ad_banner
ޙައްޖުގެ އަޅުކަމާއި ޒަމްޒަމް

އަލްއުސްތާޒު ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

5 ޖޫން 2025

މާއްވެގެންވާ ކަޢުބާ. (1803ވަނަ އަހަރު އެ ސަރަހައްދުގެ އަތުކުރެހުމެއް)

ޙައްޖުގެ ފަރުޟުއަދާކުރުމަށް ޓަކައި މާތްވެގެންވާ މުޤައްދަސް ބިމަށް ގޮސް ތިބި ގާތްގަނޑަކަށް ދެ މިލިއަނެއް ހައި މުސްލިމުން އިއްޔެ ވަނީ އެ މީހުންގެ ޙައްޖުގެ މުހިންމު ރުކުންތައް އަދާކުރާން ފަށައިފައެވެ. އެއީ މިނާއާއި ޢަރަފާތުގައި ތިބުމާއި މުޒުދަލިފާގައި ރޭކުރުމާއި ޖަމްރާތަކަށް ހިލައުކުމާއި ބޯބޭލުމާއި ޠަވާފުލްއިޟާ ފަދަ މުހިންމު، ޢުންސުރުތަކެވެ.

މިއަދަކީ މިނާއިން އައިސް ޙައްޖުވެރީން ޢަރަފާތުގައި ތިބޭ ދުވަހެވެ. އެއީ މުޅި ޙައްޖުގެ މައިގަނޑު އަސާސެވެ. އެހެނީ ރަސޫލާ ޙަދީސްކުރައްވައިފައިވަނީ الحج عرفة (ޙައްޖަކީ ޢަރަފާތެވެ.) މި ފަދައިންނެވެ. މި ޙަދީސުގެ ހަގީގީ މާނައެއްކަމަށް އިބްނި ބާޒު ވިދާޅުވެފައިވަނީ ހަމަކަށަވަރުން ޙައްޖު ދުވަހު ޢަރަފާތުގައި ހުރުމަކީ އެންމެ މަތިވެރި އަދި އެންމެ ވަރުގަދަ ރުކުންކަމަށެވެ. އެ ރުކުން ފާއިތުވެއްޖެ ނަމަ ޙައްޖު ފާއިތުވީއެވެ. އެހެންވީމާ ޛުލްޙިއްޔާ މަހު ނުވަވަނަ ދުވަހު ޙަރަފާތުގެ ބިމުގައި ހުރުން ލާޒިމެވެ. އެ ރުކުން ފާއިތުވެއްޖެ ނަމަ، ފިދުޔަ ދީގެން ވެސް އަދި އެހެން ކަމެއް ކޮށްގެން ވެސް އެ ޙައްޖެއް ނުލިބޭނެއެވެ.

ޙައްޖަކީ ޖިސްމާނީ ގޮތުންނާއި މާލީ ގޮތުން އެ ކަމަށް ކެރިކުޅަދާނަވެއްޖެ ކޮންމެ ބޮޑު މީހެއްގެ މައްޗަށް އަހަރަކު އެއް ފަހަރު އަދާކުރުން ފަރުޟު އަޅުކަމެކެވެ. ބަލިމީހުންނާއި ފަގީރުން ޙައްޖުވާކަށް ނުޖެހޭނެއެވެ. ހައްޖަށް ނުދާ މީހުންނަށް ވެސް އެ މީހެއް އަމިއްލަ ގައުމުގައި ތިބެގެން ސަވާބާއި ދަރުމަ ލިބުމުގެ ފަހި ފުރުޞަތު މާތް ﷲ ވަނީ ތަނަވަސްކޮށްދެއްވައިފައެވެ. ޙައްޖު  މަހުގެ ފުރަތަމަ 10 ދުވަހަކީ އެންމެ މާތް 10 ދުވަސްކަމަށް މާތް ﷲ ވަނީ ކަނޑައަޅުއްވައިފައެވެ. އެހެންކަމުން މި ދުވަސްތަކުގައި (ފުރަތަމަ ނުވަ ދުވަހު) ރޯދަ ހިފައި ޒިކުރުކުރުން ގިނަކުރުމުން މަތް ﷲ ގިނަގުނަވެގެންވާ ސަވާބު އަޅުގަނޑުމެންނަށް ދެއްވާނެއެވެ. ވީމާ ހައްޖަށް ދިޔުމުގެ ފުރުޞަތު ނެތް މީހުންނަށް ވެސް މިއީ ހަމަ ސަވާބާއި ބަރަކާތުގެ މޫސުމެކެވެ.

