންމެ ދުވަހަކުވެސް މޫދަށް އެރޭން ދަން.
5. އަހަރެން އަބަދުވެސް އެ ގެޔަށް ދަން.
6. އަހަރެން ކާން ބޭނުން އެއްޗެއް ވިއްޔާ ކަން.
އިސްވެ ބަޔާންކުރެވިފައިވާ ޖުމުލަތަކުގައި ދަށުރޮނގު ދަމައިފައި އެވަނީ ވާހަކަދައްކާ ފުރަތަމަ މީހާގެ ނަޒަރުން ވާހަކަދައްކާއިރު ވާކަމުގެ ޒަމާނުގައި ކަން އޮންނަ ގޮތެވެ. އެއީ ހުއްޓުވުން، ކިޔުން، ދިޔުން، ކެއުން، މި މަޞްދަރުތަކުން އުފައްދައިފައިވާ ކަންކަމެވެ. މި ކަންކަން ކުރުމަށް ޓަކައި އޮންނަ ކަމުގެ "މާދައިގެ" (އިންފިނިޓިވް) ޙާލަތުގައި އެ ކަން ބޭނުންކުރާންވާނީ ދެމޭފިއްޔަކުންނެވެ. ބައެއް މިސާލުތައް ދަންނަވައިލާނަމެވެ.
1. ބަލިފެތުރުން ހުއްޓުވާން، ކުރާން ހުރި މަސައްކަތްތައް ވަރަށް ގިނައެވެ.
2. އަބަދުވެސް ފޮތް ކިޔާން އާދަކުރުމަކީ ވަރަށް ބޭނުންތެރި ކަމަކެވެ.
3. ކޮންމެ ދުވަހަކު ވެސް ދުވާން ދާންވާނީ އެކަމަށް އެކަށީގެންވާ ބޫޓަކަށް އަރައިގެންނެވެ.
4. އެ ގެޔަށް ދާން ދިޔައީ މަޖީދީމަގުންނެވެ.
5. އެ ގެޔަށް ދާން ބޭނުމީ ކޮން ކުދީންނެއްހެއްޔެވެ؟
6. ކާން ބޭނުން އެއްޗެއް ވިއްޔާ ކާންވީއެވެ.
7. މޫދަށް އެރޭން ބޭނުން ކުއްޖަކު މޫދަށް އެރޭންވީއެވެ.
8. އެ މީހަކު ބުނާން ބޭނުން އެއްޗެއް ބުނާންވީއެވެ.
"އެހެންކަމުން އިސްވެ ދަންނަވައިލި ޢިބާރާތް އަންނަނިވި ފަދަ ގޮތަކަށް ބަދަލުކޮށްލައިފި ނަމަ، ބަހު ގެ ގަވާއިދަށް ފެތޭނެއެވެ.
· ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި އަދިއެއް ވެކްސިނަކަށް ބަރޯސާއެއްނުވެވޭނެ: ޓެގް ޓީމް"
· "ބަލި ފެތުރުން ހުއްޓުވާން އަދިއެއް ވެކްސިނަކަށް ބަރޯސާއެއްނުވެވޭނެ: ޓެގް ޓީމް"
· "ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ވެކްސިނަކަށް އަދިއެއް ބަރޯސާއެއްނުވެވޭނެ: ޓެގް ޓީމް"
· "ބަލި ފެތުރުން ހުއްޓުވާން ވެކްސިނަކަށް އަދިއެއް ބަރޯސާއެއްނުވެވޭނެ: ޓެގް ޓީމް"
ދިވެހިބަހުގައި "ޢަމަލީ ކަން" (މާދަ ނުވަތަ އިންފިނިޓިވް) ބޭނުންކުރާނީ މިސާލުގައި ވާ ފަދައިން ވާކަމުގެ ޒަމާނުގައި އޮންނަ ނޫނުގެ ކުރީ އަކުރުގައި ދެމޭ ފިއްޔެއް ބޭނުންކޮށްގެންނެވެ. ކަމުގެ ފަހަތަށް "އަށް" ގެނެސްގެންނެއް، ނުވަތަ ވާކަމުގެ ޒަމާނުގައެއް ނޫނެވެ. ވީމާ، މި ކަންކަމަށް ވެސް ސަމާލުކަން ދެއްވުމަކީ ވަރަށް ބޮޑަށް އެދެވިގެންވާ ކަމެއްކަމަށް ދަންނަވައިލަމުން މިއަދު މި ފޮޅުވަތްތަކުން ވަކިވެލާނަމެވެ.
ލަފުޒެއްގެ މާނަ:
މާދަ ނ. ބަހެއްގެ މައިގަނޑު ބައިތަކުގެ ތެރެއިން، ކަމުގެ އަސާސީ ލަފުޒު ނުވަތަ މޫލަ. infinitive