ad_banner
1446ވަނަ އަހަރުގެ ރަމަޟާނީ ހަނދު

އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

15 ފެބްރުވަރީ 2025

މައިކްރޮސްކޯޕުން ހަނދުބަލަނީ

މި އަހަރުގެ ރަޖަބު މަހުގެ ފުރަތަމަ ދުވަހުން (1 ޖަނަވަރީ 2025) ފެށިގެން މުސްލިމުން އަންނަނީ ބަރަކާތްތެރި، ދީލަތި ރަމަޟާން މަހަށް މަރުޙަބާކިޔުމަށް ޓަކައި ތައްޔާރުވަމުންނެވެ. އެ މަހުގެ ރޫޙާނިއްޔަތަށާއި ބަރަކާތްތަކަށް ހުށަހޮޅިގަތުމަށް ޓަކައެވެ. އެ މަހުގެ އަޅުކަންތަކާއި ޢިބާދާތުތަކުން ނަފުސަށް ބޭނުންވާ ހަކަތަތައް ހޯދައިދިނުމަށް ޓަކައެވެ.

އާދަކާދައިގެ މަތިން އިސްލާމީ ދުނިޔޭގެ ދައުލަތްތަކުން 2025 ފެބުރުވަރީ 28ވާ ހުކުރުދުވަހު، 1446ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބަލާނެއެވެ. އިސްލާމީ ބައިނަލްއަޤްވާމީ ފަލަކީ މަރުކަޒު ބުނާ ގޮތުގައި ހުޅަނގު އޭޝިޔާއަށާއި އެފުރިކާ ބަރޫދުގެ ގިނަ ގައުމުތަކަށާއި ދެކުނު ޔޫރަޕަށް ޓެލެސްކޯޕުގެ ޒަރީޢާއިން ހަނދު ފެންނާނެތެވެ. އަދި އެ ރޭ އެމެރިކާގެ ދެ ބައްރަށް ހަމަ ލޮލަށް ހަނދު ފެންނާނެތެވެ.

ފެބްރުވަރީ 28 ވާ ހުކުރު ދުވަހު އިރު އޮއްސުމުގެ ކުރީން އަދި އިރު އޮއްސުމަށް ފަހު ހަނދު އޮއްސުމުގެ ކުރިން އެއްއުއިވާނެތީއެވެ. މިހެންވެ އިސްލާމީ ގިނަ ގައުމުތަކަކުން މާރިޗު 1ވާ ހޮނިހިރު ދުވަހު ރޯދަހިފާން ފަށާނެތެވެ.

2025 ފެބުރުވަރީ 28 ވާ ހުކުރުދުވަހަށް ބަލާ އިރު: 

1-    ޖަކާރޓާއަށް އެ ދުވަހު އިރުއޮއްސުމުގެ 20 މިނެޓު ކުރިން ހަނދު އޮއްސޭނެތެވެ. ހަނދުގެ ޢުމުރަކަށް ވާނީ 12 ގަޑިއިރާއި 9 މިނެޓެވެ. އެހެންކަމުން ޓެލެސްކޯޕުގެ ޒަރީޢާއިން ވެސް އިންޑޮނޭޝިއާގެ ވެރިރަށް ޖަކާރޓާއަކަށް ހަނދެއް ނުފެންނާނެތެވެ.

2-     އަބޫ ޡަބްއި (އަބޫދާބީ)އަށް ބަލާއިރު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 31 މިނެޓް ފަހުންނެވެ. ހަނދުގެ ޢުމުރަކަށް ވާނީ 14 ގަޑިއިރާއި 27 މިނެޓެވެ.

3-     މައްކާއަށް ބަލާއިރު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 33 މިނެޓް ފަހުންނެވެ. ހަނދުގެ ޢުމުރަކަށް ވާނީ 15 ގަޑިއިރާއި 27 މިނެޓެވެ.

4-    ޤާހިރާއަށް ބަލާއިރު ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 36 މިނެޓް ފަހުންނެވެ. ހަނދުގެ ޢުމުރަކަށް ވާނީ 15 ގަޑިއިރާއި 39 މިނެޓެވެ.

5-     މަޣުރިބުގެ ވެރިރަށް ރަބާޠަށް ބަލާ އިރު، ހަނދު އޮއްސޭނީ އިރު އޮއްސުމުގެ 45  މިނެޓް ފަހުންނެވެ. ހަނދުގެ ޢުމުރަކަށް ވާނީ 17 ގަޑި 27 މިނެޓެވެ. އެހެނަސް ރަބާޠަށް ހަމަ ލޮލަށް ހަނދު ފެންނާނީ އުޑު މަތި ވަރަށް ސާފު ނަމައެވެ. 

މި ހިސާބުތަކަށް ބަލާ އިރު، ގަލްފުގެ ގައުމުތަކަށާއި މިޞްރަށާއި ފަލަސްޠީނަށާއި އުރުދުނަށާއި ލުބްނާނަށް ހަނދު ފެންނަނީ ޓެލެސްކޯޕުގެ އެހީގައެވެ. 

ކޮމެންޓު