ޙިޖާޒުގެ ބިމަށް، މާތްވެގެންވާ މައްކާއާއި މަދީނާއާއި އެހެން ޝަޢީރާތަކަށް ޙުރުމަތްތެރިވެގެންވާ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރާން ގޮސް ތިބި ޙައްޖުވެރީން ޙައްޖުގެ މުޅި އަޅުކަން އަދާކޮށް ނިމެންދެން ބުއިމަށް ބެނުންކުރާނީ ޒަމްޒަމް ފެނެވެ. މިއީ ގަބޫލުކުރެވިފައިވާ ގޮތުގައި މީގެ 4000 އަހަރު ކުރީއްސުރެ މިއަދާ ހަމައަށް މެދުކެނޑުމެއް ނެތި ލިބެމުން އަންނަ މުޤައްދަސް ފެނެކެވެ.

އެކަމަކު މިއީ ކޮން ތާންކުން ލިބޭ ފެނެއްހެއްޔެވެ؟ މި ފެނަށް އެ ހައި ޚާއްޞަ ކަމެއް ލިބިފައިވަނީ ކީއްވެހެއްޔެވެ؟

ޒަމަޒަމް ވަޅު ހުރީ ކޮންތާކު

ޒަމްޒަމް ފެން ލިބެނީ މަސްޖިދުލްޙަރާމްގެ ސަރަޙައްދުގައި ހުންނަ ޒަމްޒަމް ވަޅުންނެވެ. މި ވަޅު ހުންނަނީ ކަޢުބަތުﷲ ގެފުޅުގެ އިރުމަތީ ފަރާތުން ކަޢުބާއިން ފެށިގެން 21 މީޓަރު (69 ފޫޓު) ދުރުގައެވެ. މިހާރު އެ ވަޅު ވީ މަޠާފު ސަރަހައްދުގެ ދަށުގައެވެ. އެއީ ގެފުޅުގެ ވަށައިގެން ސަންގުމަރުމަރު ހިލަ ޖަހައިފައި އޮތް ސަރަހައްދެވެ.

1962ގައި މަޠާފު (ޠަވާފުކުރާ ސަރަހައްދު) ބޮޑުކުރައްވާން ސުޢޫދީ ރަސްގެފާނު މަލިކު ސަޢުދު، ނިންމެވިއެވެ. އެއީ ޙައްޖާއާއި ޢުމުރާއަށް އަންނަ މީހުން އިތުރުވާތީ އެ މީހުންނަށް ޠަވާފުކުރާން ވަދެ އުޅުމަށް ޓަކައި އެ ޖާގަ ބޮޑުކުރެއްވުމުގެ ގޮތުންނެވެ.

2003ވަނަ އަހަރާ ހަމައަށް ޒަމްޒަމް ވަޅު ފެންނާން ހުރެއެވެ. ބިއްލޫރި ފުޅަފެއްގެ ބިއްދަށުން ފެންނަ ގޮތަށެވެ. އޭރު ވަޅަށް ބާލައިފައި ހުންނަ ފަލަ ހޮޅިތައް ފެނެއެވެ. އޭރު ވަޅު ހުންނަ ސަރަޙައްދަށް ވަދެވެއެވެ. އެހެންކަމުން 2003ގައި ޒަމްޒަމްވަޅު ހަމަލޮލުން ދެކެލުމުގެ ނަސީބު މި ގަލަމުގެ ވެރިއާއަށް ލިބުނެވެ. ނަމަވެސް ޒަމްޒަމްވަޅު ކައިރިއަށް ދެވޭ ސަރަހައްދު 2003ގައި ބަންދުކޮށް މަޠާފު ސަރަޙައްދުގެ އެކި ދިމަދިމާގައި އިސްކުރުބަރިތައް ގާއިމުކުރިއެވެ.

މިއަދު ޙައްޖުވެރީންނަށް ޒަމްޒަމް ފެން ލިބޭން ހުންނަނީ ފެން ފޯރުކޮށްދިނަށް ޙަރަމްފުޅާއި ޙަރަމްފުޅު ސަރަހައްދުގެ އެކި ތަންތާންގައި ފެން އަޅައިފައި ބަހައްޓައިފައި ހުންނަ ކަންވާރުތަކުންނެވެ.

