ad_banner
ދުނިޔޭގެ އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ ގޮތުން އޭޝިއާއިން އެންމެ ތިން ގައުމު.

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

24 ޖުލައި 2025

(ފޮތޯ: ޗަޓަރސްޓޮކު/ޓައިމްއައުޓު)

[ޖަޕާނާއި އިންޑިއާއާއި ދިވެހިރާއްޖެއަށް ދާން އަވަހަށް ދަބަސް ތައްޔާރުކުރާކުރާށެވެ، ސަބަބަކީ މި ތިން ގައުމު ދަ ޓެލެގްރާފް އިން ދުނިޔޭގެ އެންމެ ރަނގަޅު ގައުމުތަކުގެ ތެރޭގައި ދެންމެ ހިމަނައިފި އެވެ.] މިއީ [ޓައިމްއައުޓު] (www.timeout.com) މަޖައްލާގައި އެ މަޖައްލާގެ ދެކުނުއިރުމަތީ އޭޝިއާގެ ޚަބަރާއި ދަތުރުފަތުރާ ބެހޭ އެޑިޓަރ ޗެރީލް ސެއްކަޕަން ލިޔުއްވި މަގާލެއް ފައްޓަވަމުން ލިޔުއްވައިފައިވާ ޢިބާރާތެވެ.

މިއަހަރުގެ ޓެލެގްރާފް ޓްރެވަލް އެވޯޑްސް އަށް [ދަ ޓެލެގްރާފް]ގެ ކިޔުންތެރީންގެ ތެރެއިން 20،000 އަށް ވުރެ ގިނަ މީހުން ވޯޓު ދީގެން ދުނިޔޭގެ އެންމެ މޮޅު ގައުމުގެ މަގާމު ނިއުޒީލެންޑުން ވަނީ ޙާޞިލުކޮށްފައެވެ. ދުނިޔޭގެ އެންމެ ރަނގަޅު ގައުމުތަކުގެ [ ގަދަ 10]ގެ ލިސްޓުގައި މުޅި އޭޝިއާއިން ތިން ގައުމެއް ހިމެނުނު އިރު އޭގެ ތެރޭގައި ދިވެހިރާއްޖެ ވެސް ހިމެނުނުކަމީ ގައުމަށް ލިބުނު ކާމިޔާބީއެކެވެ.

ދުނިޔޭގެ [ގަދަ 10]ގެ ލިސްޓުން ދެވަނަ ޖާގަ ޖަޕާނުން ވަނީ ޙާސިލުކޮށްފައެވެ. މި މަގާމު ޖަޕާނަށް ލިބުމަކީ ޙައިރާންވާން ޖެހޭ ކަމެއް ވެސް ނޫނެވެ. އެހެނީ ތާރީޚާއި ސަގާފަތާއި މަގުމަތީގެ އާދަޔާ ޚިލާފު ކާނާގެ ބާވަތްތަކުން މުއްސަނދިވެފައިވާ ޓޯކިޔޯއާއި، އޮސާކާއާއި، ކިޔޯޓޯ ފަދަ ދިރުން ހުރި ސިޓީތަކުގެ ސަބަބުން ފަތުރުވެރީންނާއި ދަތުރުވެރީންގެ ހިތްތަކުގައި ޖަޕާނަކީ އަބަދު ވެސް ޚާއްސަ މަގާމެއް ދެވިފައިވާ ގައުމެކެވެ. އަޅުގަނޑަށް ޖަޕާނުގައި އެންމެ މަހެއް ދުވަހު އުޅެލުމުގެ ފުރުޞަތު މުޅި ޙާޔާތުގައި ލިބިފައިވާ އިރު، އެ ހަނދާންތައް އަދިވެސް އާވެއާވެ ހުރެއެވެ. މީހުންނަށް އިޙުތިރާމުކުރުމާއި މެހުމާނުދާރީގައި އެއީ އާދަޔާ ޚިލާފު ރައްޔަިތަކު ދިރިއުޅޭ ގައުމެކެވެ. ޚާއްސަކޮށް މިއަހަރު އޮސާކާ މަގުބޫލުވެފައިވަނީ [ވޯލްޑް އެކްސްޕޯ 2025] އެ ގައުމުގައި ބާއްވާތީކަމަށްވުން ވަރަށް އެކަށީގެންވެއެވެ.

މި ދެންނެވި ދުނިޔޭގެ ލިސްޓުގައި އިންޑިއާ އޮތީ ތިންވަނައިގައެވެ. އެއީ އޭޝިއާއިން ދެވަނައެވެ. މިއީ ސަގާފަތާއި އާދަކާދައާއި ބަސްބަހުގެ ގޮތުން މުއްސަނދި ގައުމެކެވެ.  ގުދުރަތީ ރިތިކަމަށް ލޯބިކުރާ މީހުންނަށް ވެސް ބަލާނެ ގިނަ ތަންތަނާއި ކަންތައްތައް ހުރި ގައުމެކެވެ. ރާޖަސްތާނުގެ ތާރީޚީ ކިއްލާތަކާއި ބަންދަވްގަރުގައި ޙިމާޔަތްކުރެވިފައިވާ ސިންގާއާއި ވަރުޖަނަވާރުގެ ބައިވަރުތަކާއި ރަންތަމްބޯރ [ނޭޝަނަލް ޕާކު]އާއި ހިމާލިޔާ ފަރުބަދައިގެ އުސް ކުންނުތަކާއި ގޯއާގެ އައްސޭރިފަށާއި މިހިރީ ހައްތާ ވެސް ފަތުރުވެރީންގެ މަގުބޫލުކަމާއި ޝައުގުވެރިކަން ހުންނާނެ ދިމަދިމާއެވެ.

ދުނިޔޭގެ ގަދަ 10ގެ ލިސްޓުން މި ފަހަރު ދިވެހިރާއްޖެއަށް ޖާގަލިބެނީ އަށްވަނައިންނެވެ. އެއީ އޭޝިއާއިން ތިންވަނައެވެ.

ދުނިޔޭގެ އެންމެ ރަނގަޅު ގައުމުތައް ހޮވި ލިސްޓަކުން ގަދަ ދިހައަކުން ޖާގަ ލިބުމަކީ ވެސް ހަގީގަތުގައި ވަރަށް ބޮޑު ޝަރަފެކެވެ.

ފަތުރުވެރީންނަށް ދިވެހިރާއްޖެ ކަމުދާ ސަބަބުތައްކަމަށް ލިޔުންތެރިޔާ ފާހަގަކޮށްފައިވާ ކަންތައްތަކެއް ވެސް އެބަ ހުއްޓެވެ. ފުރަތަމަ ކަމަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ލަގްޒަރީ އަދި [އިޝްޤީ] (ރޮމެންޓިކް) މަންޒިލަކަށްވާ ކަމެވެ. އަނެއް ސަބަބަކީ ބިއްލޫރި ހައި އަލި ރީތި ނޫކުލައިގެ ސާފު [ފެންގަނޑެއް]ގެ މަތީގައި ބިނާކޮށްފައިވާ ވޯޓާރ ވިލާތަކެވެ. މި ރީތި ވިލާތަކާ ދެކޮޅު ހަދާނީ ކާކުހެއްޔޭ އޭނާ ސުވާލުކޮށްފައިވެއެވެ. ނަމަވެސް މި ވޯޓާރ ވިލާތައް ދޫކޮށް ދާން ޖެހޭ ސަބަބެއް ވެސް އެބަ އޮތްކަމަށް ބުނަމުން އެ ސަބަބެއްކަމަށް އޭނާ ބުނެފައިވަނީ ބ. އަތޮޅުގައި ޙިމާޔަތްކޮށްފައިވާ ސަރަހައްދު (ބަޔޮސްފިއާ ރިޒާވް)ގައި އުޅޭ މިޔަރާއި މަޑިތައް (މަންތާ ރޭ) ބަލައިލުން ކަމަށެވެ. ދެން ކަނޑުއަޑީގެ ރީތި ބަގީޗާ ދުށުމަށް ޓަކައި ފީނައި ފަތައި ހެދުމަކީ ޚާއްޞަ ކަމެއްގެ ގޮތުގައި ލިޔުންތެރިޔާ ފާހަގަކޮށްފައިވެއެވެ. މީގެ އިތުރަށް ކަނޑުއަޑީގައި ހުންނަ ރެސޓޯރަންޓާއި ނިދާ ކޮޓަރިތަކަކީ ވެސް މުއްސަނދީންގެ ހިތް ދަމައިގަންނަ ފަދަ ކަންކަމެވެ.