ޙައްޖާއި ޢުމުރާއަށް ޒަމްޒަމް އެ ހައި މުހިންމުވަނީ ކީއްވެ؟

މައްކާ އުފެދުމުގެ (ބިނާކުރެވުމުގެ) އަސްލާއި ޒަމްޒަމް ފެނާ ވަނީ ތާރީޚީ ގޮތުން ވަރަށް ބޮޑު ގުޅުމަކުން ގުޅިފައެވެ. ސަލާމްލެއްވި އިބްރާހީމްގެ ފާނާއި އެ ކަލޭގެފާނުގެ އަނބިކަނބަލުން ހާޖަރާއި އެ ދެކަނބަލުންގެ ދަރިކަލުން އިސްމާޢީލުގެފާނުގެ ވާހަކައާ މި ފެނާ ވަނީ ވަރަށް ބޮޑަށް ގުޅިފައެވެ.

އަޅުގަނޑުމެން މުސްލިމުން ގަބޫލުކުރާ ގޮތުގައި ސަލާމްލެއްވި އިބްރާހީމް ޢަލައިހިއްސަލާމް، އެ ކަލޭގެފާނުގެ އަނބިކަނބަލުންނާއި ތުއްޕުޅު ދަރިކަލުން މައްކާގެ ހަނަފަސް ވާދީއަށް ދޫކޮށްލެއްވުމަށް ފަހު، ވަޑައިގަތީއެވެ. އެއީ އެ ކަލޭގެފާނުގެ ކިޔަމަންތެރިކަމާއި ކެތްތެރިކަން އިމްތިޙާނުކުރައްވާން ﷲ ކުރެއްވި އަމުރުފުޅެކެވެ.

ހާޖަރުގެފާނުގެ އެއްވެސް ޝަކުވާއެއް ނެތެވެ. އިބްރާހީމްގެފާނަށް ދެންނެވީ ތިޔައީ ﷲގެ އަމުރުފުޅަށް ޢަމަލުކުރައްވާ ގޮތެއްކަމަށް ވާނަމަ، ހަމަ އެއްވެސް ޝަކުވާއެއް ނެތްކަމަށެވެ.

އެ ދެމައިކަނބަލުންގެ އަތްޕުޅުގައި ހުރި ކާބޯތަކެތި ހުސްވުމުން ތުއްޕުޅު ދަރިކަލުންނަށް އަރުވާނެ ފެންފޮދެއް ލިބިވަޑައިގަނޭތޯ ހާޖަރު ޞަފާއާއި މަތްވާ ފަރުބަދައާ ދެމެދު ދުވެވަޑައިގަތެވެ.

އެ ދެމައިކަނބަލުންގެ އީމާނާއި މަތިވެރި ޤުރުބާނީއަށް ﷲ ސުބުޙާނަހޫ ވަތަޢާލާ ރުހިވޮޑިގެން އެ ކަލާނގެ ފަޟުލުވަންތަކަމުން އެ ދެމައިކަނބަލުންނަށް އޯގާވަންތަވެ ވޮޑިގަތެވެ. ތުއްޕުޅު އިސްމާޢީލުގެ ފާނުގެ ފައިންޕުޅު ދަށުން ފެންއާރެއް މާތް ﷲ ފަޅުކުރެއްވިއެވެ. މި ތަން ފަހުން ޒަމްޒަމް ވަޅުކޮޅަށް ތަރައްގީވީއެވެ.

މި ފެނަކީ އެ ދެ މައިކަނބަލުންގެ ފުރާނަފުޅު ސަލާމަތްކޮށްދިން ބަރަކާތްތެރި ފެނެވެ. އަދި މައްކާގައި މީހުން ދިރިއުޅޭން މަގުފަހިކޮށްދިން ފެނެވެ. މިއަދު މި މާތްވެގެންވާ މައްކާގައި 2.2 ރައްޔިތުން އެބަ ދިރިއުޅެއެވެ. ކުރީން ގަހެއް ރުކެއް ނެތް ހަނަފަސް ވާދީއެކެވެ. މިއަދު އެއީ ހުރިހައި ވައްތަރެއްގެ މޭވާ ލިބޭ، ބައިނަލްއަގުވާމީ ވިޔަފާރީގެ ހަބެކެވެ. ﷲގެ ކުޅަދުންވަންތަކަމާއެވެ! (ނުނިމޭ)

ކޮމެންޓު