މީގެ އިތުރަށް އޭސިއާ ސަރަހައްދުގައި ޚާއްޞަކޮށް ދެކުނު އޭޝިއާގެ ފުރަތަމަ ވަޒަންވެރީންގެ މަޢުލޫމާތު ހޯދާން ދާރުލްއާސާރަށް ދެވިދާނެކަމަށް ވެސް އޭނާ ލިޔެފައި ވެއެވެ. އަދި ޖެޓް ސްކީ ނުވަތަ ސްކައިޑައިވިން ފަދަ މޫދުކުޅިވަރުތައް ތަޖުރިބާކޮށްގެން މުޅި ދަތުރު އާހިތަވެރިއަކަށް ވެލެވިދާނެކަމަށް ވެސް އޭނާ ލިޔެފައިވެއެވެ.

މިއިން އެއްވެސް މަންޒިލަކަށް ދަތުރެއް ކުރާން ރާވައިފައިވާ ނަމަ، ނުވަތަ ޖަޕާނާއި އިންޑިއާއި ދިވެހިރާއްޖެއަށް ދާން ބޭނުންނަމަ، ޢަމަލުކުރާން ޖެހޭ ގޮތުގެ އިރުޝާދު ވެސް ފޯރުކޮށްދީފައި ވެއެވެ.

ތިރީގައި މި ދަންނަވައިލަނީ މިއީ ދުނިޔޭގެ އެންމެ ރަނގަޅު 10 ޤައުމު ކަމަށް [ދަ ޓެލެގްރާފު]އިން ބަޔާންކުރާ ގައުމުތަކުގެ ލިސްޓެވެ. ކުރީން ވެސް ދެންނެވި ފަދައިން މިސްޓުގައި ދިވެހިރާއްޖެ ހިމެނޭ ހެން އޭޝިއާއިން އޮތީ އެންމެ ތިން ގައުމެއްގެ ނަމެވެ. ނަމަވެސް އެކި މަންސަތަކުގައި ދިވެހިރާއްޖެއަށް އެންމެ މަގުބޫލު މަންޒިލުގެ މަގާމު އެތައް ފަހަރަކު ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ދުނިޔޭގެ އެންމެ ރަނގަޅު 10 ގައުމު

1.     ނިއުޒީލެންޑް

2.     ޖަޕާނު

3.     އިންޑިއާ

4.     ދެކުނު އެފުރިކާ

5.     ގްރީސް

6.     އޮސްޓްރޭލިއާ

7.     ޕެރޫ

8.     ދިވެހިރާއްޖެ

9.     ކޮސްޓާރިކާ

10.  ބޮޓްސުވާނާ

_____________________________________

 

ދެތިން ލަފުޒެއްގެ މާނަ:

އާހިތަ    ނ.       އާދަޔާ ޚިލާފު ތަޖުރިބާ ލިބޭ ހާދިސާ. Eng: adventure

އާހިތަވެރިޔާ ނ.      އާދަޔާޚިލާފު ތަޖުރިބާތައް ކުރާން ޝައުގުވެރިކަމާއި ހިތްވަރާއެކު ކުރިމަތިލާ މީހާ. Eng: adventurer

އާހިތަވެރި  ނއ.     އާދަޔާޚިލާފު ތަޖުރިބާތައް ކުރާން ޝައުގުވެރިކަމާއި ހިތްވަރާއެކު ކުރިމަތިލާ ނުވަތަ އެ ކަހަލަ ސިފަހުރި. Eng: adventurous

ކޮމެންޓު